ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝީރީންގެ މަރު: “ޓެކްސީއަކުން ހޯދި ރޮދިކޮޅު ގަރީނާއެއްގެ ގޮތުގައި ނުބެލެވޭނެ”

ޝީރީން މަރާލި މައްސަލައިގައި 12 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންދާ ނަޖާހު/ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މުހައްމަދު ނަޖާހުގެ މައްޗަށް ކުށް ސާބިތުކުރުމަށް ޓެކްސީއަކުން ފެނުނު ކަމަށް ބުނާ ފޮއްޓެއްގެ ރޮދިކޮޅު، އެއީ ޝީރީން މަރާލުމަށްފަހު ލީ ފޮށީގެ އެތިކޮޅެއްގެ ގޮތުގައި ނުބުނެވޭނެ ކަމަށް އޭނާގެ ވަކީލު ބުނެފިއެވެ.

މީގެ 10 އަހަރު ކުރިން، ޑިސެމްބަރު 2009 ގައި ޝީރީން ގެއްލިގެން ހޯދަމުން ދަނިކޮށް، އޭނާގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ މާފަންނުގައި ހުރި އިމާރާތެއްގެ ތެރޭގައި ކުނިވެފައި އޮއްވައެވެ.

އެ މައްސަލައިގައި ޝީރީން އޭރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު، ލ. ކަލައިދޫ، އޯޝަންވިލާ މުހައްމަދު ނަޖާހު ފުލުހުން ހައްޔަރު ކުރިއެވެ. އަދި މައްސަލައިގައި ދެ މީހުންގެ އާއިލާއާއި ވެސް ސުވާލުކޮށް، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖު ބެލުމަށްފަހު ނަޖާހުގެ މައްޗަށް ޝީރީން މަރާލުމަށް ފަހު ފޮއްޓަކަށް ލައިިގެން ގޮސް ހަށިގަނޑު އެއްލާލި ކަމުގެ ތުހުމަތު ކުރި އެވެ.

ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ނަޖާހުގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރަށް ޖަލަށްލާން ހުކުމް ކުރިއެވެ. އަދި ނަޖާހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ މައްސަލައިގެ އަޑުއެހުމެއް މިއަދު ކުރިޔަށް ގެންގޮސްފައެވެ.

މި މައްސަލައިގެ ޝަރީއަތް ހަ އަހަރު ދުވަހަށް ދިގުދެމިގެން ދިއުމަށްފަހު، ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ޝީރީން މަރާލިކަމަށް ނަޖާހުގެ މައްޗަށް އުފުލި ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ. ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ޝީރީން މަރުވި ސަބަބު ނޭނގޭ ކަމަށާއި އޭނާ މަރުވި ސަބަބު ދެނެގަނެވޭނީ ޕޯސްޓްމޯޓަމް ހަދައިގެން ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހެދުމަށް ލަފާދިން ކަމަށް ޝީރީންގެ ހަށިގަނޑު ބެލި، ޑޮކްޓަރުން ބުނެފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ވެއެވެ.

ޝީރީން ހަށިގަނޑު ބެލި ތިން ޑޮކްޓަރުން ވެސް ބުނެފައި ވަނީ، ޝީރީންގެ ހަށިގަނޑު ގެނައިއިރު އޮތީ، ވަރަށް ބޮޑަށް ކުނިވެފައި ކަމަށެވެ. އަދި އޭރު އޭނާގެ ކަންފަތުން ދިޔާ އެއްޗެހިތަކެއް ފައިބާފައި ހަށިގަނޑުގެ ބައެއް ތަންތަން ކަޅުވެފައި ހުރި ކަމަށެވެ. އެހެންވެ، އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން ހުރި ކަންކަމަށް ބަލައި މަރުގެ ސަބަބު ނުހޯދޭ ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. ޝީރީންގެ ޕޯސްޓްމޯޓަމް ހެދިކަން ދައުލަތުން ހުށަހެޅި ލިޔުންތަކުން އެނގެން ނެތް ކަމަށް ހުކުމްގައިވެ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމް، ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އަދި އެ މައްސަލައިގައި ހައިކޯޓުން ހުކުމް ކުރީ ނަޖާހުގެ މައްޗަށް، ގަސްތުގައި މީހަކު މެރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތު ނުވި ނަމަވެސް، ހުށަހަޅާފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބަލައި ނާޖުހެގެ މައްޗަށް “ގަސްދުމަރާއި ވައްތަރުގެ މަރު” ޝަރީއަތަށް ސާބިތުވާކަމަށެވެ. އެހެންވެ، ތައުޒީރީ އުގޫބާތެއްގެ ގޮތުން 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެވެ.

މައްސަލައިގައި ސުޕްރީމް ކޯޓުގައި ކުރިޔަށް ގެންދިޔަ ޝަރީއަތުގައި، ފަނޑިޔާރުން އެންމެ ފުރަތަމަ ސުވާލު ކުރީ ޑިސެމްބަރު މަހުގެ 31 ގައި ހިނގައިދިޔަ ކަންތަކާއި ގުޅޭގޮތުންނެވެ. ޖަވާބުގައި ނަޖާހު ބުނީ އެއީ އާ އަހަރުކަމަށް ވުމުން، އެރޭ 12 ޖަހާއިރު ޝީރީން ހުރީ ތަނަކަށް ދާން ނިންމައިގެން ކަމަށެވެ. ނަމަވެސް، ރޭގަނޑުގެ 10:30 ހާއިރު އޭނާއަށް ނިދުނުކަމަށާއި، ދަންވަރު 03:30 ހާއިރު ހޭލެވުނުއިރު ވެސް އޭނާ ގެއަށް ނާންނަ ކަމަށެވެ.

ނަޖާހު ބުނީ، އޭގެ ޖެހިގެން އައި ދުވަހު ވެސް، ޝީރީން ގެއަށް ނާންނަ ކަމަށާއި، ޝީރީން ނުފެނިގެން ފުލުހުންނަށް ރިޕޯޓު ކުރީ ވެސް އޭނާ ކަމަށެވެ. ނަޖާހު ބުނީ، ޝީރީން ގެއްލިގެން އުޅޭ ވާހަކަ، އާއިލާއަށް ވެސް އެންގި ކަމަށެވެ.

އެ ދުވަހު ފޮއްޓަކަށް އަޅައިގެން ގެންދިޔައީ، ނަޖާހު ބުނި ގޮތުން އޭނާގެ އަންނައުނެވެ. ދިރިއުޅެމުން ދިޔައީ، ޝީރީން ކުއްޔަށް ހިފާފައި ހުރި ގެއެއްގައި ކަމުން، އެ ގޭގެ ވެރިފަރާތް މިރުފަތު ހަނީފް ގެއިން ނިކުތުމަށް ބުނި ކަމަށް ނަޖާހު ކިޔައިދިނެވެ.

އެގޮތަށް އެނގުމުން، ޝީރީން ގޭގައި ގެންގުޅުނު ފޮއްޓަކަށް ހެދުން އަޅައިގެން ގެންގޮސް ބެހެއްޓީ އެލްސިއޯން ބޭކަރީ ބިއްދޮށުގައި ހުރި އޭނާ މަސައްކަތް ކުރަމުން ދިޔަ ތަނެއްގައި ކަމަށާއި، ހެދުން އަޅައިގެން ގެންދިޔައީ ޝީރީންގެ ފޮއްޓެއްގައި ކަމުން މިރުފަތު އަނެއްކާވެސް ގުޅާ އެ ފޮށި ގެނެސްދިނުމަށް ބުނި ކަމަށް ނަޖާހު ބުންޏެވެ. އެހެންވެ، ހެދުންތައް ފޮށިން ނަގާ، މިރުފަތުއާއި ހަވާލު ކުރިކަމަށް ބުންޏެވެ.

އެރޭ، ޝީރީން އާއި، ނަޖާހު އާއި ދެ މީހުން އާއިލާ ގާތު ތިބުމަށްފަހު ނިކުމެގެން ދިޔައީ ޝީރީންގެ ދަރިފުޅު އެގޭގައި ބެހެއްޓުމަށްފަހު އެވެ. އެކަމާއި ގުޅޭގޮތުން ފަނޑިޔާރު ސުވާލު ކުރުމުން ނަޖާހު ބުނީ، އެރޭ ޝީރީން ތަނަކަށް ދާން ބޭނުންވެފައި ހުރުމުން، ކުއްޖާ އެ ގޭގައި ބެހެއްޓުމަށްފަހު ނިކުތީ ޝީރީން ބޭނުންވެގެން ކަމަށެވެ.

ފަނޑިިޔާރު ސުއޫދު ދެން ސުވާލު ކުރީ، ނަޖާހު ޝީރީންގެ ދަރިފުޅު ” ރަނގަޅަށް ބަލައްޗޭ” އާއިލާ މީހުން ގާތު ބުނި ސަބަބާއި ގުޅޭގޮތުންނެވެ. އަދި ހަރަދު ދޭނެކަމަށް ބުނެފައިވާނެތޯ ސުވާލު ކުރިއެވެ. އެކަން ދޮގުކޮށް ނަޖާހު ބުނީ، އެފަދަ އެއްވެސް ވާހަކައެއް ޝީރީންގެ އާއިލާގެ ގާތު ދައްކާފައި ނުވާނެ ކަމަށެވެ.

ނާޖާހު ބުނީ، ކުއްޖާގެ އަންނައުނު ގެނެސްދޭން އެދުނީ، ޝީރީންގެ އާއިލާއިން ކަމަށެވެ. އަދި ބުނީ، ކުއްޖޭގެ އަންނައުނު ކޮޓަރިން ނެރެގެން ގެނެސްދިނީ މިރުފަތު ކަމަށާއި، އެ ތަކެތި ހިފައިގެން އެ ގެއަށް ދިޔަސް ގޭގެ އެތެރެއަށް ނުވަންނަ ކަމަށެވެ. އެހެން ކަމުން، އެ ގެއިން އެއްވެސް މީހަކާއި ވާހަކަ ދައްކާފައި ނުވާނެ ކަމަށް އޭނާ ބުންޏެވެ.

މައްސަލައިގައި ދައުލަތުން ދެއްކި ވާހަކަތަކުގެ ތެރޭގައި، އެެރޭ އެ ގެއިން ބިއްލޫރި އެއްޗެއް ތަޅައިގެން ދިޔަކަމަށް ބުނެފައި ވެއެވެ. އެ ދުވަހުގެ ފަތިހުގެ 04:30 ވެ ބޮޑުވީފަހުން، ގޭތެރެއިން އިވުނީ ކޮން އަޑެއްތޯ އާއި، އެ ގޭގެ އަނެއް ކޮޓަރީގައި އުޅެމުން ދާ މީހެއް ގާތު އެއީ ބިއްލޫރި ފެންފުޅިއެއްކަމަށް ބުނިތޯ ބެންޗުން ނަޖާހާއި ސުވާލު ކުރިއެވެ. އެއާއި އެކު ނަޖާހު ބުނީ، ހޭލެވިގެން އެހެން އޮވެ، ފެންބޮވައިގަތުމުން ގޭގެ ފްރިޖުން ފެންފުޅިއެއް ނަގައިގެން ކޮޓަރިއަށް ގެންދިޔަ ކަމަށެވެ. ނަމަވެސް، ފެންބޯން އުޅެނިކޮށް އަތުން ފުޅި ދޫވެ، ވެއްޓި ތަޅައިގެން ދިޔައީ ކަމަށެވެ.

ޝީރީންގެ މަރުގެ މައްސަލައިގެ ތަހުގީގަށް މިރުފަތު ބުނެފައިވަނީ، އެ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ޝީރީން އެހެން މީހަކާއި ރައްޓެހިވެގެން އުޅޭތޯ ނަޖާހު ސުވާލު ކުރި ކަމަށެވެ. އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ނަޖާހު ބުނީ، މިރުފަތު އާއި އެފަދަ ވާހަކައެއް ނުދައްކާ ކަމަށާއި، އެ ސުވާލުކޮށްފައި ނުވާނެ ކަމަށެވެ.

ނަޖާހުގެ ވަކީލެއްގެ ގޮތުގައި ހާޒިރުވި، އަހުމަދު ޒަނީން ވިދާޅުވީ ނަޖާހު މީހަކު މަރާލިކަން ސާބިތުނުވާކަމަށް ދަށު ކޯޓުން ހުކުމްކޮށްފައި ވަނިކޮށް، ހައިކޯޓުން އެ މައްސަލަ ނަޖާހުގެ މައްޗަށް ސާބިތުވާކަން ކަނޑައަޅާފައިވަނީ ދައުވާގެ ސީއާ ބަދަލުކޮށްގެން ކަމަށެވެ. އަދި އެ މައްސަލައިގައި ހައިކޯޓުން އެއްވެސް ވަރަކަށް ނަޖާހު އާއި ސުވާލެއް އަމާޒު ނުކުރާކަމަށާއި، މައްސަލައިގައި ގޮތެއް ކަނޑައެޅީ، ތިލްގާއީ ގޮތެއްގައި ކަމަށެވެ.

ޒަނީން ވިދާޅުވީ، ހައިކޯޓުން ނަޖާހުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅީ، ގަސްދު މަރާ ވައްތަރުގެ މަރުގެ އެއްވެސް ރުކުނެއް ސާބިތުނުވެ ކަމަށެވެ.

ނާޖަހު ގެންދިޔަކަމަށް ބުނާ ފޮށިން ނެގި ސާމްޕަލްތަކާއި، ޝީރީންގެ ޑީއެންއޭއާއި ދިމާވާކަމަށް ބުނާއިރު، އެގޮތަށް ދިމާވީ އެއީ ޝީރީންގެ ފޮއްޓަކަށް ވާތީކަމަށް ވަކީލު ވިދާޅުވިއެވެ. އަދި އެ މީހަކު ގެންގުޅޭ އެއްޗެއްގައި، އެ މީހެއްގެ ޑީއެންއޭ ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން، އެއީ ނަޖާހު ޝީރީން މަރާލުމަށްފަހު އެ ފޮއްޓަށް ލައިގެން ގެންދިއުމުގެ ހެއްކެއްގެ ގޮތުގައި ނުނިންމޭނެކަން ޒަނީން ފާހަގަ ކުރިއެވެ.

ތަފްސީލުކޮށް ވާހަކަ ދައްކަވަމުން، ނަޖާހުގެ ވަކީލު ވިދާޅުވީ މައްސަލައިގައި ފުލުހުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ޓެކްސީއަކުން ފެނުނުކަމަށް ބުނާ ރޮދިކޮޅެއް ހިމެނޭ ކަމަށެވެ. ނަމަވެސް، މާލޭގައި ޓެކްސީ ކުރާ މީހުން ކޮންމެ ދުވަހަކު، އެ މީހުންގެ ކާރުގެ ޑިކީގެ ތެރެއަަށް އެކި ވައްތަރުގެ ފޮށިތައް ލައިގެން ދަތުރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން، އެ ފޮއްޓާއި އެއްވަތަރު ރޮދިކޮޅެއް ޓެކްސީއެއްގެ ޑިކީއިން ފެނުމަކީ، އެއީ ޝީރީން އޭގެ ތެރެއަށް ލާފައިވާކަން ދަލީލުކޮށްދޭ ހެއްކެއް ނޫން ކަމަށް ވަކީލު ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ، ޝަރީއަތަށް ހެކި ބަސް ދިން ޑްރައިވަރު، އޭނާގެ ޓެކްސީއިން އޭގެ ފަހުން ތަތްމުޑުވަހެއް ދުވިކަމަށް ބުނި ކަމަށާއި، އެހެން ނަމަވެސް މަރުވެފައި އޮތް އިންސާނަކު ބާއްވާފައިވާތަނަކުން ދުވާނީ ތަތްމުޑުވަހެއް ނޫން ކަމަށެވެ.

ވަކީލުގެ ވާހަކައަށް ފަހު ޝަރީއަތުގައި ބެންޗުން ވަނީ، ޖަވާބުދާރީވުމުގެ ފުރުސަތެއް ދިނުމެއް ނެތި، އިސްތުނާފުގައި ދައުވާއެއްގެ ސިފަ ބަދަލު ކުރެވޭނެ ގާނޫނީ ހަމައެއް އޮތްތޯ ދައުލަތާއި ސުވާލުކޮށްފައެވެ. އަދި ދެން އޮންނަ އަޑުއެހުމަކަށް ގާނޫނަކާއި ހަވާލާދިނުމެއް ނެތި، މައްސަލަ ދަށު ކޯޓުގައި ދައުވާކުރި ސަބަބު ސާފުކޮށްދޭން ދައުލަތަށް އެންގެވިއެވެ. ފަނޑިޔާރުން އެދުނީ، ގާނޫނީ އަދި ޝަރުއީ މިންގަނޑަކުން އެކަން ކުރެވޭނެ ހަމައެއް އޮތްތޯ ސާފުކޮށްދިނުމަށެވެ.

ދައުލަތުން މައްސަލައިގައި އެދިފައިވަނީ، ހައިކޯޓުގެ ހުކުމް ދަމަހައްޓައި ދިނުމަށެވެ.

ޝީރީންގެ މަރުގެ މައްސަލައިގައި ދައުލަތުން ބުނެފައިވަނީ، ނަޖާހުގެ މައްޗަށް ގަސްތުގައި މީހަކު މެރި ކަމުގެ ދައުވާ ކުރީ މާފަންނު ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި ޝީރީނާއެކު އުޅުނު އުޅުމުގައި ޝީރީން މަރާލާފައިވާ މައްސަލައިގައި ކަމަށެވެ. ދައުލަތުން ބުނެފައި ވަނީ، ނަޖާހު ޝީރީން މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ފޮއްޓަކަށް ލައި، ޓެކްސީއެއްގައި ގެންގޮސް މާފަންނުގައި އިމާރާތްކުރަމުން ދިޔަ މ. އަންގާގިރީގައި ހުރި ކުނިތަކުގެ ތެރޭގައި އޭނާ ބޭއްވީ ކަމަށެވެ.

ފުލުހުން ނަޖާހާއި ދެކޮޅަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި، އޭނާ ޝީރީންއަށް އަނިޔާ ކުރާކަމަށް ބުނެ ބަޔަކު ދީފައިވާ ބަޔާންތަކާއި، އަންގާގިރި ކައިރިއަށް ފޮއްޓެއް ހިފައިގެން ނަޖާހު ދިޔަކަމަށް ބުނާ ޓެކްސީ ޑްރައިވަރަކާއި ނަޖާހާއި މިރުފަތުގެ ބަސް ހިމެނެއެވެ. މުޅި އެ މައްސަލަ ބިނާވެފައި އޮތީ ފޮރެންސިކް ހެކިތަކުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓާއި ހައިކޯޓުގައި ކުރިޔަށް ގެންދިޔަ އަޑުއެހުންތަކުގައި ނަޖާހުގެ ފަރާތުން ވަނީ، ޝީރީންގެ މަރުގެ ސަބަބު ދައުލަތަށް ނުދެއްކޭކަމަށް ބުނެފައެވެ. އަދި އަދި އޭނާގެ ޕޯސްޓްމޯޓަމް ހަދާފައިނުވާކަމުގެ ނުކުތާ ނަގާފައި ވެއެވެ.

12 އަހަރަށް ޖަލަށް ލާން ކުރި ހުކުމް ނަޖާހުގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފަނޑިޔާރު ހުސްނުއް ސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: