ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދުގެ މައްސަލަ ހައިކޯޓުން ބޭރުކުރުން: އިސްތިއުނާފާއި މެދު އަދި ގޮތެއް ނުނިންމާ!

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަތް ދައުވާއެއް ވަނީ އުފުލާފައި/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާގެ ތުހުމަތުގައި ޓޫރިޒަމް މިނިސްޓަރުކަމުން ވަކި ކުރި އަލީ ވަހީދަށް ބޭނުން ގައުމަކަށް ދިއުމުގެ ފުރުސަތު ދީ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބޭރުކޮށްލުމުން، އެ މައްސަލަ އިސްތިއުނާފާއި މެދު އަދި ގޮތެއް ނިންމާފައި ނުވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ކޯޓުގެ ރެޖިސްޓްރާ ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ. މައްސަލަ ހައިކޯޓުން ބޭރު ކޮށްލާފައި ވަނީ އަމުރު ދޫކުރި ކަމަށް މައުލޫމާތު ލިބުނު ވަގުތަށް ވުރެ 48 ގަޑިއިރު ފަހުން ހުށައަޅާފައިވާތީ ކަމަށް ހައިކޯޓުގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއެވެ.

ރަޖިސްޓްރާގެ ނިންމުން 07 ދުވަސް ތެރޭގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު ދައުލަތަށް އޮންނާނެ އެވެ. އެ މައްސަލައިގައި ބައެއް މީޑިއާތަކުން ވަނީ، ޕީޖީގެ އޮފިޝަލްތަކާއި ހަވާލާދީ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓުކޮށްފައެވެ. އަދި ބައެއް މީޑިއާތަކުން ވަނީ، މައްސަލަ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރަން ޕީޖީން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

އެކަމާއި ގުޅޭ މައުލޫމާތު ސާފު ކުރުމަށް، “ސަންގު” އިން ޕީޖީގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއަށް ގުޅާލުމުން ވިދާޅުވީ އެއާއި މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. އަދި އިސްތިއުނާފު ކުރާނީ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި ތޯ، ނުވަތަ ސުޕްރީމް ކޯޓުގައިތޯ މަޝްވަރާ ކުރަމުން އަންނަ ކަމަށް ޝަފީއު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ، އިސްތިއުނާފައި މެދު ގޮތެއް ނިންމުނުހާ އަވަހަށް މީޑިއާތަކާއި ހިއްސާ ކުރައްވާނެ ކަމަށެވެ.

މިއީ ސިއްހީ މައްސަލަތަކެއް ދިމާވެފައިވާކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިއުމަށް ހުށަހެޅުމުން، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލައެކެވެ. އަލީ ވަހީދަކީ ފިލުމުގެ ފުރުސަތު އޮތް މީހެއްކަމުން، އެ ފުރުސަތު ޓްރެވެލް ޑޮކިއުމެންޓެއްގައި ނޫން ގޮތަކަށް ނުދިނުމަށް ދައުލަތުން ހުށަހެޅި ނަމަވެސް ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ނިންމެވީ މައިބަދައިގެ އޮޕަރޭޝަނަށް އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށެވެ. ބޭނުން ގައުމަށް ދިއުމަށް އަލީ ވަހީދަށް ދިނުމުން، އެނާއާއި އެކު ޖާމިނުވެފައި ވަނީ އަލީ ވަހީދުގެ ގާތް އެކުވެރިޔާ އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި އަމުރުގެ އިސްތިއުނާފް ހައި ކޯޓުން ބޭރުކުރިއިރު މައްސަލަ، ހައި ކޯޓުން ކުރިއަށް ގެންގޮސްފާނެތޯ ސުވާލު އުފެދެ އެވެ. ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ މީހެއްގެ ޣައިރު ހާޒިރުގައި އިސްތިއުނާފް މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ވަނީ ބުނެފައެވެ. އެ ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ބެއްލެވި މައްސަލައެއްގެ ހުކުމުގައި ބުނެފައި ވަނީ އެ މީހެއްގެ ހާޒިރުގައި ޝަރީއަތް ކުރުމަކީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ޅ)ގައި، ކުށެއް ކުރި ކަމުގެ ދައުވާ އުފުލިފައިވާ ކޮންމެ މީހަކަށް ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. އަދި އެ ހައްގު އެއްވެސް މިންވަރަކަށް ހަނިކުރެވޭނީ ގާނޫނުއަސާސީގައި ބުނެފައިވާ އިޖުރާއަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް ބުނެފައި ވެއެވެ.

ސުޕްރީމް ކޯޓުގެ އެ ހުކުމަށް ރިއާޔަތްކޮށް ހައި ކޯޓުން ވެސް ވަނީ، ޖިނާއީ ކުށެއްގައި ދައުވާ އުފުލުމަށް ފަހު އެ ދައުވާއާ ގުޅިގެން ނިންމާ ނިންމުމެއްގެ އިސްތިއުނާފީ އަޑުއެހުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައެވެ.

މި މައްސަލަ އާއި ގުޅިގެން މަޖިލީހުގެެ ޖުޑިޝަރީ ކޮމެޓީއަށް ހާޒިރުކުރުމުން، ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ދިޔަ ތާރީހު ޔަގީން ނުވާ ކަމަށެވެ. މިހާތަނަށް ލިބުނު މައުލޫމާތުތަކުން އޭނާ ފުރާފައިވަނީ 09 ގައި ކަމަށް ބެލެވުނަސް، އެކަން ޔަގީން ކުރުމަށް އިމިގްރޭޝަނަށް ސިޓީއެއް ފޮނުވާފައިވާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަ ނޫން ޖިންސީ މުއާމާލަތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. މި ދައުވާތައް އަލީ ވަހީދުގެ މައްޗަށް ސާބިތުވެއްޖެނަމަ، މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: