ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލަ ބަލައިގެންފި

މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލަ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއާއި މޮރިޝަސްގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން އަދި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ޑީލިމިޓްކޮށްދިނުމަށް އެދި މޮރިޝަސްގެ ފަރާތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދި ލޯ އޮފް ދި ސީ (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލަ އެ ޓްރައިބިއުނަލް އިން ބަލައިގެންފައިވާކަމަށް އެޓާނީ ޖެނެެރަލްގެ އޮފީހުން ބުނެފިއެވެ.

އިޓްލޮސްއަށް 2019 ވަނަ އަހަރުގެ ޑިސެމްބަރު 18 ގައި މައްސަލަ ހުށަހެޅީ މޮރިޝަސް އާއި އީއީޒީ ފުށުއަރާތީ އެ މައްސަލަ ހައްލުކޮށްދޭން އެދި އެވެ. މައްސަލައިގެ އަޑުއެހުމެއް ބާއްވައި މައްސަލަ ބަލައިގަތުމަށް އެ ޓްރައިބިއުނަލްއިން ވަނީ ނިންމާފައެވެ.

މިކަމާއި ގުޅިގެން އެޓަރނީ ޖެނެރަލްގެ އޮފީހުން މީޑިއާތަކަށް ބުނެފައިވަނީ، މައްސަލައިގައި އިޖުރާއީ ގޮތުން ރާއްޖެއިން ފާހަގަކުރި ކަންކަމާ ގުޅޭ ގޮތުން އަޑުއެހުންތައް ބޭއްވުމަށްފަހު، މޮރިޝަސްއިން ހުށަހަޅާފައިވާ މައްސަލައަކީ މަޢުޟޫއީ ގޮތުން ބެލޭނެ މައްސަލައެއްކަން ނިންމާފައިވަނީ ބުރާފަތި ދުވަހު ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދާއި މޮރިޝަސްގެ ހާއްސަ އިގްތިސާދީ ސަރަހައްދާ ފުށުއަރާ ދިމާއަކާ ބެހޭގޮތުން ޓްރައިބިއުނަލްގައި މައްސަލަ ކުރިއަށް ގެންގޮސް، މުއާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އެ ސަރަހައްދާމެދު ގޮތެއް ކަނޑައެޅިގެން ދާނެކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ބައިނަލްއަގްވާމީ އުސޫލުތަކަށް ރިއާޔަތްކުރާނެކަމަށް އޭޖީގެ އޮފީހުން ވަނީ ބުނެފައެވެ. އެގޮތުން، އާންމު އުސޫލެއްގެ ގޮތުން އެފަދައިން ފުށުއަރާ ސަރަޙައްދާމެދު ގޮތެއް ކަނޑައެޅިގެން ދާނީ ހަމަހަމަ އުސޫލަކުން ދެ ޤައުމަށް ލިބޭ ގޮތަށް އިކުއިޑިސްޓެންސްގެ އުސޫލު ބޭނުންކޮށްގެންކަން އެ އޮފީހުންވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން ބޭއްވެވި އަޑުއެހުންތަކުގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވަނީ މޮރިޝިއަސްއިން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް ލިބިފައިވާ ހައްގުގުގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަމުގެ ތުހުމަތު ކުރައްވާފަ އެވެ. ރިފްއަތު ވިދާޅުވީ މި މައްސަލައަކީ އެ ކޯޓުގެ އިހްތިސާސްގައި ހިމެނޭ މައްސަލައެއްގެ ގޮތުގައި ގަބޫލު ނުކުރާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަކީ ބަލައިގަނެވޭނެ ލިޔުންތަކެއް ނޫން ކަމަށް ކަނޑައަޅައި، އެ މައްސަލަ ޓްރަބިއުނަލުން ނުބެލޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދޭ ކަމަށް ވިދާޅުވެފައި ވެއެވެ.

ރިފްއަތު ވަނީ، ދެ ފަރާތުން ވާހަކަ ދައްކައި މި މައްސަލަ ހައްލުކުރެވޭނެކަން ވެސް ފާހަގަކުރައްވާފަ އެވެ. އައިސީޖޭން މައްސަލައިގައި ނެރުނު ލަފާގައި ބުނީ، މޮރިޝަސްގެ މައްޗަށް އޮތް އިނގިރޭސި އިސްތިއުމާރީ ބާރު ނިމުމަކަށް ގެނައީ ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ނޫން ކަމަށެވެ. އެހެންކަމުން މިހާރު ވެސް އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ބްރިޓިޝް އިންޑިއަން އޯޝަން އައިލެންޑްސް ދޫކޮށްލުމަށް އައިސީޖޭން ވަނީ ލަފާ ދެއްވާފައެވެ.

ޗާގޯޒްގެ މި މައްސަލަ އަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދުގައިވާ މައްސަލައެކެވެ. 2010 ގައި “ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް” ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައިދޭން އެދުމުން އެކަމަށް އިއުތިރާޒުކޮށް އެކަން އދ. ގެ ސެކްރޭޓަރީ ޖެނެރަލަށް ހުށަހެޅީ މޮރިޝަސްއިންނެވެ. އދ އަށް ހުށަހެޅި އެ މައްސަލައިގައި މޮރިޝަސްއިން އިއުތިރާޒު ކުރީ ރާއްޖޭގެ ހުށަހެޅުމުގައި ޗާގޯޒްގެ ހާއްސަ އިގްތިސާދީ ސަރަހައްދު ފާހަގަކޮށްފައި ނުވާތީ އެވެ. އަދި ރާއްޖޭން ހުށަހެޅި ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަަމަށް ބުނެފައި ވެއެވެ. އެއަށްފަހު ރައްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއާއި، ޗާގޯޒްއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދާއި މެދު ދެ ގައުމުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވުމަކަށް މޮރިޝަސްއިން ރާއްޖެއަށް ގޮވާލިއެވެ.

އދ. ގެ އާންމު މަޖިލީހުން ޗާގޯޒް އައިލެންޑްސް މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން ފާސްކުރީ 2019 ގައެވެ. އެ މައްސަލައިގައި ރާއްޖެއިން ވޯޓުދިނީ، އެއީ އިނގިރޭސި ވިލާތުގެ ތަނެއްގެ ގޮތުގައި އޮތް އޮތުން ދެމެހެއްޓުމަށެވެ.

ޗާގޯސް އައިލެންޑްސް މޮރިޝަސް އަތުން 1965 ވަނަ އަހަރު ތިން މިލިއަން ޕައުންޑަށް އިނގިރޭސިން ވަނީ ގަނެފަ އެވެ. އަދި އެމެރިކާއާއި އެކު ޗާގޯޒްގެ ޑިއެގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ގާއިމްކުރުމަށް އިނގިރޭސިން ވަނީ 1967 އާއި 1973 އާ ދެމެދު އެ ރަށްތަކުން މީހުން ހުސްކޮށްފަ އެވެ. ޑިއެގޯ ގާސިއާ އެމެރިކާއަށް ދޫކޮށްފައިވާ މުއްދަތު 2016 ގައި ވަނީ 2036 ވަނަ އަހަރާ ހަމައަށް އިތުރުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: