ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބު އާއި ޒިޔަތު ގެއަށް ބަދަލުކުރީ ރައީސް ޔާމީންއާ ދެކޮޅަށް ހެކިދިނުމުން ބަދަލުގައި އިނާމެއްގެ ގޮތުން: ޖަމީލް

ޑރ މުހައްމަދު ޖަމީލާއި ކުރީގެ ރައީސް އބްދުﷲ ޔާމީން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭ ބަންދަަށް ބަދަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ހެކިދިނުމުން ބަދަލުގައި އިނާމެއްގެ ގޮތުން ކަމަަށް އެ ސަރުކާރުގެ އެންމެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ވާޗުއަލްކޮށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އަދީބާއި ޒިޔަތު ގޭ ބަންދަށް ބަދަލުކުރީ ސިއްހީ ލިއުމެއް އޮވެ އިޖުރާއަތުގެ ތެރެއިން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ގާނޫނާ ޚިލާފު ކަމެއް އެކަމުގައި ނެތް ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

މިކަމާ ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބާއި ޒިޔަތު ގޭގައި ތިބީ ޑޮކްޓަރެއްގެ ލިޔުމެއް އޮތުމުން ކަމަށް ⁦ރައީސް ސޯލިހު ވިދާޅުވުމަކީ ރައްޔިތުންނަކީ ތަނެއްދޮރެއް ނޭނގޭ ބައެއްކަމަށް ސިފަކުރުން ފަދަ ކަމެއް ކަމަށެވެ.

“އެނޫން ބަޔަކު ނެތީތޯ ޑޮކްޓަރުންގެ ލިޔުން ލިބޭނެ؟ ޙަޤީގަތަކީ ރައީސް ޔާމީނާ ދެކޮޅަށް ހެކިދިނުމުން ބަދަލުގައި އިނާމަކަށް އެ 2 މީހުން ގެއަށް ބަދަލުކުރި. މިކަމުގެ ހެކި އެބަހުރި. ރައީސް ޔާމީން ގެއަށް ބަދަލުކޮށް ސްޓްރެސް ފްރީ މާހައުލެއްގައި ބަހައްޓަންޖެހޭ ކަމުގެ ލިޔުން ތަކުރާރުކޮށް ހުށަހެޅުމުންވެސް ޤަބޫލެއް ނުކުރި.” ޖަމީލް ވިދާޅުވިއެވެ.

ޖަމީލް އިތުރަށް ވިދާޅުވީ ވަކިވަކިން ރައީސް ސޯލިހުގެ ފަރާތުން އެކިފަރާތްތައް މެދުވެރިކޮށް ރައީސް ޔާމީން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޕްރެޝަރުކުރަމުންދާ ކަމަށެެވެ.

“އެވަރުން ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފޮނުވަން ކެތްމަދުވެގެން އުޅުއްވަނީ ކީތްވެބާ؟” ޖަމީލް ސުވާލު ކުރެއްވިއެވެ.

ޖަމީލް މިހެން ވިދާޅުވެފައިވާއިރު، އިއްޔެ ރައީސް ވިދާޅުވީ އަދީބާއި ޒިޔަތު ގޭގައި ބަހައްޓަންޖެހޭ ކަަމަށް ޑޮކްޓަރު ދެއްވާފައިވާ ފަދަ ލިއުމެއް ރައީސް ޔާމީންގެ ލިބިފައެއްނެތްކަމަށެވެ. އެމަނިކުފާނާ ގުޅިގެން ޑޮކްޓަރުން ލަފާ ދެއްވާފައި އޮތީ ޓެސްޓްތަކެއް ހަދަން ބޭރަށް ފޮނުވަން ކަމަށާއި، އެ ފުރުސަތު ރައީސް ޔާމީނަށް އެރުވިކަމަަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ނަމަވެސް އެފުރުޞަތުގެ ބޭނުން ރައީސް ޔާމީން ނުހިއްޕެވީކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: