ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑު-19: ފިޔަވަޅުތަކުން ބަދަލެއް ނުފެނޭ، މާލެ ލޮކްޑައުން ކުރަންޖެހޭ ހާލަތެއްގައި!؟

މި އަހަރު ފެށުނުފަހުން މާލެގެ ސަރަހައްދުން ފެންނަ ކޭސްތަކުގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ކޮވިޑު-19 ގެ ސަބަބުން ތަފާތު އެކި ފިޔަވަޅުތައް އަޅައި، ބަލިން ސަލާމަތް ވާން ކުރެވޭ މަސައްކަތްތަކަށް އަހަރެއް ފާއިތުވީ އެވެ. ވެރިރަށް މާލެ ސިޓީ މިވަގުތު ކޮވިޑުގެ ތިން ވަނަ ރާޅެއްގެ ތެރޭގައި އޮތްއިރު، މިއީ އެންމެ ނުރައްކާތެރި ހާލަތުގެ ގޮތުގައި ސިއްހީ މާހިރުން ވަނީ ސިފަކޮށްފައެވެ. ބަލީގެ އަލާމާތެއް ނެތި، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމާއި، ނޭނގި ހުއްޓައި ކުއްލިއަކަށް ހާލަތު ގޯސްވާ މީހުންގެ އަދަދުތައް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ.

ބަލި ފެތުރިފައިވާ މިންވަރަށް އެއްވެސް ބަދަލެއް ނާންނަތާ ދެ މަސް ދުވަސް ވެއްޖެއެވެ. 2020 ވަނަ އަހަރު ނިމުނުއިރު، މާލޭ ސަރަހައްދުގެ ޕޮޒިޓިވް ކޭސްތައް ވަރަށް ބޮޑުތަނުން ދަށްވެފައި ހުރުމަށްފަހު، މި އަހަރުގެ މި ދެ މަހުގެ ތެރޭގައި ކޭސްތަކަށް އައީ ކުއްލި ބަދަލެކެވެ. މާލޭން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންމެ ރެއަކު 100 އިން މައްޗަށް އަރައެވެ. އަދި ހާލު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާދޭން ޖެހޭ މީހުންގެ ތެރޭގައި ޒުވާން އުމުރުފުރާ ވެސް ހިމެނެއެވެ.

ފިޔަވަޅުތަކަށް ބޮޑުތަނުން ލުޔެއް ދީފައި އޮތުމަށްފަހު، ފިޔަވަޅުތައް އަލުން ވަރުގަދަ ކުރަން ފަށާ އެންމެ ފުރަތަމަ މާލޭގައި ކާފިއު ހިންގަން ފެށިއެވެ. ނަމަވެސް، އެ ގަޑިތަކުގައި ވެސް މީހުން މަގުތަކުގައި އުޅުމަށް ބަދަލެއް ނާދެއެވެ. އެއަށްފަހު ދެން ކާފިއު ގަޑިއަށް އިތުރު ބަދަލެއް ގެނެސް، ވަކި ގަޑިއަކުން ފެށިގެން މާލޭގެ ސަރަހައްދުގައި ދުއްވާ އުޅަނދުފަހަރުތަކުގައި އުޅުން މަނާ ކުރިއެވެ. ފިޔަވަޅު އެޅި ފުރަތަމަ ދެ ދުވަހު ރޭގަނޑު 08 ގެ ފަހުން ދުއްވާ އުޅަނދު ފަހަރުތައް މަދުހެން ހީވިޔަސް އޭގެ ފަހުން ސައިކަލުތަކުގައި ނިކުމެ އުޅޭ މީހުން މަދެއް ނުވިއެވެ.

ކޭސްތައް އިތުރުވެ، މާލޭގެ ހާލަތު ގޯސްވާން ފެށުމުން ދެން އެޅި ފިޔަވަޅަކީ ދުއްވާ އުޅަނދުފަހަރުގައި ނޫޅެވޭ ގަޑި އިރުއޮއްސި 06:00 އަށް ބަދަލު ކުރުމެވެ. އިރު އޮއްސި 05:30 އާއި 06:00 ދެމެދު މާލޭގެ މަގުތަކަށް ބާރު ބޮޑުވެއެވެ. އެ ބައެއްގެ ގެއަށް ދާން އަވަސް ވެގަތަސް، ސައިކަލުތައް ޕާކު ކުރުމަށްފަހު ދެން މަގުތަކަށް ނިކުންނަނީ ގްރޫޕުތަކާއި އެކު އެވެ. މާލޭގެ އެކި ކޮފީ ޕޮއިންޓުތަކާއި، އާޓްފިޝަލް ބީޗު، ރަސްފަންނު، ރާޅުގަނޑު ސަރަހައްދު، ބްރިޖްވިއު ޕްލެޓްފޯމް، އަދި އުސްފަސްގަނޑު ސަރަހައްދު އޮންނަނީ އެކީ ފުރިފައެވެ. ރެެސްޓޯރަންޓު، ކެފޭތަކަށް އަންނަނީ ކުޑަވަރެއްގެ އީދެކެވެ.

ކޮވިޑު-19 ގެ ހާލަތާއި ގުޅޭގޮތުން ކުރިޔަށް ގެންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް ޓީމް) އިން ހިއްސާކުރި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ވެސް އެއީ އެވެ. މިވީ ދެ މަސް ދުވަހުގެ ތެރޭގައި މާލޭގެ ހާލަތަށް ކުޑަވެސް ބަދަލެއް އައިސްފައިނުވުމާއި، ބައްޔާއި މެދު އެއްވެސް ބައެއް ސީރިއަސްކަމެއް ނުބެހެއްޓުމެވެ.

އެއް ދުވަހުން އަނެއް ދުވަހަށް ކޭސްތައް އަންނަނީ އިތުރުވަމުންކަން ފާހަގަކޮށް ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ، ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މާލެ މިއޮތީ އެންމެ ގޯސް ހާލަތުގައި ކަމަށެވެ. އަދި ކުރިމަތިލަމުން މިދަނީ އެންމެ ނުރައްކާތެރި ކޮވިޑުގެ ވޭވްއާއިކަމަށް އޭނާ ވިދާޅުވިއެވެ. ފިޔަވަޅުތަކުގެ އެންމެ ބޮޑު ބޭނުނަކީ މޫވްމެންޓުތައް މަދު ކުރުން ނަމަވެސް، މީހުންގެ އުޅުމަށް އެއްވެސް ބަދަލެއް ނާންނަކަން ޑރ. ޝަހީދު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިއީ އާދައިގެ ބައްޔެއްގެ ގޮތުގައި ބައެއް މީހުން ދެކެން ފަށާފައިވާކަމަށް ވިދާޅުވިއެވެ.

ޑރ. ޝަހީދު ވިދާޅުވީ، ކޮވިޑުގެ ސަބަބުން ދިގު މުއްދަތުގެ ސިއްހީ ތަފާތު މައްސަލަތައް ވެސް ދިމާވާ ކަމަށެވެ. އަދިވިދާޅުވީ އޭގެ ތެރޭގައި ފުއްޕާމޭގެ މައްސަލަތައް ދިމާވެ ފާރުވުމާއި، ހިތުގެ މައްސަލަތައް ދިމާވުން ހިމެނޭ ކަމަށެވެ.

މާލޭގެ ސަރައްހަދުގައި ވެކްސިން ދޭން ފެށުމާއި އެކު، ގިނަ އާއްމުންގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ވެއެވެ. ނަމަވެސް، ވެކްސިން ޖެހިޔަސް ފަރުވާކުޑަކޮށްގެން ނުވާނެ ކަމަށް ޑރ. ޝަހީދު ވަނީ ވިދާޅުވެފައެވެ. ވެކްސިނާއި އެކު ކުއްލިގޮތަކަށް ކޮވިޑު ކޮންޓްރޯލް ނުވާނެކަމަށާއި، މީގައި ދެވަނަ ޑޯޒް ފުރިހަމަކުރުން މުހިންމުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހަފްތާތަކުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވްވި އަދަދުތަކުގެ އިންފޯގްރެފިކްސް ނޫސްވެރިންނާއި ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މިދިޔަ ތިން ހަފްތާގެ ތެރޭގައި ވެސް، ހަފްތާ ނިމޭއިރު ޖުމްލަ ކޭސްތަކުގެ އަދަދު 900 އިން މައްޗަށް އަރައެވެ. އަދި އެއް ހަފްތާގައި 1008 ކޭސް ވެސް ވަނީ ފެނިފައެވެ. އަދި މިދިޔަ ހަފްތާ އެކަނި ވެސް 987 ކޭސްއެއް ވަނީ ފެނިފައެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފައިވަނީ މިހާތަނަށް އެއްކޮށްފައި ހުރި ހިސާބުތަކާއި، އަދި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތުން ދައްކާގޮތުން ބަލީގެ އަލާމާތްތައް ހުރި ގިނަ މީހުން އެކަން ފްލޫ ކްލިނިކްއަށް ރިޕޯޓު ނުކުރެއެވެ.

މީގެ އިތުރުން ޖެނުއަރީ މަސް ފެށުނު ފަހުން ހޮސްޕިޓަލުގައި ފަރުވާ ދޭން މީހުންގެ އަދަދުތައް އިތުރުވާން ފެށިއެވެ. މާލޭގެ ސަރަހައްދުގައި ލުއިތައް ދިން ފަހުން ހޮސްޕިޓަލުގައި ފަރުވާ ދިން މީހުންގެ އަދަދު 179 އަށް އެރިއެވެ. އެއަށްފަހު އެ އަދަދު ވަރަށް ބޮޑުތަނުން ދަށްވުމަށްފަހު، ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު ފެބްރުއަރީގައި 209 އަށް އެރިއެވެ. އަދި މިވަގުތު އެ އަދަދު ހުރީ 162 ގައެވެ.

މީގެ ސަބަބުން ހޮސްޕިޓަލުގެ ޖާގައަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައެވެ. މީގެ ކުރިން ބަލީގައި އެޑްމިޓު ކުރާމީހާ 14 ދުވަހުގެ އައިސޮލޭޝަންއެއްގައި ބޭއްވިނަމަވެސް، ބަލި މީހާގެ ހާލަަތު ރަނގަޅުނަމަ 10 ދުވަހުގެ އައިސޮލޭޝަނަށްފަހު ގެއަށް ބަދަލު ކުރެއެވެ. އެއީ ހަމައެކަނި ހައިރިސްކު ނޫން، އަދި ގޭގައި ރަނގަޅަށް މޮނީޓާރ ކުރެވޭނެ މީހުންނެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދާއި އެކު، ބަލީގައި ނިޔާވާ މީހުންގެ އަދަދު މަތިވެފައިވާ ކަމަށެވެ. އެގޮތުން މި ފެބްރުއަރީ މަހު 09 މީހަކު ކޮވިޑަށް ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. އަދި ޖެނުއަރީ މަހު 07 މީހަކު ވަނީ ނިޔާވެފައެވެ.

ކުއްލިގޮތަކަށް ބަލި ފެތުރެންވީ ގޮތާއި ގުޅޭ ގޮތުން ބައެއް މީހުން ސުވާލު އުފައްދައެވެ. އަދި މިވަގުތު އެޗްޕީއޭއިން އާއްމު ކުރަމުން ދަނީ ސައްހަ އަދަދުތަކެއްތޯ ސުވާލު އުފައްދާ މީހުން ވެސް މަދެއް ނޫނެވެ. އެހެން ނަމަވެސް، އާބާދީގެ ބޮޑު ބައެއް އޮތް މާލޭގައި އެތައް ބަޔަކަށް ބަލި ޖެހިގެން ރިޕޯޓު ކުރާކަން އެއީ ހަގީގަތެވެ. ގާތް ރައްޓެހިންނާއި އެ މީހުންގެ އާއިލާ މެމްބަރުން ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. ކޮވިޑުގެ އަދަދުތަކަށް މިހާބޮޑު ބަދަލެއް އަންނަން ޖެހުނީ، އިނގިރޭސިވިލާތުން ފެނުނު ކޮވިޑުގެ އާ ވޭރިއަންޓް ރާއްޖޭގައި އުޅޭތީކަމަށް ސިއްހީ ދާއިރަގެ ފަރާތްތައް ވަނީ ލަފާކޮށްފައެވެ. މިއީ ކޮވިޑު-19 އަށް ވުރެ ހަލުވިކޮށް ފެތުރޭ ވޭރިއަންޓެކެވެ.

މާލޭގެ ހާލަތު ވަރަށް ބޮޑުތަނުން ގޯސްވެފައިވީ ނަމަވެސް، ސަރުކާރުން މަސައްކަތް ކުރަނީ ލޮކްޑައުންއަކަށް ނުގޮސް ވޭތޯ އެވެ. ކުރިޔަށް އޮތީ ބަރަކާތްތެރި ރަމަޟާން މަހަށްވާއިރު، ޖެހިޖެހިގެން ދެވަނަ ރޯދަ މަހެއް ބަންދެއްގައި ހޭދަ ކުރާކަށް އެއްވެސް މީހެއް ބޭނުމެއް ނުވާނެއެވެ.

އިތުރު ފިޔަވަޅުތަކެއް ވަރުގަދަ ކުރެވި، މިރެއިން ފެށިގެން މާލޭގެ ކެފޭ ރެސްޓޯރަންޓުތަކުގެ ޑައިން-އިން ހިދުމަތް ދެވޭ އެންމެ ފަހު ގަޑިއަކީ ރޭގަނޑު08:30 ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ރޭގަނޑު10:30 އާއި ހަމައަށް ޓޭކް-އަވޭ، ޑެލިވަރީ ހިދުމަތް ދޭން ވަނީ ނިންމާފަ އެވެ.

އެޗްއީއޯސީން ވަނީ ކޭސްތައް ދަށް ނުވާނަމަ، ފިޔަވަޅުތައް ވަރުގަދަކޮށް ލޮކްޑައުންއަކަށް ދިއުން ނޫން ގޮތެއް ނޯންނާނެކަން ފާހަގަކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: