ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިއާރުގެ މަރު: މުހިންމު ރިޕޯޓެއް ހުށަހެޅީ އަހަރުތަކެއް ފަހުން، ދައުވާ ލިބޭ މީހުން މިނިވަން!

އައްޑޫގައި 2015 ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާ ދީ މަރާލި ޝިއާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2015 ވަނަ އަހަރުގެ ތެރޭގައި އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދީ ހުސެއިން ޝިއާރ މަރާލި، މައްސަލައިގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތު ނުވެ ދޫވެއްޖެ އެވެ.

އައްޑޫ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ، ޝިއާރު މަރާލި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލިއެވެ. އެއީ ހިތަދޫ ހަނދުވަރުގޭ އިސްމާއިލް ރަޝީދާއި، އެ ރަށު ޗާނދުމާގޭ އަލީ ސަމްއާނު އަދި މަރަދޫ އޮނުފީނުގޭ މުހައްމަދު ނިފާޒު އަދި އެ ރަށު ގަނދަކޯޅިގޭ މުހައްމަދު އަޒާން އަލީގެ މައްޗަށެވެ.

ފަސް އަހަރުވެފައިވާ މި މައްސަލައިގައި އިއްޔެ އިއްވި ހުކުމުގައި ބުނެފައިވަނީ، ދައުވާ ލިބޭ މީހުން ޝިއާރަށް ހަމަލާދިން މަންޒަރު ފެނުނުކަމަށް އެއްވެސް މީހަކު ކޯޓުގައި ހެކި ބަސް ދީފައި ނުވާ ކަމަށެވެ. އަދި ފޮރެންސިކް ހެކިތަކުން ޑީއެންއޭ، ނުވަތަ ފިންގާޕްރިންޓުގެ ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށެވެ.

ހުކުމުގައި ބުނެފައި ވަނީ މުޅި މައްސަލަ ބިނާ ވަނީ ޝިއާރު ބުނި ބުނުމެއްގެ މައްޗަށް ކަމަށެވެ. އެއީ ޝިއާރު މަރުވުމުގެ ކުރިން، ހަމަލާ ދިނީ “އަޒާނުމެން” ކަމަށް ބުނެފައިވުމެވެ. ނަމަވެސް، އެފަދަ ހާލަތެއްގައި މީހެއްގެ ނަމެއް ބުނާއިރު އޭނާއަކީ އެވަގުތު ބުއްދި ސަލާމަތުން ހުރި މީހަކަށް ވާން ޖެހެއެވެ.

އެކަމަށް އިޝާރާތްކޮށް ހުކުމުގައި ބުނީ، މަރުމަތީ އޮވެ ޝިއާރު ވާހަކަ ދެއްކިއިރު އޭނާގެ ބުއްދީގެ ހާލަތު ރަނގަޅުކަމަށް ސާބިތުވާ ލިޔުމެއް އޮތްކަމަށް ބުނެ ދައުލަތުން، އެ ހުށަހެޅީ އަހަރުތަކެއް ފަހުން ކަމަށެވެ. އެހެން ކަމުން، ޝިއާރުގެ “ޑައިން ޑިކްލަރޭޝަން” ގެ މައްޗަށް ބުރަ ނުވެވޭނެކަމަށް ހުކުމުގައި ވަނީ ބުނެފައެވެ. އަދި މިއީ ދައުލަތުން އަދާކުރަންޖެހޭ ގާނޫނީ މަސްއޫލިއްޔަތެއް އަދާ ނުކުރުންކަން ހުކުމުގައި ފާހަގަ ކުރިއެވެ.

ޝިއާރުއަށް ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލަށް ގެންދިޔައިރު، އޭނާ އޮތީ މަސްތުގެ ހާލަތުގައިކަމަށް މެޑިކަލް ރިޕޯޓުތަކުން ދައްކާކަމަށް ހުކުމުގައި ވެއެވެ. އެހެންވެ މައްސަލަ ބެއްލެވި ގާޒީ ނިންމެވީ، ޝިއާރު މަރު މަތީގައި ދިން ބަހަށް ބުރަދަނެއް ނުދެވޭނެ ކަމަށެވެ.

މި މައްސަލަ ކުރިޔަށް ދިޔައިރު، ސިއްރު ހެކިވެރިއަކު ވަނީ ޝިއާރު މަރާލާނެކަމުގެ އިންޒާރު އަޒާން ދީފައިވާކަމަށް ބުނެފަ އެވެ. އަދި ޝިއާރު މަރާލުމުގެ ތިން ދުވަސް ކުރިން، އަޒާން އިސްވެ ހުރެ ޝިއާރުއަށް ތޫނު އެއްޗަކުން އަތަށް ހަމަލާދިން ކަމަށް ހެކިވެރިޔާ ބުނެފައި ވެއެވެ.

މި މައްސަލައިގައި، އަޒާންގެ މައްޗަށް ބިރު ދެއްކުމުގެ ކުށް ސާބިތުވެ އޭނާއަށް 18 މަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: