ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެތެމުން ދިޔައީ އަނިޔާގެ ބޮޑު ސިލްސިލާއެއް، ހިތްދަތި އެތައް ވާހަކައެއް!

އިބްތިހާލް އާއި އޭނާގެ މަންމަ އާފިޔާ މުހައްމަދު / އާފިޔާ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

200 އެއްހާ މީހުންގެ އާބާދީއެއް އޮތް ރަށެއްގައި އަނިޔާވެރިކަމުގެ އެތައް އަމަލެއް ހިނގަމުން ދިޔައިރު ވެސް، އެހީގެ އަތެއް ދިއްކޮށްލާނެ މީހެއް ނުވިއެވެ. ޅަ އުމުރުން ފެށިގެން އައިސް ޖިންސީ ގޯނާ އާއި، ފުރައްސާރަ ކުރިމަތިވީ އާއިލާގެ މީހުންގެ ފަރާތުން ނަމަވެސް، އެއަށް ތިމާގެ މައިމީހާ ވެސް ދިނީ ބީރު ކަންފަތެކެވެ.

މިއީ 2015 ވަނަ އަހަރު ވ. ރަކީދޫގައި އުމުރުން އެންމެ ތިން އަހަރުގެ އިބްތިހާލަށް އަނިޔާކޮށް މަރާލިކަމުގެ ކުށުގައި 20 އަހަރުގެ ޖަލު ހުކުމެއް އިއްވި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ ދިރިއުޅުން ފެށިގެން އައި ގޮތެވެ.

އަންނަ ފެބްރުއަރީ މަހު ހަ އަހަރުވާން ކައިރިވެފައިވާ މި މައްސަލައަށް އަދި އިންސާފު ލިބުނީކަމަށް ގަބޫލެއް ނުކުރެވެއެވެ. ސަބަބުތައް ވެސް ވަރަށް ބައިވަރެވެ. އެހާމެ ހިތް ދަތި ވާހަކަތަކެކެވެ.

ރާއްޖޭގެ ތާރީހުގައި ހިނގައިދިޔަ އެންމެ އަނިޔާވެރި އެ އަމަލަށް އާފިޔާ ވަނީ އެއްބަސްވެފައެވެ. އަދި ތަފާތު އެކި ދުވަސް މަތީން އިބްތިހާލަށް އަނިޔާ ކުރާކަމާއި، ރުޅި އަންނަ ކޮންމެ ފަހަރަކު އަނިޔާ ކުރާ ކަމަށް ކިޔައިދިނެވެ. އަދި އިބްތިހާލް މަރުވީ އެއް ދުވަހު ހެނދުނު ނިދިން ހޭލައި، އެ ކުއްޖާގެ ކަރުގައި ހިފާ ނޭވާ ހާސްކޮށްގެން ކަމާއި، ބަނޑުގައި އެތައް ފަހަރަކު ފައިން ޖަހާފައިވާނެ ކަމަށް އާފިޔާ އެއްބަސްވިއެވެ.

އާފިޔާގެ ހިތުގެ ތެރޭގައި އިބްތިހާލަށް ރުޅިވެރިކަން އޮންނަނީ ބައެއް ދުވަސްތަކުގައެވެ. ބުދެއް ބޭނުންކޮށްގެން އާފިޔާ ވަނީ، އިބްތިހާލަށް ކުރާ އަނިޔާ ކުޅެ ދީފައެވެ. މިއީ އޭނާގެ ސައިކޮލޮޖިކަލް އެސެސްމެންޓެއް ހެދުމަށް ކުރިޔަށް ގެންދިޔަ ސެޝަންއެކެވެ. އަދި ސެޝަންގެ ތެރެއިން އާފިޔާ ވަނީ، “ރުޅި އިސް ނުކުރެވުނު ނަމައޭ، ރުޅި އިސް ނުކުރެވުނު ނަމައޭ” މިހެން ބުނެފައެވެ. އެ ސެޝަންއަށް ފަހު އާފިޔާ ވަރަށް ބޮޑަށް ރޮއެ ހެދިކަމާއި، އޭނާ ގޮތަށް ދިރިއުޅުން ވޭތު ކުރަމުންދާ މީހުންނަށް އެހީވުމަށް އެދުނުކަން ބަޔާންތަކުން އެނގެއެވެ.

ތަހުގީގީ ބަޔާންތަކުންނާއި، މީގެ ކުރިން ކުރިޔަށް ގެންގޮސްފައި ހުރި އެކި އަޑުއެހުންތަކުން އެނގިގެން ދިޔައީ އާފިޔާއަކީ އެންމެ ޅަ އުމުރުން ފެށިގެން އެތައް އަނިޔާތަކެއް ލިބުނު މީހެއް ކަމެވެ.

އާފިޔާގެ ބައްޕަ ނިޔާވީ އޭނާގެ އުމުރުން ހަތް އަހަރުގައެވެ. އޭރު ވެސް ގޭގެ ތެރޭގައި ދިމާވާ ކަންތަކުގެ ތެރޭގައި އޭނާއަށް ތަފާތު އެކި އަނިޔާތައް މަންމަގެ ފަރާތުން ލިބެމުން ދިޔައެވެ.

ކުޑައިރު ބޮޑު ދައިތަމެން ގޭގައި އާފިޔާ ދިރިއުޅެމުން ދިޔައިރު އެންމެ ފުރަތަމަ ޖިންސީ ގޯނާ ލިބެން ފެށީ ބޮޑު ދައިތަގެ ފިރިމީހާގެ ފަރާތުންނެވެ. އަދި އެ ވާހަކަ އެއްވެސް މީހެއް ކައިރީ ނުބުނުމަށް ބުނެ ބިރު ދެއްކިއެވެ.

އާފިޔާގެ މަންމައަށް ގުޅާ އެ ވާހަކަތައް ކިޔައިދިނުމުން އެކަން ގަބޫލުނުކޮށް، އެއީ ދައްތަ ފިރިމިހާގެ އަގު ވައްޓާލުމުގެ ނިޔަތުގައި އާފިޔާ ދައްކާ ވާހަކަތަކެއް ކަމަށް ބުންޏެވެ. ރަށު ތެރޭގައި އެ ވާހަކަތައް ފެތުރުމުން، އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނީ ވެސް އާއިލާ މެމްބަރުންނެވެ.

ކުޑައިރުން ފެށިގެން ތައުލީމު ހާސިލް ކުރުމަށް ލޯބި ކުރި އާފިޔާ ކިޔެވުން ކުރިޔަށް ގެންދިއުމަށް މ. މަޑުއްވަރީއަށް ބަދަލުވިއެވެ. އެ ގެއިން ވެސް ގޯނާއާއި ކުރިމަތިލާން ޖެހުނެވެ. އަދި އެ ދުވަސްވަރު އެ ރަށަށް އަރުވާލާފައި ތިބި ބަޔަކު، އާފިޔާއަށް ބިރު ދައްކައިގެން އޭނާއާއި އެކު ގަދަކަމުން ޖިންސީ ގުޅުން ހިންގިއެވެ.

އޭގެ ފަހުން އާފިޔާ މާލެ ބަދަލުވިއެވެ. އެހެން ނަމަވެސް އެގޭގައި އުޅުނު ފިރިހެން މީހަކު އާފިޔާއަށް ވަޅިން ބިރު ދައްކައި ކޮންމެ ރެއަކު ވެސް ބަދުއަހުލާގީ އަމަލު ހިންގައި ޖިންސީ ގޯނާ ކުރަމުން ދިޔައެވެ.

މާލެއިން އާފިޔާ ރަށަށް ބަދަލުވީ، އޭނާގެ އޯލެވެލް އިމްތިހާނަށްފަހުއެވެ. ތައުލީމް ފުރިހަމަ ކުރީ އަރަބިއްޔާއިންނެވެ. އޭރު އާފިޔާގެ މަންމަ އުޅުނީ އިސްމާއިލް ރައޫފް ކިޔާ މީހަކާއި ކައިވެނިކޮށްގެންނެވެ. ކިޔަވައި ނިމި އާފިޔާ ރަށަށް ދިޔައީ، ރަނގަޅު ދިރިއުޅުމަކަށް އުންމީދުކޮށްގެން ނެވެ.

އާފިޔާއަށް ޖިންސީ ގޯނާގެ އެތައް އަނިޔާއެއް!

އިސްމާއިލް ރައޫފަކީ އިބްތިހާލަށް ވެސް އަނިޔާކުރި ކަމުގެ ތުހުމަތުގައި އެއްވެސް ހުކަމަކާއި ނުލާ މިހާރު ވެސް ޖަލު ބަންދުގައި ހުރި މީހެކެވެ. ކުށުގެ ހާއްޔެއްގެ ތެރެއަށް އާފިޔާ ވައްޓާލި މީހަކީ އެއީ އެވެ. އެކަމަށް އެއްބާރުލުން ދީ، އެހީވީ އާފިޔާގެ މަންމައެވެ.

ދެ މީހުން ވެގެން އާފިޔާއެއީ މުދާ ގަނޑެއްގެ ގޮތުގައި ދެކި، ފައިސާ ހޯދައިގެން އާފިޔާ ލައްވާ ހަށި ވިއްކުވަން ފެށިއެވެ. ކޮންމެ ރެއަކު އެކަން ތަކުރާރު ވެއެވެ. އިންކާރުކޮށް، ދެކޮޅު ހަދާނަމަ އާފިޔާއަށް އަނިޔާ ކުރަނީ އޭނާގެ މަންމައެވެ.

ކޮންމެ ދުވަހަކު، ކޮންމެ ރެއަކު އެތައް ފިރިހެނުންނެއް އެ ކޮޓަރިއަށް ވެއްދިއެވެ. ޖިންސީ ގޯނާގެ އަނިޔާ ނުލިބޭ ދުވަހެއް، މަންމައަށް ފައިސާ ދީގެން އެތައް ބަޔަކު ވަދެ އެ މީހުންގެ އެދުންވެރިކަން ނުފުއްދާ ދުވަހެއް ހުދު އާފިޔާ ވެސް ހަނދާނެއް ނެތެވެ.

މިހެން އުޅުމުގެ ތެރެއިން އެންމެފަހުން އާފިޔާއަށް ޖިންސީ ގޯނާ ކުރަން ފެށީ އިސްމާއިލް ރައޫފް އެވެ. ގަދަކަމުން އާފިޔައަށް ޖިންސީ ގޯނާކޮށް، އެތައް އަނިޔައެއް ދެމުން ދާއިރު ކޮޓަރީގެ އެއް ފަރާތުގައި އެ މަންޒަރު ބަލަން ހުރީ އޭނާގެ މަންމައެވެ.

ރޭގަނޑު އާފިޔާ ނިދުމުގެ ކުރިން ގަދަކަމުން ބުއިމެއް ދެއެވެ. އެއަށް ހުންނަނީ ބޭހެއް އަޅާފައެވެ. ރޭގަނޑު ދަންވަރު އާފިޔާއަށް ހޭލެވޭއިރު، އެނދުގައި އިޝީނދެ އިންނަނީ އިސްމާއިލް ރައޫފްއެވެ. އޭނާ ބަރަހަނާ ހާލުގައި އެނދުމަތީ ހުންނައިރު، އާފިޔާގެ ވެސް އެއްވެސް އަންނައުނެއް އެވަގުތަކު ނުހުރެއެވެ.

އާފިޔާ އެކަމާ އެތައް ދުވަހަކު ޝަކުވާކުރިއެވެ. އަދި އަނިޔާ ނުކުރުމަށް އާދޭސް ކުރިއެވެ. އެހެން ނަމަވެސް އޭގެ ރައްދެއްގެ ގޮތުގައި އާފިޔާއަށް އަނިޔާކުރީ އޭނާގެ މަންމައެވެ. އެކަކު އަނެކަކަށް ދަންނަ، ކުޑަ އާބާދާދީގެ އެ ރަށުގައި އާފިޔާއަށް ގޯނާ ކުރަން ވަންނަ މީހުންގެ ކިއުއެއް ހަދާފައި އޮތެވެ. ރަށުގެ ތެރޭގައި އެތައް ވާހަކައެއް ދެއްކިއިރު ވެސް، އެހީއަށް އަތެއް ދިށްކޮލާނެ މީހެއް ނުވިއެވެ. އެ މީހުން އާފިޔާއަށް ކުރީ މަލާމާތާއި ފުރައްސާރައެވެ.

އިސްމާއިލް ރައޫފް އާފިޔާއަށް ކުރި އަނިޔާތަކުގެ ތެރެއިން، އޭނާ އިބްތިހާލްއަށް ބަނޑުބޮޑުވި އެވެ. އަދި އާފިޔާ މާބޮޑަށް ވަރުދެރަވެ ޑޮކްޓަރަށް ދެއްކުމުން، ބަލިވެ އިންކަން އެނގުމާއި އެކު އިސްމާއިލް ރައޫފް އާއި އާފިޔާގެ މަންމަ އިބްތިހާލް ވައްޓާލުމަށް ވަރަށް މަސައްކަތް ކުރިއެވެ. ރޯ ފަޅޯ ކާންދީ، ފަނޑިތަ ވެސް ހެދިއެވެ. އެހެން ނަމަވެސް، ބަނޑުގައި އޮތް އޭނާގެ ދަރިފުޅަށް އެއްވެސް ގެއްލުމެއް ދޭން ބޭނުން ނުވީ އާފިޔާ އެވެ.

ދަރިފުޅަށް ރަނގަޅު މުސްތަގުބަލެއް ދޭން އާފިޔާ ބަދަލުވީ ރަކީދޫ އަށެވެ. ޝަފީގު އާއި، އާފިޔާ ބައްދަލުވަނީ އެ ރަށުންނެވެ. އަދި ޝަފީގު ހުރީ އާއިލީ ޒިންމާ ނަގަން ތައްޔާރަށް ކަމުން، އިބްތިހާލް ވިހައި ގަދަވުމާއި އެކު ދެ މީހުން ކައިވެނި ކުރިއެވެ. އެ ކައިވެންޏަށް ވެސް ދަރިން ލިބުނެވެ.

މާޒީއިން އަރައި ނުގަނެވި އުޅެނިކޮށް، އާފިޔާ ފުން އަނދަވަޅަކަށް ވައްޓާލީ އެ ރަށުގެ މީހުންނެވެ. އިބްތިހާލް ބޮޑުވަމުން އައިއިރު، އެއީ ބައްޕަ ނެތް ކުއްޖެއްކަމަށް ބުނެ އާފިޔާއަށް އެތައް ފުރައްސާރައެއް ކުރިއެވެ. އިބްތިހާލަކީ އިސްމާއިލް ރައޫފްގެ ކުއްޖެއްކަމަށާއި، އިބްތިހާލްގެ ވާހަކަ ދެއްކުމާއި، އަދި އަމަލުތަކާއި ހިނގުން ވެސް ހުންނަނީ އިބްތިހާލްގެ ދޮންކާފަ ގޮތަށް ކަމަށް ބުނެ އާފިޔާއަށް އަޑުއިވޭ ހިސާބުގައި ވާހަކަ ދެއްކިއެވެ.

އާފިޔާގެ ހިތުގައި އިބްތިހާލަށް އޮތް ލޯބި ނަފްރަތަށް ބަދަލުވާން ފެށީ އެހާ ހިސާބުންނެވެ. އާފިޔާއަށް ވެސް އިބްތިހާލް އޭނާގެ ދޮން ކާފައައި ވައްތަރު ވާން ފެށިއެވެ. ދޮން ބައްޕަ ދެކެ ކުރި ނަފްރަތު، އިބްތިހާލަށް ވެސް ކުރިއެވެ. ރަށު މީހުން ދައްކާ ވާހަކަތަކަށް ކޮންމެ ދުވަހަކު އިބްތިހާލްއަށް އަނިޔާ ކުރަން ފެށިއެވެ.

ރުޅި ކޮންޓްރޯލް ނުކުރެވި، ބަދަލު ހިފުމުގެ ރޫހެއް އާފިޔަގެ ހިތުގެ ތެރޭގައި އޮތެވެ. އާފިޔާގެ ނަފްސާނީ އެސެސްމެންޓު ހެދިއިރު ނަފްސާނީ ބަލިތަކާއި ބެހޭ ޑޮކްޓަރ އައިޝަތު ނާޒް އަލީއަށް އޭނާ ކިޔައިދިން ގޮތުން އެ ހިތްދަތި ދިރިއުޅުން ދެވަނަ މީހަކަށް ލިބެން އޭނާ ނޭދެއެވެ. ޑރ. ނާޒްގެ ކިބައިން ވެސް އެދުނީ އެ އަނިޔާތަކުގެ ޝިކާރަވެރިންނަށް އެހީވުމަށެވެ. އެ އަޑު އަހާ، އިންސާފު ހޯދައިދިނުމަށެވެ.

އިބްތިހާލްއަށް އަނިޔާކުރަން ހިތްވަރު ދިން އާފިޔާގެ އެކުވެރިޔާ!

އާފިޔާގެ ރުޅިވެރިކަމަށް ހިއްވަރު ދިނީ އޭނާ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި ދެކުނު މީހާ އެވެ. ހިތުގައި ނުތަނަވަސްކަން އުފެދޭ ފަހަރުތަކުގައި އޭނާ އެގެއަށް ދެއެވެ. އެހެން ނަމަވެސް އިބްތިހާލްއަކީ “ބޮޑުވެގެން އަންހެނުން ފަހަތުން ދުވާނެ މީހެއް” ކަމަށް އޭނާއަށް ވިސްނަދިނީ އެ އެކުވެރިއާ އެވެ. ޖެހިޖެހީނުން މަރާލަންށާއި، ކަނޑު ފައްތައި މަރާލަން ވެސް އޭނާ ބުނެ އުޅެއެވެ. އާފިޔާގެ ރުޅި ކޮންޓްރޯލް ނުކުރެވޭ ވަގުތުތަކުގައި ހިތަށް އަބަދުވެސް އަންނަނީ އެ އެކުވެރިއާގެ ވާހަކަތަކެވެ. އޭނާ އެ ބުނާ ގޮތަށް އަމަލު ކުރަން ހިތަށް އަރައެވެ. އަދި އަނެއްބައި ފަހަރު އެއީ ނުބައި އަމަލެއްގެ ގޮތުގައި އޭނާގެ ހިތް ބުނެއެވެ.

މިހާ ހިސާބުން ދެން އަންނަ ސުވަލަކީ އާފިޔާ އިންސާފަށް އެދި އެއްވެސް މުވައްސަސާއެއްގެ ދޮރުގައި ޓަކި ޖެހިތޯއެވެ. އާނ އެކެވެ. އޭނާ އެ މަސައްކަތް ކުރިއެވެ. އަތޮޅުގެ ފުލުސް ސްޓޭޝަނަށް ވެސް އެނގެއެވެ. އަދި ރަށުގެ ކަތީބަށް ވެސް އެނގެއެވެ. މި ދެންނެވި ކަތީބުން ރަށްތަކުގައި ތިބީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ކުރިންނެވެ. އެހެން ކަމުން އެއީ 2007 ވަނަ އަހަރުގެ ވެސް ކުރިއެވެ.

އޭރު ރަށުގެ ކަތީބަކަށް ހުރި މީހާގެ ވާހަކަ ވެސް ހުކުމުގައި ވެއެވެ. އިސްމާއިލް ރައޫފް އާފިޔާއަށް އަނިޔާ ކުރި މަންޒަރު ފެނުނު އެކަކީ އޭނާއެވެ. އެހެން ނަމަވެސް އެ ދުވަހު ވެސް އޭނާ އަޅައެއް ނުލީއެވެ.

އިބްތިހަލަށް ކުރަމުން ދިޔަ އަނިޔާތައް ޖެންޑާރ މިނިސްޓްރީއަށް ރިޕޯޓު ކުރެވި މިނިސްޓްރީގެ ޓީމެއް ވެސް ރަށަށް ދިޔައެވެ. ފުލުހުން ވެސް ދިޔައެވެ. އެހެން ނަމަވެސް ދައުލަތުގެ ދެ އިދާރާއެއް ބޮޑުތަނުން ފެއިލްވީ އެ ކުއްޖާއަށް ދެވުނު ހިމާޔަތެއް ނެތުމުންނެވެ. އެތައް އަނިޔާއެއްގައި އެ ކުއްޖާ ނިޔާވެ ދިޔައީ އެވެ.

އިބްތިހާލްގެ މެޑިކަލް ރިޕޯޓުގައި ވާ ގޮތުން ގައިގެ އެކި ތަންތަނުގައި ތާޒާ ލަކުނުތަކާއި ދުވަސްވީ ނިޝާންހުރި/ ވީޓީވީ ވީޑިއޯ އަކުން ނަގާފައިވާ ސްކުރީން ޝޮޓެއް

ނިދިން ހޭލިއިރު، ހިތަށް އެރީ އިބްތިހާލް މަރާލަން!

އިބްތިހާލް މަރާލަން ބުނެ، ހިއްވަރު ދޭ އެކުވެރިޔާގެ ވާހަކައަކުން އޭނާ ލޭ ކެކި ޖެހިގެން އައި ދުވަހު އެ އަމަލު ހިންގީއެވެ. އެއީ އޭނާ ކޮން މަގުސަދެއްގައި ދެއްކި ވާހަކަތަކެއް ކަން ނޭނގެއެވެ. އެހެން ނަމަވެސް އާފިޔާ އިބްތިހާލާއި މެދު ހިތްހަމަ ނުޖެހި ވަހަކަ ދެއްކުމުން “ޖެހި ޖެހީނުން މަރާލަން” އޭނާ ބުންޏެވެ. ހުކުމުގައި ބުނެފައި ވަނީ އެއީ އާފިޔާއަށް އެ އަމަލު ހިންގަން ކުރިޔަށް ފިޔަވަޅެއް އެޅި އެއް ސަބަބު ކަމަށެވެ.

ޖެހިގެން އައި ދުވަހު އޭނާ ނިދިން ހޭލިއިރު، ސިކުނޑީގެ ތެރޭގައި އެ ނޫން ވާހަކައެއް ނެތެވެ. އޭނާއަށް ވެސް އިބްތިހާލް، އިސްމާއިލް ރައޫފާއި ވައްތަރުވާން ފެށީއެވެ.

އޭރު އިބްތިހާލް އޮތީ، ކޮޓަރީގެ ތަޅުންމަތީ ބާލީހެއްގެ މަތީ ބޯ އަޅާލައިގެން ކޮޓަރީގެ އެއް ކަނެއްގައެވެ. އާފިޔާގެ ހިތުގެ ތެރޭގައި އޮތީ އޭނާއަށް އަނިޔާ އާއި މީހުންގެ ފުރައްސާރައިގެން ސަލަމަތް ވެވެގެން އޮތް ގޮތަކީ އެއީ ކެމެވެ. އިބްތިހާލް ބޮޑުވެގެން އިސްމާއިލް ރައޫފް ގޮތަށް، އަންހެނުންނަށް އަނިޔާ ކުރާނެކަމަށް ރަށު މީހުން ބުނެއެވެ.

“ނޭނގޭ ކީއްވެގެން ކަމެއް. އެ ދުވަހު ހޭލިއިރު ހިތަށް އެރީ ހަމަ އިބްތިހާލް މަރާލަން. އިތުރު އެއްވެސް އެއްޗެއް ނެތް. ހިތަށް އެރީ އޭރުން އަނިޔާ އާއި، ގޯނާއިން ސަލާމަތް ވީއޭ. ރަށު މީހުން ބުނީ އިބްތިހާލް ދާނީ އަންހެނުން ފަހަތުންނޭ. މީހުންނަށް އަނިޔާކޮށް ގެއްލުން ދޭނެއޭ” އާފިޔާ ކިޔައިދިނެވެ.

އެވަގުތު އާފިޔާގެ އަންހެން ދަރިފުޅު ވެސް ކޮޓަރީގެ ތެރޭގައި ހުއްޓެވެ. އެހެން ނަމަވެސް އެ ކުއްޖާ ކޮޓަރިން ބޭރަށް ލާ ދޮރު ތަޅުލިއެވެ. އޭރު އިބްތިހާލް އޮތީ ނިދާފައި، ނުވަތަ ހޭލާކަމެއް އާފިޔާއަކަށް ވެސް ނޭނގެއެވެ.

އާފިޔާ އިބްތިހާލް އަތުގެ ކޮނޑު ހުޅުގައި ހިފާ، އުޑުތިލަމައްޗަށް ވާ ގޮތަށް ބާރަށް އަނބުރާލިއެވެ. އެއަށް ފަހު ކަރުގައި ހިފާ ނޭވާ ހާސް ކުރުމަށް މަސައްކަތް ކުރިއެވެ. އޭރު އިބްތިހާލް އޮތީ، ކަޅި ވެސް ޖަހާނުލާ އާފިޔާއަށް ބަލަހައްޓައިގެންނެވެ. އަދި “މަންމާ” އޭ ކިޔާ ގޮވާލިއެވެ. އެއީ މަރުވުމުގެ ކުރިން އެ ކުއްޖާގެ އަނގައިން ބޭރުވި އެންމެ ފަހު ބަހެވެ.

އާފިޔާ އިބްތިހާލްގެ ކަރުގައި ހިފަހައްޓައިގެން ހުއްޓައި، އިބްތިހާލްގެ ނޭވާ ހާސްވެ އެ ކުއްޖާ ތެޅިގަތެވެ. އަދި އަނގައިން ކޮންމެވެސް ވަރަކަށް ލޭ ވެސް އައެވެ. ހިތުގައި ހުރި ނަފްރަތާއި ރުޅިވެރިކަމަށް ބަދަލެއް ނައި، އާފިޔާގެ ހިތެއް ނުފުރުނެވެ.

ކޮޅަށް ތެދުވެ، އިބްތިހާލްގެ މޭ މަތީގައި ތިން ފަހަރު ބާރަށް ފައިން ޖެހިއެވެ. އެއަށް ފަހު މޫނު މަތީގައި ވެސް ޖެހިއެވެ. އެތައް ފަހަރަކު ޖެހިއެވެ. އޭނާގެ ހިތަށް ތަސައްލީއެއް ލިބުމުން ކޮޓަރިން ނިކުމެގެން ދިޔައީ އެވެ.

އިބްތިހާލް އޭރު ވެސް ކުކުރެމުން ދިޔައެވެ. “މަންމާ” އޭ ކިޔާ ގޮވާލިއެވެ. އެ ހިސާބުން ދެން އިބްތިހަލަށް ވީ ގޮތެއް އާފިޔާއަކަށް ނޭނގެއެވެ.

އިބްތިހާލަށް މަރަށް ތެޅެމުން ދިޔަކަން އަވައްޓެރިންނަށް އެނގުނެވެ. އެހެން ނަމަވެސް އެ މީހުންގެ ހެކި ބަހުގައި ވާ ގޮތުން އެ ދުވަހު އެ ގެއަށް ނުވަތަ ކޮޓަރިއަށް ނުވަދެވުނީ ތަޅުލާފައި ހުރުމުންނެވެ.

އިބްތިހާލަށް އަނިޔާކުރުމަށް ފަހު އާފިޔާ ދިޔައީ ކުރިން ފާހަގަކުރި އޭނާގެ އެކުވެރިއާގެ ގެއަށެވެ. އަދި އެ ގޭގައި އޭނާ ހުރީ ޑްރާމާ ބަލާށެވެ. އެއަށްފަހު މެންދުރުވާން ކައިރިވުމުން ގެއަށް އައިސް ކޮޓަރިއަށް ވަނެވެ. އޭރު އިބްތިހާލް އޮތީ، އޭނާގެ ނެޕީ އަމިއްލައަށް ނައްޓާފައެވެ. ބެލެވޭ ގޮތުން އެއީ ކުރިން ލިބިފައި ހުރި އަނިޔާތަކަށް ތަދުވެ، ކެތް ނުކުރެވިގެން ނެވެ. އިބްތިހާލްގެ މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުން ގައިގައި ތާޒާ ލަކުނުތަކާއި އަދި ދުވަސްވެފައި ހުރި ލަކުނުތައް ހުއްޓެވެ. އަދި ކުރިމަތިފަރާތަށް ހުރީ އަނިޔާތަކެއް ލިބިފައެވެ.

ކޮޓަރިއަށް ވަނުމަށްފަހު ވެސް އިބްތިހާލްގެ ބަނޑުގައި ފައިން އޭނާ ޖެހިއެވެ. އެއަށް ފަހު އެއްވެސް ހަރަކާތެއް ނެތްކަން އެނގުމާއި އެކު އިބްތިހާލްގެ މޫނުގައި ފެން ހާކައި، އިބްތިހާލްގެ ނަމުން ގޮވިއެވެ. އޭރު އެ ކުއްޖާ އޮތީ މަރުވެފައެވެ.

އިބްތިހާލްގެ ބަނޑުގައި އާފިޔާ ޖެހުމުގެ ސަބަބުން ބަނޑަށް ލޭ އެޅިފައި ހުއްޓެވެ. މޭ ކަށިގަނޑު ހުރީ ބިންދައިގެން ގޮސްފައެވެ.

ރަށުގެ މީހުން އިބްތިހާލްއަށް އަމާޒުކޮށް ހަޑިހުތުރު ވާހަކަަތައް އާފިޔާއަށް އަޑުއިވޭ ހިސާބުގައި ދައްކާފައިވޭ

އިބްތިހާލްގެ ހިތް ދަތި ދިރިއުޅުމާއި، ތަހައްމަލު ކުރި އެ ވޭން!

މި މައްސަލައިގައި، އާފިޔާގެ އަވައްޓެރިންގެ ހެކި ބަސް ވަނީ ހިމަނާފައެވެ. އެގޮތުން އާފިޔާ އިބްތިހާލާއި މެދު ކަންތައް ކުރާ ގޮތާއި އިބްތިހާލަށް ކާން ނުދިނުން އަދި ފެންނުވަރާ ނެޕީ ފޯވަންދެން ބަހައްޓާ ކަމަށް ވަނީ ބުނެފައެވެ. އާފިޔާގެ ފިރިމީހާގެ ހެކި ބަހުން ވެސް އިބްތިހާލުގެ ގައިގައި އަނިޔާގެ ނިޝާންތަކެއް ހުންނަކަން ސާބިތުވާއިރު، އޭނާއަށް އެމަންޒަތު ފެނި އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން “މަންމަ، ޖެހީ” ކަމަށް އިބްތިހާލް ބުނާ ކަމަށް ވެއެވެ. އަދި ގިނަ ދުވަހު އޭނާގެ ދަތުރުތައް ނިންމުމަށްފަހު ގެއަށް އަނބުރާ އައުމުން ޝަފީގް ގެންނަ ކާއެއްޗެހި އެޅި ކޮތަޅު ދުވެފައި ގޮސް ހޯދައެވެ.

އާފިޔާ އިބްތިހާލްއަށް ގިނަ ދުވަސްތަކުގައި ކާން ނުދެއެވެ. ކުޑަމިނުން ފެންފޮދެއް ހާ މިނުން ވެސް ނުދެއެވެ. ބައެއް ދުވަސްތަކުގައި ނެޕީ ބަދަލު ނުކޮށް 24 ގަޑިއިރު ވެސް ބަހައްޓެއެވެ. ބޮޑުކަމުދެވި އެ ވާހަކަ ބުންޏަސް، ބައެއް ދުވަސްތަކުގައި އާފިޔާ އެއްވެސް ވަރަކަށް އިބްތިހާލްއަށް އަޅައެއް ނުލައެވެ.

އިބްތިހާލް ފެންވެރުވީ ދުވަހަކު، ކުރިމަތިފަރާތް ދުޅަވެފައި ހުރުމުން، އެކަމާއި ގުޅޭގޮތުން އާފިޔާއާއި ފިރިމީހާ ސުވާލު ކުރުމުން “އެއީ ކުޅެން އުޅެނިކޮށް” ލިބުނު އަނިޔާއެއްކަމަށް ބުނެފައިވާކަމަށް ވެސް ބަޔާނުގައި ވެއެވެ.

އިބްތިހާލުގެ އަނގައިގެ ހިރުގަނޑުގައި ވެސް ކަނޑައިގެން ގޮސްފައިވާ ވަރަށް ގިނަތަންތަން ހުއްޓެވެ. ނޭފަތް އެކީ ރަތްވެފައި ވާއިރު، ކޯމަތީ ވަކީގެ ނިޝާންތަކެއް ހުއްޓެވެ. އަދި ވަކިތައް ވަށާ ލޭއަރާފައި ހުއްޓެވެ.އިބްތިހާލަށް ލިބިފައި ހުރި އަނިޔާތައް ވަރަށް ރީޗަށް ފެންނަން ހުރިއިރު، އެއް ލޯ ކުޑަކޮށް ހުރީ ހުޅުވިފައެވެ. އަދި ހޮސްޕިޓަލަށް ގެނައި އިރު ވެސް އިބްތިހާލްގެ އުރަވަޅި ވަރަށް ބޮޑަށް ދުޅަވެފައިވެއެވެ. އަދި މުޅި ހަށިގަނޑު އެކީ ފިނިވެ، އަނގައިން ހުދު އެއްޗެއް ބޭރުވެފައި ހުރިކަމަށް މެޑިކަލް ރިޕޯޓުގައި ވަނީ ބުނެފައެވެ.

އިބްތިހާލް އާފިޔާ ދެކެ ވަރަށް ލޯބިވޭ!

ތަހުގީގު މަރުހަލާގެ ތެރޭގައި އިބްތިހާލް އާފިޔާ އާއި މެދު ދެކޭ ގޮތް އޭނާއާއި ސުވާލު ކުރެވުނެވެ. ޖަވާބުގައި އޭނާ ބުނީ، ބޮޑު މީހާ އޭނާ ދެކެ ލޯބި ވާ ކަމަށެވެ. އަދި އެހެން ދެކެނީ ކީއްވެގެންތޯ ސުވާލު ކުރުމުން އާފިޔާ ބުނީ، ނިދިން ހޭލާ ބައެއް ދުވަސްތަކު އޭނާ ގައިގައި ބައްދާލުމަށްފަހު “މަންމާ” އޭ ކިޔާ ގޮވާލާ ކަމަށެވެ. އެހެން ކަމުން އިބްތިހާލް އޭނާ ދެކެ ލޯބިވާކަމުގައި އާފިޔާ ބުންޏެވެ.

ނޫސްވެރިއާގެ ނަޒަރުން!

ނޫސްވެރިއެއްގެ ގޮތުން އާފިޔާގެ ޝަރީއަތްތައް ވަރަށް ގާތުން ކަވަރު ކުރެވުނެވެ. އަޑުއެހުންތަކުގައި “ނޫން”، “އެއީ ދޮގު” މި ނޫން ބަސްތަކެއް އާފިޔާ ބުނެފައި ނެތެވެ. މާ ތަފްސީލީ ވާހަކައެއް ވެސް ނުދައްކައެވެ.

ޝަރީއަތް ކުރިޔަށް ދާ ދުވަސްތަކުގައި ނޫސްވެރިން ތިބެނީ އިސް ޖަހައިގެންނެވެ. އެ އަޑުއެހުންތަކަށް ރާއްޖޭގެ މެއިން ސްޓްރީމް މީޑިއާތަކުގެ ނޫސްވެރިން ވަދެއެވެ. އެ ނޫން ބައެއް އަޑުއެމަކަށް ނުވަދެއެވެ. އާއިލާ މީހެއް، އެކުވެރިއެއް ވެސް ނުދެކެމެވެ.

ޝަރީއަތްތައް ކުރިޔަށް ދާ ވަގުތުތަކުގައި، އާފިޔާ އާއްމުކޮށް ނޫސްވެރިންނަށް ނަޒަރު ހިންގާލައެވެ. ކޮންމެ މީހެއްގެ މޫނަށް ވަކި ވަކީން ބަލައެވެ. ބައެއް ފަހަރު ހިނިތުންވެލައެވެ. އެހެން ނޫނީ އަޅައެއް ނުލާނެއެވެ.

އެތައް ބައެއްގެ އިހުމާލު، އަޑުއަހަން އުނދަގޫ އެތައް ވާހަކައެއް!

ހުކުމް އިއްވަމުން ދިޔައިރު، ބައެއް އަނިޔާގެ ވާހަކަތައް ކިޔަން ގާޒީއަށް ވެސް އުނދަގޫތަކެއް ވިއެވެ. އެ އަޑުއަހަން ތިބި ނޫސްވެރިން ފެންކަޅިކޮށްލިއެވެ.

ޝަރީއަތުގައި ގާޒީ ވަނީ މިއީ އެތައް ބައެއްގެ އިހުމާލުގެ ނަތީޖާކަން ފާހަގަކުރައްވާފައެވެ. އަދި ދައުލަތަށް މައްސަލަ ހުށަހެޅުމާއި އެކު، އިބްތިހާލްއަށް ރައްކާތެރިކަން ލިބެން ޖެހޭ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް ރަށު މީހުން ހަނު ތިބުމާއި، ކުރި ފުރައްސާރަ އާއި، މަލާމާތުގެ ނަތީޖާއަކީ އެއީ އެވެ.

އާފިޔާގެ ޅަ ދުވަސްތަކާއި، ޒުވާން އުމުރު ފޭރިގަތް މީހުންގެ މައްސަލަ ބަލަން ޖެހޭނެއެވެ. އާފިޔާގެ ހަށި ވިއްކައިގެން އޭގެއިން މަންފާ ނެގި އޭނާގެ މަންމަ އާއި، އިސްމާއިލް ރައޫފްއަށް އަދަބު ލިބެން ޖެހޭނެއެވެ. އާފިޔާއަށް ހިއްވަރު ދިން އޭނާގެ އެކުވެރިއާއަށް އަދަބު ލިބެން ޖެހެއެވެ. އެ އެކުވެރިއާ އަކީ އެއީ އާފިޔާއަށް އެ އަނިޔާވެރިކަމުން ސަލާމަތް ކުރަމުން އެތައް މަސައްކަތް ކުރެވިދާނެ މީހެކެވެ. ހިތަށް އުނދަގޫވާ ކޮންމެ ފަހަރަކު، އެ ވާހަކަތައް ބޮނޑިކޮށްލައިގެން އާފިޔާ ދަނީ އޭނާގެ ގާތަށެވެ. އޭނާއަށް އެހީވުމުގެ ބަދަލުގައި، އެކުވެރިޔާ ވެސް އިބްތިހާލަށް އަޑުލައި ބަސް ބުނެ ހެދިއެވެ. އާފިޔާގެ ރުޅުވެރިކަމުގެ ހުޅުގަނޑު އިތުރަށް ބޮޑު ކުރި އެކަކީ އޭނާއެވެ.

މިއަދު ކޮންމެ މީހަކު ވެސް ބަލަން ވީ މުޖްތަމައުގެ ތެރޭގައި ދެވަނަ އިބްތިހާލްއެއް އުފެދިޔަ ނުދިނުމަށެވެ. އަދި ހާއްސަކޮށް ދެވަނަ އާފިޔާއެއް ވެސް އުފަންވިޔަ ނުދިނުމަށެވެ. އަނިޔާގެ ޝިކާރައަކަށް ވާ މީހާއަށް މަލާމަތްކޮށް، ފުރައްސާރަކޮށްގެން ލިބުނީ ކޮން ފައިދާއެއް ހެއްޔެވެ. އާހިރުގައި އަނިޔާގެ މައްޗަށް އަނިޔާ ލިބި ލިބި، އާފިޔާގެ ހަޔާތް ޖަލުގައި ހޭދަ ކުރަން ޖެހުނީ ތިމާ ބަނޑުއަޅައި ވިހެއި ދަރިފުޅަށް އެތައް އަނިޔާއެއް، އެތައް ހިތް ދަތިކަމެއް ދީ މަރާލުމުގެ ކުށުގައެވެ. އިންސާފު ލިބުނު މީހެއް އަދިވެސް ނެތެވެ. މިއީ އިބްތިހާލްއަށް ވެސް ލިބުނު އިންސާފެއް ނޫނެވެ.

ވަރަށް ގަދަ
2%ވަރަށް ގަދަ 2%ވަރަށް ގަޔާވޭ 1%ބޮޑު ޖޯކެއް 1%ހައިރާންވެއްޖެ 91%ވަރަށް ދެރަ 3%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. އާފިޔާގެ މަންމަ އަށާއި، އާފިޔާގެ އެންމެ ގާތް އެކުވެރިޔާއަކީވެސް ދެ މުޖުރިމުން. އެމީހުންނަށްވެސް ޙައްޤު އަދަބުދޭންޖެހޭ.

  2. ކެޔޮދޫ އެއީ އާބާދީ ކުޑަ ރަށެއް. ކޮބާ ފައިސާ ދީފަ އާފިޔާ ރޭޕް ކުރި މިހުން؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: