ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީން ތަކުރާރު ކުރީ ދައުވާ ސާފު ނޫންކަމަށް، ދައުލަތުން އެދުނީ މުދާ ނަގައިދޭން!

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމާއި، އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. ޖަމީލް އަދި ވަކީލް
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިންގެ މައްސަލައިގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލާ ކްރިމިނަލް ކޯޓުގައި ފަށާފައިވައިރު، މައްސަލައިގައި މިއަދު ވެސް ކުރިޔަށް ގެންގޮސްފައިވަނީ އިބްތިދާއީ މަރުހަލާއެވެ. މަނީ ލޯންޑާރ ކުރެއްވުމާއި، އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑުއެހުންތައް ފެށިތާ ދުވަސްތަކެއް ވީ ނަމަވެސް މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަށް ދައުވާ ސާފުނުވާ ކަމަށެވެ.

ދެ ދައުވާވެސް ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ކުއްޔަށް ދޫކުރި ރ. ފުއްގިރި މައްސަލައިގައެވެ. މައްސަލައިގައި ދައުލަތުން ބުނެފައިވަނީ އެ ރަށް ކުއްޔަށް ދޫކުރުމުގައި ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުން ކުރެއްވި ކަމަށެވެ. އަދި ފުއްގިރު ކުއްޔަށް ދޫކޮށް 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ފަށަލަކޮށްފައިވާ ކަމަށް ދައުލަތުން ބުނެފައި ވެއެވެ.

ދައުވާ ސާފުކުރުމަށް ކުރިޔަށް ގެންދިޔަ އެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ގިނަ ޝަކުވާތަކެއް އިވިގެން ދިޔައެވެ. އޭގެ ތެރޭގައި މައްސަލައިގެ ލިޔެކިއުންތައް ހަމައަށް ލިބިފައިނުވުމާއި އެކު، ދައުވާ ސާފު ނުވާކަމަށް އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.

މިއަދުގެ އަޑުއެހުން ދެ ގަޑިއިރަށް ދެމިގެން ދިޔައީ ވެސް އެ ޝަކުވާތަކުގެ ތެރޭގައެވެ. ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ މައްސަލައިގައި ގުޅުން ހުރި ލިޔުންތައް ހޯދައިދިނުމަށެވެ. މި ލިޔެކިއުންތައް އެއީ ދައުލަތުގެ މުވައްސަސާތަކުން ލިބެންޖެހޭ، ލިޔުންތަކެއްކަމުން ދައުލަތުން އެއަށް ރައްދުދީ ބުނެފައިވަނީ މިއީ ދައުވާގައި ހިމެނޭ ލިޔެކިއުންތަކެއް ނޫންކަމުން އެއީ، ދައުލަތުގެ ޒިންމާއެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް ދައުލަތުން ފަހުން ވަނީ، ޝަރީއަތުން އެގޮތަށް އަންގައިފިނަމަ ދައުލަތުން އެއަށް އަމަލު ކުރާނެ ކަމަށް ބުނެފައެވެ. އަދި ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ލިޔުންތަކެއްގެ ގޮތުގައި އެއަށް އަމަލު ކުރެވިދާނެ ކަމަށެވެ.

ފުރުސަތަކަށް އެދިވަޑައިގެން އެއަށް ރައްދު ދީ، ރައީސް ޔާމީން ވިދާޅުވީ މައްސަލައިން ދިފާއުވާން ބޭނުންފުޅުވާ ކަމަށާއި، އެ މަސައްކަތް ކުރެވެން އޮތީ ލިޔުންތައް ލިބިގެން ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީގެ ދަށުން އެމަނިކުފާނަށް ލިބިގެންވާ ހައްގެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ނިމިދިޔަ އެތައް ޝަރީއަތެއްގައި ވެސް އެމަނިކުފާނުގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށެވެ.

ލިޔުންތައް ނެތް ނަމަވެސް، ދައުވާ ކުރިޔަށް ގެންދެވޭނެކަމަށް ގާޒީ ޝަކީލް ނިންމެވުމުން ދައުލަތުން ވަނީ ރައީސް ޔާމީނގެ މައްޗަށް ކުރާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އިއްވާފައެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ ރައީސް ޔާމީންގެ މައްޗަށް އަންނާނީ ތިން އަހަރުގެ ހުކުމެކެވެ.

ދައުވާ އިއްވުމަށްފަހު ދައުލަތުން އެދުނީ ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި ނެންގެވި އެއް މިލިއަން ޑޮލަރާއި، އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި އާމްދަނީ އާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމަށެވެ.

ތަކުރާރުކޮށް ލިޔުމުގެ ވާހަކަ ދައްކަވާތީ، އެންމެފަހުން ގާޒީ ވެސް ވަނީ އެވާހަކަ ތަކުރާރު ނުކުރަން އަންގަވާފައެވެ. ގާޒީ އެގޮތަށް އެންގެގުމުން ރައީސް ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒް ވަނީ ހިތްހަމަނުޖެހި ވަޑައިގެން ވާހަކަ ދައްކަވާފައެވެ. އަދި ވިދާޅުވީ ޝަރީއަތުން ލިޔުންތައް ފޯރުކޮށްދިނުމާއި މެދު ގޮތެއް ނިންމާފައިވާނަމަ، އެކަން ލިޔުމުން ބަޔާންކޮށް ބޭނުން ވާ ކަމަށެވެ. އެއީ އެ ނިންމުން އިސްތިއުނާފު ކުރުމަށް ކަމަށް ޝިޔާޒް ވިދާޅުވިއެވެ.

ޝިޔާޒް ވިދާޅުވީ، އެފަދަ ނިންމުމެއް އޮތްކަމް ލިޔުމުން ވަކީލުންނަށް ނުދޭނަމަ ދެން ޝަރީއަތުގައި އިތުރަށް ވާހަކަ ނުދައްކަވާނެ ކަމަށް ވިދާޅުވެފައެވެ. އެއަށް ރައްދު ދެއްވައި ގާޒީ ވިދާޅުވީ، ޝަރީއަތުން އަންގަވާ އެންގުންތަކަށް ތަބާވުމަށެވެ. އަދި ޖަވާބުދާރީ ވާންޖެހޭ ކަންކަމަށް ވާހަކަ ދެއްކެވުމަށް އެންގެވިއެވެ.

ވަރަށް ގަދަ
57%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: