ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބު ބާއްވަން އަނެއްކާވެސް އިތުރު ފަރުވާއަކަށް ބޭނުންވެފައި!

ރިޔާސީ އިންތިހާބުގެ ވޯޓުގުނުމުގެ މަރުހަލާގެ ތެރެއިން/ ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 ގެ ސަބަބުން ރާއްޖޭގައި މިވަގުތު ތަންފީޒު ކުރަމުންދާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި އެކު އެންމެ ބޮޑު އެއް ހިޔަންޏެއް އެޅިފައި އޮތީ ލާމަރުކަޒީ ނިޒާމުގެ ދަށުން ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބަށެވެ. ކޮންމެ ތިން އަހަރަކުން އިންތިހާބު ކުރާ ކައުންސިލަރުންގެ ދައުރު 2020 ވަނަ އަހަރުގެ އޭޕްރިލް މަހަށް ހަމަވެއެވެ. އެހެން ނަމަވެސް އޭރު ވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުމާއި، އެއްވެ އުޅުން މަނާކޮށްފައި އޮތުމުގެ ސަބަބުން އެއަށް ބޭނުންވީ ގާނޫނީ ފަރުވާއެކެވެ. އެއީ މަޖިލީހުން އެއްރޭ ދަންވަރު، ފާސްކުރި ސަންސެޓު ޤާނޫނެވެ. އެ ގާނޫނު ތަސްދީގު ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ މޭއި މަހުގެ 10 ގައެވެ.

މަޖިލީހުން ފާސްކުރި މި ގާނޫނުގައި ބުނެފައިވާ ގޮތުން، ގާނޫނު ފާސްކޮށް، ތަސްދީގު ކުރާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ކައުންސިލް އިންތިހާބު ބާއްވަން ޖެހޭނެއެވެ. އެހެން ކަމުން އިންތިހާބު ބާއްވަން ޖެހޭނެ ތާރީހެއް އެންމެ ލަސްވެގެން މި މަހުގެ ތެރޭގައި އިއުލާނު ކުރެވި، މޭއި މަހުގެ 09 ގެ ކުރިން އިންތިހާބު ބާއްވަން ޖެހޭނެއެވެ. އަނެއްކާވެސް ގާނޫނީ ފަރުވާއެއް ބޭނުންވެފައިވާ މި މައްސަލައިގެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަނުން ފާޅުކުރަމުން ދާއިރު، މަޖިލީސް އޮތީ ދެ މަސް ދުވަހުގެ ޗުއްޓީއެއްގައެވެ.

މެމްބަރުން ޗުއްޓީއަށް ދިއުމުގެ ކުރިން، ތަޅުމުގެ ތެރޭގައި ސަރުކާރުގެ މެމްބަރުންނާއި، އަދި އިދިކޮޅުގެ މެމްބަރުން ހިމެނޭ ގޮތަށް ދެއްކެވި އެއް ވާހަކައަކީ ވެސް ކައުންސިލް އިންތިހާބު ނުބޭއްވިދާނެކަމަށް އޮތް ކަންބޮޑުވުމެވެ. އިތުރު އެއް އަހަރު ދުވަހަށް ދެމިގެން ދާ ގޮތަށް މިހާރު ތިބި ކައުންސިލްގެ ދައުރު ދެވަނަ ފަހަރަށް ދަންމާލުމަކީ އެއީ ނުބައި ނަތީޖާއެއް ނިކުމެދާނެ މައްސަލައެއްގެ ގޮތުގައި މެމްބަރުން ވިދާޅުވިއެވެ. އަދި ސަރުކާރުގެ ކަމާއި ބެހޭ އިދާރާތްތަކުން މަޝްވަރާކޮށް، މައްސަލައަށް ވީހާވެސް އަވަސް ހައްލެއް ގެނެސްދިނުމަށް ވަނީ ގޮވާލާފައެވެ.

އެމްޑީޕީގެ ޕީޖީގެ މެމްބަރުން ގެ ވެސް ކަންބޮޑުވަމަކީ، ކޮވިޑާއި އެކު ގައުމުގެ އިގްތިސޯދަށް އައި ގެއްލުންތަކުން އަރައިގަތުމުގައި ރަށްތަކުން ކުރަންޖެހޭ މަސައްކަތްތަކެވެ. ހާއްސަކޮށް ލޯކަލް ޓޫރިޒަމްގެ ދާއިރާއެވެ. އެހެން ނަމަވެސް އެ މަސައްކަތް ކުރެވެން އޮތީ، ގިނަ ބާރުތަކެއް ދީފައިވާ ލާމަރުކަޒީ ނިޒާމުގެ ދަށުންކަމުން ރަށްތަކުގައި ސަރުކާރުން ބޭނުންވާ ގޮތަށް ޕްރޮޖެކްޓުތައް ނުގެންދެވިދާނެކަމުގެ ކަންބޮޑުވުންތައް އެބައޮތެވެ.
ލާމަރުކަޒީ ނިޒާމުގެ ދަށުން ރަށްތަކުގެ ކައުންސިލުތަކަށް ލިބޭ އާމްދަނީ އާއި ރަށްތަކާއި ފަޅުތަކާއި ބިންތައް ޓޫރިޒަމަށް ދޫކުރުން ފަދަ ބޮޑެތި ބާރުތައް ކައުންސިލުތަކަށް ދޫކޮށްލާފައިވާއިރު، ދައުރު ހަމަވެފައި ތިބި ކައުންސިލަރުންގެ އަތް މައްޗަށް ނުވަތަ “ސަރުކާރާއި ދެކޮޅު” މެމްބަރުންގެ އަތްމައްޗަށް އެ ބާރުތައް ދޫކޮށްލަން އެމްޑީޕީ ބޭނުމެއް ނުވާނެއެވެ.
މަޖިލީހުން ފާސްކުރި ސަންސެޓު ގާނޫނުގެ އިސްލާހުގައި ގޯހެއް ހަދާފައި އޮތެވެ. އޭގެ ސަބަބުން އިންތިހާބު ވަކި ތާރީހެއްގައި ބޭއްވުމަށް އީސީއިން ކިތަންމެ ޕްރެޝަރެއް ކުރިޔަސް ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލާހާ ހިނދެއްގައި އީސީގެ އަތް އޮންނާނީ ބަނދެވިފައެވެ. އީސީއަށް ކުރެވެން އޮތްހާ ވެސް ކަމަކީ ކަމާއި ބެހޭ އިދާރާތްތަކުގެ ދޮރުގައި ޓަކި ޖެހުމެވެ.
ސަންސެޓު ގާނޫނުގެ 07 ވަނަ މައްދާގެ (ހ) ބުނެފައިވާ ގޮތުން އިންތިހާބުގެ މަސައްކަތްތައް އީސީއަށް ކުރިޔަށް ގެންދެވޭނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސް، އެއަށް އަމަލު ކުރުން ހުއްޓާލާފައިވާކަން ރަސްމީކޮށް އިއުލާނު ކުރުމުންނެވެ. އެ އިސްލާހުގައި ބުނެފައިވަނީ އިންތިހާބާއި ބެހޭ ކަންކަން ކުރިޔަސް ގެންދިއުމަކީ އައްމު ސިއްހަތަށް ނުރަައްކަލެއް ކުރިމަތިވެދާނެ ކަމެއް ނޫންކަމަށް ކަމާއި ބެހޭ އިދާރާތްތަކުން ކަނޑައެޅުމުން ނޫނީ، އިންތިހާބުގެ މަސައްކަތްތައް ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ.

ގާނޫނަކުން ގެނައި ފަރުވާއާއި އެކު އީސީއިން ނިންމީ މާޗު މަހުގެ ތެރޭގައި ކައުންސިލް އިންތިހާބު ބޭއްވުމަށެވެ. ސަބަބަކީ މޭއި މަހުގެ 09 ގެ ކުރިން އިންތިހާބު ބޭއްވުމަށް ގާނޫނުން މަޖުބޫރު ކުރާތީ އެވެ. އީސީގެ ކަންބޮޑުވުންތައް ފުނިފުންޏަށް މީޑިއާތަކުން ރިޕޯޓު ކުރި ނަމަމެވެސް އާ އަހަރާއި އެކު އަނެއްކާވެސް ކޮވިޑުގެ އާ ސްޓްރެއިންއެއްގެ މިވަނީ ފެނިފައެވެ. މިއީ ކޮވިޑު-19 އަށް ވުރެ އަވަސް މިނެއްގައި ފެތުރޭ ސްޓްރެއިންއެއް ކަމުން ރާއްޖެއަށް މި ބަލި އެތެރެވެ ފެތުރިދާނެކަމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓިއަށް އޮތް ޕްރެޝަރު ބޮޑެވެ. އަދި އިންތިހާބު ބޭއްވެން އޮތް ހަމަކަނި ގޮތަކީ ގާނޫނު އިސްލާހު ކުުރުން ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުންކަމުން އެކަމުގެ ޕްރެޝަރު ވެސް އެ އޮތޯރިޓީއަށް އެބައޮތެވެ. އަދި އީސީއަށް އޮތް ޕްރެޝަރަކީ ގާނޫނާއި އެއްގޮތަށް އިންތިހާބު ނުބޭއްވި ދިއުމެވެ.

މިހާރު އޮތް ހާލަތަށް ބަލާއިރު، ކުއްލި ގޮތަކަށް ސިއްހީ ކުއްލި ނުރައްކާ އުވާލައިގެން އިންތިހާބު ބޭއްވޭނެ ޖާގައެއް ނެތެވެ. ސަބަބަކީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ވަގުތު ދިނުމާއި އެކު، އީސީއަށް އިންތިހާބަށް ވާންޖެހޭ ތައްޔާރީތަކަށް ވަގުތު ދޭން ޖެހުމެވެ. އީސީގެ ރައީސް އަހުމަދު ޝަރީފު މިއަދު “ސަންގު” އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ބުނެފައިވާ ތާރީހުގެ ދެ މަސް ކުރިން ހާލަތު އުވާލަން ޖެހޭނެ އެވެ. އެއީ ރީ ރަޖިސްޓްރޭޝަންގެ ޕްރޮސެސް އާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މަސައްކަތްތައް ވެސް ކުރު މުއްދަތެއްގެ ތެރޭގައި ކުރިޔަށް ގެންދަން ޖެހޭނެތީއެވެ.

ގާނޫނު ލާޒިމް ކުރާ ގޮތުގައި އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް އެކަނިވެސް އިންތިހާބާއި ދެމެދު ގާތްގަނޑަކަށް މަހެއް ހާ ދުވަސް ދޭން ޖެހެއެވެ.

އީސީއިން ފުރިހަމަ ކުރަންޖެހޭ ލިޔެކިއުންތަކާއި، ޝީޓުތައް ތައްޔާރު ކުރަން ވެސް މަދުވެގެން ދެ މަހެއް ހާ ދުވަސް ނަގާނެއެވެ. އަދި ހަމަ މި ދުވަަސްތަކުގެ ތެރޭގައި އިންތިހާބުގެ އޮބްޒާވަރުންގެ ގޮތުގައި އުޅޭނެ މުވައްޒަފުންނަށް ތަމްރީނުތައް ދޭން ޖެހެއެވެ. އީސީއިން މީގެ ކުރިން ބުނެފައި އިންތިހާބު ބޭއްވޭނީ، ޖެނުއަރީ ފަހެއްގެ ކުރިން އަންގާ އެންގުމަކަށް ބިނާކޮށް ކަމަށެވެ. މިއަދު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަސް ދުވަހަށް ދަންމާލުމުން ދެން އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީއިން ވަނީ ބުނެފައެވެ.

ކޮމިޝަންގެ މެމްބަރުން ވަނީ، މީގެ ކުރިން އެޗްޕީއޭއާއި ވެސް ބައްދަލުކޮށްފައެވެ. އެހެން ނަމަވެސް އެޗްޕީއޭއިން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެވޭނެ ގޮތެއް އަދި ނެތް ކަމަށެވެ. ކުރިޔަށް އޮތީ ހާއްސަ ފިޔަވަޅުތަކަކާއި އެކު ސްކޫލް ކުދިންގެ ކިޔެވުން ފެށުންކަމަށް ވެފައި، މާލޭގައި ބަލީގެ ނުރައްކާ ފެތުރިޔަ ނުދޭން ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ.

އަވަސް އަރުވާލައިގެން އިންތިހާބު ބާއްވަން މަސައްކަތްކޮށް، އެކަށީގެންވާ ވަގުތު ކެނޑިޑޭޓުންނަށް ނުދެވޭނަމަ އެ ކެނޑިޑޭޓަކަށް ކޯޓަށް ދެވެން އެބައޮތެވެ. އަދި ކޯޓުން އިންތިހާބު ބާތިލުކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

ޝަރީފް ވިދާޅުވީ އިންތިހާބު ބޭއްވުމާއި މެދު އެޗްޕީއޭ އާއި ކަމާއި ބެހޭ އިދާރާތްތަކުގެ ބަހެއް އަދިވެސް ނުލިބޭ ކަމަށާއި، ޖެނުއަރީ މަހުގެ ފަހުން އިންތިހާބު ބޭއްވޭނެކަމަށް އެންގިޔަސް އެ އިންތިޒާމުތައް ހަމަޖެއްސޭނެ ގޮތެއް އީސީގެ ނެތް ކަމަށެވެ. އަދި ބަޖެޓުގައި ވެސް ދަތިތަކެއް ހުރި ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ކައުންސިލް އިންތިހާބާއި މެދު ބަހުސްތަކެއް ކުރެވެމުން އަންނައިރު އެކަމާއި ގުޅޭގޮތުން ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކޮވިޑުގެ އާ ސްޓްރެއިންއެއް ފެނިފައިވާއިރު ހާއްސަ ފިޔަވަޅުތަކެއް އެޅުން މިވަގުތަށް މުހިންމު ކަމަށެވެ. އަދި ބަލީގެ ވެކްސިން ނުލިބެނީސް ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފިނަމަ ބަލިކޮންޓްރޯލް ކުރުމުގައި އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި އާއި، އަދި އިތުރު ފިޔަވަޅުތައް ވެސް އެޅުމުގައި ގާނޫނީ ހުރަސްތަކެއް އަންނާނެ ކަމަށެވެ.

އިންތިހާބަށްޓަކާ އެކަނި ކުއްލި ނުރައްޖަލުގެ ހާލަތު އުވާލެވެން ނޯންނާނެއެވެ. އެހާހިސާބުން ދެން ނިކުންނަށް މައްސަލަތަށް އަދި މާގިނަ ވާނެ އެވެ. އޭގެ ތެރޭގައި ކަރަންޓީނުވުމުގައި އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ގާނޫނީ ހުރަސްތަކެއް އަންނާނެއެވެ.

އިންތިހާބު ފަސް ކުރުމަށް މަޖިލީހުން ފާސްކުރި ގާނޫނުގެ ސަބަބުން ފަހުން ނިކުމެދާނެ ނަތީޖާއަކަށް މެމްބަރުން އެއްވެސް ވަރަކަށް ބަލާފައި ނެތްކަން މީގެއިން ހާމަވެއެވެ.

ކޮންމެ ގޮތެއް ވިޔަސް ސަރުކާރަށް މިހާރު އިރް ގޮތަކީ ގާނޫނޫ އަނެއްކާވެސް އަލުން އިސްލާހު ކުރުމެވެ. ސިއްހީ ކުއްލި ނުރައްކާ އުވާލައިގެން ދެން ދިމާވާ އުނދަގޫތައް ގިނަ ވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: