ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗް އޮޑިޓް 2018: ސްޓޮކް ހިސާބުތައް ބެލެހެއްޓީ ގަވައިދާ ޚިލާފަށް!

ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ސްޓޮކްގެ ހިސާބު ބެލެހެއްޓުމާއި ތަކެތި އޯޑަރުކޮށްފައިވާގޮތަށް ހަމައަށް ހުރިތޯ ނުބަލައި ތަކެއްޗާއި ހަވާލުވާ ފައިސާ ދައްކާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވި، އައިޖީއެމްއެޗްގެ 2018 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އެ އޮފީހެއްގައި ބޭނުންކުރުމަށް، ނުވަތަ ޚިދުމަތް ދިނުމުގައި ބޭނުންކުރުމަށް ހޯދާފައި ބަހައްޓާ ތަކެތި ސްޓޮކަށް ވައްދައި، ސްޓޮކް ބާކީކޮށް ބަލަހައްޓަންވާނެ ކަމަށާއި، މިގޮތަށް ސްޓޮކްކުރެވޭ ތަކެތީގެ ކޮންމެ އައިޓަމެއްގެ ބާކީ ވަކިން އެނގޭނޭ ގޮތަށް ސްޓޮކް ބާކީގެ ހިސާބު ބަލަހައްޓަން ވާނެކަމަށް މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާއިރު، އައިޖީއެމްއެޗް އިން އަމަލުކޮށްފައިވަނީ ގަވައިދާ ޚިލާފަށެވެ.

އޮޑިޓް ރިޕޯޓުގައިވަނީ، އައި.ޖީ.އެމް.އެޗްގެ ސްޓޮކް ގުނިއިރު، ގިނަ އައިޓަމް ތަކުގެ ބާކީ ބިންކާޑުގައިވާ ޢަދަދާއި ތަނުގައި ހުރި ޢަދަދާއި ދިމާނުވާ ކަމަށެވެ. ސްޓޮކަށް ގަނެވިފައި ހުންނަ ތަކެތި ހުންނަންވާނީ ވަކި މުވައްޒަފަކު ލިޔުމުން ހަވާލުކުރެވި، އަދި ސްޓޮކްގައި ހުންނަ އަގުބޮޑު ތަކެތި ސްޓޮކުން ދޫކުރެވޭނީ އެ އޮފީހެއްގެ ކަމާބެހޭ ވެރިއަކު ހުއްދަ ދީގެން ކަމަށް މާލިއްޔަތު ގަވައިދުގައި ބުނެފައި އޮތްނަމަވެސް، ސްޓޮކްގައި ހުންނަ ތަކެތި ބެހެއްޓުމުގައި އައި.ޖީ.އެމް.އެޗް އިން މިގަވާއިދާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާ ކަމަށެވެ.

އެގޮތުން އައި.ޖީ.އެމް.އެޗްގެ އެއްވަނަ ފަންގިފިލާގައި ހުންނަ މުދާ ބަހައްޓާފައި ހުރި ގުދަނަށް އެކި ފަރާތްތަކަށް ވަނުމުގެ ހުއްދަ އޮންނަކަން ފާހަގަކުރެވިފައިވާ ކަމަށާއި އެހެންކަމުން، ގުދަނުގައި ހުރި މުދަލެއް ގެއްލުނުކަމުގައި ވިޔަސް، މުދަލުގެ ޒިންމާ ނަގާނެ ވަކި ޚާއްޞަ ފަރާތެއް ނެތްކަން ފާހަގަކުރެވުނު ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

ލިބެންޖެހޭ އާމްދަނީ އާއި އެނޫން ގޮތްގޮތުން ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިހުރި ފައިސާގެ ތަފްޞީލު ހިމަނަންވާނެ ކަމަށް މާލިއްޔަތުގެ ގަވައިދުގައި ބުނެފައިވާއިރު އައި.ޖީ.އެމް.އެޗް އަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ ފައިސާގެ ތަފްޞީލުތައް އައި.ޖީ.އެމް.އެޗްގެ ހިސާބު ބެލެހެއްޓުމުގެ ނިޒާމުގެ ތެރެއިން ބެލޭނެގޮތަށް ނިޒާމް ފަރުމާކުރެވިފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ. އެހެންވެ ނަތިޖާއެއްގެ ގޮތުން 31 ޑިސެންބަރު 2018 ގެ ނިޔަލަށް އައި.ޖީ.އެމް.އެޗް އަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ ފައިސާގެ ތަފްޞީލު ރިޕޯޓް ހިސާބު ބެލެހެއްޓުމުގެ ނިޒާމުގެ ތެރެއިން ނެގޭ ގޮތް ވަނީ ނުވެފަ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ކޮންސޮލިޑޭޓެޑް މާލީ ބަޔާނުގައި ހިމެނޭ މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ ބަޔާނުގައި 31 ޑިސެންބަރު 2018 ގެ ނިޔަލަށް އައި.ޖީ.އެމް.އެޗަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި ބަޔާންކޮށްފައިވާ
2.2 ބިލިއަނަށްވުރެ ގިނަ ރުފިޔާ އަކީ ސައްޙަ އަދަދެއްކަން ކަށަވަރު ކުރެވިފައިނުވާ ކަމަށެވެ.

މީގެ އިތުރުން ތަކެތިގަތުމަށް އޯޑަރުކުރި ފޯމުގައިވާ ތަކެތި ހަމައަށް ހުރިތޯ ބަލައި، އެއްވެސް އުނިއިތުރެއްވާނަމަ، އެކަން އެނގޭނޭގޮތަށް ނޯޓުކޮށް، ފެންވަރުދެރަ، ކަމުނުދާ ތަކެތި ނުވަތަ ހަލާކުވެފައިވާ ތަކެތި ނުވަތަ މުއްދަތު ހަމަވެފައިވާ ތަކެތި ނުވަތަ މުއްދަތު ހަމަވާން ކައިރިވެފައިވާ ތަކެތި ހުރިނަމަ އެކަންވެސް އެނގޭނޭގޮތަށް، ތަކެތި ގަތުމަށް އޯޑަރުކުރި ފޯމުގައި ލިޔެ ސޮއިކުރަންވާނެ ކަމަށް ބަޔާންކޮށްފައިވިޔަސް ތަކެތި އޯޑަރުކޮށްފައިވާގޮތަށް ހަމައަށް ހުރިތޯ ނުބަލައި ތަކެއްޗާއި ހަވާލުވާ ފައިސާ ދައްކާފައިވާކަން އޮޑިޓްގައިވަނީ ފާހަގަކޮށްފައެވެ.

އައިޖީއެމްއެޗްގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ކޮރަޕްޝަންގެ ގިނަ ކަންތަކެއް ފާހަގަކޮށްފައިވާއިރު، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ލެބޯޓްރީއަށް ބޭނުންވާ ބޭނުންވާ މެޝިނަރީސްތަކާއި، ކޮންސިއުމަބަލްސް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ވެފައިވާ އެއްބަސްވުންތަކާއި ޚިލާފުވެ، ހޮސްޕިޓަލުގެ އިސްވެރިން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތްކުރާ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށްވެސް ވަނީ ހުށަހަޅާފައެވެ.

އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ އައިޖީއެމްއެޗް އިން ކަންކަން ކުރަމުން ގެންދަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ޚިލާފަށްކަށް ކޮމިޝަނުގެ ތަޙުޤީޤަށް އެނގި ސާބިތުވި ނަމަވެސް އެކަން އިޞްލާޙު ކުރުމަށް އެންގުން ފިޔަވައި، އިތުރު ފިޔަވަޅުތަކެއް ނާޅައި، އެކަމަށް ކޮމިޝަނުން އިހުމާލުވުމުގެ ނަތީޖާއަކީ މިހާރުވެސް އެ ހޮސްޕިޓަލުގެ ބައެއް އިސްވެރިން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތްކުރަމުން ގެންދިއުން ކަމަށެވެ.

އައިޖީއެމް ހޮސްޕިޓަލުގެ ލެބޯޓްރީއަށް ބޭނުންވާ މެޝިނަރީސްތަކާއި، ކޮންސިއުމަބަލްސް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން އަމަލުކުރަމުންދަނީ އެއްބަސްވުމާއި އަދި އޭގެ ފަހުން ދެފަރާތް ދެމެދު ލިޔެކިޔުމުން ކުރެވިފައިވާ މުޢާމަލާތުތަކަށް އިޙްތިރާމް ކުރުމެއްނެތި، ވަކި ބަޔަކަށް ނާޖާއިޒް މަންފާތަކެއް ލިބިދެވޭނެ ގޮތުގެ މަތީން ދައުލަތުގެ މާލިއްޔަތުގެ ގަވާޢިދާއި، ޢާއްމު އުޞޫލުތަކާ ޚިލާފަށްކަމަށް އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: