ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިޔަރުގެ އާބާދީ އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ނުދައްކާ: ޒަހާ

މިޔަރުގެ ސަބަބުން މަސްވެރިންނަށް ބޮޑެތި ގެއްލަުންވަމުންދާކަން އަންނަނީ ފާހަގަކުރަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

މިޔަރުގެ އާބާދީ އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ނުދައްކާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިަކލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ޒަހާ ވިދާޅުވީ މިޔަރުގެ ސަބަބުން އުނދަގޫވަމުންދާކަމުގެ ޝަކުވާތައް މަސްވެރިންގެ ފަރާތުން މިނިސްޓްރީއަށް ހުށައެޅެމުންދާ ކަމަށެވެ. އެހެންނަމަވެސް، މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދެވޭނީ މިޔަރުގެ އާބާދީ އިތުރުވެއްޖެކަމަށް ތަފާސްހިސާބުތަކުން ދެއްކުމުން ކަމަށާއި މިހާތަނަށް އަދި އެކަން ކަށަވަރުވެފައިނުވާ ކަމަށެވެ.

ޒަހާ ވިދާޅުވީ، މިޔަރުގެ މަސްވެރިކަން މަނާކޮށްފައިވަނީވެސް ގުދުރަތީ އެކި ސަބަބުތަކަށްޓަކައި ކަމަށެވެ. މިޔަރަކީ ބައެއް ގައުމުތަކުން މުޅިން ނެތިގޮސްފައިވާ އެއްޗެއް ކަމަށާއި ގުދުރަތީ ވެށީގައި މިޔަރުވެސް މުހިންމު ދައުރެއް އަދާކުރަމުންދާ ކަމަށެވެ. އަދި މިޔަރުގެ ސަބަބުން މަސްވެރިންނަށްވެސް ފައިދާކުރާނެކަމަށް ވިދާޅުވިއެވެ. އެގޮތުން މިޔަރަކީ، މަސްވެރިންނަށް އައިން ހިފަހައްޓައިދޭ އެއްޗެއް ގޮތުގައި ޒަހާ ފާހަގަކުރެއްވިއެވެ.

މަސްވެރިންގެ ޝަކުވާތަކާއި ގުޅިގެން ބައެއް ދިރާސާތައް ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް، އެއިން އެއްވެސް ދިރާސާއަކުން މިޔަރުގެ އާބާދީ އިތުރުވެފައިވާކަމަށް ނުދައްކާ ކަމަށް ވިދާޅުވިއެވެ. އަދި މިޔަރުގެ މަސްވެރިކަމަށް ހުޅުވާލެވޭނީ މިޔަރުގެ އާބާދީ އިތުރުވެއްޖެކަން ޔަގީންވުމުންކަމަށް ވިދާޅުވިއެވެ. އެއްވެސް ދިރާސާއަކުން ނުވަތަ ވީޑީޔޯ ފުޓޭޖަކުން އެހެން ގައުމުތަކާއި އަޅާ ބަލާއިރު މިޔަރުގެ އާބާދީ އިތުރުވެއްޖެކަމަށް ނުދައްކާ ކަމަށާއި އިންސާނުންގެ ދިރިއުޅުމުގެ އާދަތަކަުގެ ސަބަބުން މިޔަރުގެ އާދަތަކަށްވެސް ބަދަލުތަކެއް އަންނާނެކަން ފާހަގަކުރެއްވިއެވެ.

އެގޮތުން، ބައެއް ރަށްތަކުން މޫދަށް ކުނި އުކާލާ ވަގުތުތަކުގައި މިޔަރުތައް އެދިމާލަށް ދާކަން ފާހަގަކުރެވިފައިވާ ކަމަށާއި ބައެއް ރިޒޯޓުތަކުން މިޔަރުތަކަށް ކާންދޭތީ، އެގަޑި ޖެހެންވާއިރަށް މިޔަރުތައް އެސަރަހައްދަށް ދިޔުމަށްވެސް އާދަވެފައިވާ ކަމަށެވެ. އެހެންކަމުން މިޔަރުތަކުގެ އާދަތަކަށްވެސް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

މިޔަރުގެ އާބާދީގެ ސަބަބުން މަސްވެރިކަމުގެ އިތުރަށް ފަތުރުވެރިކަމަށްވެސް ފައިދާކުރާ ކަމަށް ޒަހާ ވިދާޅުވިއެވެ. އެހެންކަމުން، މިޔަރުގެ އާބާދީ ދަމަހައްޓައިފިނަމަ، އިގްތިސާދީގޮތުން ރާއްޖެއަށް ފައިދާތަކެއް ކުރާނެކަމަށް ޒަހާ ވިދާޅުވިއެވެ.

މިޔަރުގެ ސަބަބުންވާ ގެއްލުންތައް މަސްވެރިން އަންނަނީ ފިޝަރީޒް މިނިސްޓްރީއާއި އެކި ގޮތްގޮތުން ހިއްސާކުރަމުންނެވެ. އޭގެ ތެރޭގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ މީހުންނާއި ފަރުމަހުގެ މަސްވެރިން ވަނީ އެކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. މިފަދަ ސަބަބުތަކާއި ހުރެ ފިޝަރީޒް މިނިސްޓްރީއިން ވަނީ އެކި ދިރާސާތައް ކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު މަސައްކަތްތައް ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ދޯނި ފަހަރަށް އަރައިގެން މިޔަރުގެ އުނދަގޫ އެންމެ ބޮޑަށް ދިމާވަނީ ކޮން ސަރަހައްދުތަކަކުންތޯ ބަލައި، ގެއްލުންދޭ ބާވަތުގެ މިޔަރުގެ ގޮތުގައި ފާހަގަކުރެވެނީ ކޮން މިޔަރެއްކަން ބަލާނެކަމަށްވެސް ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 52%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 19%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ރަށުގެ ގޮނޑުދޮށުންވިޔަސް، ފަޅުތެރެއިންވިޔަސް، ތިލަޔަކުންވިޔަސް، ފަރުކައިރިންވިޔަސް، ކަނޑުމަތިންވިޔަސް މަސްވެރިން ބާނާ މަހުގެ އެއްބައި މަސްވެރިޔާއަށް ލިބެނީ. ބާނާ މަހުގެ ބޮޑު ބައި ލިބެނީ ދިވެހި ދައުލަތުން ހިމާޔަތް ދީފައިވާ މިޔަރުތަކަށް. ދިވެހިރައްޔިތަކަށް ނުލިބޭ ހިމާޔާތް އެތަކެއްޗަށް ދޭ. ޒަހާ ފިނިކޮޓަރީގެ އިނދެގެން މިކަމެއް ނުވާނެ. ޒަހާގެ އޮފީސްކުދިން މުނިފޫހި ފިލުވުމަށް މަހަކު 1 ފަހަރު ދާ ދަތުރުތަކުގެ މައްޗަށް ތަފާސް ހިސާބު ޖެހީމާ ދިމައެއް ނުވާނެ. މަސްވެރިންގެ ގާތު އަހައި އިޅުންފިލުވުމުން އިނގޭނި މިޔަރުގެ ބަލބޮޑު ވެފައިވާ މިންވަރު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: