ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަދުރު ރުކަށް އެރި މީހާގެ ނަދުރު!

ޝެއާރކޮށްލާ ކަހަލަދޯ؟

މީހަކު ކަދުރު އިހަލެއް ކަނޑާލަން ކަދުރު ރުކަކަށް އަރައިފިއެވެ. ވަރަށް ފަސޭހައިން އެރުކަށް އެރިއްޖެއެވެ. އިހާ ކަނޑާލުމަށްފަހު، ފައިބައިގެން ތިރިބަލާލިއިރު، ކަމަކުދާކަށް ނެތެވެ. މިއޮވެވުނީ މާ މަތީގައެވެ. ބިންގަނޑު މިއޮތީ މާތިރީގައެވެ. ގަތްބިރެއް ބުނާންވެސް ނޭނގުނެވެ. އިރުކޮޅަކުން ތުރުތުރުއަޅާން ފަށައިފިއެވެ. އޮބި އޮންނަވަރެއްވެސް ނޫނެވެ. ކަންބޮޑުވި ވަރުން މީނާ އަވަހަށް ނަދުރެއް ބުނެފިއެވެ. ރުކަށް އެރި މީހާގެ ނަދުރޭ މިހެން ބުނެއުޅެނީ ކަމެއް ނުވެގެން ކަންބޮޑުވެގެން އުޅޭއިރު އެތައް ކަމެއް ކުރަން ބުނެފައި އެކަމެއް ވުމުން އަޅާނުލާ މީހުންނާ މެދުގައެވެ. މިހާރު ސިޔާސީ ގޮތުންވެސް މި ފެންނަނީ ހަމައެފަދަ ކަންކަމެވެ. ކަދުރު ރުކަކަށް އެރިމީހާގެ ނަދުރެކޭ ރިޔާސީ ވައުދެކޭ އެއްވެސް ތަފާތެއް ނެތެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ދުވަސްވަރު އެކިހަލަ ވައުދުތައްކޮށް، އެއްބަޔަކު ބޭނުންވީ ޖަޒީރާ ރާއްޖެއަކަށް ދިޔުމަށް ސަރުކާރު ބަދަލު ކުރުމަށެވެ. އަނެއްބަޔަކު ބޭނުންވީ ގިނަޕާޓިތައް އެކުލެވިގެން ޑިމޮކްރަސީއާއި އެއްގޮތަށް ވެރިކަން ކުރުމަށް، ކޯލިޝަނާއި ގުޅުމަށެވެ. ތަފާތު ހުށަހެޅުންތަކަކާއި އެކު ރަނގަޅު ހުށަހެޅުމެއް ހުށަހެޅީ އެމްޑީޕީ ކަމަށްވާތީވެ، އެހެންޕާޓީ ތަކުންވެސް އެމްޑީޕީއާއި އިއްތިހާދުވެ ރަގަނޅު ބަދަލަކަށް އެންމެން ވޯޓުދީ ވެރިކަން ބަދަލުކޮށްފިއެވެ. އެކަންކަން ދުވަހަކުވެސް ހަދުމަފުޅު ނައްތާނުލައްވާނެ ކަމަށް ވެރިކަމަށް އިންތިޚާބުވި ފަރާތުންވެސް ވިދާޅުވިއެވެ.

“ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވި ސަބަބު، އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުގެ ހަނދާނުން ފޮހެވިގެނެއް ނުދާނެ. ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވީ ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި، އެންމެން އެކުގައި މަސައްކަތް ކުރުމަށް. މިކަން އަބަދުވެސް އަޅުގަނޑު ހަނދާން ބަހައްޓާނަން”

ވާހަކަތައް ކިތަންމެހާވެސް ފަށުވިވެފައި ޗާލެވެ. ރައްޔިތުން ވޯޓުދެއްވީ އިންސާފުގެ މަގަށް މި ރާއްޖެ ގެންދަންކަމާއި އަމާން ވެށްޓެއް ޤާއިމުކުރުމަށްކަން ފާހަގަކުރެއްވިއެވެ. ވައުދުވީ ކޮރަޕްޝަނާއި ވައްކަން ނައްތާލުމަށެވެ. ނުލިބިވާ އެންމެ އަސާސީ ޚިދުމަތްތައް ކަމުގައިވާ ބޯހިޔާވަހިކަމާއި، ފެނާއި ނަރުދަމާގެ ނިޒާމު ހޯދައިދިނުމަށެވެ. މީގެތެރެއިން އެއްވެސް ވަޢުދަކީ، ހަނދާން ނައްތާލާނެ ވަޢުދެއް ނޫންކަން ކަމަށް ހަރު އަޑުފުޅުން ވިދާޅުވިއެވެ. ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި، އެމީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަން ރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި، ތަފާތެއް ނުކުރާނެ ކަމާއި  “އަޅުގަނޑުގެ ސަރުކާރުގައި ހަމަ އެއްވެސް ރައްޔިތަކު ބާކީވެގެނެއް ނުދާނެ” ކަމަށް ވިދާޅުވި އަޑު އަދިވެސް ކަންފަތަށް އިވޭ ކަހަލައެވެ.

ހުވަފެނީ އާލަމެއްގައި ދަތުރުކުރާ މީހަކަށްވެސް އިވޭފަދަ މަޑު މޮޅި ރާގެއްގައި، ދިވެހި ޤައުމު ވައްޓާލާފައިމިވާ އަނދިރި އަނދަވަޅުން ސަލާމަތްކޮށް، ކުރިއަށްދިޔުމަށްޓަކައި، ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ ޙައްޤުތައް އެފަރާތްތަކަށް ހޯދައިދޭންޖެހޭ ކަމަށް ވިދާޅުވިއެވެ. އަނިޔާގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމާއި ދިވެހި ދައުލަތުގެ ޚަޒާނާއިން ގެއްލިފައިވާ ފައިސާ އަނބުރާ ދިވެހީންނަށް ހޯދައިދިނުމުގެ ވައުދެވެ.  ގޮތްނޭނގޭ މަރުތަކާއި، ގެއްލުވާލާފައިވާ މީސްމީހުންގެ މައްސަލަތަކުގެ ޙަޤީޤަތް ހޯދައި، ރައްޔިތުންނަށް ހާމަކޮށްދިނުމަށްވެސް ވީ ވައުދު ހަނދާނުގައި އެބަހުއްޓެވެ. ޒުވާނުން ބާރުވެރިކުރުވަންވެސް ގިނަ ވައުދުތަކެއް ވިއެވެ. އެކަމަކު ފެންނަނީ ޒުވާނުން މަގުމަތިވާ ތަނެވެ.

“ރާއްޖޭގެ އާބާދީގެ 37 އިންސައްތައަކީ ޒުވާނުން. އެހެންކަމުން، ޒުވާނުންގެ ކުރިމަގު އުޖާލާކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން މި ސަރުކާރުން ކޮށްދޭނެ. ޒުވާނުންނަށް ރަނގަޅު ތަޢުލީމާއި، ވަޒީފާގެ ފުރުޞަތުތައް ހޯދައިދީ، މިންތީގެ ހަމަހަމަކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޤާއިމުކޮށްދޭނަން. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ ޚާއްޞަ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި މި ސަރުކާރު އިހުމާލެއް ނުވާނެ”

ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤްލާލް ރައްކާތެރިކޮށް، ރައްޔިތުންނަށް އަމާންކަމާއެކު ދިރިއުޅެވޭނެ ރައްކާތެރި މާޙައުލެއް ހޯދައިދިނުމަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ އެންމެ އިސް މަސްއޫލިއްޔަތަށްވާތީ ބައިނަލްއަޤްވާމީ މުޖުތަމަޢާ ވަކިވެ، އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެންނެވުމަށްޓަކައި ވަކި ބަޔަކަށް ގޮސް ހުސްވެ އެހެން ގައުމުތަކާއި ވަނީ މޫނު ކެނޑެންޖެހިފައެވެ. ގުޅިފައިވާ ބަދަހި އިއްތިހާދަކާއެކު، ވެގެންދާނީ، ހުރިހާ ދާއިރާއަކުން މި ރާއްޖެއަށް އިތުރު ކުރިއެރުމާއި ތަރައްޤީ ގެނެސްދޭނެ ސަރުކާރަކަށް ވިދާޅުވި ބަސްފުޅު މިވަނީ ރުކަށް އެރި މީހާގެ ނަދުރަށްވެފައެވެ.

ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ފަސް އަހަރުގެ ތެރޭގައި ހަރުދަނާ ފިޔަޅުތަކެއް އަޅުމަށް ފުރަތަމަ ބޭނުންވީ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތެވެ. އެކަން ވެއްޖެއެވެ. ޑިމޮކްރެޓިކް ވެރިކަމެއްގެ އެންމެ މުހިންމު އަސާސަކީ، އެއްވެސް ގިންތިއެއް، އެއްވެސް ފަންތިއެއް އެކަހެރިނުކޮށް، އެންމެހައި ރައްޔިތުންގެ އަޑުއަހައި، ދައުލަތުގެ ކަންކަން ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން ފުރިހަމައަށް އޮތުން ކަމަށްވާތީ އެކަން ފުރިހަމަ ކުރަންދެން މި ޖެހެނީ ކައުންސިލް އިންތިޚާބުގެ އަޣްލަބިއްތުވެސް ސަރުކާރަށް ދޭށެވެ. ރުކަށް އެރި މީހާގެ ނަދުރަށްވެސް ވީ ހަމަ އެކަހަލަ ގޮތެކެވެ. ރުކުން ފައިބަން ގަތް ބިރަކުން ނުބުނާކަށް ނަދުރެއް ނެތެވެ. ގެރިއެއް މަސް ބަހަން ބުނި ގިތެލަކުން، ބަކައްޓަކަށް ބަދަލުވިއެވެ. އަދި ބިންމައްޗަށް ފޭބުމާއެކު ތާކުން ކުކުޅުފަތެއް ހޯދާފައި ހިނިހޮރަކަށް ޖަހާލާފައި ބުންޏެވެ. އެތައް ހިންޏަކަށް އެއްފަހަރާ މިއޮތް ކާންދެވުނީއެވެ. ނަދުރުފުދި އިތުރުވީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: