ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ އަހަރަކީ އެމްޓީސީސީގެ ތާރީހުގައި އެންމެ ފައިދާ ބޮޑު އަހަރު

އެމްޓީސީސީގެ މައި އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) ގެ 40 އަހަރުގެ ތެރޭގައި އެންމެ ފައިދާ ބޮޑު އަހަރުކަމަށް، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ 2020 ވަނަ އަހަރުގެ ހިސާބުތައް ހިއްސާކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އާޒިމް ވިދާޅުވީ ނިމިދިޔަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 203.11 މިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. އަދި މިއީ އަހަރުން އަހަރަށް ލިބުނު އާމްދަނީގެ ކުރިއެރުމަށް ބަލައިކަމުގައި ވަނީނަމަ، އެ ކުންފުންޏަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އަހަރުކަމަށާއި، އަހަރުގެ ތެރޭގައި ނިންމާލެވުނު ޕްރޮޖެކްޓަށް ބަަލާލިނަމަވެސް އެންމެ ކާމިޔާބު އަހަރުކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން އެމްޓީސީސީން 34 ޕްރޮޖެކްޓެއް ނިންމާލާފައިވާއިރު، އޭގެ ތެރޭގައި އެ އަހަރުގެ ތެރޭގައި ފެށި ޕްރޮޖެކްޓުތަކާއި އޭގެ ކުރީ އަހަރު ފެށި ޕްރޮޖެކްޓުތައް ހިމެނެއެވެ.

“2020 ވަނަ އަހަރަކީ އެމްޓީސީސީގެ 40 އަހަރުގެ ހަޔާތުގައި އެންމެ ބޮޑު ފައިދާއެއް ޑިކްލެއަރ ކުރި އަހަރު. އެގޮތުން އަޅުގަނޑުމެންނަށް ޑިކްލެއަރ ކުރެވިފައިވޭ 203.11 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި” އާޒިމް ވިދާޅުވިއެވެ.

އާޒިމް ފާހަގަކުރި ގޮތުގައި، ކޮވިޑުގެ ހާލަތުގައިވެސް އެ ކުންފުނިން ވަނީ އޮޕަރޭޝަންތަކަށް ބަދަލުގެނެސް ކުންފުންޏަށް ގެއްލުން ނުވާނެހެން ކުންފުނީގެ އޮޕަރޭޝަނަށް ބަދަލު ގެނެސްފައެވެ. އަދި މިކަމާއި ގުޅިގެން އެ ކުންފުންޏަށް ފުރަބަންދުގެ ހާލަތުގައިވެސް ގެއްލުންނުވެ ކުންފުނީގެ އޮޕަރޭޝަންތައް ހިންގިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެ ހާލަތާއި ގުޅިގެން އެމްޓީސީސީއަށް ކުރިމަތިވީ ބައެއް ދަތިތައް ހިއްސާކުރައްވަމުން އާޒިމް ވިދާޅުވީ އެ ކުންފުންޏަށް ބޭރު ފައިސާ ލިބުމުގައްޔާއި، ދަތުރުފަތުރުކުރުމުގައި ބައެއް ގޮންޖެހުންތައް ކުރިމަތިވީކަމަށެވެ. އެހެންނަމަވެސް، ކުންފުނީގެ އޮޕަރޭޝަންތަކަށް ބުރޫނާރޭހެން ކަންކަން ބައްޓަންކުރެވިގެން ދިޔަކަމަށް އޭނޭ ފާހަގަކުރެއްވިއެވެ.

ކުންފުނީގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރަމުން އާޒިމް ވަނީ ކުންފުނީގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ހިއުމަން ރިސޯސަން ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން އުމްރާނީ ވަސީލަތްތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި ކުންފުނީގެ ޓްރޭޑިންގ ޑިވިޝަން ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެމްޓީސީސީގެ ހިދުމަތް ހޯދުމުގައި ދިމާވާ ދަތިތައް ދެނެގަތުމަށް ދަތުރުތަކެއް ރޭވިފައިވާކަމަށް ވިދާޅުވިއެވެ.

ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް ކުރަމުންދާ ކަންކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ ހަރަދުތައް ކުޑަކޮށް ކުންފުނީގެ އެފިޝެންސީ އިތުރުކުރުމަށް އެ ކުންފުނީގެ އެންމެ ބޮޑު އަމާޒުކަމަށެވެ. އެގޮތުން ކުންފުނީގެ ކޯޕަރޭޓް ގަވަރނަންސް ހަރުދަނާކުރުމަށް އެ ކުންފުނީގެ ބޯޑުން މަސައްކަތްކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. އޭގެ ތެރެއިން މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައްދެވި، ކުންފުންޏަށް ކަމާބެހޭ ފަންނީ ތަޖުރިބާކާރުން އިތުރުކުރެވިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ޕަބްލިކް ކުންފުނިކަމުގައިވާ އެމްޓީސީސީން މައިގަނޑު ގޮތެއްގައި ކުރަމުން އަންނަ މަސައްކަތްތަކަކީ ސަރުކާރުގެ ބޮޑެތި އުމްރާނީ މަޝްރޫއުތަކާއި ހިންގުމާއި ދަތުރުފަތުރުގެ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. އެމްޓީސީސީއަކީ ދިވެހި ސަރުކާރުގެ 64.20 އިންސައްތަ ހިއްސާ، އެމްއެންއެސްއެލްގެ 4.65 އިންސައްތަ ހިއްސާ އަދި އާންމުންގެ 31.15 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: