ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިޔަ ފެންނަނީ “ޖީލެއް” ހަލާކުވެގޮސްފައިވާ މިންވަރެވެ! ޒިންމާ ނަގާނެ ހަމަ އެކަކުވެސް ނެތެވެ!

ޝެއާރކޮށްލާ ކަހަލަދޯ؟

މަގުމަތީ ގައި މަޑުކޮށްލައިގެން ހުއްޓާ ޖެހިގެން ހުރި ގޯޅިން ފެނުނީ ތަފާތު މަންޒަރެކެވެ. ހިތަށްވެސް ލޮލަށްވެސް އުދަގޫ މަންޒަރެކެވެ. އެކުވެރިއެއް ކައިރީގައި ބުނެގެން އެމީހުން ކުރަނީ ކީއްތޯ އަހާލީމެވެ.

“މިއުޅެނީ ރިހި ފައްޓަރުބައެއް ގެއްލިގެން. އެ ފެނޭތޯ މިއުޅެނީ”

ޑަސްބިން ކޮތަޅުތައް ހާވަމުން ދިޔަ ޒުވާނާގެ ޖަވާބަކީ މިއީއެވެ.

ހިނިވެސް އައެވެ. ދެރަވެސް ވިއެވެ. އެތައް އިރެއް ވާންދެން އެ ޑަސްބިން ކޮތަޅުތައް ހާވަން އުޑަފައިން އިނދެފައި އެ ޒުވާނާއަށް ވާ ވަރު ވީމަ ނައްޓާލިއެވެ. ޖެހިގެން ހުރިގެއިން ނެރެފަ ހުރި ޑަސްބިން ހާވަން ފެށިއެވެ.

މިއީ މާލޭގެ މަގުތަކުން މި ފަހަކަށް އައިސް ފެންނަމުން ދާ މުޅިން ތަފާތު މަންޒަރެކެވެ. ނޫކަށި ފުރައިގެ ޒުވާނުން މާލޭގެ އެކި ސަރަޙައްދުތަކުގައި ވަރަށް ބުރަކޮށް އުޅޭތަނެވެ. އެމީހުން ބުރަކޮށް އުޅެނީ އެމީހުންގެ ބަނަޑު ފުރާނަ މުއްތިކުރުމަށާއި، ދެންވެސް އެމީހުން އެބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށެވެ. ނަމަވެސް ބުރަކޮށް އެމީހުން އެކުރާ ކަމަކީ އެމީހުންނާއި ހަވާލުވެފައި އޮތް ވަޒީފާއެއް ނުވަތަ މީހަކު ހަވާލުކުރި މަސައްކަތެއްވެސް ނޫނެވެ. އެމީހުން ކުރާ ކަމަކީ ގޭގެއިން ބޭރަށްނެރެފައި ހުންނަ ކުނިކޮތަޅުތައް ހާވަނީއެވެ.

ކޮންމެ މީހެއްގެ ކޮޑުގައި ދަބަހެއް އަޅުވައިގެން ޑަސްބިންތަކުން އެމީހުންނަށް ކަމުދާ އެއްޗެހި ނަގައިގެން އެއްކޮށް އޭގެތެރެއިން ކިރިޔާވެސް އަގެއް ލިބޭނެހެން ހީވާ އެއްޗެއްނަމަ ވިއްކާލަނީއެވެ.

މިފަދަ އެހެން މަންޒަރެއް ބާޒާރުމަތިންވެސް ކުރީ ރެއެއްގައި ފެނުނެވެ. ދެ ޒުވާނަކު އެކަކު އަނެކު ލަފުގައި ހިފައިގެން ޒުވާބު ކުރަނީއެވެ. މީހުން އެއްވެ ބަލަން ތިއްބެއެވެ. ސައިކަލުން ފައިބައިގެން ގޮސް ދެމީހުން ދުރުކުރީމެވެ. ވެގެން އުޅޭގޮތް ސާފުކޮށްލިއިރު، ބާޒާރު ފިހާރަތަކުން ނެރޭ ހުސް ފޮށިގަނޑުތައް އެއްކޮށް އޭގެއިން ވިޔަފާރިކުރާ ދެ ޒުވާނުންނެވެ. އޭރުވެސް އެތަނުގައި ބޮޑު ދެ ބަންްޑެލީގެ ފޮށިތައް ބަދެލާަފައި ހުއްޓެވެ. ކައިރީގައި ފިހާރަތަކުން ނެރެފައިވާ، ހުރި ބައެއް ތަރުކާރީތައްވެސް އެއްކައިރިކޮށްފައި ހުއްޓެވެ.

ދެމީހުންނަށް ރަނގަޅަށް ކޮޅަށްވެސް ނުހުރެވެއެވެ. ގައިން ދުވަނީ ތަތްމުޑު ވަހެވެ. ދުވާ ސިގިރެޓް އަދި އެހެން ވަސްތައް އިންތިހާއެވެ. އެތަނުން މީހަކު އެ ދެ ޒުވާނުންނަށް ނިސްބަތްކޮށް ގޮވާ އަޑު އިވެއެވެ. “ބޮއެގެން ތެޅޭއިރު މީހުންނަށް ތުރާ ނުޖައްސާ” “ދެމީހުންވެސް މިތަނުން ރައްކާވޭ”. ދެ ޒުވާނުންވެސް އެމީހުންނަށް ރައްދު ދިނެވެ. އެތަނުން އަވަހަށް ދާން ނަސޭހަތްތެރިވުމުން ދެމީހުންވެސް އެއްކޮށްފައި ހުރި ސާމާނުތައް ނަގާ ބޮލަށް ލައިގެން ނައްޓާލައިފިއެވެ.

މާފުކުރާށެވެ. ދައްކަން މިއުޅޭ ވާހަކަ ނިސްބަތްވާ ރަނގަޅު މީހަކުވެސް ހުރެދާނެއެވެ. އެހެންކަމުން ނިހާޔަތަށް އެ ފަރާތުގެ ކިބައިން މާފަށް އެދެމެވެ. އެހެނަސް މާލޭގެ މަގުތަކުގައި ޑަސްބިން ހާވާން އުޅޭ މީހުންނަކީ، މަސްތުވާތަކެތީގެ ވަބާގައި ޖެހި ހަލާކުވެގޮސްފައި ތިބި ޒުވާނުންނެވެ. ބޯނެ އެތިކޮޅެއް ހޯދަން އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާ ޒުވާނުންނެވެ.

މިއައީކީ އާބައެއް ވެސް ނޫނެވެ. މިއީ ހަމަ އެއްބައެކެވެ. ތަފާތަކީ އެމީހުންނަށް ކުރިން މިގޮތަށް ހާވަން ޑަސްބިން ނުލިބުމެވެ. ކޮވިޑާއި ގުޅިގެން އެގެއްގެ ޑަސްބިން މަގުމައްޗަށް ނެރެން ފެށީ މިދިޔަ އަހަރުގައެެވެ. އެހެން ކަމުން އެ ހާވާލާނެ ފުރުސަތެއް އެމީހުނަށް ކުރިން ނުލިބުނީއެވެ.

ނަމަވެސް މިއީ އެމީހުން ބޮލަށް އެކަން ޖަހާލާފަ ނިންމާލެވެން އޮތްކަމެއްވެސް ނޫނެވެ. މިއީ ބަޔަކު އަޑީގައި ތިބެގެން ދުނިޔަވީ އެދުމަށް ދިވެހި ޒުވާން ޖީލެއް ހަލާކުކޮށްލާފައިވާ މަންޒަރެވެ. ގަސްތުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކޮށް އޭގެއިން ނަފާ މަންފާ ހޯދުމަށް ދިވެހި ޒުވާނުން އެމީހުންގެ ދަލުގައި ޖައްސާ އަދިރިކަމުގެ ހަޔާތަކަށް އެ ޒުވާނުން އެއްލާލި ބަޔަކުވެސް ވާނެއެވެ.

މިއަދު މި ފެންނަނީ، އެ މަސްތުވާތަކެތި ހޯދުމަށް އެ ޒުވާނުން ވައްކަން ކުރަނީއެވެ. ފޭރެނީއެވެ. ސަލާމް ޖަހަނީއެވެ. ވަންނާކަށް ދޮރެއް ގެ ދޮރެއް ނެތެވެ. މަގުމަތިވެ ނިމިއްޖެއެވެ. މަގުމަތީގައި ނިދަމުން ގޮސް ބޭރު ތޮށީގައިވެސް ނިދަން ފެށީއެވެ. މިއީ އެމީހުނަށްވެސް ހައްގުވާން ޖެހޭ މިންވަރެއް ނޫނެވެ.

މިފެންނަނީ ދިވެހި ޒުވާން ޖީލެއް މަސްތުވާތަކެތީގެ ވަބާއަށް ގޮސް ހުސްވެފައިވާ މިންވަރެވެ. ޒިންމާ ނަގާނެ ހަމަ އެކަކުވެސް ނެތީއެވެ.

 

ވަރަށް ގަދަ
7%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 93%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: