ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުވާ މަޖިލީހުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ފެންނަންޖެހޭ: މާރިޔާ

ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ފަތުވާ މަޖިލީހުން، ދިވެހި ރައްޔިތުންގެ މެދުގައި ދީނީގޮތުން ޚިލާފު އުފެދޭ މައްސަލަތަކަށް އެކަށޭނަ ޙައްލެއް ހޯދައިދީ، ކަން އޮންނަންވީ ސާފު، ރަނގަޅު ގޮތް އޮޅުންފިލުވައިދީ، މުޖްތަމަޢުގެ ޞުލްޙަޔާއި އަމާންކަން ކަށަވަރުކުރުމަށްޓަކައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަންޖެހިފައިވާކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، ޖަޕާނު ސަރުކާރުގެ ދީލަތި އެހީގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެން.ސީ.ޓީ.ސީ) އާއި ދިވެހިރާއްޖޭގެ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ)ން ގުޅިގެން ކުރި ދިރާސާއެއްގެ މައްޗަށް އެކުލަވާލާފައިވާ “ވިމެން އޭސް ޕީސްބިލްޑަރސް އެންޑް އޭޖްންޓްސް އޮފް ޗޭންޖް އިން ދަ މޯލްޑިވްސް” ރިޕޯޓު އިފްތިތާޙުކުރުމަށް މިއަދު މިނިސްޓްރީ އޮފް ޑިފެންސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކުގެ ޢަމާޒަކީ ޒަމާނުއްސުރެ އެކުވެރިކަމާއި ބަދަހިކަމާއެކު ދިރިއުޅެމުން އަންނަ މުޖްތަމަޢެއް ދީން ހަތިޔާރަކަށް ހަދައިގެން ބައިބައިކޮށްލުންކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އެކަމަނާވަނީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، ދިވެހިރާއްޖެއަކީ އަމާން، ޞުލްޙަވެރި، އަދި މިންތީގެ ހަމަހަމަކަން ފުރިހަމަޔަށް ޤާއިމްވެފައި އޮންނަ ޤައުމަކަށް ހެއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި މިހާތަނަށް ޙާސިލްކުރައްވާފައިވާ ކުރިއެރުންތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ. މިގޮތުން، ކައުންސިލްތަކުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްޞަކުރުމާއި، ސުޕްރީމް ކޯޓުގެ ބެންޗަށް ފުރަތަމަ ފަހަރަށް އަންހެން 2 ފަނޑިޔާރުން އައްޔަންކުރައްވާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ވަނީ، މި މުހިންމު އަދި މުނާސަބު ރިޕޯޓު އެކުލަވާލުމުގައި ޙަރަކާތްތެރިވި އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ މާރިޔާގެ އިތުރުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސް، އަލްފާޟިލާ އާއިޝަތު މުޙައްމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ. މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި މިނިސްޓަރ އާއިޝަތު ދީދީ އެކަމަނާގެ ޒިންމާއާއި މަސްޢޫލިއްޔަތު ނުހަނު ފުރިހަމަކަމާއި އިޚްލާޞްތެރިކަމާއެކު އަދާކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އެކަމަނާއަށް ޝުކުރުއަދާކުރެއްވިއެވެ.

މިނިސްޓަރ އާއިޝަތު ދީދީގެ ވާހަކަފުޅުގައި އެކަމަނާވަނީ، ޞުލްޙަ ޤާއިމްކުރުމުގައި އަންހެނުން ބާރުވެރިކުރުވުމުން އަނިޔާވެރިކަން ދުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޞުލްޙަ ޙާސިލްކުރެވޭނެ ކަމަކީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއްކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަޕާނުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނައި ވިދާޅުވިގޮތުގައި ދެ ޖިންސުގެ ހަމަހަމަކަމާއި އަންހެނުން ބާރުވެރިކުރުވުމަކީ އިންސާނީ ސަލާމަތަށް ކޮންމެހެންވެސް މުހިއްމުކަމެކެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެކަމަނާ އިތުރަށް ވިދާޅުވީ ތަފާތު ގޮތްގޮތަށް ތަފާތު ދާއިރާތަކުން އެކި ފެންވަރުގައި އަންހެނުން ޝާމިލުކުރަން ޖެހޭނެކަމަށެވެ. އަދި އެންމެ ފުރިހަމަގޮތުގައި އަންހެނުންގެ ބޭނުންހިފުމަށް، އަންހެނުންގެ ޙައްޤުތަކަށް ޚާއްޞަ ސަމާލުކަމެއްދީގެން، ބާރުވެރިކުރުވާ، އިޖްތިމާޢީ އަދި ޤައުމީ ފެންވަރުގައިވެސް ސިޔާސަތުތައް ކަނޑައަޅާ ގޮތްނިންމުމުގައި އަންހެނުން ބައިވެރިވެ އިސްނެގުމަކީ ވަރަށް މުހިއްމުކަމެއް ކަމަށްވެސް ޖަޕާނުގެ ސަފީރު ވިދާޅުވިއެވެ.

ޔޫ.އެން.ޑީ.ޕީގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ރެސިޑެންޓް ރިޕްރެޒެންޓޭޓިވް އަކީކޯ ފޫޖީ ވިދާޅުވި ގޮތުގައި އ.ދ. ގެ 17 ސަސްޓެއިނަބަލް ޑެވަލޮޕްމަންޓް ގޯލްސްގެ ކޮންމެ ލަނޑުދަނޑިއެއް ޙާޞިލްކުރުމުގައިވެސް އަންހެނުންގެ މުހިއްމު ދައުރު ފާހަގަކޮށްފައިވާނެކަމަށެވެ. އެކަމަނާގެ ވާހަކަފުޅުގައި މި ދިރާސާގެ ހޯދުންތަކުގެ އަލީގައި ސަރުކާރުން އެކުލަވާލާފައިވާ ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިންގ އެންޑް ކައުންޓެރިންގ ވަޔަލަންޓް އެކްސްޓްރީމިޒަމް 2020-2024 އަންހެންބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުމާއިއެކު ތަންފީޛުކުރުމުގައި އެހީތެރިވާނެކަމަށް އުއްމީދުކުރައްވާ ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: