ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކާމެދު ސަމާލުވާން އެދެފި

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ ތުހުމަތާއި އެކު ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކުން ހިންގާ ހަރަކާތްތަކަށް ސަމާލުވާން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން (އެން.ސީ.ޓީ.ސީ.) އިލްތިމާސްކޮށްފިއެވެ.

އެންސީޓީސީން މިކަމަށް އިލްތިމާސްކޮށްފައިވަނީ އެ އިދާރާގެ ފަސްވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގައެވެ.

އެގޮތުން އެ ބަޔާނުގައި ބުނެފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރުމަހާ ހަމަޔަށް، އެން.ސީ.ޓީ.ސީ އިން ކުރެވުނު މަސައްކަތް ޢާއްމުންނާއި ހިސާބަށް ގެންދެވޭގޮތް ނުވެފައި ކަމަށާއި މީގެ ސަބަބުން ހަރުކަށި ފިކުރު ފަތުރާ މީހުންނަށް ފުޅާ ދާއިރާއެއްގައި އެ ފިކުރު ފެތުރުމަށް ފުރުޞަތާއި ޖާގަލިބިފައިވާ ކަމަށެވެ.

ނަމަވެސް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ނިރުބަވެރިކަމާއި ހަރުކަށި ފިކުރާ ދެކޮޅަށް، ގެންގުޅުއްވާ “ޒީރޯ ޓޮލަރެންސް” ސިޔާސަތުގެ ދަށުން، ޚާއްޞަ އިސްކަމެއް ދެއްވައިގެން، އާ ހިތްވަރަކާއެކު، ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

“މިގޮތުން، ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށްޓަކައި “ހޯލް އޮފް ގަވަރމަންޓް” އަދި “ހޯލް އޮފް ސޮސައިޓީ” އެޕްރޯޗެއްގެ ދަށުން، މަސައްކަތް ކުރާނެ ގޮތްތައް އޭގައި ބަޔާންކޮށްފައިވާ “ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިންގ އެންޑް ކައުންޓަރިންގ ވަޔަލެންޓް އެކްސްޓްރީމިޒަމް (2020 – 2024)” ވަނީ، ވަޒީރުންގެ މަޖީލީހުން 7 ޖުލައި 2020 ގައި ފާސްކޮށްދެއްވާފައެވެ. މި އެކްޝަން ޕްލޭން ތަންފީޛުކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން މިހާރު ވަނީ ފެށިފައެވެ” އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، ޔޫ.އެން އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އާއި ޔޫ.އޭ.އީގެ ހިދާޔާ ސެންޓަރާއި ސައުދީ ޢަރަބިއްޔާގެ ނާއިފް ޢަރަބް ޔުނިވަރސިޓީ ފޮރ ސެކިއުރިޓީ ސައިންސަސް ފަދަ ބައިނަލްއަޤްވާމީ ޕާޓްނަރުންނާއި ރާއްޖޭގައި ހުންނަ ކަމާބެހޭ އިދާރާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކާ ގުޅިގެން، އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި ޤާބިލްކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ގިނަ ޢަދަދަކަށް ހިންގިފައިވާ ކަމަށް އެންސީޓީސީން ހާމަކުރެއެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ އިސްލާމްދީނުގެ މަތިވެރި އަޤީދާގައި ސާބިތުވެ ތިބެ، ޤައުމީ ރޫޙާއި ޖޯޝުގައި އެކުވެރިކަމާއި އެއްބައިވަންތަކަމާއެކީ، އޯގާތެރިކަމުގެ ނަމޫނާ ޘަޤާފަތެއް ދަމަހައްޓަމުން އައިސްފައިވާ ބައެއް ކަމަށާއި ރާއްޖެއަކީ މިފަދަ ޞުލްޙަވެރި އަމާން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ އެންމެ ބޮޑު ސިއްރަކީ މުޖްތަމަޢުގެ ޒަމާންވީ އެއްބައިވަންތަކަމާއި، އިސްލާމީ ރިވެތި އަޚްލާޤާއި، ޤައުމީ ލޯތްބާއި ޤައުމީ ރޫޙާއި، އޯގާތެރިކަމާއެކު، އެކަކު އަނެކަކަށް އަޅާލުމުގެ މަތިވެރި ޖޯޝު ކަމަށް އެންސީޓީސީން ބުނެއެވެ.

ނަމަވެސް ދީން ހަތިޔާރަކަށް ހަދައިގެން، ދިވެހީންގެ ތެރޭގައި އޮތް ޒަމާންވީ ރިވެތި އުސޫލުތަކާއި، ޘަޤާފީ ސިފަތައް ނައްތާލައި، ހެދިފައިވާ ޤާނޫނުތަކާ ޚިލާފު ޢަމަލުތައް ހިންގާ، ދިވެހި މުޖުތަމަޢު ބައިބައިކޮށް، ފަރުދުންގެ މެދުގައި ޙަސަދަޔާއި ނަފްރަތާއި ރުޅިވެރިކަން އުފައްދަން ބަޔަކު މަސައްކަތް ކުރާ ކަމަށް އެ އިދާރާއިން ބުނެއެވެ.

“ހަރުކަށި ފިކުރުތަކުގެ ވިހަ އަސަރު މުޖުތަމަޢުގައި ފަތުރައި، ހަރުކަށި ޢަމަލުތަކުގެ ތެރެއަށް ދިވެހި ކުޑަކުދިންނާއި ޒުވާނުން ވައްދައި، ދިވެހި މުޖުތަމަޢުން އެކަހެރިކޮށް، ވަކި ޖަމާޢަތްތަކެއް އުފެއްދުމަށްޓަކައި މަދު ބަޔަކު އަޑީގައި ތިބެގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ ހީލަތްތެރި މަސައްކަތްތަކާމެދު އެންމެހާ ފަރުދުން ހޭލުންތެރިވެ ސަމާލުވުމަށް އިލްތިމާސްކުރަމެވެ” އެ ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: