ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ އަނިޔާވެރި ސަރުކާރެއް، އެކަން ބޭރު ދުނިޔެއަށް ދައްކާނީ ވޯޓުން: ރައީސް ޔާމީން

ވެރިކަމުގައި ހުންނެވިއިރު، ރައީސް ޔާމީން ރާއްޖޭގެ ރަށްތަކަށް ކުރެއްވި ދަތުރުތަކުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރު ދުވަހު ޖަލުގައި ބާއްވާ، ކިތަންމެ އަނިޔާއެއް ދިނަސް މި ސަރުކާރުގެ ކުރިމަތީ ކުޑަ ކަކޫ ޖެހުން އެއީ ނެތް ގޮތެއްކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމާއި ހަވާލާދީ، އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނާއި އިދިކޮޅުން ބޭއްވި ބައްދަލުވުމުގައި، އެމަނިކުފާނު ދެއްކެވި ވާހަކަތައް ހިއްސާކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ބޭނުފުޅުވަނީ ވޯޓުން މި ސަރުކާރު ބަލި ކުރުމަށް ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ކުރިޔަށް އޮތީ ލޯކަލް ކައުންސިލް އިންތިހާބު ކަމުން ބޭރު ދުނިޔޭގެ ގައުމުތަކަށް، ރައްޔިތުންގެ ތާއީދެއް މި ސަރުކާރަށް ނެތްކަން ހާމަވާން ޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަކީ އަނިޔާވެރި ވެރިއެއް ކަމަށާއި، ސަރުކާރުން ރައްޔިތުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް އެންމެން ވެސް ބަސް ބުނުމަށް ރައީސް ޔާމީން ގޮވާލިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން ދެކިވަޑައިގަންނަވާ ގޮތުން، ލޯކަލް ކައުންސިލް އިންތިހާބަކީ އެއީ ސަރުކާރަށް ނޫނެކޭ ބުނުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ. އަދި ދިވެހި ދައުލަތް ލޫޓުވާލާ، ގައުމަށް ހިޔާނާތްވަމުން ދާކަން މުޅި ދުނިޔެއަށް ހާމަ ކުރަންޖެހޭކަމަށް އެމަނިކުފާނު ދެކިވަޑައިގަންނަވާ ކަމަށެވެ.

ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕްގައި ހިމެނޭ އެކި ބޭފުޅުން ފުލުހަށް ހާޒިރު ކުރަމުންދާއިރު، އެކަމަށް އިޝާރާތްކޮށް އަބްދުއްރަހީމް ވިދާޅުވީ ފުލުހަށް ހާޒިރުކޮށް ދެތިން ސުވާލުކޮށް ބިރު ދެއްކުމަކުން ލީޑަރުން ނުސިހޭނެ ކަމަށެވެ. އަދި ކޮންގްރެސް ކޯލިޝަނަކީ އެއަށް ވުރެ ވަރުގަދަ އަޒުމަކާއި އެކު މަސައްކަތް ކުރާ ޕާޓީއެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

“ރައީސް ޔާމީން ވިދާޅުވަނީ، އެމަނިކުފާނަށް ތާއީދު ކުރައްވާ ރައްޔިތުންނަށް ދަންނަވައި ދޭށޭ މި ސަރުކާރު ބަލިކުރަން ޖެހޭނީ ވޯޓުންނޭ. ދިވެހި ރައްޔިތުންގެ ހިތުގައި ހުރި އުދާސްތައް ދައްކައި ދޭން ޖެހޭނީ ވޯޓް ފޮށިންނޭ. ދިވެހިންނަށް އަނިޔާވެރިވާ އަނިޔާވެރިވުމަށް ޖަވާބު ދެއްވަން ވާނީ ވޯޓް ފޮށިންނޭ. ދިވެހިރާއްޖޭގެ ތަރައްގީއަށް މިއައި ހީނަރުކަން ރައްޔިތުންނަށް އިހުސާސް ކުރެވޭކަން ދައްކުވައި ދޭން ޖެހޭނީ ވޯޓް ފޮށިންނޭ. ދިވެހި އިގްތިސޯދު ފުނޑާލައި ރައްޔިތުން ނިކަމެތި ކުރިކުރުމަށް ޖަވާބު ދޭން ޖެހޭނީ ވޯޓް ފޮށިންނޭ. ވަރަށް ރަނގަޅު ފުރުސަތެކޭ ރައްޔިތުންނަށް މި ލިބެން އަންނަނީ…. އުމުރަށް މިތާ ބޭއްވިޔަސް މި ސަރުކާރަކަށް ބޯ ނުލަނބާ ނަމޭ. މި ސަރުކާރު ކުރިމަތީގައި ކުޑަ ކަކުލެއް ނުޖައްސަވާނަމޭ، މާތްވެގެންވާ އިސްލާމްދީން ފިޔަވައި އެހެން ދީނެއް ގެންނާކަށް އެއްބަހެއް ނުވާނަމޭ.” ރައީސް ޔާމީނާ ހަވާލާދެއްވައި އަދުރޭ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، އިސްލާމް ދީނަށް ނިކަމެތިކަމެއް އަޔަ ނުދޭން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ގައުމު މިނިވަންކަންމަތީ ބޭއްވުމަށް، ގުރުބާން ވާން ތައްޔާރަށް ތިބުމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ އަނިޔާވެރިކަމަށް، ވަރިހަމަވެ، ރައްޔިތުން އަބަދު މަޑުން ނުތިބޭނެ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ނިމި، ހުކުމް ކުރުން އިއްޔެއަށް ތާވަލު ކުރިނަމަވެސް ހައިކޯޓުން ވަނީ މައްސަލަ އަންނަ ހަފްތާއަށް ފަސްކޮށްފައެވެ. އަބްދުއްރަހީމް ވަނީ އެކަމާއި މެދު ވެސް ސުވާލު އުފައްދާ، އަބްދުއްރަހީމް ވިދާޅުވީ ހުކުމް ކުރުމަށް ކުޑަތަން ވެފައިވަނިކޮށް މައްސަލަ އަންނަ ހަފްތާއަށް ތާވަލު ކުރީ ރައީސް ޔާމީންގެ މައްސަލައިގައި ދަށު ކޯޓުން އިއްވާފައިވާ ހުކުމާއި މެދު ހައިކޯޓުން ނިންމާނެ ގޮތެއް ސަރުކާރަށް ޔަގީން ނުވާތީ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުމަކީ އެމްޑީޕީގެ ސަގާފަތެއް ކަމަށެވެ. އަދި ކޯޓުތަކަށް ނުފޫޒު ފޯރުވާ ހުކުމްތައް އަންނަ ގޮތް ބަދަލު ކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ޑީލްއެއް ހައްދަވައިގެން، ޖަލުން ނިކުންނަން މަސައްކަތް ކުރާނެކަމަށް ނުވަތަ އެއްބަސްވެދާނެ ކަމަށް މި ސަރުކާރަށް ހީވިޔަސް އެއީ ކުށްހީއެއްގެ ގޮތުގައި އަބްދުއްރަހީމް ވަނީ ވިދާޅެފައެވެ. އަދި ވިދާޅުވީ އުމުރު ދުވަހަށް ޖަލުގައި އޮންނަވަން ޖެހުނަސް، އެފަދަ އެއްބަސްވުމަކަށް ރައީސް ޔާމީން ނުދާނެކަމަށެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: