ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުހިންމު ލިޔުމެއް ހުށަނޭޅުމުން، ބޭރުކޮށްލި ޖިންސީ ގޯނާގެ މައްސަލަ އަލުން ބަލަން ހުކުމްކޮށްފި

ޖިންްސީ ގޯނާއާއި ދެކޮޅަށް މާލޭގައި ކުރިޔަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ނުކުޅެދުންތެރިކަން ހުންނަ މީހަކަށް އިތުބާރު ކުރެވޭ މަގާމެއްގައި ހުރެގެން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއްގައި ދައުލަތުން ކޯޓަށް މުހިންމު ލިޔުމެއް ހުށަނާޅައި އޮތުމުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ބުނެ ހައިކޯޓުން ވެސް ބޭރުކޮށްލި މައްސަލަ އަލުން ބެލަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

މިއީ 2018 ވަނަ އަހަރުގެ ޖެނުއަރީ 02 ގައި ހުށެހެޅި މައްސަލައެކެވެ. މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްފައިވަނީ ޖިންސީ އަނިޔާ ލިބުނީ 18 އަހަރުން މަތީގެ މީހަކަށް ވެފައި، އެއީ ބުއްދީގެ ތަސައްރަފު ނުފުދޭ މީހެއްކަން ޝަރީއަތަށް ސާބިތުކޮށްދޭ ސަރުކާރުގެ ކަމާއި ބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއް ދައުލަތުން ހުށަހަޅާފައި ނުވާތީ އެވެ.

ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން އުމުރުން 18 އަހަރު ވެފައި ވިޔަސް، ބުއްދީގެ ތަސައްރަފު ނުފެދޭ މީހުންނަށް ޖިންސީ ގޯނާ ކުރުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުންގެ ގޮތުގައި އެ ގާނޫނުގައި ބުނެފައި ވެއެވެ. އެގޮތަށް ބަޔާންކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ހައްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައެވެ.

މައްސަލަ، ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ދައުލަތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި ހުށަހެޅި ނުކުތާގައި ބުނެފައި ވަނީ ގާނޫނުގައި ބުނާފަދައިން ޖިންސީ ގޯނާ ލިބިފައިވަނީ ބުއްދީގެ ތަސައްރަފު ނުފުދޭ ކުއްޖަކަށްކަން ސާބިތުކުރަން ސައިކޮލޮޖިކަލް ސާވިސަސް ޓްރެއިނިން އެންޑް ރީސާޗްއިން ތައްޔާރުކޮށްފައިވާ ސައިކޮލޮޖިކަލް ރިޕޯޓެއް ދައުލަތުން ހުށަހަޅާފައިވާނެ ކަމަށެވެ.

އެހެން ނަމަވެސް ކްރިމިނަލް ކޯޓުން، އެއީ ސަރުކާރުގެ ކަމާއި ބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއްކަން ނުވަތަ ސަރުކާރު ގަބޫލު ކުރާ ލިޔުމެއްކަން އެނގެން ނެތްކަމަށް ކަނޑައަޅާފައިވަނީ އެ ގާނޫނުގެ 60 ވަނަ މާއްދާގެ (ހ) އާއި ހިލާފަށް ކަމަށް ދައުލަތުން ބުންޏެވެ. މި މައްސަލައިގައި މިދިޔަ ޖެނުއަރީ މަހު ހައިކޯޓުން އިއްވި ހުކުމުގައި ވެސް ބުނެފައި ވަނީ އަނިޔާ ލިބުނު މީހާއަކީ ސިކުނޑީގެ އުނިކަން ހުންނަ މީހެއް ކަން ސާބިތު ކުރަން ދައުލަތުން ރިޕޯޓެއް ހުށަހެޅިޔަސް، އެ ރިޕޯޓް ތައްޔާރުކުރީ އެކަން ކުރަން ސަރުކާރުން ރަސްމީކޮށް ބަލައިގެންފައިވާ އިދާރާއަކުން ކަން އެނގޭނެ ލިޔުމެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ.

އެހެންވުމުން އެ މީހަކީ ބުއްދީގެ ތަސައްރަފު ނުފުދޭ މީހެއް ކަން ސާބިތުވާ ފަދަ ލިޔުމެއް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ އުސޫލަށް ރިއާޔަތް ކުރާއިރު އެ މައްސަލާގައި ހުށަހަޅާފައި ނެތްކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ހައި ކޯޓުން ކުރިން އެގޮތަށް ކަނޑައެޅި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި އޮތްއިރު، އެ ނިންމުން ބާތިލުކޮށްފައި ނެތް ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ. އަދި ހައިކޯޓުގެ ނިންމުމަށް އަމަލު ނުކޮށް ދައުލަތަށް އެ ހުއްޖަތް ނުދެއްޖޭނެކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.

ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދު ކުރުމުން، ދައުލަތުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ސުޕްރީމް ކޯޓަށް ވެސް ދައުލަތުން މައްސަލަ ވައްދާފައިވަނީ، އެންމެ އިސްތިއުނާފީ ނުކުތާއެއްގެ މައްޗަށެވެ. އަދި އެ ކޮޓުން މައްސަލައިގައި އިއްވި ހުކުމުގައި ބުނީ އަނިޔާ ލިބުނު މީހާއަކީ ބުއްދީގެ ތަސައްރަފު ނުފުދޭ މީހެއްކަން ސާބިތު ކުރަން ދައުލަތުން ލިޔުމެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެއީ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ ދަށުން ސައިކޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ޑރ. އައިޝަތު އަލީ ނާޒްގެ އެސެސްމަންޓް ރިޕޯޓެއްކަމަށް ހުކުމުގައި ވެއެވެ. ސުޕްރީމް ކޯޓުން ބުނެފައިވަނީ، އެ ރިޕޯޓު ބަލައިނުގަންނަން ކޯޓަށް ނިންމޭނީ އެސެސްމަންޓު ތައްޔާރު ކުރި ފަރާތަކީ ސައިކޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ނުވަތަ ލައިސަންސް ނެތް ފަރާތެއްކަމުގައި ވާނަމަ ކަމަށެވެ. މިއީ 26 އޭޕްރިލް 2016 ގައި ޑރ. ނާޒް ތައްޔާރު ކުރި ރިޕޯޓެކެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ، އަނިޔާ ލިބުނު ކުއްޖާއަކީ 18 އަހަރުން މަތީގެ ކުއްޖަކަށްވެފައި، އޭނާއަކީ ބުއްދީގެ ތަސައްރުފު ނުފުދޭ ކުއްޖެއްކަން ޝަރީޢަތަށް ސާބިތުކޮށްދޭ ފަދަ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއް ނުވަތަ ސަރުކާރު ޤަބޫލުކުރާ އެހެން އިދާރާއެއްގެ ލިޔުމެއް އޮންނަންވާނެކަމަށް ކަނޑައަޅައި، މި މައްސަލައިގެ ދައުވާ ބެލޭނެ ތަނެއް ނެތްކަމަށް ނިންމާފައި ވަނީ ގާނޫނާއި އެއްގޮތަށް ނޫން ކަމަށެވެ. ‘

“ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި 18 އަހަރުންމަތީގެ ކުއްޖެއް އެއީ ބުއްދީގެ ގޮތުން ތަސައްރުފު ނުފުދޭ ކުއްޖެއްކަން ސާބިތު ކުރުމަށްޓަކައި ވަކި ތަނެއްގެ ލިޔުމެއް ހުށަހަޅަން ޖެހޭނެކަމަށް ޚުދު އެ ޤާނޫނުގައި ވެސް ކަނޑައަޅާފައި ނުވާއިރު، މި ބާވަތުގެ ކަންކަމަށް ސަރުކާރުގެ ވަކި އިދާރާއެއްގެ ލިޔުމެއް އޮންނަންވާނެކަމަށް ބުނެ އިތުރު އަޑު ތަކުލީފުތަކެއް ކޯޓުތަކަށް ތައާރުފު ނުކުރެވޭނެއެވެ.” ސުޕްރީމް ކޯޓު

މި މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. ރިޔާސަތު ބެލެހެއްޓެވީ ޑރ. އަޒްމިރަލްދާ އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި އެ ހުކުމުގައި ބުނެފައިވަނީ، މި މައްސަލައިގެ ދައުވާ ބެލޭނެ ތަނެއް ނެތްކަމަށް ނިންމާފައި ވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށެވެ. މިއީ ހުއްދަ އޮތް ފަރާތަކުން ތައްޔާރުކޮށްފައިވާ ރިޕޯޓަކަށް ވާތީ، އެ މައްސަލަ އަލުން ހުށަހަޅައިފި ނަމަ، ކްރިިމިނަލް ކޯޓުން ބަލަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: