ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދު ހުންނެވި ތަނެއްގެ މައުލޫމާތު ދައުލަތަކަށް ނޭނގޭ!

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަތް ދައުވާއެއް ވަނީ އުފުލާފައި/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވަނިކޮށް، ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ޗިޓު ރައްދު ކުރެވޭ ގޮތެއް ނުވިކަމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އަލީ ވަހީދު މަގާމުން ވަކިކޮށްފައިވަނީ، މިނިސްޓްރީގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކޮށް ފުރައްސާރައިގެ ޝަކުވާތައް ހުށަހެޅުމުންނެވެ. އެ މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް، ރޭޕް ކުރަން އުޅުމުގެ ކުށް ހިމެނޭހެން ހަތް ދައުވާއެއް އުފުލިއެވެ. ޝަރީއަތް ފަށާފައިވަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދީ އޭނާގެ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގެ ޝަރީއަތް ހައި ކޯޓުގައި މިއަދު ވަނީ ފަށާފައެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް އަލީ ވަހީދު ހުށަހަޅާފައިވަނީ، އޭނާގެ ގާތް އެކުވެރިއާ އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް އައްސަދު އަލީ ޖާމިނުވާގޮތަށެވެ. ނަމަވެސް، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރި ދުވަހާއި، އޭނާ ފުރި ދުވަހާއި ފުށު އެރުންތަކެއް ހުރުމުން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނެރުއްވި އަމުރު ދައުލަތުން އިސްތިއުނާފު ކުރީއެވެ.

މި މައްސަލައިގައި ދައުލަތުން އެންމެ ފުރަތަމަ އިސްތިއުނާފު ކޯޓަށް ހުށަހެޅީ، އެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވި ފަހުންނެވެ. އެހެންވެ، ހައިކޯޓުގެ ރެޖިސްޓްރާ ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށެވެ. ރެޖިސްޓްރާގެ ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅަން އޮންނަ މުއްދަތުގެ ތެރޭގައި ހުށަހެޅުމުން އިސްތިއުނާފުގެ ހުއްދަ ދޭން ނިންމީއެވެ.

މައްސަލައިގައި މިއަދު ކުރިޔަށް ގެންދިޔައީ އިބްތިދާއީ އަޑުއެހުމެކެވެ. މައްސަލައިގައި ދައުލަތާއި ގިނަ ސުވާލުތަކެއް އަމާޒުކުރައްވައި ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވީ އަލީ ވަހީދު ދީފައިވާ އެޑްރެހާއި، އަދި ނަމްބަރަށް ގުޅޭ ގޮތް ނުވުމުން އަލީ ވަހީދާއި ޗިޓު ހަވާލު ނުކުރެވުނުކަމަށް ދައުލަތުން ބުނެފައިވާ ކަމަށެވެ. އެހެން ކަމުން މި މައްސަލަ ކުރިޔަށް ގެންދާނެ ގޮތެއް އެބައޮތްތޯ ފަނޑިޔާރު ސުވާލު ކުރެއްވިއެވެ.

ފަނޑިޔާރު ފައިސަލް ވިދާޅުވީ އަލީ ވަހީދު ދީފައިވާ ނަމްބަރަށް ޗިޓު ވައިބާ، އަދި ވަޓްސްއަޕް އިން ފޮނުވާފައިވީ ނަމަވެސް އެކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

ރައްދުގައި ދައުލަތުން ބުނީ، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްދިނުމަށް އެދި ހުށަހެޅުމުން އެކަމަށް އިންކާރު ކުރީ އެސަބަބާއި ހުރެ ކަމަށެވެ. އަދި އަލީ ވަހީދަކީ އެފަދަ ފުރުސަތެއް ދީފިނަމަ ފިލައިގެން ދިއުމުގެ ފުރުސަތު އޮތް މީހެއްކަން އަންދާޒާ ކުރެވުނުކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުން ބުނީ އަލީ ވަހީދަށް ފޯނު މެދިވެރިކޮށް ޗިޓު ފޮނުވި ކަމަށާއި، އެހެންކަމުން އޭގައި ބަލަންޖެހޭނީ އެނާއަށް އެ ރައްދުވެފައިވާ ކަމުގައި ކަމަށެވެ. އަދި އެއީ އަލީ ވަހީދުގެ ނަމްބަރުކަމަށް ވެސް ދައުލަތުން ބުންޏެވެ.

ދައުލަތުގެ ވާހަކަތަކާއި އެކު ފަނޑިޔާރު ދެން ސުވާލު ކުރީ އަލީ ވަހީދު މިހާރު ދިރިއުޅެމުންދާ ތަނަކާއި އޭގެ ތަފްސީލު ދައުލަތަށް އެނގޭތޯ އެވެ.

ޖަވާބުގައި ދައުލަތުން ބުނީ، އަލީ ވަހީދު މިހާރު ދިރިއުޅޭ އެޑްރެހެއް ނޭނގޭ ކަމަށެވެ. އެއަށްފަހު ދައުލަތުން ބުނީ، އަލީ ވަހީދު އުޅޭ ގައުމެއް ހޯދުމުގެ މަސައްކަތް ކުރެވިދާނެ ކަމަށެވެ. ދައުލަތުން ވަނީ، އަލީ ވަހީދު އެންމެ ފަހުން ދަތުރު ކުރީ ތުރުކީއަށް ކަމަށް ވެސް ޝަރީއަތުގައި ބުނެފައެވެ.

ދައުލަތުން ބުނީ އަލީ ވަހީދު އެންމެ ފަހުން ދިން މައުލޫމާތުތަކުގައި އެޑްރެސްގެ ތަފްސީލް ދީފައިވާ ކަމަށެވެ. ނަމަވެސް އެކަން ކަށަވަރު ކުރިތޯ ނުވަތަ ނޫންތޯ ބެންޗުން ސުވާލު ކުރުމުން ދައުލަތުން ސީދާ ޖަވާބެއް ނުދެއްވައެވެ. ފަނޑިޔާރުން ވަނީ އެފަދަ ހާލަތެއް ދިމާވެފައިވާނަމަ އެއީ ކޯޓަށް ދޮގު މައުލޫމާތު ދިނުން ނޫންތޯ ސުވާލުކޮށްފައެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހެޅީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިޔަށް ގެންދިއުމަށެވެ.

ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ މީހެއްގެ ޣައިރު ހާޒިރުގައި އިސްތިއުނާފް މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ވަނީ ބުނެފައެވެ. އެ ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ބެއްލެވި މައްސަލައެއްގެ ހުކުމުގައި ބުނެފައި ވަނީ އެ މީހެއްގެ ހާޒިރުގައި ޝަރީއަތް ކުރުމަކީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ޅ) ގައި، ކުށެއް ކުރި ކަމުގެ ދައުވާ އުފުލިފައިވާ ކޮންމެ މީހަކަށް ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. އަދި އެ ހައްގު އެއްވެސް މިންވަރަކަށް ހަނިކުރެވޭނީ ގާނޫނުއަސާސީގައި ބުނެފައިވާ އިޖުރާއަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް ބުނެފައި ވެއެވެ.

މި ހުކުމާއި ހަވާލާދީ ފަނޑިޔާރު ފައިސަލް ވަނީ، މައްސަލަ ކުރިޔަށް ގެންދެވިދާނެތޯ ދައުލަތާއި ސުވާލުކޮށްފައެވެ. ޖަވާބުގައި ދައުލަތުން ބުނީ، މި ހާލަތުގައި އަލީ ވަހީދުގެ ޣައިރު ހާޒިރުގައި ވެސް މައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށެވެ. ދައުލަތުން ތަކުރާރުކޮށް ބުނީ އަދުލު އިންސާފު ގާއިމް ކުރުމަށް މި މައްސަލަ ކުރިޔަށް ގެންދިއުން މުހިންމު ކަމަށެވެ.

ފަނޑިޔާރު ހަވާލާދިން މައްސަލައަށް ދައުލަތުން ބުނީ، ސުޕްރީމް ކޯޓުގެ އެ ހުކުމަކީ ސީދާ ގޮތުން ޝަރީއަތް ހިނގި މައްސަލައެއް ކަމަށެވެ. އެއީ ދައުވާ ލިބޭ މީހާ ކޯޓަށް ހާޒިރު ކުރެވެން އޮއްވައި، އޭނާ ކޯޓަށް ހާޒިރު ނުކޮށް ކުރިޔަށް ގެންދިޔަ މައްސަލައެއްކަމަށް ދައުލަތުން ބުންޏެވެ. ނަމަވެސް މިއީ ތަފާތު ހާލަތެއް ކަމަށާއި، އަލީ ވަހީދުގެ މައްސަލައަކީ ސީދާ ގޮތުން މައުޟޫއާއި ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ.

ގާތްގަނޑަކަށް ދޮޅު ގަޑިއިރަށް ދިގު ދެމިގެން ދިޔަ އެ ޝަރީއަތުގައި ފަނޑިޔާރުންގެ ބެންޗުން ނިންމީ، އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އަލީ ވަހީދު އުޅެމުންދާ އެޑްރެސްއެއް ހޯދައި އެކަން ހުށަހެޅުމަށެވެ. އަދި މައްސަލަ ކުރިޔަށް ގެންދިއުމާއި މެދު ގޮތެއް ނިމްމާނީ، ދައުލަތުގެ ހުށަހެޅުމަށް ބެލުމަށްފަހު ކަމަށް ބެންޗުން އިއުލާނު ކުރިއެވެ.

މި މައްސަލަ ހައިކޯޓުގައި ބައްލަވަނީ ފަނޑިޔާރު ފައިސަލްގެ އިތުރުން، އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: