ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

29 މިލިއަންގެ މައްސަލައިގައި ފާރިސްއާއި ދެކޮޅަށް ދިޔާނާ ހެކި ހުށަހަޅުއްވައިފި

ރައީސް މައުމޫނާއި، އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟
ވިޔަފާރިވެރިޔާ، އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަތުން، ކުރީގެ ރައީސް ރައީސް މައުމޫން އަބްދުލް ގައްޔޫމް ނެންގެވިކަމަށް ބުނާ 29 މިލިއަން ރުފިޔާގެ މައްސަލައިގައި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ފުލުހަށް ހެކި ހުށަހަޅައިފިއެވެ.
ޖާބިރުގެ އަނބިކަނލުން ދިޔާނާ އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ، ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫނާއި ދެކޮޅަށެވެ.
މި މައްސަލަ ދިޔާނާ ފުލުހަށް ހުށަހެޅުއްވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު އަނބުރާ ދައްކަވާ ގޮތަށް ޖާބިރު، ރައީސް މައުމޫނަށް ދެއްވި ކަމަށް ބުނާ ފައިސާގެ ތެރެއިން ބައެއް ފާރިސް އާ ހަވާލު ކުރުމުން އެފަދަ ކަމެއް ހިނގާފައި ނުވާކަމަށް ފާރިސް ވިދާޅުވާތީ އެވެ. އެ މައްސަލައިގައި ދިޔާނާ ވިދާޅުވެފައިވަނީ، ފާރިސް ފައިސާއަށް ހިޔާނާތްތެރިވެފައި ވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދުވަސްވަރު، ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނަންގަވާ އެ ފައިސާ ވެސް ނުދައްކަވާކަމަށް ޖާބިރު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެ ފައިސާ ހޯއްދެވުމަށް ޖާބިރު ސިވިލް ކޯޓަށް ވެސް ހުށަހެޅުއްވި އެވެ.

ފާރިސްއާއި ދެކޮޅަށް ހެކި ހުށަހަޅުއްވައި ދިޔާނާ ވިދާޅުވީ، ފުލުހުންގެ ތަހުގީގަށް ބަޔާން ދެއްވައި، މިވަގުތަށް ބޭނުންވާ ހެކި ހުށަހަޅުއްވާފައިވާ ކަމަށެވެ. ދިޔާނާ ވިދާޅުވީ ދެ އަހަރު ދުވަހު ހަނު ހުރެވިއްޖެ ކަމަށާއި، ސިޔާސީ ޕާޓީތަކުން ސުލްހަވެރިކަމާއި އެކު މިކަން ހައްލުކޮށްދޭން އެދޭ ކަމަށެވެ.

ތަކުރާރުކޮށްް ފައިސާއާއި ހަވާލުވިކަމަށް ރައީސް މައުމޫނާއި، ފާރިސް އިންކާރު ކުރައްވާތީ، މައްސަލަ ފުލުހަށް ހުށަހެޅުން ނޫން އިތުރު ގޮތެއް ނެތީކަމަށް ދިޔާނާ ވިދާޅުވިއެވެ.

ސިޔާސީ މަސައްކަތަށް ކަމަށް ވިދާޅުވެ، ރައީސް މައުމޫން އެ ކަމަނާގެ ފިރިކަލުން ޖާބިރު އަތްޕުޅުން ނެންގެވި 29 މިލިއަން ރުފިޔާގެ ބޮޑު ބައެއް ރައީސް މައުމޫނާ ހަވާލު ކުރަން ޖާބިރު ދެއްވީ ފާރިސްއަށް ކަމަށް ދިޔާނާ ވިދާޅުވިއެވެ. އެ ގޮތުން، 29 މިލިއަން ރުފިޔާގެ ތެރެއިން 24 މިލިއަން ރުފިޔާ މައުމޫން ވިދާޅު ވެގެން ދަރިކަލުން ފާރިސްއާ ހެކި ހިމެނޭ ގޮތަށް ހަވާލު ކުރި އެވެ. އެ ފައިސާ ހަވާލު ކުރުމުގެ ކުރިން މެލޭޝިއާގައި މައުމޫނާއި ފާރިސް އެ ފައިސާ ހޯއްދެވުމަށް ޖާބިރާއެކު ބޭއްވި ބައްދަލުވުމުގައި ދިޔާނާ ވެސް އިންނެވި ކަމަށާއި ގެރެންޓީއެއްގެ ގޮތުގައި މައުމޫނުގެ ގެކޮޅު މއ. ކިނބިގަސްދޮށުގޭގެ ރަޖިސްޓަރީ ދެއްވަން ރައީސް މައުމޫން ހުށަހެޅުއްވި ކަމަށް ދިޔާނާ ވިދާޅުވި އެވެ.

ރައީސް މައުމޫން، ޖާބިރު އަތުން ނެންގެވިކަމަށް ބުނާ 29 މިލިއަން ރުފިޔާއާއި ގުޅޭގޮތުން ހެއްކެއްގެ ގޮތުގައި ލިޔެކިޔުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވިފައެއް ނެތެވެ. އެފަދަ ލިޔެކިޔުމެއް ފެންނަން ނެތް ނަމަވެސް، ޖާބިރު ވަނީ މުއާމަލާތް ހިންގާފައިވަނީ އެތައް ބައެއްގެ ހާޒިރުގައިކަން ވަނީ ފާހަގަކުރައްވާފައެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ޖާބިރު، ފައިސާގެ މުވާމަލާތެއް ހިނގާފައިވާކަން ސާބިތު ކުރުމަށްޓަކައި އެކަމުގެ ހެކީންގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއިއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި، ޖާބިރުގެ އަނބިކަބަލުން ދިޔާނާ ސައީދު އަދި އެއްބަނޑު އެއްބަފާ ދައްތަ މަރިޔަމް ޝަބީބާގެ ނަން ހުށަހެޅުވި އެވެ.

މި ނަންތައް ހުށަހަޅުއްވާ ޖާބިރު ވިދާޅުވީ، ރައީސް މައުމޫން އެއްވެސް އިރެއްގައި ހެކިންނާއި ގުޅޭގޮތުން އޭނާ ދެއްކެވި ވާހަކައެއް އިންކާރު ކުރައްވާފައި ނުވާ ކަމަށެވެ. އަދި ލިއުމަކުން އެއްބަސްވުމެއް ނެތުމުން ފައިސާ އަނބުރާ ދައްކަން ޖެހިވަޑައިނުގަންނަވާނެ ކަމަށް މައުމޫން ގަބޫލުފުޅު ކުރެއްވިޔަސް ހެކިންގެ ހެކިބަހުން އެކަން ސާބިތުވާނެ ކަމަށް ޖާބިރުގެ މައްސަލާގައިވެ އެވެ.

ޖާބިރު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި 29 މިލިއަން ރުފިޔާ މައުމޫނަށް ދެއްވީ ލޯނެއްގެ ގޮތުގައި އަނބުރާ ދައްކަވާ ގޮތަށް އިންޓަރެސްޓް ވެސް އަރާ ގޮތަށް ކަމަށެވެ. ފައިސާ ދިނުމާ ގުޅޭ މަޝްވަރާތައް ބޭއްވީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ ހޮޓެލްއެއްގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިންކަމަށް ވެސް ޖާބިރު ވިދާޅިވިއެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 60%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: