ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށްވެހިކަން ނުވަތަ އެޑްރެސް ބަދަލުކުރެވޭނެ އެންމެފަހު ތާރީހަކީ އަންނަ މަހުގެ 8!

ރިޔާސީ އިންތިހާބުގެ ވޯޓު ގުނުމުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރައްވެހިކަން ބަދަލުކުރެވޭނެ އެންމެ ފަހު ތާރީހަކީ ފެބްރުއަރީ މަހުގެ 08 ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފި އެވެ.

އީސީން ވަނީ އަންނަ އޭޕްރިލް މަހުގެ 10 އެއްގައި އިންތިހާބު ބާއްވާނެކަމަށް އިއުލާނުކޮށްފަ އެވެ. އަދި އިންތިހާބަށް ވަމުންދާ ތައްޔާރީތަކާއި ބެހޭ މައުލޫމާތުތައް މީޑިއާތަކާއި ހިއްސާކޮށް ކޮމިޝަނުން ބުނީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރެޖިސްޓްރީ އެކުލަވާލައި، ރެޖިސްޓްރީ ފައިލަނަލައިޒް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށެވެ. އެހެން ކަމުން، އާއްމު ރައްޔިތުންގެ ތެރެއިން އެޑްރެސް ނުވަތަ ރަށްވެހިކަން ބަދަލު ކުރަން ބޭނުންވާ ފަރާތަކުން އަންނަ ފެބްރުއަރީ އަށެއްގެ ކުރިން ރަށްވެހިކަން ބަދަލުކޮށް އައިޑީކާޑު އަލުން ހެއްދުމަށް އިލްތިމާސް ކުރާ ކަމަށް ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސްއިން ކަނޑައަޅާފައިވާ ތާރީހުގެ ފަހުން، އެ މީހެއްގެ ރެޖިސްޓްރީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެކަމަށް ކޮމިޝަނުން ބުނެފައި ވެއެވެ. އަދި އެޑްރެސް ބަދަލުކޮށްފައިވާ ފަރާތްތައް ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާ މުއްދަތުގައި ޝަކުވާ ހުށަހަޅައިގެން އިސްލާހު ކުރުމަށްވެސް އެ ކޮމިޝަނުން ވަނީ އަންގާފައެވެ.

އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް އީސީއިން ފެށިއިރު، އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ލިބޭނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ނިންމި ކައުންސިލް އިންތިހާބު ބޭއްވިފައި ނުވަނީ ރާއްޖޭގައި ކޮވިޑު-19 ގެ ނުރައްކާ ބޮޑުވެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ. އަދި އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސް ކުރިއެވެ.

ކޮވިޑު-19 ގެ ނުރައްކާ ބޮޑުވެ، އިންތިހާބު ފަސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހާއްސަ ގާނޫނެއްގެ ދަށުންނެވެ. މަޖިލީހުން ފާސްކުރި ގާނޫނުގައި ވާ ގޮތުން، އެ ގާނޫނަށް އަމަލު ކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެއެވެ. މަޖިލީހުން ފާސްކުރި ގާނޫނުގެ ދަށުން، އެންމެ ލަސްވެގެން ވެސް އިންތިހާބު ބާއްވަންޖެހޭ ތާރީހަކީ މޭއި މަހުގެ 09 ވަނަ ދުވަހެވެ.

އިންތިހާބުގެ ވަގުތީ ގާނޫނުގައިވާ ގޮތުން މެއި 09 ގެ ފަހުން، އިންތިހާބު ބޭއްވުމުގެެ ބާރު އީސީއަށް ގެއްލިގެންދާނެ ކަމަށް އެ ކޮމިޝަންގެ ލީގަލް ޓީމުން ވަނީ ލަފާދީފަ އެވެ. އަދި އެޗްޕީއޭ ކަނޑައަޅާ އުސޫލާ އެއްގޮތަށް އިންތިހާބު ބޭއްވުމަށް އީސީއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅިގެން ކަންބޮޑުވުން ހިއްސާކުރެއްވި އެވެ.

އިންތިހާބާބެހޭ ހާއްސަ ގާނޫނުން ބަޔާންކޮށްފައިވާ އެއް އަހަރު ދުވަހުގެ މުއްދަތު ހަމަވާނީ މޭއި މަހު އެވެ. އަދި އެ މަހުގެ 9 ގެ ކުރިން އިންތިހާބު ނުބޭއްވެނެ ހާލަތެއް އައިސްފިނަމަ، ސަބަބު ބަޔަންކޮށް މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން އީސީން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަން ޖެހޭނެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކަނޑައެޅި ތާރީހަށް އިންތިހާބު ނުބޭއްވޭނެހެން އީސީއަށް ގަބޫލު ކުރެވިއްޖެނަމަ، ގާނޫނުގައި ބަޔާން ކުރާ މުއްދަތުގެ ކުރިން އެކަން މަޖިލީހަށް ސަބަބާއި އެކު ބަޔާން ކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: