ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިރޫޝް ރިޓަޔާރ ކުރިއިރު، އޭނާއާއި ބެހޭ މައްސަލައެއް ހުށަހަޅާފައި ނެތް: އިމްރާން

ޑރ. ފައިރޫޝް ހިދުމަތުން ރިޓަޔާ ކުރެއްވުމުން އޭނާއަށް ހައްސަކޮށް ހެޑްކުއާޓާސްގައި ބޭއްވި ފެއާވެލްގެ ތެރެއިން/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

20 އަހަރުގެ ހިދުމަތަށްފަހު، އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސްގެ މަގާމުން ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާރ ކުރެއްވިއިރު އޭނާގެ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނެތްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ

ފައިރޫޝް ރިޓަޔާރ ކުރެއްވިއިރު ފުލުހުންގެ ހިދުމަތުގެ ބިލް ތަސްދީގުކޮށް ގެޒެޓުގައި ޝާއިއު ކުރިތާ މާގިނަ ދުވަހެއް ނުވެއެވެ. ފުލުހުންގެ ބިލުގައި ބުނެފައިވާ ވާގޮތުން ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

ފައިރޫޝް ރިޓަޔާރ ކުރުމުން އެކަމާއި އެމްޑީޕީ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ޕާޓީގެ އިސް މަގާމުތައް އަދާކުރާ ފަރާތްތައް ނުރުހުން ފާޅުކުރިއެވެ. އަދި ފައިރޫޝަކީ ބަޣާވާތަށް ހިއްވަރު ދިން އޮފިސަރެއްކަމަށް ބުނެ، އޭނާއަށް އެހާ ފަސޭހައިން ޝަރަފުގައި ރިޓަޔާރ ކުރެވިގެން ނުވާނެ ކަމަށް ބުންޏެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. މައްސަލަ ހުށަހަޅާ ރައީސް ނަޝީދު ވިދާޅުވެފައިވަނީ ފައިރޫޝް ފުލުހުންގެ ހިދުމަތުގެ ގާނޫނު ފާސްކޮށް ތަސްދީގު ކުރައްވާފައިވަނިކޮށް އެ ގާނޫނުގައިވާ ގޮތުގެ މަތިން ނޫނީ ފުލުހުންގެ އޮފިސަރަކަށް ރިޓަޔާ ނުކުރެއްވޭނެ ކަމަށެވެ.

މައްސަލައިގައި މަޖިލީހުގެ 241 ކޮމިޓީގައި އިމްރާން ވިދާޅުވީ، ފައިރޫޝާއި މެދު ތައުދީބީ ފިޔަވަޅެއް އެޅޭނެފަދަ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނެތް ކަމަށެވެ. ފައިރޫޝް ރިޓަޔާރ ކުރެއްވީ ފުލުހުންގެ ބިލް އެކުލަވާލުމުގެ މަަސައްކަތް ފެށުމުގެ ވެސް ކުރިން ކަމަށާއި، އެ ގާނޫނުގައި ހިމެނޭނެ ކަންތައް އެނގިފައި ނޯންނާނެކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ރިޓަޔާރ ކުރައްވަން އުޅޭކަން ފައިރޫޝް އެންގީ މީގެ ހަތް މަސް ކުރިންކަމަށް ވިދާޅުވިއެވެ.

ފުލުހުންގެ ހިދުމަތާއި ބެހޭ ގޮތުން ގާނޫނުގެ 112 ވަނަ މާއްދާގައި ބުނެފައިވަނީ ފުލުހެއްގެ މަގާމުގައި ހުރެ ކުރި ކަމެއްގެ ސަބަބުން އެޅިދާނެ ތައުދީބީ ފިޔަވަޅަކުން ސަލާމަތްވުމަށްޓަކައި ފުލުހުންގެ ހިދުމަތުން ވަކިވާ މީހާ ފިޔަވައި ފުލުހުންގެ ވަޒީފާއިން އަމިއްލަ އިހުތިޔާރުގައި އެއްވެސް ތައުދީބީ މައްސަލައެއް އުފުލާފައި ނެތް ހާލަތުގައި ނުވަތަ އެފަދަ މައްސަލައެއް ހުށަހެޅިދާނެ ޙާލަތެއް އުފެދިފައި ނެތީސް ވަކިވާ މީހުންނަކީ ޝަރަފުވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ވަކީވާ މީހުން ކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ދުވަހު، ފުލުހުންގެ މެދުގައި ވެސް ކުރިމަތިލުންތަކެއް ދިޔައެވެ. އަދި އެ ދުވަހު ހިނގަދިޔަ ކަންތަކުގެ ތެރޭގައި އިސްކޮށް އުޅުނީ ފުލުހުންނާއި، ސިފައިންގެ އިދާރާގެ އިސް އޮފިސަރުން ކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ.

ފައިރޫޝްއަކީ ހަތެއް ފެބްރުއަރީގައި ވަގުތީ ގޮތުން ޕޮލިސް ކޮމިޝަނަރުކަމާއި ހަވާލުވެވަޑައިގެންނެވި ބޭފުޅާއެވެ. އޭރު ކޮމިޝަނަރަކަށް ހުންނެވި އަހުމަދު ފަސީހު އިސްތިއުފާ ދެއްވުމާއި ގުޅިގެން ފުލުހުންގެ ބޯޑުގެ މަޝްވަރާއަށްފަހު އެ ގޮތަށް ނިންމީއެވެ. އެމްޑީޕީއިން ގަބޫލު ކުރާ ގޮތުގައި ފައިރޫޝްއަކީ ފުލުހުންގެ މެދުގައި ބައިބައިވުން އުފެއްދުމުގައި އިސްކޮށް ހުރި މީހާއެވެ. އަދި ފައިރޫޝްއަކީ ބަޣާވާތުގެ އަޑީގައި ހުރި އެކަކެވެ.

ފުލުހުންގެ ތެރޭގައި ނުތަނަވަސްކަން އުފައްދަން އުޅޭކަމުގެ ތުހުމަތުގައި ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭރު ފައިރޫޝް ހުންނެވީ ޕީއެޗްޑީ ހާސިލް ކުރެއްވުމަށް އޮސްޓްރޭލިއާގައެވެ. ރައީސް ޔާމީންގެ ސަރުކާރާއި ވެސް ދެކޮޅަށް ފައިރޫޝް ވާހަކަ ދައްކަވާފައި ވެއެވެ. އަދި ފުލުހުންގެ އިދާރާ ހިންގުމާއި ގުޅުވާ ވެސް ވާހަކަތައް ހިއްސާ ކުރެއްވިއެވެ.

މަގާމުން ވަކި ކުރުމާއި އެކު ރައީސް ޔާމީންގެ ސަރުކާރަށް އަމާޒުކޮށް ފައިރޫޝް ދެއްކެވި ވާހަކަތައް ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ.

ފައިރޫޝްއަށް އަލުން ވަޒީފާ ދީފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ. އެއީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޒަންއިން އެގޮތަށް ހުކުމް ކުރުމުންނެވެ. އަދި ހުކުމަށްފަހު ފައިރޫޝް އަލުން ވަޒީފާއަށް ނިކުމެވަޑައިގަންނަވަން ފެއްޓެވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެއަށްފަހު ފައިރޫޝް އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެވުނެވެ. އޭރު ވެސް ފައިރޫޝްއަށް އެމްޑީޕީގެ މެމްބަރުން ފާޑުވިދާޅުވެ ވާހަކަ ދެއްކެވިއެވެ.

ފައިރޫޝް ރިޓަޔާރ ކުރެއްވިއިރު އޭނާ ފުލުހުންގެ އިދާރާގައި ކުރެއްވި ހިދުމަތަށް ވަނީ 20 އަހަރު ފުރިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: