ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝީރީންގެ މަރަށް ދިހަ އަހަރު: ނަޖާހު ޖަލަށް ލާން ކުރި ހުކުމް ސުޕްރީމް ކޯޓަށް!

ޝީރީން މަރާލި މައްސަލައިގައި 12 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންދާ ނަޖާހު/ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު 12 އަހަރަށް ޖަލަށްލާން ކުރި ހުކުމް ނަޖާހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

މީގެ 10 އަހަރު ކުރިން، ޑިސެމްބަރު 2009 ގައި ޝީރީން ގެއްލިގެން ހޯދަމުން ދަނިކޮށް، އޭނާގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ މާފަންނުގައި ހުރި އިމާރާތެއްގެ ތެރޭގައި ކުނިވެފައި އޮއްވައެވެ.

ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރ ހުކުމް، ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ނަޖާހުގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރަށް ޖަލަށްލާން ހުކުމް ކުރިއެވެ. އަދި ނަޖާހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ މައްސަލައިގެ އަޑުއެހުމެއް މި ހަފްތާގެ ބުދަ ދުވަހަށް ތާވަލުކޮށްފައެވެ.

އެ މައްސަލައިގައި ޝީރީން އޭރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު، ލ. ކަލައިދޫ، އޯޝަންވިލާ މުހައްމަދު ނަޖާހު ފުލުހުން ހައްޔަރު ކުރިއެވެ. އަދި މައްސަލައިގައި ދެ މީހުންގެ އާއިލާއާއި ވެސް ސުވާލުކޮށް، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖު ބެލުމަށްފަހު ނަޖާހުގެ މައްޗަށް ޝީރީން މަރާލުމަށް ފަހު ފޮއްޓަކަށް ލައިިގެން ގޮސް ހަށިގަނޑު އެއްލާލި ކަމުގެ ތުހުމަތު ކުރި އެވެ.

މި މައްސަލައިގެ ޝަރީއަތް ހަ އަހަރު ދުވަހަށް ދިގުދެމިގެން ދިއުމަށްފަހު، ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ޝީރީން މަރާލިކަމަށް ނަޖާހުގެ މައްޗަށް އުފުލި ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ. ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ޝީރީން މަރުވި ސަބަބު ނޭނގޭ ކަމަށާއި އޭނާ މަރުވި ސަބަބު ދެނެގަނެވޭނީ ޕޯސްޓްމޯޓަމް ހަދައިގެން ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހެދުމަށް ލަފާދިން ކަމަށް ޝީރީންގެ ހަށިގަނޑު ބެލި، ޑޮކްޓަރުން ބުނެފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ވެއެވެ.

ޝީރީން ހަށިގަނޑު ބެލި ތިން ޑޮކްޓަރުން ވެސް ބުނެފައި ވަނީ، ޝީރީންގެ ހަށިގަނޑު ގެނައިއިރު އޮތީ، ވަރަށް ބޮޑަށް ކުނިވެފައި ކަމަށެވެ. އަދި އޭރު އޭނާގެ ކަންފަތުން ދިޔާ އެއްޗެހިތަކެއް ފައިބާފައި ހަށިގަނޑުގެ ބައެއް ތަންތަން ކަޅުވެފައި ހުރި ކަމަށެވެ. އެހެންވެ، އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން ހުރި ކަންކަމަށް ބަލައި މަރުގެ ސަބަބު ނުހޯދޭ ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. ޝީރީންގެ ޕޯސްޓްމޯޓަމް ހެދިކަން ދައުލަތުން ހުށަހެޅި ލިޔުންތަކުން އެނގެން ނެތް ކަމަށް ހުކުމްގައިވެ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމް، ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އަދި އެ މައްސަލައިގައި ހައިކޯޓުން ހުކުމް ކުރީ ނަޖާހުގެ މައްޗަށް، ގަސްތުގައި މީހަކު މެރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތު ނުވި ނަމަވެސް، ހުށަހަޅާފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބަލައި ނާޖުހެގެ މައްޗަށް “ގަސްދުމަރާއި ވައްތަރުގެ މަރު” ޝަރީއަތަށް ސާބިތުވާކަމަށެވެ. އެހެންވެ، ތައުޒީރީ އުގޫބާތެއްގެ ގޮތުން 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެވެ.

ޝީރީންގެ މަރުގެ މައްސަލައިގައި ދައުލަތުން ބުނެފައިވަނީ، ނަޖާހުގެ މައްޗަށް ގަސްތުގައި މީހަކު މެރި ކަމުގެ ދައުވާ ކުރީ މާފަންނު ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރިޔަމް ޝީރީނާއެކު އުޅުނު އުޅުމުގައި އޭނާ ޝީރީން މަރާލާފައިވާ މައްސަލައިގައި ކަމަށެވެ. ދައުލަތުން ބުނެފައި ވަނީ، ނަޖާހު ޝީރީން މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ފޮއްޓަކަށް ލައި، ޓެކްސީއެއްގައި ގެންގޮސް މާފަންނުގައި އިމާރާތްކުރަމުން ދިޔަ މ. އަންގާގިރީގައި ހުރި ކުނިތަކުގެ ތެރޭގައި އޭނާ ބޭއްވީ ކަމަށެވެ.

ފުލުހުން ނަޖާހާއި ދެކޮޅަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި، އޭނާ ޝީރީންއަށް އަނިޔާ ކުރާކަމަށް ބުނެ ބަޔަކު ދީފައިވާ ބަޔާންތަކާއި، އަންގާގިރި ކައިރިއަށް ފޮއްޓެއް ހިފައިގެން ނަޖާހު ދިޔަކަމަށް ބުނާ ޓެކްސީ ޑްރައިވަރަކާއި ނަޖާހާއި ޝީރީން އުޅުނު އެޕާޓްމެންޓުގައި އުޅުނު މިރުފަތު ހަނީފުގެ ބަސް ހިމެނެއެވެ. މުޅި އެ މައްސަލަ ބިނާވެފައި އޮތީ ފޮރެންސިކް ހެކިތަކުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓާއި ހައިކޯޓުގައި ކުރިޔަށް ގެންދިޔަ އަޑުއެހުންތަކުގައި ނަޖާހުގެ ފަރާތުން ވަނީ، ޝީރީންގެ މަރުގެ ސަބަބު ދައުލަތަށް ނުދެއްކޭކަމަށް ބުނެފައެވެ. އަދި އަދި އޭނާގެ ޕޯސްޓްމޯޓަމް ހަދާފައިނުވާކަމުގެ ނުކުތާ ނަގާފައި ވެއެވެ.

12 އަހަރަށް ޖަލަށް ލާން ކުރި ހުކުމް ނަޖާހުގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވާނީ ފަނޑިޔާރު ހުސްނުއް ސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: