ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރު މައްސަލަ އޮއްބާލިގޮތަށް، އަޑު މަޑުވެފައި!

ކުރީގެ ލްތް މިނިސްޓަރު އަބްދުﷲ އަމީން/ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އަމީނަށް ތުހުމަތުތަކެއް ވެސް ކުރެވުނު
ޝެއާރކޮށްލާ ކަހަލަދޯ؟

2020 ވަނަ އަހަރުގެ ތެރޭގައި އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ، ކޮވިޑު-19 ގެ ބަލިމަޑުކަމުން ސަލާމަތްވުމަށް ރާއްޖެއަށް ގެންނަން ނިންމި މެޑިކަލް ސާމާނުތަކާއި ގުޅޭގޮތުންނެވެ. ދުނިޔޭގެ އެތައް ގައުމަކުން ސިއްހީ އެތަށް ވަސީލަތްތަކަށް ސަލާން ޖަހަމުން ދިޔަ ދުވަސްވަރު، ރާއްޖެއިން ވެސް އެއާއި އެއްވަރަށް މަސައްކަތް ކުރިއެވެ. ކޮވިޑާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ފްރަންޓްލަައިނާސް ބޭނުން ކުރާނެ ޕީޕީއީތަކާއި، މާސްކުތައް އަދި އަދި އެ ނޫން ވެސް ވަސީލަތްތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަން އަހަރުގެ ކުރީކޮޅު ހެލްތް މިނިސްޓްރީއިން ހާމަކުރިއެވެ.

އޭގެ ފަހަތުން ނޫސްވެރިން އެދެމުން ދިޔައީ، އެ އެއްބަސްވުންތަކާއި ބެހޭ މައުލޫމާތުތައް ހިއްސާކުރުމަށާއި، އަދި ހޭދަކުރި އަދަދުތައް ދިނުމަށެވެ. ރާއްޖެއަށް ވެންޓިލޭޓަރު ގެންނަން މަސައްކަތް ކުރާކަން ހާމަކުރުމާއި އެކު، ކޮންމެ ރެއެއްގެ ވެސް ނޫސްވެރިންގެ ބައްދަލުވުމުގެ އެންމެ އާއްމު ސުވާލަކަށް ވީ އެ ވާހަކައެވެ. ވެންޓިލޭޓަރުތައް ކޮބައިތޯ އާއި، ވެންޓިލޭޓަރުތައް ރާއްޖެ ނުގެނެސް ލަސްވާ ސަބަބާއި ގުޅޭގޮތުންނެވެ.

އަހަރު ދުވަސް ވަންދެން ބޮޑު ބަންދެއްގައި ތިބުމަށްފަހު މަޑުމަޑުން ކޮވިޑުގެ ހާލަތު އާއްމު ހާލަތަކަށް ގޮސް، ކުރިޔަށް އޮތް ތިން މަހެއްގެ ތެރޭގައި ވެކްސިން ޖެހުމަށް ގައުމު އޮތީ ތައްޔާރުވާން ޖެހިފައެވެ. ހެލްތް މިނިސްޓްރީން އެކަމުގެ މަސައްކަތްތައް ކުރިޔަށް ގެންދާއިރު، ވެންޓިލޭޓަރުގެ މައްސަލައަށް ލިބުނު ހައްލެއް އަދި ނެތެވެ.

ހަތަރު ލައްކައެއްހާ އާބާދީއެއް އޮތް ގައުމެއް އަދި ވެސް މިއޮތީ، ދުބާއީގެ އެގްޒެކިއުޓާސް ކުންފުނީގެ ތެރޭގައި ތާށިވެފައެވެ. މިއަދާއި ހަމައަށް ރައްޔިތުންނަށް ވެންޓިލޭޓަރުގެ މައްސަލައިގައި ލިބުނު އަޕްޑޭޓެއް ނެތެވެ. ހެލްތް މިނިސްޓަރުގެ މަގާމުން އަބްދުﷲ އަމީން ދުރުކުރުމަކީ އެއީ، އަދި ހައްލެއްގެ ގޮތުގައި ދެކި ނިންމާލެވޭކަށް ނެތެވެ.

އެއްބަސްވުމާއި އެއްގޮތަށް އެގްޒެކިއުޓާސް އިން ރާއްޖެއަށް 75 ވެންޓިލޭޓަރު ގެންނަން ޖެހެއެވެ. މިއަދާއި ހަމައަށް ވެސް އެ ވެންޓިލޭޓަރުގެ ހިލަމެއް ނުވެއެވެ. މައްސަލައަކީ، ދިވެހި ދައުލަތުން ބޮޑެތި އަދަދުތަކުން ފައިސާ ހަރަދުކޮށް، ލިބުނު އެއްވެސް ފައިދާއެއް ނެތުމެވެ. ހިޔާނާތާއި، މަކަރާއި އޮޅުވާލުމުގެ ތެރެއިން ހިންގި އެ އަމަލަށް އިންސާފު ލިބެންޖެހެނީ، އެއީ ރައްޔިތުންގެ ޓެކްސް ފައިސާއަށް ވީމައެވެ.

ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން 75 ވެންޓިލޭޓަރު ގަތުމުގެ މަސައްކަތް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާއި ހަވާލުކުރުމަށް، ހެލްތް މިނިސްޓްރީގެ ބިޑު ކޮމިޓީން ނިންމީ އޭޕްރީލް މަހުގެ 01 ވަނަ ދުވަހުއެވެ. އެބަސްވުމުގެ ދަށުން ވަކި މުއްދަތެއްގެ ތެރޭގައި ވެންޓިލޭޓަރު ރާއްޖެ ފޮނުވަން ޖެހުނު ނަމަވެސް، ދެއްކި ބަހަނާއަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ބޯޑަރުތައް ބަންދުވެފައި އޮތުމެވެ. ބޯޑަރުތައް ބަންދުވެ އޮވެ، އެހެން ގައުމުތަކުން ރާއްޖެއަށް ފަރުވާއަށް ބޭނުންވާ ބޭހާއި، އެހެނިހެން މެޑިކަލް އިކުއިޕްމެންޓުތައް ގެނެވުނެވެ. އަދި އެހެން ގައުމުތަކަށް ހިލޭ އެހީގެ ދަށުން ވެންޓިލޭޓަރު ހަވާލު ކުރެވުނެވެ.

ރާއްޖެއިން ވެންޓިލޭޓަރުތަކަށް އެޑްވާންސްކޮށް ފައިސާ ދެއްކުމުން ވެސް، އެއްބަސްވުމުގައި ވާ ތާރީހަށް ވެންޓިލޭޓަރުތައް ނުގެނެވި އޭގެ އެތައް ދުވަސްތަކެއް ފަހުން 10 ވެންޓިލޭޓަރު ރާއްޖެއަށް ފޮނުވިއިރު، އެއީ ޝަރުތު ހަމަވާ ވެންޓިލޭޓަރެއް ނޫނެވެ. އޭގެ ސަބަބުން އެ އަނބުރާ ފޮނުވާލަން ޖެހި އެތައް މައްސަލަތަކެއް ކުރިމަތިވިއެވެ. ކުންފުޏަށް އެއްބަސްވުމުގެ 90 އިންސައްތައަށް ވާ 30 މިލިއަން ރުފިޔާ ދައްކާފައިވީ ނަމަވެސް ފަހުން ކުންފުނިން ޑިމާންޑު ކުރީ ފުލް ޕޭމަންޓަށެވެ. އަދި ފުލް ޕޭމަންޓު ނުދައްކަނީސް ރާއްޖެއަށް ވެންޓިލޭޓަރުތައް ނުފޮނުވާނެ ކަމަށް ބުންޏެވެ.

ހެލްތް މިނިސްޓްރީގެ މައްސަލަތައް އޮޑިޓުން ފެންމަތިވަނީ އޭގެ ފަހުންނެވެ. ހިޔާނާތުގެ މައްސަލަތައް ފަޅާއެރުމަށްފަހު، ހެލްތް މިނިސްޓްރީއިން އަނެއްކާވެސް އެހެން ފަރާތަކުން މެދުވެރިވެ، މަޝްވަރާތަކެއް ކުރިއެވެ. މަޝްވަރާތަކުގެ އެތައް ދުވަހެއް ފަހުން، ދުބާއީ ކުންފުނިން ފަސް ވެންޓިލޭޓަރު ފޮނުވިއެވެ. އެހެން ނަމަވެސް އެ ވެންޓިލޭޓަރުގައި ވެސް ބައެއް ތަކެތި މަދުވުމުން، ހެލްތް މިނިސްޓްރީން ވެންޓިލޭޓަރާއި ހަވާލެއް ނުވިއެވެ. މިނިސްޓްރީއިން ވަނީ، ތަކެތި އެއްކޮށް ހަމަވެގެން ނޫން ގޮތަކަށް، ވެންޓިލޭޓަރާއި ހަވާލު ނުވާނެކަމަށް ބުނެފައެވެ.

އެންމެ ފުރަތަމަ ރައްޖެއަށް ގެނައި ވެންޓިލޭޓަރުތަކުގެ ޝަރުތު ހަމަނުވާއިރު، އެއީ ޕޯޓަބަލް 10 ވެންޓިލޭޓަރެވެ. މިއާއި އެކު ޑެލިވާރ ކުރަންޖެހޭ ބެޓަރިތައް ދުބާއީގެ ކުންފުނިން ފޮނުވާފައި ނުވެއެވެ. އަދި ވެންޓިލޭޓަރުތަކުގެ އޮކްސިޖަންއެއް ނުހިފަހައްޓައެވެ. އެހެންވެ، އެ ޖެހުނީ އަނބުރާ އަލުން ފޮނުވާލަށެވެ. އެއަށްފަހު ފޮނުވި ފަސް ވެންޓިލޭޓަރު ވެސް ހަމަ އެހާލަތުގައެވެ. ހެލްތުން އަދިވެސް މިޖެހެނީ، އެގްޒެކިއުޓާސް ކުންފުނި ފަހަތުން ދުވެ، އާދޭސް ކުރާށެވެ.

މިހާހިސާބުން ދެން ބައެއް ފަރާތަކުން އުފައްދާނެ ސުވާލަކީ، ވެންޓިލޭޓަރުތަކެއްގެ ފަހަތުން ދުވަން ހަމަ އެހާ މުުހިންމުތޯ އެވެ. ނުވަތަ ރާއްޖެ އަދިވެސް އޮތީ ގިނަ ވެންޓިލޭޓަރުތަކެއް ބޭނުންވާ ހާލަތެއްގައިތޯ އެވެ. ރާއްޖޭގައި ކޮވިޑުގެ ކޭސްތައް ގިނަވެ، ހާލަތު ގޯސްވެދާނެކަމަށް ލަފާކުރި އަދަދާއި ގާތަށް ވެސް ބަލި ފެތުރިފައި ނުވެއެވެ. އަދި ވެންޓިލޭޓަރުގައި ފަރުވާދޭން ޖެހިދާނެކަމަށް އަންދާޒާ ކުރި އަދަދާއި ގާތަށް ވެސް، މާތްﷲ ގެ އިރާދަފުޅުން ފަރުވާދޭން ޖެހިފައި ނުވެއެވެ.

މީގައި އޮތީ ދެ ހާލަތެކެވެ. ފުރަތަމަ ހާލަތަކީ، ރާއްޖެއަށް ވެންޓިލޭޓަރު ބޭނުންވާ ވަރަށް ކޮވިޑުގެ ހާލަތު ގޯސް ނޫންކަމެވެ. ދެން އޮތީ، ދައުލަތުން ހޭދަ ކުރި ފައިސާގެ ވާހަކައެވެ. މި ބަލިމަޑުކަމުގެ ތެރޭގައި ދައުލަތުގެ ހަޒާނާއިން ލައްކަ ހަރަދެއް ކުރަންޖެހި، ގައުމުގެ އިގްތިސޯދު މިވަނީ އިނދަޖެހިފައެވެ.

ރާއްޖެއަށް ލިބިފައިނުވާ ވެންޓިލޭޓަރުތަކަށް 30 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިއީ ޗެރިޓީ ހަރަކާތެއް ނޫންކަމުން، ދައުލަކަށް އޭގެ ބަދަލު ލިބެން ޖެހެއެވެ.

މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްުޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން، އަމީން ވިދާޅުވީ އޮޑިޓް ރިޕޯޓުގައި ނާޖާއިޒް ފައިދާ ހޯދައިދިނުމާއި، އޮޅުވާލުންތަކެއް ވާކަމަށް ބުނެފައިވީ ނަމަވެސް އޭނާގެ އެފަދަ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ. އަދި ދައުލަތުގެ ފައިސާއިން ވައްކަން ކުރުމުގެ ނިޔަތުގައި އެއްވެސް އަމަލެއް ހިންގާފައި ނުވަނެ ކަމަށް އަމީން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޭރު ރާއްޖޭގައި އޮތް ސިއްހީ ނުރައްކަލުގެ ހާލަތަށް ބަލައި، މަސައްކަތް ކުރީ ދިވެހި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ކަމަށެވެ.

މީގެ ކުރިން ދުވަހަކު ވެސް އަޑުއިވިފައި ނުވާ، އެގްޒެކިއުޓާސް ކުންފުންޏާއި ހެލްތް މިނިސްޓްރީން މުއާމަލާތްތަކެއް ކުރީ އެއީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާގެ ލަފައެއްކަމަށް ބުނެއެވެ.

މާލިއްޔަތު ގަވާއިދުގެ 15.10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވަނީ، ބިޑްކޮމިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ޕްރޮކިއުމަންޓާބެހޭ ކަންތައްތައް، އެ މަރުހަލާގައި ކުރިޔަށް ގެންދެވިފައި ވަނީ، ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންތޯ، ހުއްދަދިނުމުގެ ކުރިން ކޮމިޓީން ބަލައި ޔަގީން ކުރަން ވާނެއެވެ.

އެގޮތުން ޕްރޮފެޝަނަލް އަދި ފަންނީ ފެންވަރު، މާލީ ވަސީލަތްތަކާއި ގާބިލުކަމާއި ހާލަތު، އިކުއިޕްމަންޓާއި އެހެނިހެން ވަސީލަތްތައް، މުވައްޒަފުންނާއި ހިންގުމުގެ ފެންވަރު، ކުރިން ކޮށްފައިވާ ގުޅުންހުރި އެހެން ޕްރޮޖެކްޓްތަކުގެ ރިކޯޑު، މިހާރު ކުރަމުންދާ މަސައްކަތްތަކާއި އެފަރާތެއްގައި ހުރި ގާބިލުކަމާއި ހުނަރު އަދި އެކަމަކަށް ބޭނުންވާ ވަސީލަތްތައް ހުރިނަމަ އެކަން، އަދި ޝަރުޢީ ކޯޓެއްގައި ހިނގަމުންދާ ނުވަތަ ހިނގާފައިވާ މައްސަލައެއް އޮތްނަމަ، އެކަމެއް ބެލުމަށް ބަޔާންކޮށްފައިވެއެވެ.

ހެލްތް މިނިސްޓްރީއިން، ދުބާއީގެ ކުންފުނިން މީގެ ކުރިން އެފަދަ މަސައްކަތެއް ކުރިތޯ ބަލާފައި ނެތެވެ. ކުޑަމިނުން ކުންފުނީގެ ސައްހަކަން ވެސް ކަށަވަރެއް ނުކުރެއެވެ.

ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ ހެލްތު މިނިސްޓްރީގެ އެކި މީހުންގެ މައްޗަށް ދައުވާކޮށްދޭން އެދި އޭސީސީއިން ފޮނުވިއެވެ. ކޮމިޝަނުން އެދުނީ އަމީނާއި އެކު އިތުރު 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ކަމަށްވާއިރު، އޭގެ ތެރޭގައި މިނިސްޓްރީގެ ބައެއް އިދާރީ މުވައްޒަފުންތައް ވެސް ހިމެނެއެވެ. އެހެން ނަމަވެސް ޕީޖީއިން ވަނީ އެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް ނިންމާ، މައްސަލައިގެ ރިޕޯޓު އަނބުރާ އޭސީސީއަށް ފޮނުވާފައެވެ.

މައްސަލައިގައި ބަޔާނެއް ނެރެ އޭސީސީއިން ބުނެފައިވަނީ އަމިއްލަ މަންފާއާއި، ނާޖާއިޒް ފައިދާ ހޯދަން އުޅުނުކަމުގެ ތުހުމަތުގެ ރިޕޯޓު ޕީޖީއަށް ފޮނުވާފައިވަނީ އެކަށީގެންވާ ހެއްކާއި އެކު ކަމަށެވެ. ޕީޖީގެ ނިންމުން އަލުން ރިވިއުކޮށް ދޭން އޭސީސީއިން ވަނީ އޮކްޓޯބަރު މަހުގެ 25 ގައި ހުށަހަޅާފައެވެ. ނަމަވެސް އޭގެ ފަހުން ލިބުނު އަޕްޑޭޓެއް ނެތެވެ.

ވެންޓިލޭޓަރު ހިޔާނާތާއި އެކު ދައުލަތަށް ބޮޑު ގެއްލުމެއް!

ދުބާއީގެ ކުންފުންޏާއި ހަވާލުކޮށްގެން ވެންޓިލޭޓަރުތައް ގެންނަން ބިޑް އެއްބަސްވުން ހަދާފައިވަނީ އެޑްވާންސް ގެރަންޓީއަކާއި ނުލާއެވެ. އަދި ވެންޓިލޭޓަރުގެ 90 އިންސައްތަ ޕޭމަންޓު ގާއިމް ކުރުމަށް ފަހު، އެ ފައިސާ ޖަމާ ކުރުމަށް މަސައްކަތް ކުރީ އަމިއްލަ މީހެއްގެ ބޭންކް އެކައުންޓަކަށެވެ. އެއީ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާއެވެ. ނުވަތަ 2 މިލިއަން ޑޮލަރެވެ. ވެންޓިލޭޓަރުތައް ގެނައުމަށް ތިން ކުންފުންޏަކާއި ހަވާލު ކުރިއެވެ. ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއި ހަވާލު ކުރީ 75 ވެންޓިލޭޓަރު ގެނައުމަށެވެ. މި ވެންޓިލޭޓަރުތަކަށް އެޑްވާންސް ގެރަންޓީއަކާއި ނުލާ ދެ ފަހަރެއްގެ މަތީން ފައިސާ ދެއްކިއެވެ.

އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ނުހޯދައި، ޕްރޮޖެޓްގެ ޖުމްލަ އަގުގެ ބޮޑު އަދަދެއް އެޑްވާންސްގެ ގޮތުގައި ދީފައިވުމުގެ ސަބަބުން، އެގްޒެކިއުޓާސްގެ ފަރާތުން މަސައްކަތް ފުރިހަމަ ނުކޮށްފިނަމަ، އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ހޯދުމަކީ ދަތިކަމަކަށް ވާނެކަމަށާއި ނަތީޖާއެއްގެ ގޮތުން، މާލީގޮތުން ބޮޑު ގެއްލުމަކަށް ދައުލަތް ހުށަހެޅިފައި އޮތްކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: