ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުން ބޮޑެތި ގޯސްތަކެއް ހެދި، 149 ކިލޯ ޑްރަގްސް މައްސަލަ އިސްތިއުނާފު ނުކުރާނެ!

ހުޅުވާރުލުން އަތުލައިގަތް މަސްތުވާތަކެތި/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ހުޅުވާރުލުން 149 ކިލޯގެ މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ފެނުނު މައްސަލާގައި ދައުވާ ކުރި މީހުންގެ މައްސަލަ ބޭރުކޮށްލަން ގައްދޫ ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިިފިއެވެ.

ހުޅުވާރުލަށް މަސްތުވާތަކެތި ގެނެސް، ރަށަށް ބާލުވައި އެ ވަޅުލިކަމަށް ތުހުމަތު ކުރާ މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ. ފަޅު ރަށާއި ހަމައަށް އެ މީހުން މަސްތުވާތަކެތި ގެންގޮސްފައިވަނީ، ލޯންޗެއްގައެވެ. އެއަށްފަހު ރަށަށް އެރީ ޑިންގީއެގައެވެ. ނަމަވެސް މައްސަލައިގައި އެ މީހުން ހައްޔަރު ކުރިއިރު ޑިންގީންނާއި، ލޯންޗުން ވެސް މަސްތުވަތަކެތީގެ އަސަރެއް ފެނިފައި ނުވެއެވެ. ރަށުގައި ވަޅުލާފައި ހުރި މަސްތުވަތަކެތި ހޯދާފައިވަނީ ތަހުގީގަށް އެ މީހުން ދިން މައުލޫމާތުތަކުގެ މައްޗަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން މައްސަލަ ބޭރުކޮށްލީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މައްސަލައެއް ހުށަހަޅަން ޖެހޭނީ ކުށުގެ އަމަލު ހިނގި ސަރަހައްދުގެ ކޯޓަށް ކަމަށް ފާހަގަކޮށް އިބްތިދާއި މަރުހަލާގެ ތެރޭގައެވެ. ފުލުހުން މައްސަލަ އޭގެ ފަހުން ގައްދޫ ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން މިދިޔަ ހަފްތާގެ ތެރޭގައި މައްސަލަ ބޭރު ކުރީއެވެ.

ގައްދޫ ކޯޓުން މައްސަލަ ބޭރުކޮށް ބުނެފައިވަނީ، މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ދައުވާ ކުރުމަށް ގާނޫނުގައި ބަޔާން ކުރާ މުއްދަތު ހަމަވީ ފަހުން ކަމަށެވެ. މި މައްސަލައިގައި ފުލުހުން ކޯޓު އަމުރެއް ނެތި ދެ ގެއަކަށް ވަދެ އެ ގެ ބަލާ ފާސްކުރުމަށްފަހު، އެ ގެއިން ބަޔަކު ހައްޔަރު ކުރިއެވެ. ހުކުމުގައި ބުނެފައިވަނީ ފުލުހުން ހެކި ހޯދާފައިވަނީ، ގާނޫނާއި ހިލާފަށް ކަމަށެވެ.

މައްސަލަ ގައްދޫ ކޯޓަށް ހުށަހަޅާފައިވަނީ، ދައުވާ ކުރުމުގެ މުއްދަތު ހަމަވުމުގެ އެއް ދުވަސް ފަހުންނެވެ.

ގދ. ހުޅުވާރުލު އިން ފުލުހުން ހޯދި މަސްތުވާތަކެތީގެ އަގު 260 މިލިއަން ރުފިޔާއަށް އަރައެވެ. އެ މީހުންގެ މައްޗަށް އުފުލި ދައުވާގައި ބުނެފައިވަނީ މަސްތުވަތަކެތި ހޯދާފައިވަނީ، ހައްޔަރު ކުރި މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން ކަމަށެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށްފައިވާކަމުގެ މައުލޫމާތު އިންޓެލިޖެންސްއަށް ލިބުމުން، އޭގެ ތެރެއިން ބައެއް މީހުން ފުލުހުން ހޯދިއެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ދެއްކި ވާހަކަތަށް އެންމެ ފުރަތަމަ ބަލާ ފާސްކުރީ ގދ. ބަކައްތާ ކިޔާ ފަޅު ރަށެކެވެ. ނަމަވެސް އެ ރަށުން މަސްތުވާތަކެތި ނުފެނުމުން އަނެއްކާވެސް އިތުރަށް ސުވާލުކޮށް ލިބުނު މައުލޫމާތާއި އެކު ހުޅުވާރުލު ބަލާ ފާސް ކުރީއެވެ.

ކޯޓު އަމުރަކާއި ނުލާ ފުލުހުން ހައްޔަރު ކުރި ދެ މީހުންނަކީ، މަސްތުވާތަކެތި ހުރިތަން ފުލުހުންނަށް ކިޔައިދިން މީހުންކަމަށް ދައުވާ ފޯމުގައި ވެއެވެ. އެ މައްސަލައިގައި ފުލުހުން ބުނީ، އެ ގެއަށް ވަދެފައިވަނީ ގޭގެ ވެރިމީހާގެ ހުއްދަ ހޯދައިގެން ކަމަށެވެ. އެހެން ނަމަވެސް ފުލުހުންގެ ވާހަކަ ސާބިތުކުރެވޭނެ ހެއްކެއް ނެތެވެ.

މަސްތުވާތަކެތި ހޯދުމުގެ އޮޕަރޭޝަން ކުރިޔަށް ގެންދިޔައީ އެ ދެ މީހުން ގޮވައިގެންނެވެ. ނަމަވެސް އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ އެއް ދުވަސްވީއިރު ވެސް ބަންދުގެ މުއްދަތެއް ޖަހާފައި ނުވެއެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރާ މީހެއް، މަދުވެގެން 24 ގަޑިއިރުގެ ތެރޭގައި ބަންދާއި މެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަން ޖެހޭނެއެވެ. އަދި ހައްޔަރު ކުރަން ޖެހޭ އުސޫލުން ނޫން، އެހެން ގޮތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހެއްނަމަ އެ މީހެއް ބެހެއްޓޭނީ 04 ގަޑިއިރަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: