ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހުމާލުތައް ގިނަ، ލިބެންޖެހޭކަމަށް ބުނާ 2.2 ބިލިއަންގެ ސައްހަކަން ކަށަވަރެއް ނުވި!

އައިޖީއެމްއެޗް ހޮސްޕިޓަލް އިމާރާތް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ދިވެހި ދައުލަތުގެ މާލިއްޔަތު ގާނޫނާއި ހިލާފު އެތައް އަމަލެއް ހިންގާ، ފައިސާ އާއި ގުޅުން ހުރި ލިޔެކިއުންތައް ބަލަހައްޓާފައިނުވާކަން އެ ހޮސްޕިޓަލްގެ 2018 ވަނަ އަހަރުގެ އޮޑިޓުން ދައްކައިފިއެވެ.

ދައުލަތުގެ މާލިއްޔަތު ގަވައިދުގެ 10.68 ވަނަ މާއްދާގެ، (ހ) ގައި ބުނެފައިވާ ގޮތުން، ކުރުވާ މަސައްކަތާތްކާއި، ހޯދާ ހިދުމަތުގެ ބީލަންތަކުގެ އަގު 250،000 (ދެ ލައްކަ ފަންސާސް ހާސް) ރުފިޔާއިން މަތިނުވާނަމަ، ހުށަހަޅާ ކޮންމެ ބިލަކުން، ބިލުގެ ޖުމްލަ އަގުގެ 05 އިންސައްތަ ރިޓެންޝަން ފައިސާ ކަނޑަން ޖެހޭނެއެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ، އައިޖީއެމްއެޗްއިން މަސައްކަތް ކުރުވުމާއި، ތަކެތި ގަތުމުގައި އެ ގަވައިދަށް އަމަލުކޮށްފައި ނުވާ ކަމަށެވެ. އަދި ހޮސްޕިޓަލުގެ ރެސްޕިރޭޓަރީ މެޑިސިން ޑިޕާޓްމެންޓު ހެދުމާއި، އެތަނަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތް އެއްބަސްވުމުގައި ރިޓެންޝަން ފައިސާ ކަނޑާނެ ގޮތާއި ބަހައްޓާނެ މުއްދަތު ބަޔާންކޮށްފައި ނުވާ ކަމަށެވެ. އައިޖީއެމްއެޗުން ވަނީ، ހޮސްޕިޓަލުގެ އިމަޖެންސީ ޑިޕާޓްމެންޓު ހެދުމުގެ ޕްރޮޖެކްޓުގެ ތެރޭ ހިމެނޭ މަސައްކަތްތަކަށް ފައިސާ ކަނޑާނެ ގޮތާއި، ބަހައްޓާނެ ގޮތް ބަޔާންކޮށްފައި ނުވެއެވެ.

އެ ޕްރޮޖެކްޓަށް 51.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން ރިޓެންޝަން ފައިސާގެ ގޮތުގައި ބަހައްޓަންޖެހޭ 2.5 މިލިއަން ރުފިޔާ އުނިކޮށްފައި ނުވެއެވެ.

އޮޑިޓު ރިޕޯޓުން ދައްކާ ގޮތުން އައިޖީއެމްއެޗްއިން އެޑްވާންސްއަށް ފައިސާ ދިނުމުގައި ގަވައިދާއި ހިލާފަށް ފައިސާ ދައްކާފައި ވެއެވެ. އެގޮތުން ރެސްޕިރޭޓަރީ ޑިޕާޓްމެންޓާއި، އިމަޖެންސީ ޑިޕާޓްމެންޓާއި ގުޅުން ހުރި މަސައްކަތްތަކަށް މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ އިންސައްތައަށް ވުރެ އިތުރަށް 13.1 މިލިއަން ރުފިޔާ ދައްކާފައި ވެއެވެ.

މާލިއްޔަތު ގަވައިދުގައި، ތަކެތި ގަތުމާއި، މަސައްކަތްތައް ކުރުވުމާއި ހިދުމަތްތައް ހޯދުމުގެ ޕްރޮޖެކްޓުތަކުގެ އަގު 35،000 ރުފިޔާއިން ފެށިގެން 2.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާނަމަ އާއްމުކޮށް އިއުލާކޮށް އަންދާޒީ ހިސާބުތައް ހޯދަން ޖެހޭނެއެވެ. އެހެން ނަމަވެސް އައިޖީއެމްއެޗުން ގަވައިދާއި ހިލާފަށް ތަކެތި ގަނެ، އިއުލާނު ނުކޮށް ބައިބަޔަށް ބަހާލައިގެން 2018 ގައި އެކި ފަހަރުމަތިން 217،278 (ދެ ލައްކަ ސަތާރަ ހާސް، ދުއިސައްތަ ހަތްދިހަ އަށެއް) ރުފިޔާ ހަރަދުކޮށްފައި ވެއެވެ.

މާލިއްޔަތު ގަވައިދާއި އެއްގޮތަށް ދައުލަތުގެ އޮފީސްތަކަށް ލިބެންޖެހޭ ފައިސާ އާއި، ހަރަދަށް ނަގާ ފައިސާގެ ތެރެއިން ހަވާލު ނުކުރެވި ހުންނަ ފައިސާ އާއި އެއްތަނުން އަނެއްތަނަށް ގެންގޮސް ގެނެސް ހަދާ ފައިސާ ބަހައްޓަންވާނީ ތިޖޫރީއެއްގައެވެ. ނަމަވެސް، އައިޖީއެމްއެޗްއިން ތިޖޫރީގައި ހުރި ފައިސާ އަދާހަމަކޮށްފައި ނުވެއެވެ. އަދި ތިޖޫރީއިން ނަގާ ފައިސާގެ އަދަދުތައް ރެކޯޑުކޮށް ތިޖޫރީގައި ދެން ބާކީ ހުރި ބައި، ޝީޓުގައި ލިޔެފައި ނުވާކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.

ލިބެންޖެހޭ ފައިސާ އާއި، އަދި ދައްކާފައިވާ ފައިސާތަކުގެ ތަފްސީލުތައް އައިޖީއެމްއެޗްއިން ބަލަހައްޓާފައި ނެތެވެ. އަދި ނުލިބިވާ ފައިސާގެ ހިސާބު ބެލެހެއްޓުމުގެ ނިޒާމެއް ނެތުމުގެ ސަބަބުން، އައިޖީއެމްއެޗަށް ލިބެންޖެހޭ ކަމަށް ބުނެފައިވަނީ 2.2 ބިލިއަން ރުފިޔާއަކީ އެއީ ސައްހަ އަދަދެއްކަން އޮޑިޓު އޮފީހަށް ކަށަވަރު ކުރެވިފައި ނުވެއެވެ.

އައިޖީއެމްއެޗްއިން ތަނުގެ ހަރުމުދަލުގައި، ކޯޑު ޖަހާފައި ނުވެއެވެ. އޭގެ ތެރޭގައި މެޑިސިން ޑިޕާޓްމެންޓަށް 25 މިލިއަން ރުފިޔާ ހޭދަކޮށް ގަނެފައިވާ އިކުއިޕްމެންޓުތަކާއި، އިމަޖެންސީ ޑިޕާޓްމެންޓަށް 6.7 މިލިއަން ރުފިޔާ ހޭދަކޮށްގެން ގެނެފައިވާ، އިކުއިޕްމެންޓުގެ މައުލޫމާތު ރެޖިސްޓްރީގައި ނެތެވެ.

މުދަލުގެ ތަފްސީލުތައް ނެތުމުގެ ސަބަބުން ތަނުގެ ހަރުމުދަލުގެ އަގު 559.8 މިލިއަން ރުފިޔާއަށް އަރާކަމަށް ބުނެފައި އޮތަސް، އެއީ ސައްހަ އަދަދެއް ނޫން ކަމަށް އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: