ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރިއުޅުން ފިލާ ފޮއްޓެއް ތެރޭގައި، ލިބުނު ފްލެޓު ވެސް އަތުލީ!

ގެ ހަދާފައިވަނީ، ހުސް ފިލާއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރި ރަށް މާލެ ސިޓީގައި، އެތައް ބަޔަކު ދިރިއުޅެން ޖެހިފައިވަނީ ދަތި ހާލަތުގައެވެ. އެއީ ސީދާ މާލެ އުފަން މީހަކަސް، އަދި އަމިއްލަ ވަޒަނުގައި ވަންނާނެ ގެދޮރެއް ނެތި، މާލޭގައި އެތައް އަހަރުތަކެއް ވަންދެން ވަޒީފާ އަދާ ކުރަމުން އައި މީހެއް ނަމަވެސް އުޅެން ޖެހޭ ހާލެވެ.

ބޯހިޔާވަހިކަން ކަށަވަރު ކުރުމަކީ، ވެރިން ވަރަށް ފަސޭހަކަމާއި އެކު ވާ ވައުދުތަކެކެވެ. ވެރިކަމަށް އައުމަށްޓަކާ، ނުވަތަ އެވަގުތު އޮތް ވެރިކަމެއް ބަދަލު ކުރުމަށް ރައްޔިތުން ކައިރަށް އެ ގެއަކަށް ގޮސް ވިއްކާ ސިޔާސަތަކީ ވެސް އެއީ އެވެ.

ނިކަމެތި ހާލުގައި އުޅެން ޖެހިފައިވާ ގިނަ މީހުންނަކީ، މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފެލެޓުތަކަށް ކުރިމަތިލީ މީހުންނެވެ. އަދި އޭރު އެކުލަވާލި ލިސްޓާއި އެއްގޮތަށް ފްލެޓު ލިބޭނެކަމުގެ ޔަގީންކަމާއި، ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ލިބިފައި ތިބި މީހުންނެވެ. ނަމަވެސް، އާ ސަރުކާރު އައިސް، ފްލެޓު ކޮމިޓީއެއް އެކުލަވާލާ އަލުން ދިން ޕޮއިންޓުތަކުން އެތައް ބަޔަކަށް ފެލެޓު ގެއްލިގެން ދިޔައީ އެވެ.

ސޯޝަލް މީޑިއާއިން އެ މީހުންގެ ހާލަތުގެ ވާހަކަތައް ފެނި، ކުރި މަސައްކަތްތަކުން އޭގެއިން އެ ފަރާތަކާއި ބައްދަލުވި އެވެ. މި ކިޔައިދެނީ، ފިލައިން ހަދާފައިވާ ކުޑަ ކުޑަ، “ކޮތަރު ކޮއްޓެއްގައި” ދިރިއުޅެމުންދާ މަރީއްތަގެ ވާހަކަ އެވެ. ކުޑަ ހަނި ސިޑިއަކުން އެ ގެއަށް އަރަން ޖެހުނުއިރު، އެ ގެ ހުންނަނީ ދެ ގަރާޖެއްގެ ދެމެދަށް ވާ ގޮތަށެވެ. އަދި ތިރީގައި ވެސް ހުންނަނީ، ކެމިކަލްތައް ބޭނުން ކުރާ ގުދަނެކެވެ.

ހަގީގަތުގައި އެއީ ގެއެއް ނޫނެވެ. ފިލައިން ހަދާފައި ހުރި، ފޮއްޓެކެވެ. ދުވާލު ގަޑީ އެހާ ހޫނެވެ. ކެމިކަލްތަކުގެ ތޫނު ވަހެއް ހުރެއެވެ. ވިއްސާރަ ވެހޭ ދުވަހު، އެންމެ ބޮޑު ބިރަކީ ފެން ފޭބުމެވެ.

ސަލާން ގޮވާ، އެ ގެއަށް ވަނުމާއި އެކު މަރީތައް ހިނިތުންވުމަކާއި އެކު ސަލާން ބަލައިގަތެވެ. އަދި އެތެރެއަށް ވަނުމަށް އެދުނެވެ. އެ ކުޑަ ކުޑަ ފޮށިއަކީ ވަރަށް ސާފުތާހިރު ތަނެކެވެ. ވަށާ ނަޒަރު ހިންގާލިއިރު، ވަށާ އެކި ތަންތަނުގައި މީދަލުގެ އުނދަގުލުގެ ސަބަބުން ޓޭޕު ދަމާއަޅާފައި ހުއްޓެވެ. އެ ކުޑަކުޑަ ފޮށީގައި 200 އަކަފޫޓު ވެސް ނުހުންނާނެ އެވެ. ތަނުގެ ކުއްޔަކީ، 10،000 ރުފިޔާ އެވެ.

މީދަލާއި، ކުރަފީގެ އުނދަގޫ އެހާ ވެސް ބޮޑެވެ.

ތަނުގެ ތެރޭގައި، ކުޑަ އެނދެއް ބެހެއްޓޭނެހާ ޖާގައިގެ އިތުރު ގޮޅިއެއް ހަދާފައި ހުއްޓެވެ. ތަނުގެ ދޮރު ހުޅުވާ ދައްކާލުމަށް ފަހު މަރީއްތަ ބުނީ، އޭނާގެ ބޮޑު ދެ އަންހެން ކުދީން ތިބޭ ކަމަށެވެ. އަދި އާއިލާގައި ދަރިންގެ ބައްޕަ އާއި އެކު އިތުރު ފިރިހެން ކުއްޖެއް ހުރެއެވެ. އެހެންވެ، އަންހެން ކުދީންތަކެއް އެކީގައި ނިދުމަކީ އެހާ ރަނގަޅުކަމަކަށް ނުވާތީ، އެ ކުދިން ނިދަނީ ހަމަ އެކަނި އެނދުގެ ޖާގައިން އެ ގޮޅީގަ އެވެ. މަރީއްތަ އާއި، އޭނާގެ ފިރިމީހާ އަދި ފިރިހެން ދަރިފުޅު ނިދަނީ ބޭރުގައެވެ.

No description available.
އަންހެން ދެ ކުދިންނަށް ނިދޭނެހެން، ކުޑަ އެނދެއް ބެހެއްޓާ ޖާގައެއްގައި ވަށާ ފިލާ ޖަހާފައި

ތަނަކީ، ބަންދުވެފައި ހުރި ތަނެއްކަމުން، ކައްކާ ވަގުތުތަކުގައި ވާ އުނދަގޫތަކުގެ ސަބަބުން ކައްކާ ތަންކޮޅުގައި ކުޑަ ޕާޓްޝަނެއް ޖަހާފައި ހުއްޓެވެ. އެއީ މަރީއްތަ އަމިއްލައިން ޖަހާފައި ހުރި ފިލާ އެކެވެ. ފެނުގެ އަސަރު ކުރުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް އެ ފިލާ ވަނީ ހަލާކު ވެއެވެ.

އެ ތަންކޮޅުގައި ހުރީ، އެ އުނދުނުން ކެއްކޭ ގޮތަށެވެ. ގޭސް އުނދުނާއި ދިމާލުން، ވަކަރުގައި އަލިފާން ހިފާފައި ހުރިކަން ފެނެއެވެ. އެ ތަން ދެެއްކުމަށް ފަހު މަރީއްތަ ބުނީ، މިއީ އެންމެ ބޮޑު ބިރު ކަމަށެވެ. ކައްކާ ވަގުތުތަކުގައި އެތަނުގައި ރޯވާތީ، ބޯ ވަކަރުގަނޑެއް ޖެހީ އަމިއްލައިން ކަމަށާއި، އެހެން ނަމަވެސް އޭގައި ވެސް ރޯވާ ކަމަށް ބުންޏެވެ. އަދި ހަމަ އެތަނުގެ ތިރީގައި އެންމެ ކުޑަ ގޭސް ފުޅިއެއް ބަހައްޓާފައި ހުރިއިރު، އެއީ އެންމެ ރައްކާތެރި ގޮތެއް ނޫންކަން ގަބޫލު ކުރާކަމަށާއި، އެކަމަކު އެ ނޫން އިތުރު ގޮތެއް ނެތްކަން މަރީއްތަ ފާހަގަ ކުރިއެވެ.

No description available.
ބަދިގެ ވަށާ ހުރީ ޕާޓްޝަން. ކައްކާ ވަގުތުތަކުގައި ބައެއް ފަހަރު، ތަނަށް ޖަހާފައި ހުރި ފިލާގައި އަލިފާން ހިފާ

މި ބުނާ ކުޑަ ގޮޅީގެ ބައެއް ދިމާތަކުގައި ކަޅު ކުލައިގެ ޓޭޕު ދަމާފައި ހުރިތަން ދައްކާލުމަށް ފަހު މަރީއްތަ ބުނީ އެއީ މީދަލުގެ ސަބަބުން ކަމަށެވެ. އަދި މީދާ ހިފާ ދެ ކޮށި އެތަނުގެ ތެރޭގައި ހުއްޓެވެ. އަސަރާއި އެކު އަޅުގަނޑާއި ވާހަކަ ދައްކަމުން ދިޔަ މަރީއްތަ ބުނީ، ނިދާ ހޭލާއިރު އޭގައި މީދާ ޖެހިފައި އޮންނަ ކަމަށެވެ.

ދެން މަރީއްތަ ދެއްކީ ފާހަނާ އެވެ. އެ ވެސް ފިލާއިން ހަދާފައި ހުރި ތަނެކެވެ. ފެނުގެ އަސަރު ހުރުމުން، މަތީ ފިލާ ދެންމެ ދެންމެއަކު ވެއްޓިދާނެ ހެން ވެސް ހީވެއެވެ. ފެން އަންނަ ހުރީ ހަމަ އެންމެ އިސްކުރެކެވެ.

މަރީތައް އަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި، ފްލެޓު ލިބުނު ނަމަވެސް މި ސަރުކާރުގައި ފްލެޓުތައް އަތުލި މީހުންގެ ތެރެއިން އެކަކެވެ.

“އަޅުގަނޑުމެންނަކީ ސިޔާސީ ބައެއް ނޫން…. ވައްކަމެއް ނުކުރާނަން… ދައްތަ ދޮގު މައުލޫމާތެއް ވެސް ނުދެން.. އުމުރުން މިހާވަރު މިވީ މީހުންނަށް މަސައްކަތްކޮށް ދީދީ… އެތައް ބައެއްގެ ކައިރިޔަށް ގޮސް ރޮއެ އާދޭސް ކުރެވިއްޖެ” މަރީތައް

އެހާ ހިސާބުން ދެން އަޅުގަނޑު ސުވާލު ކުރީ، ފަހުން ޕޮއިންޓު ދީފައި ހުރި އުސޫލާއި ގުޅޭގޮތުންނެވެ. މަރީއްތަ އެންމެ ފުރަތަމަ ފެށީ، މިދިޔަ ސަރުކާރުން ފެލްޓު ލިބިފައި ހުރިކަން އެނގުމުން ކުރި އިހުސާސްތަކާއި އެކު އެވެ. އެ ދުވަހު ވީ އުފަލުން، ފިރިމީހާ އާއި، ދަރިފުޅު ގާތުން އުފަލުން ކަރުނަ އަޅައި ރުއީ، ދަރީންނަށް ދޭން އޮތް ފަސޭހަ ދިރިއުޅުމާއި މެދު ވިސްނާފަ އެވެ. އެހެން ނަމަވެސް، “ނުހައްގުން ފްލެޓު ލިބުނު މީހުން” ހޯދުމަށް ކުރާ މަސައްކަތެއްކަމަށް ބުނެ، ފްލެޓު ކޮމިޓީން ދިން ޕޮއިންޓުތަކާއި އެކު، އަނެއްކާވެސް އެެ އުންމީދު ގެއްލުނީ އެވެ. އެ ދުވަހު އެތައް ހިތާމައެއް ކުރަން ޖެހުނެވެ.

މަރީއްތަ ބުނީ ޝަކުވާ ހުށަހެޅުމަށް ހައުސިން މިނިސްޓްރީއަށް ތިން ފަހަރެއްގެ މަތީން ދިޔަ ކަމަށެވެ. ނަމަވެސް އެތަނުން ވާހަކަ ދައްކާލާނެ އެއްވެސް މީހަކާއި ބައްދަލުނުވި ކަމަށް ބުންޏެވެ. އެންމެ ފަހުން އެތަނުގައި އިން ދުވަހު، ކުރި އަސަރުން ރޮވެން ފެށިއެވެ. ތަނުގައި އިން އިތުރު އަންހެން ކުއްޖެއް އައިސް، މަރީއްތަ ހަމަޔަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ.

“އެ ދުވަހު ހަމަ ކެތް ނުކުރެވިގެން ރޮވެން ފެށީ… ތަނުގައި އިން ކުއްޖަކު އައިސް ބުނީ ދައްތާއޭ، ތި ހުރިހާ ކަމެއް ވެސް ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނޭ… ދައްތަ އެތަނަށް ދާން ވީ ނޫން ހޭ… ދެން ދައްތަ އަނެއްކާވެސް ދިޔައީ އެތަނަށް” މަރީއްތަ

މަރީތައް ކިޔައިދިން ގޮތުން ރައީސް އޮފީހަށް ވެސް އެތަށް ފަހަރެއްގެ މަތީން ދެވުނެވެ. ނަމަވެސް، އެތަނުން ވެސް މީހަކާއި ބައްދަލުވާ ގޮތެއް ނުވިއެވެ. ދިނީ، ނަމްބަރެކެވެ. އެ ނަންބަރަށް އެތައް ފަހަރަކު ގުޅުމުން ވެސް ޖަވާބެއް ނުދެ އެވެ. މަރީއްތަ ދެން ދިޔައީ، އެމްޑީޕީ އޮފީހަށެވެ. ކޮންމެ ވެސް ގޮތެއް ވޭތޯ އެވެ.

“އެމްޑީޕީ އޮފީހުގައި ވެސް ކަރުނައަޅާ ރޮއެ، އެހީވުމަށް އެދުނިން. މިކަން ބަލައިދޭން ބުނިން. މީހަކާއި ބައްދަލުވާނެ ގޮތެއް ނުވި” މަރީއްތަ

މަަރީއްތައަށް ފެލެޓު ގެއްލުނީ، ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދަށް ކުރުމުންނެވެ. އޭގެ އިތުރުން ވަޒީފާގެ ބަޔަށް ޕޮައިންޓު ދީފައިވަނީ ވަރަށް ދަށްކޮނެވެ.

No description available.
މީދަލުގެ އުނދަގުލުގެ ސަބަބުން ޓޭޕް އަޅާފައި

“ހާބަރު ކަޑަ އެންމެ ފުރަތަމަ އުފެދިގެން އައި އިރު، އެތަނުގައި މަސައްކަތް ކުރުމާއި ވެއިޓަރަކަށް އުޅުނީ ….. (ނަމްބަރު އުނިކޮށްފައި) ނަންބަރު ކަޑަ އެއީ.. ދުވަހަކު ވެސް ހަނދާނެއް ނުނެތޭވެ. ދެން އެތަން ބަންދު ކުރީ، އެތަނެއް މިހާރު ނުހުރޭ. މިހާރު މި މަސައްކަތް ކުރަނީ ….. (ތަނުގެ ނަން އުނިކޮށްފައި) ގައި. ދައްތަ ކިހިނެއް މިހާރު ނުހުންނަ ތަނަކުން ލިޔުން ހޯދާނީ… މުޅި ދިރިއުޅުން މިދިޔައީ މަސައްކަތް ކުރުމުގައި” މަރީއްތަ

މަރީއްތަ އެ ވާހަކަ ކިޔައިދިނުމުން ވެސް ފެލެޓު ކޮމިޓީން ބޭނުންވަނީ، ހާބަރު ކަޑައިގައި މަސައްކަތް ކުރިކަމުގެ ލިޔެކިއުކެވެ. އެ ލިޔުން ނެތި ކުރާނެ ކަމެއް ނެތް ކަމަށް ބުނެ، މި ސަރުކާރުން ހައްގުވެރިންނަށް ފެލެޓުދޭން އުފެއްދި ކޮމިޓީން ޕޮއިންޓު އުނި ކުރީ އެވެ. ފްލެޓު ކޮމިޓީން ނިންމީ، މަރީއްތަގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކަމަށެވެ.

މަރީއްތަ ބޭނުންވަނީ، އާއިލާއަށް އެއްވެސް ތަކުލީފަކާއި ނުލާ އުޅެވޭނެ ދުވަހެކެވެ. ކާން އިށީނާނެ، ތަންކޮޅެއް ވެސް ނެތެވެ. ހެނދުން ލާނެ އަލަމާރީއެއް ނެތެވެ. މަރީއްތަ ބުނީ، އެންމެ އުފާވާނީ ފްލެޓެއް ލިބޭ ދުވަހަކުން ކަމަށެވެ.

“ވަރަށް އުފާވާނެ، ފްލެޓެއް ލިބިއްޖެއްޔާ… ހަމަ ވަރަށް އުފާވާނެ. މީ ނޫން ދުވަހެއް ބޭނުން” ލޮލުން ކަރުނަ ފޮހެލަމުން މަރީއްތަ ބުނެލި އެވެ.

2020 ވަނަ އަހަރު މުޅި މާލެ އޮތީ ބޮޑު ބަންދެއްގައި ކަމުން، އެ ދުވަސްވަރުގެ ހާލަތަށް ސުވާލު ކުރީމެވެ. 3 މަސް ދުވަހަށް ވުރެ ގިނަ ދުވަސް މަރީއްތަ އާއި ދަރިން ހޭދަ ކުރަންޖެހުނީ އިރުގެ އަލިކަމެއް ނެތި އެވެ. ފަސް މީހަކު، އެ ކުޑަ ގޮޅީގައި ދުވަސްތައް ހޭދަ ކުރެވުނު ގޮތާއި މެދު، ވިސްނާ ހިތަށް އަސަރު ކުރިއެވެ. އުނދަގޫތަކެއް ވިޔަސް، އެއީ މިއަދު މަރީއްތަގެ ހާލަތު ހުރި ގޮތެވެ.

ގާގްގަނޑަކަށް ގަޑިއެއްހާއިރު އެ ކުޑަ ފޮށީގައި ތިބުމަށްފަހު، ނިކުތުމުގެ ކުރިން މަރީއްތަ ކައިރީ ދެން ގޮސްލީކަމަށް ބުނީމެވެ. ހިނިތުންވުމަކާއި މަރީއްތަ ބުންޏެވެ. “ދައްތައަށް ފްލެޓު ލިބޭ ދުވަހަކު ތިކުދިންނަށް، ބުނި ގޮތަކަށް ބިރިޔާނީ ކައްކާ ކާން ވެސް ދޭނަން”.

ވަރަށް ގަދަ
13%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 38%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: