ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ހުރިހާ އޮޑިއެއްގައި މައުމޫނަށް ބައިފަޅި!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމަކީ ސިޔާސީ ގޮތުން ފުންނާބު އުސް ތަޖުރިބާ ހުރި މުފައްކިރެއްކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ރާއްޖޭގެ ވެރިކަން، 30 އަހަރު ދުވަހު ކުރެއްވުމަށްފަހު، އަމިއްލަ ސިޔާސީ ޕާޓީތަކެއް އުފައްދާ އެ ޕާޓީތަކުންވެސް ވަނީ ވެރިކަން ހޯދާފައެވެ. މިވަގުތުވެސް އެމަނިކުފާނަކީ އެ މަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދި މޯލްޑިވްސް ރިފޯމް މޫވްމެންޓްގެ އިންތިގާލީ ރައީސްއެވެ. އަދި އެމްޑީޕީ ސަރުކާރުގެ ކޯލިޝަންގެ ލީޑަރުންގެ ތެރެއިން ނުފޫޒު ގަދަ ލީޑަރެކެވެ.

ރައީސް މައުމޫނުގެ ހިޔަނީގެ ދަށުން، އެތައް ބަޔަކު ވަނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ފިޔަ ޖަހާލާފައެވެ. އެގޮތުން ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަކީ ރައީސް މައުމޫނުގެ ކައިރިން ތަމްރީނުވެލެއްވި، އެންމެ ވަރުގަދަ އެއް ބޭފުޅެކެވެ. މީނޫންވެސް ސިޔާސީ ގިނަ ބޭފުޅުންތަކެއް އެމަނިކުފާނުގެ ސިޔާސީ ބަގީޗާގައި ފޮޅިފައިވެއެވެ.

އެގޮތުން ރައީސް މައުމޫންގެ ހަތަރު ދަރިންވެސް ރާއްޖޭގެ ސިޔާސީ މައިދާނުން ފެނިގެން ދިޔައީ އެންމެ ފުރަތަމަ ރައީސް މައުމޫނުގެ ސިޔާސީ ބަގީޗާއިންނެވެ. ރަން ތިރީސް އަހަރު ދުވަހު ރަންކަމުގެ ތެރޭގައި އެ ދަރިންނަށް އޭރުގައި ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅި ތީމު ގޭގައި އުޅެ ބޮޑުވުމުގެ ޝަރަފު ލިބުނެވެ. އަދި ވާދަވެރި ސިޔާސީ ޚަރަކާތްތައް ހިންގަން ފެށުމުން ބައްޕާފުޅުގެ ދިފާއުގައި ތެދުވެ އަތުކުރި އޮޅާލިއެވެ.

ރައީސް މައުމޫންގެ ވެރިކަމުގައިވެސް އަދި ސިޔާސީ މަސައްކަތުގައިވެސް އެމަނިކުފާނުގެ އާއިލާ ބޭފުޅުންނާއި ގާތް ބޭފުޅުންނަށް އަބަދުޗެވެސް ޚާއްސަކަމެއް ބާއްވަވައެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި އެމަނިކުފާނުގ ބޭބޭފުޅުންނާއި، ކޮއްކޯފުޅުންނަށް ވަޒީރުކަން ދެއްވައި ގާއްތ ރަހުމަތްތެރިންނަށްވެސް މަގާމުތައް ބެއްސެވިއެވެ. އަބަދުވެސް އާއިލާއާއި ގާަތް ތިމާގެ މީހުންނަށް ދޭން ޖެހޭ ހުރިހާ މޮޅެއް އުފަލެއް ބައްސަވައެވެ.

ވާދަވެރި ސިޔާސީ ޚަރަކާތްތަކާއެކު ރާއްޖޭގެ ދެވަނަ ސިޔާސީ ޕާޓީއެއް އުފެއްދެވީވެސް ރައީސް މައުމޫން އިސްވެ ހުންނަވައިގެންނެވެ. އޭރު ރައީސް މައުމޫނުގެ ވެރިކަމާއި ދެކޮޅަށް އެމްޑީޕީ ރަޖިސްޓްރީކޮށް ހަރަކާތްތައް ހިންގަން ފެށުމުން ދިވެހި ރައްޔިތުންގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދާ އެ ޕާޓީގެ ޒައީމުކަމާއި ހަވާލުވެ ވަޑައިގަތެވެ. އަދި ވެރިކަމުގައި ހުންނަވައިގެން 2008 ގެ ރިޔާސީ އިންތިޚާބުގައި ވާދަކޮށް ނާކާމިޔާބުވެ ވަޑައިގެވެ.

އޭގެފަހުން ޑީއާރުޕީ ތަސްމީނަށް ވެދުންކޮށްފަ، އަނެއްކާވެސް އާ ޕާޓިއެއް އުފެއްދެވިއެވެ. އެގޮތުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ނަމުގައި އައު ޕާޓިއެއް ރަޖިސްޓްރީކޮށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމަނިކުފާނުގެ ކޮއްކޯފުޅު ޔާމީނަށް ވެރިކަން ހޯއްދަވާދެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީވެސް މައުމޫނެވެ.

ނަމަވެސް ބަސްނާހާ ކަމަށްބުނެ ރައީސް ޔާމީނާއި ދެމީހުން ތޮޅި، އެންމެ ފަހުން ޖެހުނީ ގޮޅިއަށް ދާށެވެ. އެކޯޅުމުގެ ތެރޭގައި ރައީސް މައުމޫނުގެ އަތުން ޕީޕީއެމްވެސް ބީވެގެން ދިޔައީއެވެ. އޭގެ ފަހުން، ރައީސް ޔާމިނާއި ދެކޮޅަށް މަސައްކަތް ކުރުމަށް މައުމޫން ރިފޯމް މޫވްމެންޓްގެ ނަމުގައި މޫވެމެންޓެއް އުފައްދާ އިއްތިހާދުގެ ލީޑަރެއްގެ ގޮތުގައި މަސައްކަތް ފެއްޓެވިއެވެ. އަދި 2018 ގެ އިންތިޚާބު ކާމިޔާބު ކުރި އެމްޑިޕީ ގެ ބައިވެރިއެއްގެ ގޮތުގައިވެސް އެމަނިކުފާނުވިއެވެ. އަދި މޯލްޑިވްސް ރިފޯމް މޫވްމެންޓްގެ ނަމުގައި ޕާޓިއެއް އުފެއްދެވިއެވެ.

ޕާޓީގެ އަދަދު ހަމަނުވެގެން އެތައް މަސަައްކަތެއްކޮށް ޕާޓީ އުފައްދާ އެ ޕާޓީގެ އިންތިގާލީ ރައީސަކަށް ހަމައެކަނި ކުރިމަތިލެއްވި ބޭފުޅަކަށްވީވެސް އަދި އިންތިޚާބުވެވަޑައިގަތީވެސް ރައީސް މައުމޫނެވެ. އެމްއާރުއެމް އަކީ އެމަނިކުފާނުގެ ފިކުރެވެ. އަދި އެމަނިކުފާނަކީ ރައީސް ޞާލިހުގެ ސަރުކާރަށް ލަފާދެއްވާ ބޯޑުގެ މެންބަރެކެވެ. އާދެ އިއްތިހާގެ ވެރިންގެތެރެއިން އެއް ވެރިއެކެވެ.

ސިޔާސީ ގޮތުން ދުވަހެއް ދުވަހަށް އެމަނިކުފާނު ބަލިވެ، ސިޔާސީ މަސައްކަތުގައި މަޑުމަޑުން ފެއިލްވެފައިވާ ބޭފުޅެއްގެ ގޮތުގައި އެމަނިކުފާނު ލޭބަލް ވާން ފަށައިފިއެވެ. އެންމެ ފުރަތަމަ ކަމަކަށް އެމަނިކުފާނު އެމްޑީޕީއާއި ގުޅިގެން މަސައްކަތް ފެެއްޓެވި ހިސާބެވެ. އޭގެ ފަހުން އެމަނިކުފާނު ވިދާޅުވި، އުސޫލެއް ހަމައެއް ނެތް ރައީސް ނަޝީދާއެކު މަސައްކަތް ފެއްޓެވި ހިސާބެވެ. ދުނިޔަވީ ހަތުރުން ދުނިޔަވީ އެދުންތަކާއެކު އެއް ގަލަކަށް އެރި ހިސާބުން އެއީ މިހާރު ބާޒާރުގައި ވެލިއުއެއް ނެތް ޕްރޮޑަކްޓަކަށް ވެއްޖެއެވެ.

ނަމަވެސް ސިޔާސީބޭފުޅުން އެ ވިދާލުވާ މުފައްކިރުގެ މިހާރުގެ ވިސްނުން އަދި މާމޮޅުވެފަ ފުރިހަމައެވެ. ސިޔާސީ ހިޔަޅު ވިސްނުން އެމަނިކުފާނު ގެންގުޅުއްވާލެއްވެސް ކިތަންމެހާވެސް ފުރިހަމައެވެ. ހުރިހާކޮޅަކުން ކަނީއެވެ. ވަކިކޮޅެއް ނެތެވެ. އާއެކެވެ. އެމަނިކުފާނު ހުންނެވީ އެމްއާރުއެމްގައެވެ. ނަމަވެސް އެމަނިކުފާނުގެ ވާރުތަވެރިން އާދެ ދަރިންކޮޅު ތިބީ ސިޔާސީ މައިދާނަށް ދޮންކޮށްފަ ދޫކޮށްލާފައެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެންމެ އަޑު ހިނގާ ފިކުރުތަކަކީ، އެމްޑީޕީ ފިކުރާއި ޕީޕީއެމް ފިކުރެވެ. އަދި އޭގެ އިތުރުން ގާސިމްގެ ފިކުރަކާއި، ރައީސް މައުމޫނުގެ ފިކުރެވެ. އަދާލަތުގެ އިތުރުން އުމަރު ނަސީރު މިހާރު އުފައްދާފައިވާ ޑީއެންއޭއެވެ. ހުސް ސިޔާސީ ޕްލޭންތަކެވެ. އެކި ނަންނަމުގައި ވެރިކަމަށް ކުރިމަތިލަިގެން ދުއްވާ ޕްލެޓްފޯމްތަކެކެވެ.

ކުޑަކޮށް ތިލަކޮށްލާނަމެވެ. ވެރިކަން ކުރާ އެމްޑީޕީ ސަރުކާރުގެ އެއް ވަޒީރަކީ ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނެވެ. މި ސަރުކާރުގެ ވަޒީރަކަށް އެމަނިކުފާނުގެ ދަރިކަނބަލުންނެވެ. މި ސަރުކާރާއި އިދިކޮޅަށް މަސައްކަތް ކުރާ އާދެ ތުމްނާ މައުމޫނާއި ދެކޮޅަށް ތެދުވަންނަވައިގެން ހުންނެވީ އަނެއްކާވެސް ރައީސް މައުމޫނުގެ ދަރިކަލުން ޣައްސާނު މައުމޫނަށެވެ. ޣައްސާނު މައުމޫނަކީ، ގުރައިދޫ ދާއިރާގެ މެންބަރެވެ. އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސެވެ. ދެން ހުންނެވީ ދުންޔާ މައުމޫނެވެ.

ދުންޔާ ނިކުމެ އެ ހުރީ އުމަރު ނަސީރުގެ ޑީއެންއޭ އާއެކުގައެވެ. ދެން ހުންނެވީ ފާރިސް މައުމޫނެވެ. ފާރިސްއަކީވެސް ސިޔާސީ މައިދާނުގައި ވަރުގަދަ ނަމެކެވެ. ބޮޑަށް އަޑުތައް އަރާގޮތުން ފާރިސް ހުންނަވަނީ ރައީސް ސާލިހުގެ އަރިސް ބޭފުޅެއްގެ ގޮތުގައެވެ.

ރައީސް މައުމޫނުގެ ސިޔާސީ ވިސްނުން ކިތަންމެ ރަނގަޅަކަށްވެސް މި މަންޒަރުތަކުން އެބަފެނެއެވެ. ސިޔާސީ މައިދާނުގައި އޮތް ހުރިހާކޮަޅަކުން މި ފެންނަނީ އެމަނިކުފާނުގެ ދަރިންނެވެ. މާދަމާ އަޑިއަށް ދާނީ ކޮން އޮޑިއެއްކަން ޔަގީން ނުވާތީވެ، ކޮންމެ އޮޑިއަކަށް ކޮޅެއް އަޅާ ނިންމައިފިއެެވެ. ފެތޭ އޮޑި ނޫން ހުރިހާ އޮޑިއެއް އެމަނިކުފާނަށް ލިބޭގޮތަށް ނިިމިފައެވެ. ނޫނޭ ވާ ފިސާރި ބޯ ބޮޑެވެ.

ވަރަށް ގަދަ
6%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 19%ހައިރާންވެއްޖެ 6%ވަރަށް ދެރަ 19%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: