ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިއްސެ މަރާލިކަމަށް އެއްބަސްވީ ފުލުހުން އަނިޔާކޮށް، އިންޒާރު ދިނުމުން: ސުމޮން

އިއްސެގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ ބަންގްލްދޭޝްގެ ސުމޮން މިއާ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. އިހަވަންދޫގައި އައިސްޕްލާންޓުގެ ތެރޭގައި، މަރާލާފައި އޮއްވާ ފެނުނު ޅ. ހިންނަވަރު/ އަތިރީގެ، އިސްމާއިލް އުމަރު (އިއްސެ) މަރާލިކަމަށް އެއްބަސްވީ ފުލުހުން އަނިޔާކޮށް ބިރުދެއްކުމުން ކަމަށް އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ސުމޮން މިއާ ބުނެފިއެވެ.

ޖޫން، 2017 ގައި އިހަވަންދޫ އައިސް ޕްލާންޓް ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ އިއްސެ މަރާލި ކަމަށް ދައުލަތުން ދައުވާކުރަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށް ސުމޮން މިއާގެ މައްޗަށެވެ. އިއްސެގެ މަރުގެ ތުހުމަތުގައި ސުމޮން މިއާ ހައްޔަރުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެ ދުވަހުން ފެށިގެން އޭނާ މިއަދާ ހަމައަށް ވެސް ހުރީ ބަންދުގަ އެވެ. ތަހުގީގުގައި ވެސް ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވެފައިވާ ސޮމޮންގެ ޝަރީއަތް އެ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ދަނީ ކުރިއަށެވެ.

ސުމޮންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. މީގެ ކުރިން ޝަރީއަތްތަކުގައި ކުށަށް އިއުތިރާފުވެފައިވާ، ސުމޮން އިއްސެ މަރާލާފައި ނުވާނެކަމަށް ބުނީ މައްސަލައިގައި އިއްޔެ ކުރިޔަށް ގެންދިޔަ އަޑުއެހުމުގައެވެ.

ޓްރާންސްލޭޓަރެއްގެ އެހީގައި ޝަރީއަތުގައި ވާހަކަ ދައްކަމުން ސުމޮން ބުނީ، އިއްސެ މަރާލިކަމުގެ ތުހުމަތުގައި ފުލުހުން އޭނާ ކުޅުދުއްފުށިން ހައްޔަރުކޮށް ތިން ދުވަސް ވަންދެން ގަދަޔަށް ތަޅައި އަނިޔާކުރި ކަމަށެވެ. އަދި ފުލުހުން ބުނަމުން ދިޔައީ ކުށަށް އިއުތިރާފުވުމަށް ކަމަށާއި، އިއްސެ މަރާލިކަމަށް އެއްބަސްނުވެއްޖެ ނަމަ އޭނާގެ އާއިލާއަށް ގެއްލުންދޭނެކަމުގެ އިންޒާރު ދިން ކަމަށެވެ. މީގެ ކުރިން ކުރިޔަށް ގެންދިޔަ އަޑުއެހުންތަކުގައި ކުށަށް އިއުތިރާފުވެ، އެ ހާދިސާ ހިނގައިދިޔަ ގޮތާއި، އޭނާ އިއްސެ މަރާލަން ޖެހުނު ސަބަބު ތަފްސީލުކޮށް ކިޔައިދިން ސޮމޮން ބުނީ، ފުލުހުން އޭނާއަށް އަނިޔާކޮށް މަރާލާނެކަމުގެ އިންޒާރު ވެސް ދިން ކަމަށެވެ.

ސޮމޮން ބުނީ، މައްސަލައިގައި އެނާއައި އެކު ހައްޔަރު ކުރި އެހެން މީހުން މެދުވެރިކޮށް، އޭނާގެ އާއިލާއަށް ގެއްލުން ދެވޭނެކަމަށް ފުލުހުން ބުނި ކަމަށެވެ.

ސޮމޮންގެ ވާހަކައަށް ފަހު، ދައުލަތުން ބުނެފައިވަނީ އޭނާއަކީ ފުލުހުންގެ ތަހުގީގަށާއި، ޝަރީއަތުގައި ވެސް ހާދިސާ ތަފްސީލުކޮށް ކިޔައިދިން މީހެއް ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގަށް ސުމޮން ދިން ބަޔާނާއި، ޝަރީއަތުގައި ދެއްކި ވާހަކައައިގައި ތަފާތެއް ނެތްކަން ފާހަގަކޮށް ދައުލަތުން ބުނެފައިވަނީ، އެ ވާހަކަތައް ކިޔައިދެނީ އެއްވެސް މަޖުބޫރުކަމެއް ނެތިކަމަށް ޝަރީއަތުގައި ސުމޮން ބުނެފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ތަވާލު ކުރީ މައްސަލައިގެ ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމެކެވެ. އެހެން ނަމަވެސް، ކުއްލިއަކަށް ސުމޮން ކުށަށް އިންކާރުކޮށް ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރުމުން ދައުލަތުން ވަނީ މައްސަލައިގެ ތަހުގީގު ކުރިޔަށް ގެންދިޔަ ފުލުހުން ކޯޓަށް ހާޒިރުކުރުމަށް އެދިފައެވެ. ދައުލަތުން އެދުނުގޮތަށް، ޝަރީއަތުން ވަނީ ތަހުގީގުގައި ބައިވެރިވި ފަރާތްތައް ދެން އޮންނަ އަޑުއެހުމަކަށް ހާޒިރުކުރާނެކަމަށް އިއުލާނު ކުރައްވާފައެވެ.

އިއްސެ މަރާލިކަމަށް އެއްބަސްވެ، ޝަރީއަތުގައި ސުމޮން ބުނީ، އިއްސެ މަރާލީ އިތުރު ގަޑީގެ ފައިސާ ނުދޭތީ ކަމަށެވެ. އަދި އޭނާގެ އަންހެނުންނަށް ގުޅައިގެން އިންނަ ވަގުތުގައި، އޭނާއަށް އަމާޒުކޮށް އެއްޗެހި ކިޔައި އުޅޭތީ ކަމަށެވެ. އޭގެ ސަބަބުން އަންހެނުން އޭނާ ދެކެ ރުޅި އައިސް، މައިންބަފައިންގެ ގެއަށް ދާ ވާހަކަ ވެސް ބުނިކަމަށް ސޮމުން ކިޔައިދިނެވެ.

އެހެންވެ، އިއްސެ މަރާލުމުގެ ނިޔަތުގައި ވާގަނޑެއް ހިފައިގެން ގޮސް އިއްސެގެ ކަރަށް މަޅި ޖަހައި މަރާލަން އުޅުނީ ކަމަށް ސުމޮން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ނުވީ ކަރަށް ވާގަނޑު ބާރުކުރުމަށް މަސައްކަތް ކުރަނިކޮށް، އެ ވަގުތު ނިދާފައި އޮތް އިއްސެ ހޭލުމުންނެވެ. އަދި އިއްސެ، އެވަގުތު އޭނާއަށް ހަމަލާދިންކަމަށް ސުމޮން ބުންޏެވެ.

އިއްސެ ހަމަލާދިނުމުން ސުމޮން ވަނީ އިއްސެގެ ގައިގާ އަތުން ޖަހާ ވަޅިން ހަމަލާ ދީފައެވެ. އޭގެ ތެރޭގައި ސޮމޮންއަށް ވެސް އަނިޔާވިއެވެ. ސޮމޮން ބުނީ ދެވަނަ ފަހަރަށް އޭނާ ހަމަލާ ދިނީ އިއްސެގެ ކަރަށް ކަމަށެވެ. އަދި ދެ ފަހަރަކަށް އިއްސެގެ ކަރަށް ވަޅިން ހަމަލާދިން ކަމަށް އޭނާ ބުނެފައި ވެއެވެ. އެ ހަމަލާއިން ވެސް އިއްސެ މަރު ނުވުމުން އޭނާ ބިންމައްޗަށް ވައްޓާލާ އަނެއްކާވެސް ކަރަށް ވަޅިން ހަމަލާދިނީ ކަމަށް ސުމޮން ބުންޏެވެ. އޭގެ ފަހުން އެތަނުން ނިކުމެގެން ދިޔަ ކަމަށް ސޮމުން ބުންޏެވެ.

އިއްސެގެ މަރާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި ޝުމޮން މިއާގެ އަތެއްވާ ކަމަށް ރައްޔިތުން ޝައްކުކުރީ، އިއްސެ މަރާލާފައި އޮއްވާ ފެނުނުތާ ތިން ދުވަސް ކުރިން އޭނާ ރަށުން ފިލުމުންނެވެ. އެ މީހާ ހޯދަން އިއްސެ އާއި އޭނާގެ ގާތް މީހުން މަސައްކަތް ކުރި ނަމަވެސް ނުފެނުމުން ނިންމައިގެން ތިބީ އޭނާ ފިލައިގެން ދިއްދުއަށް ދިޔައީ ކަމަށެވެ. އެހެން ނަމަވެސް އިއްސެ މަރާލި ރޭ ޝުމޮން ޑިންގީއެއްގައި އިހަވަންދޫން ފުރައިގެން ހޯރަފުށްޓަށް ދިޔަކަން އެނގުމާ އެކު، އިއްސެގެ މަރުގެ ފަހަތުގައި އޭނާގެ އަތެއް ވާ ކަމަށް އިހަވަންދޫ މީހުންނަށް ޝައްކުކުރެވުނީ އެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 89%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: