ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާޑުކިއުންތަކާއި އެކު، ކަރަންޓީން ނުވެ ކެމްޕެއިނަށް ރަށަށް ދެވޭ އުސޫލު އުވާލައިފި

ކޮވިޑުގެ ތެރޭގައި ގިނަ އަދަދެއްގެ އާއްމުން ވަނީ، ކަރަންޓީނު ފުރިހަމަކުރާ ގޮތަށް ރަށްތަކަށް ބަދަލުވެފައި/
ޝެއާރކޮށްލާ ކަހަލަދޯ؟

ކަރަންޓީންނުވެ ކެމްޕޭނަށް ރަށްރަށަށް ދެވޭގޮތައް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ރޭ އާއްމު ކުރި ގައިޑްލައިނަށް ފާޑުކިއުންތައް އަމާޒުވެ އުސޫލު އުވާލައިފި އެވެ.

އާއްމުންގެ އެތައް ފާޑުކިއުމެއް އަމާޒުވެ، އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާގުޅިގެން ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ 12 ވަނަ މާއްދާއަށް ގެނައި އިސްލާހު އުވާލުމަށް ނިންމާފައިވާ ކަމަށެވެ.

ކަރަންޓީނު ނުވެ ފަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް، ރަށްތަކަށް ދެވޭ އުސޫލެއް އެކުލަވާލީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމަށް ފުރުސަތު ނުލިބޭކަމަށް ބުނެ ސިޔާސީ ޕާޓީތަކުން ކުރަމުންދާ ޝަކުވާތަކާއި ގުޅިގެންނެވެ.

ކުރު މުއްދަތަކަށް ރަށްރަށަށް ގޮސް ކެމްޕޭނު ކުރެވޭ ގޮތަށް އުސޫލު ބަދަލުކުރީ ކެމްޕޭނުކުރަން ފުރުސަތު ނުލިބޭ ކަމަށް ބުނެ ޕާޓީތަކާއި އިލެކްޝަންސް ކޮމިޝަނުން ކުރި ޝަކުވާތަކަށް ފަހުގަ އެވެ. އެކަމަކު އާންމުންގެ އެތައް ބަޔަކު ބަންދުވެފައި ތިއްބާ ސިޔާސީ ބޭނުމަށް ރަށްރަށް ދާން ހުއްދައެއް ލިބުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. އެ ގައިޑްލައިން ބުނާ ގޮތުން ކެނޑިޑޭޓުނާއި އެކު، ކެމްޕެއިން ޓީމުތަކުގެ މެމްބަރުންނަށް 72 ގަޑިއިރު ކުރިން ހަދާފައިވާ ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކު ކަރަންޓީންވާކަށް ނުޖެހޭނެ އެވެ.

އެޗްޕީއޭއިން މިރޭ އުވާލި، ގައިޑްލައިނުގެ ދަށުން ކެމްޕެއިނަށް ރަށްތަކަށް ގޮސް އާއްމު ތަންތަނުގައި ބައްދަލުވުންތައް ބޭއްވުމަށް ހުރަހެއް ނާޅައެވެ. އަދި ބައްދަލުވުންތަކުގައި ހަ ފޫޓުގެ ދުރުމިނެއް ބަހައްޓަން ޖެހޭނެކަމަށް ބުނެފައި ވެއެވެ. އެ އުސޫލުން ހަމައެކަނި މަނާކުރީ ދޮރުން، ދޮރަށް ކެމްޕެއިން ކުރުމެވެ.

އުސޫލު އާންމު ކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް އުސޫލު އުވާލަން ޖެހުނީ އާއްމުންގެ ފާޑުކިއުން އެޗްޕީއޭ އާއި، މި އުސޫލު ކަނޑައެޅި ފަރާތްތަކަށް އަމާޒުވުމުންނެވެ. އަދި މީގެ ކުރިން ވެސް އެޗްޕީއޭއިން ދޫކުރި “ހާއްސަ ހުއްދަ” ގެ ސަބަބުން ބައެއް ރަށްތަކުގައި ކޮވިޑު-19 ފެތުރިފައި ހުރުމުންނެވެ.

މީގެ އިތުރުން ސިޔާސީ ފަރާތްތަކަށް މިހާބޮޑު ލުޔެއް ދޭންވީ އެއްވެސް ސަބަބެއް ނެތްކަން އާއްމުން ވަނީ ފާހަގަކޮށްފައެވެ.

ކަރަންޓީންނުވެ ކެމްޕޭނަށް ދެވޭގޮތައް ހެދި އުސޫލު އުވާލިއިރު، ދެން ކެމްޕޭން ކުރިއަށް ގެންދާނެ ގޮތަކާއި ބެހޭ އެއްވެސް މައުލޫމާތެއް އެޗްޕީއޭއިން އާއްމުކޮށްފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: