ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒިނޭ ސާބިތުކުރަން ޑީއެންއޭގެ ބަހުސް!

މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޒިނޭކޮށްގެން ލިބުނު ކުއްޖަކުގެ ބައްޕަ ކާކުކަން ސާބިތުކުރަން ޑީއެންއޭ ކޯޓަށް ބަލައި ނުގަނެވޭނެ ކަމަށާއި އަދި ޒިނޭކޮށްގެން ލިބޭ ކުއްޖަކުގެ ޑީއެންއޭ މީހަކާއި ދިމާވި ނަމަވެސް އެއީ އެމީހަކު ޒިނޭކުރިކަން ސާބިތު ކުރެވޭނެ ހެއްކެއް ނޫންކަމަށް އިސްލާމީ ޝަރީޢަތާއި ހަވާލާދީ ހައިކޯޓުން ކުރި ހުކުމާއި ގުޅިގެން ބޮޑު ބަހުސްއެއް ފެށިއްޖެއެވެ.

މިއީ 216 ވަނަ ވަނަ އަހަރުގެ ތެރޭގައި، ރާއްޖޭގެ އުތުރުގެ ހޮސްޕިޓަލެއްގައި ވިހެއި ކުއްޖެއް އެއީ ބަދުއަހުލާގީ އަމަލު ހިނގައި ޒިނޭކުރުމުގެ ސަބަބުން ލިބުނު ކުއްޖެއްކަމާއި، އެ ކުއްޖާގެ ޑީއެންއޭ އެ އަންހެން މީހާ ބަދުއަހުލާގީ އަމަލު ހިންގިކަމަށް އެއްބަސްވާ ފިރިހެން މީހާ އާއި ދިމާވާކަމަށް ބުނާ މައްސަލައެކެވެ. އެހެން ނަމަވެސް އެ މައްސަލައިގައި ކޯޓުގައި ދައުވާކުރުމުން ހދ. ކުޑަހުވަދޫ މެޖިސްޓްރޭޓު ކޯޓުން ހުކުމްކޮށްފައިވަނީ ފިރިހެންމީހާގެ މައްޗަށް އުފުލި ޒިނޭގެ ދައުވާ ސާބިތު ނުވާ ކަމަށެވެ.

އެ ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވެސް ވަނީ، މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމަށް ތާއީދުކޮށްފައެވެ.

ދައުލަތުން އުފުލި ދައުވާގެ އަސާސް ބިނާވެގެން ވަނީ، އަންހެން މީހާ ވިހެއި ކުއްޖާ އަކީ އެ މީހާ އާއި އެކު ޒިނޭ ކުރުމުން ލިބިފައިވާ ކުއްޖެއްކަމަށް އޭނާ ބުނާ ބުނުމެއްގެ މައްޗަށް ކަމަށާއި، ކުއްޖާގެ ޑީއެންއޭ ދައުވާ އުފުލި ފިރިހެން މީހާގެ ޑީއެންއޭއާއި ދިމާވާތީ އެ އަސާސްގެ މައްޗަށެވެ.

އިސްލާމީ ޝަރީއާގައި، މައްސަލައެއް ސާބިތު ކުރުމުގައި ހެކި ބަސް ހިމެނޭއިރު، ހައިކޯޓުން ބުނެފައިވަނީ ޒިނޭ ކުރިކަން ޝަރީއަތަށް ދެ ގޮތަކުން ސާބިތު ކުރެވޭނެ ކަމަށެވެ. އެއީ ޒިނޭ ކުރި މީހާގެ އިއުތިރާފު ނުވަތަ އިއުތިރާފުންނާއި، މަދުވެގެން ހަތަރު ފިރިހެނުންގެ ހެކި ބަހެވެ.

މި މައްސަލައިގައި ފިރިހެން މީހާ، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިންކާރު ކުރެއެވެ. އަދި އެކަން ފާހަގަކޮށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ޒިނޭގެ ދައުވާ ސާބިތު ކުރުމުގެ ގޮތުން ހަތަރު ފިރިހެނުން ހެކީންގެ ގޮތުގައި ހުށަހަޅާފައި ނުވާ ކަމަށާއި، އަންހެން މީހާ ޒިނޭ ކުރިކަމަށް ވާ އިއުތިރާފަކީ އަމިއްލަ ނަފުސުގެ މައްޗަށް އިއުތިރާފުވެ، ދީފައިވާ ހެކި ބަހެއް ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ އެކަމުގެ މައްޗަށް އަނެކާ އިންކާރު ކުރާ ހާލުގައި އޭނާގެ ހެކި ބަހުގެ މައްޗަށް ބިނާކޮށް ޝަރުއީ ގޮތުން ޒިނޭގެ ކުށް ސާބިތު ކުރުމަށް ކަނޑައެޅިފައިވާ މިންގަނޑުން ހެކިންގެ ނިސާބު ހަމައެއް ނުވާނެ ކަމަށެވެ. އަދި ބުނެފައިވަނީ ޒިނޭގެ ހައްދު ގާއިމް ކުރެވޭނީ އަދުލުވެރި ހަތަރު ހެކިވެރިން، ދެ މީހަކު ޒިނޭ ކުރިތަން ހަމަލޮލުން ޔަގީންކަމާއި އެކު އޭގެ ހުރިހާ ތަފްސީލާއި އެކު ފެނުނުކަމަށް ބުނެ ހެކި ބަސް ދީގެން ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ އިސްލާމީ ޝަރީޢަތުގައި ޑީއެންއޭ އެއްވެސް މައްސަލައެއްގެ ހުއްޖަތެއް ނުވަތަ ގަރީނާއެއްގެ ގޮތުގައި ބޭނުން ކުރެވޭނީ އޭގައި ޝަރުއީ ގޮތުން މުހިންމު ޝަރުތުތަކެއް ފުރިހަމަވެގެން ކަމުގައި މުސްލިމު ފިގުހުވެރިން ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ޑީއެންއޭ ތަހުލީލުގެ ނަތީޖާ ކީރިތި ގުރުއާނާއި ނަބިއްޔާގެ ސުންނަތުގެ އަސްލަކާ ކަނޑައެޅިގެން ހިލާފުވެގެން ނުވާނެ ކަމަށެވެ. އެއީ ޝަރުއީ ނުސޫސްތައް އިހުމާލުވެގެން ހިގައިދާނެތީ ކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.

މި ހުކުމައި އެކު، ދިވެހި ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމް ވަނީ އޭނާގެ އަމިއްލަ ބްލުގައި “ޑީއެންއޭ އެވިޑެންސް” ސުރުހީގެ ދަށުން ލިޔުމެއް ލިޔުއްވާފައެވެ. (މިއީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަކި މައްސަލައެއްގައި ނިންމު ގޮތް ބަޔާންކޮށް ޝަމީމް އާއްމުކުރި ލިޔުމެއް ނޫނެވެ)

ޝަމީމްގެ ލިޔުން ފައްޓަވަމުން އޭނާ ބުނެފައިވަނީ އެ މައްސަލައިގައި ދައުވާކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަމްބަރާއި ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ޒިނޭ ކުރުމުގެ ކުށުގެ ދައުވާކަމަށެވެ. އަދި އެ ކުށް ސާބިތު ކުރުމަށް ހުށަހަޅާފައިވަނީ ދެ ހެއްކެއް ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އެއީ އެ އަންހެންމީހާގެ ބުނުމާއި، އެ ދެމީހުން ޒިނޭކޮށްގެން ލިބުނު ކުއްޖާގެ ޑީއެންއޭ އެ ފިރިހެންމީހާ އާއި ދިމާވާތީ ޑީއެންއޭ އެވިޑެންސް ކަމަށެވެ.

މައްސަލަ ގޯސްވީ ހިސާބަކީ ޝަމީމްގެ ލިޔުމުގައި ޒިނޭގެ ދެ ވައްތަރު ހިމެނޭ ކަމަށާއި އަދި އެއީ “ޝަރުއީ ޒިނޭ އާއި، ގާނޫނީ ޒިނޭ” ކަމަށް ވިދާޅުވުމުންނެވެ.

ޝަމީމް ވިދާޅުވީ އޭނާއަކީ ވެސް ގާނޫނުލްއުގޫބާތު އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވީ ފަރާތެއް ކަމަށެވެ. އަދި ޖިންސީ ކުށުގެ ބައި ޑްރާފްޓް ކުރިއިރު ކުރިމަތިވި އެންމެ ބޮޑު އެއް ސުވާލަކީ، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި، ޒިނޭގެ މައްސަލަތަކުގައި ހަމައެކަނި އަންހެން މީހާ ކުށްވެރިވާކަން ތަފާސް ހިސާބުން ދައްކާތީ އެކަމަށް އުފެދޭ ސުވާލު ކަމަށެވެ.

“އޭރު، ދައުލަތުން، އަންހެނަކު ކާވެނިން ބޭރުން ވިހައިފިނަމަ ދެ ގޮތަކަށް ދަޢުވާ ކުރެއެވެ. ފުރަތަމަގޮތަކީ، ތަހުގީގުގައި އޭނާ ޒިނޭ ކުރިކަމަށް އިޢުތިރާފު ވެއްޖެނަމަ، ޒިނޭކުރުމުގެ ކުށުގެ ދަޢުވާއެވެ. ދެވަނަ ގޮތަކީ، ތަޙްޤީޤުގައި ޒިނޭ ކުރިކަމަށް، އެ ޢިބާރާތުން އިންކާރު ކޮށްފިނަމަ، ކާވެނިން ބޭރުން ކުއްޖަކު ވިހާފައިވާތީ، “ވަކި މީހަކަށް ނުލައްވާ ވިހެއުމުގެ ކުށުގެ ދައުވާ” އެވެ. ކާވެނިން ބޭރުން ވިހައިފިނަމަ، ދަޢުވާއެއް ނުކުރާނެ ހަމައެކަނި ގޮތަކީ، އޭނާ ރޭޕްކުރީކަމަށް ބުނެގެންނެވެ. ނަމަވެސް، އެހާލަތުގައި، އޭރުގެ ކަންތައް ހުރި ގޮތުން ބައިވަރު އިތުރު ސުވާލުތައް ކުރިމަތިވެއެވެ. މިސާލަކަށް، ރޭޕް ކުރި މީހާ ދައްކަން ޖެހުމާއި، އެކަމުގެ އިތުރު ތަފްސީލުތައް ދިނުމެވެ. ކާވެނިން ބޭރުން ވިހެއުމަކީ، އޭރުވެސް، މިހާރުވެސް، އިޖުތިމާއީ ގޮތުން ނުހަނު ދަތި ކަމަކަށް ވެފައި އޮންނަ ކަމެކެވެ.” ޝަމީމްގެ ބްލޮގުގައި ލިޔުއްވާފައި ވެއެވެ.

ހައިކޯޓުގެ ހުކުމް ހަވާލާދީފައިވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ 04 ނަމްބަރު ފަތުވާ އާއި ހަވާލާދީއެވެ. އެއީ އެ މަޖިލީހުން 2018 ވަނަ އަހަރުގެ، ޖެނުއަރީ މަހުގެ ތެރޭގައި އާއްމުކުރި ފަތުވާއެކެވެ.

ފަތުވާ މަޖިލީހުން ބުނެފައިވަނީ ޒިނޭކޮށްގެން ލިބޭ ދަރިން ނިސްބަތްވާ ފިރިހެނަކު ހޯދުމަށް ޑީއެންއޭ ޓެސްޓު ހެދުމަކީ ހުއްދަ ނޫން ހަރާމް ކަމެއް ކަމަށެވެ. އިސްލާމީ ޝަރީއަތުގައި ނަސަބު ރައްކާތެރި ކުރުމަށް ހަރުދަނާ އުސޫލުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށް ވެސް ފަތުވާ މަޖިލީހުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ދެ ޖިންސުގެ ދެ މީހުން ސައްހަ ކައިވެންޏެއްގެ ތެރެއިން ދަރިން ހޯދައި، ސޯލިހު ރަނގަޅު ނަސްލެއް ދެމެހެއްޓުން ހިމެނޭކަމަށް ފަތުވާ މަޖިލީހުން ބުނެފައި ވެއެވެ.

ޝަމީމް ވިދާޅުވެފައި ވަނީ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގައި ޑީއެންއޭއަކީ ގާނޫނީ ޒިނޭ ސާބިތުކުރުމަށް ބޭނުންކުރާނެ އެކަށީގެންވާފަދަ ގޮތެއްގައި ގަބޫލު ކުރެވިދާނެ ފަދަ ގަރީނާއެއްކަމަށް ކަނޑައެޅިގެން ލިޔެވިފައި އެބައޮތް ކަމަށެވެ. އެހެން ކަމުން “ގަނޫނީ ޒިނޭ” ސާބިތުކުރުމަށްޓަކައި ޑީއެންއޭ ބޭނުން ކުރެވިދާނެ ކަމާއި ބެހޭ ގޮތުން އެއްވެސް ސުވާލެއް ނެތް ކަމަށާއި، ހައިކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް އެ މާއްދާއަކީ އިސްލާމީ ޝަރީއަތާއި ހިލާފު މާއްދާއެއްގެ ގޮތުގައި ފެނިވަޑައިގެންފިނަމަ އެ މާއްދާއަކީ ގާނޫނު އަސާސީ އާއި ހިލާފު، އަމަލު ކުރަން ނުޖެހޭ މާއްދާއެއްކަން ލިޔުނީސް ކަމަށެވެ. އެހެން ނަމަވެސް ސަރީހަ އިބާރާތަކުން އެހެން ބަޔާންކޮށްފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ހައިކޯޓުގައި ބައްލަވާފައިވަނީ ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.

“ޑީއެންއޭގެ މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންނާ އަޅުގަނޑަށް އެއްބަސް ނުވެވޭ ހިސާބަކީ، މިމައްސަލައިގައި ދައުލަތުން ޑީއެންއޭ އެވިޑެންސް ހުށަހެޅި ސަބަބެވެ. ޑީއެންއޭ ޤަބޫލުނުކުރެވޭނެކަމަށް ހައިކޯޓުން ކަނޑައަޅުއްވާފައި އޮތީ ކުއްޖާގެ ނަސަބު ސާބިތުކުރާށެވެ. އެއީ ފަތުވާގައިވެސް އޮތް ގޮތެވެ. ނަމަވެސް، ޕީޖީ އޮފީހުން ހުށަހެޅި މައްސަލައިގައި ޑީއެންއޭ ހުށަހަޅައިފައި އޮތީ ކުއްޖާގެ ނަސަބު ސާބިތުކުރާކަށް ނޫނެވެ. ކުއްޖާގެ ނަސަބާބެހޭ ގޮތުން އެއްވެސް ސުވާލެއް މިމައްސަލައަކު ނުވެސް ނެތެވެ. ޑީއެންއޭ ހުށަހެޅީ ފިރިހެން މީހާ ޒިނޭކުރިކަން ސާބިތު ކުރާށެވެ. ޤާނޫނީ ޒިނޭއެވެ.” ޝަމީމްގެ ލިޔުމުގައި ވެއެވެ.

ޝަމީމް ވިދާޅުވެފައިވަނީ ޑީއެންއޭއަކީ މި މައްސަލައިގައި ވެސް އަދި އެހެން މައްސަލަތަކުގައި ވެސް ޖިނާއީ ކުށް ސާބިތުކުރުމަށް ބޭނުންކުރެވޭނެ ހަރުދަނާ ގަރީނާއެއް ކަމަށެވެ. އަދި އެ ނޫން ގޮތަކަށް ހައިކޯޓުގެ ހުކުމުގައި ވެސް ނެތް ކަމަށެވެ. އަދި ފަތުވާ މަޖިލީހުގެ ފަތުވާގެ ދެވަނަ ބައިގައި އޮތީ، އިސްލާދީނުގައި ހައްދެއް ކަނޑައެޅިފައި ނުވާ ބޮޑެތި ޖަރީމާތައް ހިންގާ މީހުން ހޯދުމުގައި ޑީއެންއޭ ގަރީނާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމަށް ފިގުހު އިލްމުވެރިން ވިދާޅުވެފައިވާ ކަމަށެވެ.

“އެހެން ކަމުން، ގާނޫނީ ޒިނޭ ސާބިތުކުރުމަށް ޑީއެންއޭ ބޭނުން ކުރެވިދާނެ ކަމަށް ހުދު ފަތުވާ މަޖިލީހުން ވެސް އެއްބަސްވެއެވެ.” ޝަމީމް

ޝަމީމް އޭނާގެ ބްލުގުގައި ގާނޫނީ ޒިނޭގެ ވާހަކަ ލިޔުއްވުމުން ބައެއް ދީނީ އިލްމުވެރިން ވެސް އޭނާއަށް ރައްދު ދެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަރުއީ މާނައިގައި ކޮންމެ ބަހެއް ވެސް އައިސްދާނެތޯ ސުވާލު ކުރައްވަފައެވެ.

“”ބަހަކީ ބަހެއް ނޫނެވެ. ބަހަކީ ތިމާ އެ ބަހަށް ދޭ މާނައެވެ.”. ޝަރުޢީ ޤަޒުފާއި ޤާނޫނީ ގަޒުފު؟ ޝަރުޢީ ވައްކަމާއި ޤާނޫނީ ވައްކަން؟ ޝަރުޢީ ރާބުއިމާއި ޤާނޫނީ ރާބުއިން؟” އަލީ ހުސެއިން

ރައްދުގައި ޝަމީމް ވިދާޅުވީ ބަހަކީ ބަހެއް ނޫން ކަމަށެވެ.

ބަހަކީ ބަހެއް ނޫނެވެ. ބަހަކީ އެއަށްދޭ މާނައެވެ. ބަހަށް ބަހޭ ކިޔުނީ ކީއްވެގެން ކަމުގެ ފަލްސަފީ ޝަރަޙައެއް ނުދެވޭނެއެވެ. ދިވެހިން ދަތް އުނގުޅާ ބޭހަށް ކިޔަނީ ކޮލްގޭޓެވެ. ކިއުކަމްބާގެ “މަސްހޫރު ނަމަކީ ކަމްބާއެވެ. މިކަހަލަ ބައިވަރު މިސާލެވެ. ބަހުގެ ޤައިދުން ނެއްޓެންޖެހެއެވެ. ޙަޤީޤީ މުޢާމަލާތަކީ ޙަރަކާތުން ކުރާ ކަމެކެވެ. އެނަރޖީންނެވެ. ބަސް ބޭނުންކުރަނީ ޙަރަކާތުން ނުފުދޭޙާލަތުގައެވެ. އަލަށް ވިހާ ކުދިންނާ މަންމައާ ދެމެދު ވާހަކަދައްކާ ބަހެއް ނޯވެއެވެ. އެކަމު ބަރާބަރަށް މުޢާމަލާތު ކުރެއެވެ. މާތްﷲ ގެ ކުޅަދުންވަންތަކަމެވެ. ވިސްނާ ފިކުރު ކުރާނަމައެވެ.” އަލީ ހުސެއިންއަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓުގައި ޝަމީމް ވިދާޅުވިއެވެ.

ޝަމީމްގެ ލިޔުމަށް އިސްލާމިކް މިނިސްޓްރީއިން ވެސް ވަނީ ރައްދު ދީފައެވެ. މިނިސްޓްރީއިން ރޭކުރި ޓްވީޓެއްގައި ބުނެފައިވަނީ އިސްލާމްދީނުގައި ބޭނުން ކުރަމުންދާ ޝަރުއީ މުސްތަލަހުތައް ނުވަތަ ލަފުޒުތައް ބޭނުންކުރަންވާނީ ޝަރުއުގައި ވެސް އެ ބޭނުން ކުރަމުން އަންނަ ގޮތަށް ކަމަށެވެ. އަދި ގާނޫނީ ގޮތުން ވެސް މި ލަފުޒުތައް ބޭނުން ކުރަމުން އަންނަނީ ޝަރުއުގައި އޮންނަ ގޮތަށް ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ޒިނޭ ކުރިކަމަށް ވެވޭ އިޢުތިރާފެއް ސައްހަވުމުގެ ޝަރުޠުތަކުގެ ތެރޭގައި އިއުތިރާފުވާ މީހާގެ ބުއްދި ސަލާމަތުން ހުރުމާ އެކު ބާލިއުވެފައިވުމާއި، އެއިޢުތިރާފަކީ އަމިއްލަ އިހުތިޔާރުގައިވެފައިވާ އިއުތިރާފެއްކަމުގައި ވުން ހިމެނެއެވެ.

“ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ގާނޫނެއް ނުހެދޭނެއެވެ.  ޤާނޫނެއް ނުވަތަ ޤަވާއިދެއް ވިޔަސް އިސްލާމްދީނުގެ އަސްލަކާ ހިލާފުވާނަމަ އެ ހިލާފުވާ މިންވަރެއް ބާތިލްވާނެއެވެ. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 411 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައްޔާއި، ޖިންސީ ކުށުގެ 21 ގެ 27ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޒިނޭގެ ކުށަކީ ކުރިން ބަޔާންކުރި ފަދައިން އިސްލާމީ 22 ގާނޫނު ޝަރީޢަތުގައި ހައްދު ކަނޑައެޅިފައިވާ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކުށެކެވެ. ޒިނޭގެކުށް ސާބިތުކުރުމަށް އޮތް މިންގަޑާއި ހަމަތަކާއި އެކުށަށް ކަނޑައެޅިފައިވާ ޢުޤ ބާތް ކީރިތި ޤުރުއާނާ އި މާތްރަސ ލާގެ ސުންނަތުން ސާބިތުވެއެވެ. އެކަމުގައި ފިޤުހީ ދެބަސްވުމެއް ނުވަތަ ޚިލާފެއްނެތެވެ. އެހެންކަމުން، އިސްލާމީ ޝަރީޢަތުގައި ޒިނޭކުރުމުގެ ކުށް ސާބިތުކުރުމަށް އޮތް މިންގަނޑާއި އުޞ ލުތަކާއި ހަމަތަކުގެ ބޭރުން އެކުށް ސާބިތުކޮށް ޢުގޫބާތެއް ނުވަތަ އަދަބެއްވިޔަސް ކަނޑަނޭޅޭނެކަން އެނގެއެވެ.”

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: