ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރެފިކް ޖޫރިމަނާއަށް އޮތް ހައްލަކީ ޓްރެފިކް ޖޫރިމަނާ ކޯޓެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އަބަދުވެސް އެންމެ ގަދަޔަށް ބަހުސް ކުރާ އެއް މައުޟޫއަކީ ޓްރެފިކް ޖޫރިމަނާ މައުލޫއެވެ. އެ ޖޫރިމަނާ ފައިސާ ނުދެއްކޭ މައުޟޫއެވެ. އެ ޖޫރިމަނާ އޮވެގެން ލައިސަންސް ނުނެގޭ މައުޟޫއެވެ.

މިއީ އިއްޔެއަކު މިއަދަު މި ގައުމުގައި ބަހުސްކުރާ މައުޟޫތަކެއް ނޫނެވެ. އެހެނަސް މިއަށް ހައްްލެއް ހޯދުމަށް އިޚުލާސްތެރިކަމާއެކުގައި މަސައްކަތް ކުރެވިފައެއް ނެތެވެ. ކޮންމެ ބަޔަކުވެސް ސިޔާސީ ވާހަަކައެއް، މަގުސަދެއް ހާސިލުކުރެވޭތޯއެވެ. ޒުވާނުންގެ ލޮލުގަ ކޮންމެ ސިޔާސަތަކުުންވެސް އަޅުވަނީ ވަގުތީ އަނދުނެކެވެ. ދައްކަނީ ބިލާހެކެވެ. ހުވަފެނީ ވާހަކަ ތަކެކެވެ. މެންދުރުގެ ހޫނުން ފިނިވާއިރު އަވާމެންދުރު ގެއްލޭހެން އެ ވައުދުތައްވެސް ގެއްލެއެވެ.

ކޮންމެއަކަސް މި ބަހުސްކުރުމުގައި ޖީލެއް ހަލާކުވެ ނިމިއްޖެއެވެ. ޖޫރިމަނާތައް ހާހުން ދެހާހުން، ދިހަ ހާހުން، ފަންސަވީސް ހާހުން އަށްޑިހަ ހާހުން މަތީގައެވެ. ޓްރެފިކް ޖޫރިމަނާ ފައިސާއަކީ ދައުލަތުން އަހަރުން އަހަރަށް ލަފާކުރާ އާމްދަނީގެ އެއް ހިއްސާދާރަށް ވެއްޖެއެވެ. މިކަމުގެ ތެރޭގައި ޖެހި ޒުވާނުންތައް ދައުލަތަށް ދަރާ އަޅިބޯވެއެޖެއެވެ. މަރުވުމުން ދަރަންޏެއް ނުވަތަ ވަސިއްޔަތެއް އޮތްތޯ އިއުލާނުކުރުމުން މީރާ އިން ދާން ޖެހޭ ހިސާބުގައި ތިބީ ކިތައް ދިވެހިންކަމެއްވެސް ނޭނގެއެވެ.

ސުވާލަކީ ޓްރެފިކް ޖޫރިމަނާގެ ހައްލަކީ ކޮބާތޯއެވެ؟ އެ ޖޫރިމަނާގެ މަގުސަދު ހާސިލުވަނީ ކިހާވަރަކަށްތޯއެވެ؟ ހަމައެކަނި ޖޫރިމަނާކޮށްލުމުން ފުދޭ ހެއްޔެވެ؟ އެ ފައިސާ އެއީ ދައުލަތަށް ހޯދުމަށް އޮންނަ އާމްދަނީއަކަށް ހަދާފައިވާއިރު އެ ފައިސާ ނުދައްކައިގެން މީހަކަށް ލިބުނު އަދަބެއް ވޭ ހެއްޔެވެ؟ އެ ފައިސާ ހޯދުމަށް ދައުލަތުން ކުރާ މަސައްކަތަކީ ދެވަނަ ފަހަރަށް އެއަށްވުރެ ބޮޑު ޖޫރިމަނާ އެއްކޮށްލުންތޯއެވެ؟

މި މައްސަލަތަކަށް ހައްލުކުރުމުގެ ކެހިވެރި ނިޔަތުގައި ނަމަވެސް 19 ވަނަ ރައްޔިތުންގެ މަޖީލުން ފާސްކުރި ގާނުނުން އަނެއްކާވެސް ފުލުހުންނަށް ހެއްސަށް މިވަނީ ބާރުތަކެއް ދޫކޮށްލާފައެވެ. ލައިސެންސް ނެތި ދުއްވާ ސައިކަލު ކުށްވެރިވާ ގޮތަށެވެ. އެގޮތުން އެ ސައިކަލަކަށް ޓޯ ޔާޑުން ފަނަރަ ދުވަހުގެ ޕާކިން ސްލޮޓެއް ކަށަވަރުވެއެވެ. އޭގެ އިތުރުން ކުރިއެކޭ އެއްގޮތަށް ކުރާ ޖޫރިމަނާތައްވެސް ކުރެއެވެ.

ޒުވާނެއްގެ ދިރިއުޅުމުގެ ކުޑަ މިސާލެއް ނަގާލާނަމެވެ. އޭނާގެ އުމުރުން ސޯޅަ ނުވަތަ ސަތާރަ އަހަރުގައި އޭނާ ސައިކަލެއް ދުއްވައިގެން ޖޫރިމަނާއެއް ކުރެއެވެ. އެ ޖޫރިމަނާ އޭނާ ނުދައްކާ ހުރެ އިތުރަށް ސައިކަލެއް ދުއްވާ އިތުރު ޖޫރިމަނާއެއް ކުރެއެވެ. އެގޮތަށް ގޮސް ފަސް ހާސް ރުފިޔާއާއި ގާތަށް ޖޫރިމަނާ ދާއިރު އޭނާވެސް ހޭޖެހި ވަޒީފާއަށް ދާން ފަށާ، ދިރިއުޅުމެއް ފަށާ، ލައިސަންސްވެސް ނަގަން ބޭނުންވެއެވެ. ނަމަވެސް އެއްކަލަ ފަސް ހާސްރުފިޔާ އެއް ފަހަރާ ދެއްކޭނެ ފެންވަރެއްނެތި އަނެއްކާވެސް ސައިކަލް ދުއްވަނީއެވެ. ޖޫރިމަނާ ހަމަ ހުރެގެން އިތުރުވަނީއެވެ.

އެއްވެސް ހާލެއްގައި އެ ޒުވާނާ އެކުރަނީ ރަނގަޅުކަމެކޭ ނުބުނަމެެވެ. އަދި އެ ޒުވާނާގެ ޢަމަލުތައް ދިފާއުކުރަނީއެއްވސް ނޫނެވެ. އެހެނަސް އެ ޖޫރިމަނާ ކުރުމަށްފަހު އޭނާއަށް އެ ދެއްކޭނެ ހަމައެއްވެސް އޮންނަން އެބަޖެހެއެވެ. އެ ހޯދަން ދައުލަތުން މަސައްކަތް ކުރަންވެސް އެބަ ޖެހެއެވެ.

ޓްރެފިކް ޖޫރިމަނާއަށް އޮތް ހައްލަކީ ޓްރެފިކް ކޯޓް

މިއީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަރަށް ރަނގަޅަށް ވަރަށް ސަޅި ޕްލޭނަކާއެކު ކުރިޔަށް ގެންދާ ކާމިޔާބު ސިޔާސަތެކެވެ. ދައުލަތަށްވެސް އަދި ރައްޔިތު މީހާއަށްވެސް ލުއި ފަސޭހަ ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދެވިދާނެ ސިޔާސަތެކެވެ.

އެގޮތުން، ޓްރެފިކް ގަވާއިދާއި ޚިލާފުވެގެން ޖޫރިމަނާ ކުރާ މީހާއަށް އެ ޖޫރިމަނާ އިސްތިއުނާފުކުރުމަށް ނުވަތަ އެ ދެއްކޭނެ ލުި ފަސޭހަ ގޮތެއް ހޯދުމަށް ޓްރެފިކް ކޯޓަށް ހުށަހަޅަން ފުުރުސަތު ލިބެއެވެ. އެ ފުރުސަތުގެ ބޭނުން ނުހިފާ ޖޫރިމަނާވެސް ނުދައްކާ އުޅޭނަމަ އެ މީހަކު ކޯޓަށް ހާޟިރުކުރުމުގެ ބާރު ދައުލަތަށް ލިބިގެންވެއެވެ. އެހެންކަމުން އޭނާއަށްވެސް ފިލައިގެން އުޅެން ލިބޭ ފުރުސަތު ވަރަށް ހަނިވާނެއެވެ.

ކޯޓުގައި އޭނާ ޖޫރިމަނާ ކުރި ސަބަބާއި އެކަމުގެ ދިފާއުގައި އޭނާ ދައްކާ ވާހަކަތަކަށް ރިއާޔަތްކުރުމަށްފަހު ފަނޑިޔާރަށް ވަރަށް ގިނަ ފުރުސަތު ލިބެއެވެ. އެގޮތުން، އެ ޖޫރިމަނާ މާފުކުރުން، އެ ޖޫރިމަނާ ވަގުތުން ދެއްކުމަށް އަމުރުކުރުން، ނުވަތަ ބަހާލައިގެން އެ ފައިސ ދެއްކޭނެ ގޮތަކަށް ފައިސަލާ ކުރުމަށް ފަނޑިޔާރަށް ފުރުސަތު ލިބިގެން ދެއެވެ.

އަދި އޭނާގެ މައްޗަށް އެ ކުރާ ހުކުމް ތަންފީޒުނުކޮށް އޭނާ އުޅޭނަމަ އޭނާއަށް އިތުރު އަދަބުތައް ދިނުމުގެ ފުރުސަތު ލިބެއެވެ.

ޖަލަށް ލުމުގެ ބަދަލުގައި މުޖުތަމަޢުއަށް ޚިދުމަތް ކުރުމަށް އެފަދަ މައުކަޒެއް ގާއިމުކުރުން

ކޯޓުން ކުރާ ހުކުމަށް އަމަލުނުކޮށް އަދި އެ ފައިސާ ނުދައްކާ މީހުންނަށް ޚާއްސަކޮށް މަރުކަޒެއް ގާއިމުކޮށް އެ މަރުކަޒުގެ ތެެރެއިން އިޖުތިމާއީ ޚިދުމަތްތަކެއް އެމީހެއްގެ ފަރާތުން ހޯދި ދާނެއެވެ. އަދި އޭނާގެ ޖޫރިމަނާއާއި އެއްވަރަށް ދައުލަތަށް ހިދުމަތްކުރުމަށް ފަހު އެ މަރުކަޒުގެ ތެރެއިން ލައިސަންސް ނަގައިގެން ނިކުމެވޭނެ އިންތިޒާމެއް ހަމަޖައްސާފައި ބާއްވަން ޖެހެއެވެ.

އެކަމުގެ ސަބަބުން، އެ މަރުކަޒަށް ދާން ބޭނުންނުވާ މީހާ އޭނާގެ ޖޫރިމަނާ މުއްދަތުގައި ދައްކާ ނިންމާނެއެވެ. ނޫނީ އޭނާގެ ޚިދުމަތުގެ ތެރެއިން ދައުލަތަށް އެ ފައިސާ ހޯދިދާނެއެވެ. އަދި އޭނާ އަތުގައި ނެތް ލައިސަންސް ހޯދުމަށް އޭނާއަށް ފުރުސަތު ލިބިގެން ދާނެއެވެ.

ކުރިންވެސް ފާހަގަކުރިހެން ޓްރެފިކް ޖޫރިމަނާއަކީ ނަމަކަށް ކުރާ ޖޫރިމަނާއަކަށް ވެގެން ނުވާނެއެވެ. އަދި އެއީ މީހަކު އަޅުވާލެވޭ ތަޅަކަށްވެސް ވެގެން ނުވާނެއެވެ. ގާނޫނާއި ގަވާއިދާއި ޚިލާފުވުމުން ޖޫރިމަނާ ކުރަންވާނެއެވެ. އަދި އެ ޖޫރިމަނާ ހޯދަންވެސް ވާނެެއެވެ. ހަރުކަށި ކަމާއެކު ދޫ ދިނުމުން މުޖުތަމައުވެސް ޖެހިލުންވާނެއެވެ. އަދި އެފަދަ ކަމެއް ކުރުމުގެ ކުރިން ވިސްނާނެއެވެ.

ޓްރެފިކް މައްސަލަވެސް ހައްލުވާން ޖެހެއެވެ. ޓްރެފިކް ޖޫރިމަނާވެސް ހައްލުވާން ޖެހެއެވެ.

 

ވަރަށް ގަދަ
82%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތިގޮތަށް މަސްތުވާ ތަކެތި ބޭނުން ކުރާމީހުންނަށް ހާއްސް ކޯޓެއް ހަދާ އެކޯޓުން އެން.ޑީ.އޭ ކިޔާތަނަކަށް ފޮނުވާ. އެކަމަކު އެބޮޑު މައްސަލަވެސް އެއޮތީ އަތް ނުފޯރާ ފަށުގަ. ޒުވާނުންތައް ހަލާކުވެގެން ދަނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: