ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޝްވަތުގެ ތުހުމަތުގައި ފާރިސް ހައްޔަރުކުރަން ނެރުނު އަމުރު ރަނގަޅު: ހައިކޯޓު

ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ދެ އަހަރު ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ އޭރުގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވިކަމުގެ ތުހުމަތުގައި ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަށް ހައިކޯޓުން މިއަދު ތާއީދުކޮށްފިއެވެ.

ރިޝްވަތު ދިނުމުގެ ތުހުމަތުގައި ފާރިސް އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ 2017 ވަނަ އަހަރު، އޭރު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓު ހަމަކުރުމުގެ ގޮތުން ރިޝްވަތު ދީފައިވާ ކަމަށް ބުނެއެވެ.

އެ ތުހުމަތުގައި ހަ މަސް ވަންދެން ފާރިސް ބަންދުގައި ބެހެއްޓިއެވެ. އޭގެ ފަހުން އަނެއްކާވެސް ފާރިސް ހައްޔަރުކޮށްފައި ވަނީ 2018 ގެ ފެބްރުއަރީ އެކެއްގެ އަމުރާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު (އެސްއޯސީ) އިއުލާނުކޮށް އޭގެ ދަށުންނެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އުވާލުމުގެ ދެ ދުވަސް ކުރިން، ފާރިސްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރިއެވެ.

ހައްޔަރުގެ އަމުރުގެ މައްސަލަތައް ފާރިސްގެ ފަރާތުން ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ. އޭގެ ތެރެއިން އެއް މައްސަލަ ފާރިސްއާއި އެއްކޮޅަށް ނިންމިއިރު، އަނެއް މައްސަލަ ނިންމާފައިވަނީ ފާރިސްއާއި ދެކޮޅަށެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 42 މެމްބަރުންގެ ސޮޔާއި އެކު މަޖިލީހަށް ވެއްދުމުގައި މެމްބަރުންނަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައިގައި ފާރިސް ހައްޔަރުކޮށް ބަންދު ކުރީ ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށް ތުހުމަތުކޮށެވެ.

މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ ތެރޭގައި ހިމެނެނީ އަމުރުތައް ނެރުމާއި ބެހޭ ގަވައިދެއް ނެތުމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެ އަމުރު ނެރެފައިވަނީ ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފަށް ކަމަށެވެ.

ފާރިސްގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވަނީ މައިގަނޑު ފަސް އިސްތިއުނާފީ ނުކުތާއެކެވެ. އޭގެ ތެރޭގައި ކްރިމިނަލް ކޯޓުން އޭނާ ހައްޔަރު ކުރުމަށް ނެރުނު އަމުރަކީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 202 ވަނަ މާއްދާގެ (ރ) އާއި ހިލާފު އަމުރެއްކަމަށް ވަނީ ބުނެފައެވެ. އަދި މައްސަލައިގައި ދައުލަތުން ހުށަހެޅީ ސިއްރު ހެކިންނަށްވާއިރު، އެ މީހުންނަށް ނުފޫޒު ފޯރުވަފާނެކަން ސާބިތު ކުރުމަށް ހެއްކެއް ހުށަހަޅާފައި ނުވުމާއި، ތުހުމަތުތަކަށް ބިނާކޮށް ހައްޔަރުގެ އަމުރު ނެރުމުގައި އެކަށީގެންވާ ގޮތެއްގައި ލިޔުންތައް ވަޒަން ކުރެވިފައި ނުވާ ކަމަށް ކަމަށް ބުނެފައިވެއެވެ.

ފާރިސް ހުށަހެޅި ނުކުތާތަކުގެ ތެރޭގައި އޭނާ ހައްރުކުރުމުގެ އަމުރު ނެރެފައިވަނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި މީހެއް ބަންދު ކުރުމުގައި ރިއާޔަތް ކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ކަންތަކަށް ރިއާޔަތް ކުރުމެއް ނެތިކަމަށް ބުނެފައި ވެއެވެ. ހައްޔަރުގެ އަމުރު ނެރެފައިވަނީ، ކަނޑައަޅާފައިވާ އުސޫލާއި ހިލާފަށްކަމަށް އިސްތިއުނާފީ ނުކުތާގައި ބުނެފައިވީ ނަމަވެސް، ހައިކޯޓުގެ ހުކުމުގައި ބުނީ އެކަން ސާބިތުކޮށްދޭ އެއްވެސް ލިޔުމެއް ފާރިސްގެ ފަރާތުން ހުށަހަޅާފައި ނެތްކަމަށެވެ.

ކްރިމިނަލް ކޯޓުން 2017، ޖުލައި 17 ގައި ފާރިސްގެ ފޯނު ކޯލްތަކާއި މެސެޖުތަކުގެ ތަފްސީލު ހޯދުމާއި ތަކެތި ހިފެހެއްޓުމުގެ އަމުރު ނެރުއްވާފައި ވަނީ ފަނޑިޔާރު އިބްރާހިމް އަލީ އެވެ. އަދި އެ ދުވަހުގެ ހަވީރު ފާރިސް ހައްޔަރު ކުރުމަށް އަމުރު ނެރުއްވީ ފަނޑިޔާރު އާދަމް އާރިފް އެވެ. އެއަށް ފަހު އެ ދުވަހުގެ ރޭގަނޑު ފާރިސް ދިރިއުޅޭ ގެ ބަލާ ފާސް ކުރުމުގެ އަމުރު ނެރުއްވާފައި ވަނީ ފަނޑިޔާރު އިބްރާހިމް އަލީ އެވެ.

“ކޮންމެ ދުވަހަކުވެސް އެދުވަހަކު ކްރިމިނަލް ކޯޓަށް ހުށަހެޅޭ ކޯޓު އަމުރުތަކުގެ މައްސަލާގައި ގޮތެއް ކަނޑައަޅާނީ އެއްފަނޑިޔާރަކު ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ފާސްކޮށްފައިވާ ނިންމުމެއް ނެތްކަން އެނގި ފައިވެއެވެ. އެހެންކަމުން، އިސްތިއުނާފު މިކުރެވޭ އަމުރު ނެރުމުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުމަކާ ހިލާފުވެފައިވާކަމަށް ބެލެވިދާނެ ހަމައެއް އޮތްކަމަކަށް އަހުރެންނަކަށް ގަބޫލެއްނުކުރެވެއެވެ.” ހުކުމް

ފާރިސްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ހައްޔަރު އަމުރު ނެރުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 202 ގެ (ރ) އާއި ހިލާފުވެފައިވާ ކަމަށް ބުނެފައި ވެއެވެ. އިތުބާރު ނެތްކަމުގެ މައްސަލަތަކެއް މަޖިލީހުގައި ކުރިޔަށް ދާއިރު، ނުވަތަ ހިނގަމުން ދަނިކޮށް މަޖިލީހުގެ މެމްބަރެއް ހައްޔަރު ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބަޔާން ކުރާކަމަށް ފާރިސްގެ ފަރާތުން ހުށަހެޅި ނަމަވެސް، ގާނޫނު އަސާސީގެ 46 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ހާލަތެއް އޮތްނަމަ މަޖިލީހުގެ މެމްބަރަކު ވެސް ހައްޔަރު ކުރުމުގެ ބާރަށް އެ މާއްދާއިން ހުރަސް ނާޅާކަމަށް ހައިކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ. އަދި އޭނާ ހައްޔަރުކުރަން ޖެހޭ ސަބަބެއް ވެސް އޮތުމުން ހައްޔަރުކުރުމުގެ އަމުރު ނެރުނީ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން މެމްބަރުން ހައްޔަރުކުރުމުގައި އަމަލުކުރަން ޖެހޭ އިޖުރާއާތު ފުރިހަމަ ކުރުމަށް ފަހު ކަމަށް ހުކުމުގައި ވެއެވެ.

އެހެން ކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނު ލާޒިމް ކުރާ ސަބަބެއް ނެތީސް، އެއީ ގަވައިދާއި ހިލާފަށް ނެރުނު އަމުރެއްކަމަށް ކަނޑައަޅައި އެ އަމުރު ބާތިލު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.

ހުކުމުގައި ބުނެފައި ވަނީ ފާރިސް ހައްޔަރުކުރަން ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ފުލުހުން ކޯޓަށް ހުށަހެޅި ހެކިތަކަށް ބަލާއިރު އޭނާގެ މައްޗަށް ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ހުރި ކަމަށެވެ.

ފާރިސްގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ ތެރޭގައި އަމުރު ނެރުމަށްޓަކައި، ހެކި ގަރީނާ ހުށަހެޅި އެ ހެކި ގަރީނާ ވަޒަންކުރެވިފައިވާ ގޮތުގެ މައްޗަށް ނުކުތާއެއް ހުށަހަޅާފައިވެއެވެ. އެކަމަށް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ފާރިސްގެ ހައްޔަރު އަމުރަށް އެދި ހުށަހެޅި ފޯމާއެކު ސިއްރު ހެއްކެއްގެ ބަޔާނާއި ފުލުހުންގެ އިންޓަލިޖެންސް ރިޕޯޓެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި މައްސަލައިގެ ތުހުމަތުކުރެވޭ ފަރާތެއްގެ ފޯނުން ފެނިފައިވާ މެސެޖްތަކުގެ ތަފްސީލް އަދި 15 ރިޕޯޓްގެ ކޮޕީ މައްސަލައާ ގުޅޭގޮތުން ލިބިފައިވާ އޯޑިއޯއެއްގެ ޓްރާންސްކްރިޕްޓެއް ހުށަހެޅާފައިވާ ކަމަށެވެ. ހުކުމުގައި ބުނެފައިވަނީ މި ހެކި ބަޔާނާއި އިންޓެލިޖްންސް ރިޕޯޓް އަދި ސިއްރު ހެއްކެއްގެ ބަޔާން އެ ކޯޓަށް ހުށަހަޅާފައިވާކަމަށާއި، އެ ލިޔެކިޔުންތަކަށް ބަލާއިރު ސިއްރު ހެކިވެރިޔާގެ ބަހުން ފާރިސްއާ ދެކޮޅަށް ތުހުމަތުތަކެއް ކުރެވެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށެވެ.

މައްސަލަ ހައި ކޯޓުން ބެއްލެވި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އަޣުލަބިއްޔަތުން ނިންމީ ފާރިސް ހައްޔަރުކުރަން ކްރިމިނަލް ކޯޓުން މީގެ ތިން އަހަރު ކުރިން ނެރުނު އަމުރު ރަނގަޅު ކަމަށެވެ.

ފެބްރުއަރީ އެކެއްގެ އަމުރާއި އެކު ފާރިސްއަށް ބޮޑެތި ތުހުމަތުތަކެއް ކުރިއެވެ. އަދި އެ މައްސަލައާއި އެކު ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް ހައްޔަރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ޖަލު ބަންދުގައި ބެހެއްޓިއެވެ.

ޕީޕީއެމްގެ ދިދަ އާއި ލޯގޯ ހުއްދަ ނެތި ބޭނުން ކުރި ކަމަށް ބުނެ، ޝަހުސު އޮޅުވާލުމުގެ ކޫށުގައި ފާރިސްއަށް ހަތަރު މަހުގެ ހުކުމެއް އިއްވިއެވެ. ނަމަވެސް އެ ހުކުމް ވެސް ވަނީ ފަހުން ބާތިލުކޮށްފައެވެ. އަދި ފާރިސް އާއި އެކު ހައްޔަރު ކުރި ގިނަ ބޭފުޅުން މިނިވަންވެފައި ވަނީ 2018 ގެ ރިޔާސީ އިންތިހާބަށް ފަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: