އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ގދ. ގައްދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އަހްމަދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާއާއި އެފަދަ އިތުރު ދައުވާތަކެއް ކޮށްފައިވަނީ ގދ. ގައްދޫ ކައުންސިލުގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓު މުހައްމަދު އަހްމަދުގެ މައްޗަށެވެ.
ޕީޕީއެމްއިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ މި މައްސަލައިގެ ޙަޤީޤަތް ހޯދާ އެ ޕާޓީގެ ފަރާތުން އަޅަން
ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ބަލަން ޖެހޭ އެންމެހާ ބެލުންތައް އެ ޕާޓީގެ ޤާނޫނީ ޓީމުން ބަލަމުންދާ ކަމަށެވެ.
ޖިންސީ ގޯނާގެ މައްސަލަތަކަކީ އަވަސް މުއްދަތެއްގެ ތެރޭގައި ބެލި ގޮތެއް ނިމެންޖެހޭ މައްސަލަތަކެއްކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އެއްވެސް ފަރާތަކަށް ކުރާ ޖިންސީ ގޯނާއާއި ފުރައްސާރަތަކަކީ، އެއްވެސް
އިރެއްގައި އެ ޕާޓީއިން ތަރުހީބު ދީ ބަލައިގަންނާނޭ ކަމެއް ނޫން ކަމަށް ވެސް ޕީޕީއެމްއިން ބުނެފައިވެއެވެ. އަދި އެފަދަ މައްސަލަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެ ޕާޓީއިން ވަނީ ބުނެފައެވެ.
މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި ވީ އެންމެ އަވަހަކަށް ފައިސިލާ ކުރަނިވި ނިންމުމެއް ނިންމައިދިނުމަށްވެސް ކަމާ ބެހޭ ފަރާތްތަކަށް އެ ޕާޓީއިން ވަނީ ގޮވާލާފައެވެ.