ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދު ހުރިތަނެއް ނުހޯދައި، ބޭރުކުރި މައްސަލަ ހިފައިގެން ޕީޖީ ސުޕްރީމް ކޯޓަށް!

ޖީންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވި މަގާމުން ވަކިކޮށްފައިވާ އަލީ ވަހީދާއި، ރައީސް ސޯލިހު / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވަނިކޮށް، ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދިން އަލީ ވަހީދު މިވަގުތު ހުރި ގައުމަކާއި، އޭނާއާއި ބެހޭ އެއްވެސް މައުލޫމާތެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ނުހޯދުމުން ހައިކޯޓުން ބޭރުކޮށްލި މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓަށް ހުށަހަޅައިިފި އެވެ.

ރޭޕް ކުރަން އުޅުމުގެ ކުށް ހިމެނޭހެން ހަތް ދައުވާއެއް ފުފުލާފައިވާ އަލީ ވަހީދު ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައި މަގާމުން ވަކި ކުރީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. ޝަރީއަތް ފަށާފައިވަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދީ އޭނާގެ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގެ ޝަރީއަތް ހައިކޯޓުގައި ފެށިނަމަވެސް، އެ މައްސަލަ އިއްޔެ ކޯޓުން ބޭރުކޮށްލީ އަލީ ވަހީދާއި ޗިޓު ރައްދު ނުކުރެވުމާއި އަދި އަލީ ވަހީދާއި ބެހޭ އެއްވެސް މައުލޫމާތެއް ދައުލަތަށް ހޯދިފައި ނުވާތީ އެވެ. އެހެންވެ، ދަށު ކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރި ދުވަހާއި، އޭނާ ފުރި ދުވަހާއި ފުށު އެރުންތަކެއް ހުރުމުން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނެރުއްވި އަމުރުގެ މައްސަލައިގެ އިސްތިއުނާފު ފަށާ ހައިކޯޓުގައި ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި ދައުލަތުން ބުނީ، އަލީ ވަހީދާއި ގުޅޭނެ ގޮތެއް ނުވި ކަމަށެވެ. އެހެން ނަމަވެސް އޭނާ ގެންގުޅޭ ނަމްބަރަށް ވަޓްސްއަޕާއި ވައިބާ މެދުވެރިކޮށް ޗިޓު ފޮނުވާފައިވުމުން، އަލީ ވަހީދަށް ޗިޓު ރައްދުވިކަމަށް ބެލެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

އެ މޭރުމުން ދައުލަތުން ވާހަކަ ދެއްކުމުން ފަނޑިޔާރުންގެ ބެންޗުން ގިނަ ސުވާލުތަކެއް ވެސް އަމާޒު ކުރިއެވެ. ކޯޓުން ވަނީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްގެ ޣައިރު ހާޒިރުގައި މައްސަލައެއް ކުރިޔަށް ނުގެންދެވޭނެކަމަށް ސުޕްރީމް ކޯޓުންކޮށްފައިވާ ހުކުމަކާއި ހަވާލާދީ އަލީ ވަހީދު ހާޒިރު ނުވެ އޭނާގެ މައްސަލަ ކުރިޔަށް ގެންދެވިދާނެކަމަށް ގަބޫލު ކުރަނީ ކޮން ހަމައަކުންތޯ ވެސް ސުވާލުކޮށްފައެވެ. އަދި އަލީ ވަހީދު މިހާރު ހުރި ގައުމަކާއި، އޭނާގެ އެޑްރެސް އެނގޭތޯ ސުވާލު ކުރުމުން އެ މައުލޫމާތު ދައުލަތަށް ނޭނގޭތީ 12 ގަޑިއިރު ދީ ކޯޓުން އެނގީ އަލީ ވަހީދު ހުރި ތަނެއްގެ މައުލޫމާތު ހޯދުމަށެވެ. ނަމަވެސް، ކޯޓުން ދިން ވަގުތުގެ ތެރޭގައި އަލީ ވަހީދާއި ބެހޭ އެއްވެސް މައުލޫމާތެއް ދައުލަށް ހޯދިފައިނުވާތީ ކޯޓުން އެ މައްސަލަ ބޭރުކޮށްލިއެވެ.

މައްސަލަ ބޭރުކުރާ ފަހުން ވެސް އަލީ ވަހީދުގެ ތަފްސީލެއް ހޯދިއްޖެނަމަ އަލުން އެ ހުށަހެޅޭނެކަމަށް ހައިކޯޓުން ބުނެފައިވެއެވެ. އެހެން ނަމަވެސް ޕީޖީން ނިންމީ އެ މައްސަލަ ދެން ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ކުރިޔަށް ގެންދާށެވެ.

އެ މީހެއްގެ ހާޒިރުގައި ޝަރީއަތް ކުރުމަކީ ކުށެއް ކުރި ކަމުގެ ދައުވާ އުފުލިފައިވާ ކޮންމެ މީހަކަށް ލިބިދީފައިވާ އަސާސީ ހައްގެއްކަމަށް ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ޅ) ގައި، އޮތް ނަމަވެސް ދައުލަތުން ބުނީ އެ ހާލަތަށް ރިއާޔަތް ކުރާނީ ކޯޓަށް ހާޒިރު ކުރެވެން އޮތް މީހަކު، ކޯޓަށް ހާޒިރު ނުކޮށް މައްސަލައެއް ކުރިޔަށްގެންދާނަމަ ކަމަށެވެ. ދައުލަތުން ބުނީ މިއީ ތަފާތު ހާލަތެއް ކަމަށާއި، އަލީ ވަހީދުގެ މައްސަލައަކީ ސީދާ ގޮތުން މައުޟޫއާއި ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. ހައިކޯޓުގެ އިއްޔެގެ ނިންމުމުގައި ވެސް ބުނެފައިވާ ގޮތުން ދައުވާ ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި މި މައްސަލަ ކުރިއަށް ގެންދިޔުމަކީ ގާނޫނީ ގޮތުން ކުރެވޭނެކަމެއް ނޫނެވެ.

ދައުލަތުން ބުނާ ގޮތުން އަލީ ވަހީދު އެންމެ ފަހުން އެތެރެވެފައިވަނީ ތުުރުކީއަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގައި ހިމެނޭ ގާޒީގެ މައްސަލަ ޕީޖީން ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ވެސް ހުށަހަޅާފައެވެ.

އަލީ ވަހީދަކީ ފިލުމުގެ ފުރުސަތު އޮތް މީހެއްކަމުން، އެ ފުރުސަތު ޓްރެވެލް ޑޮކިއުމެންޓެއްގައި ނޫން ގޮތަކަށް ނުދިނުމަށް ދައުލަތުން ހުށަހެޅި ނަމަވެސް ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ނިންމެވީ މައިބަދައިގެ އޮޕަރޭޝަނަށް އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށެވެ. ބޭނުން ގައުމަށް ދިއުމަށް އަލީ ވަހީދަށް ދިނުމުން، އެނާއާއި އެކު ޖާމިނުވެފައި ވަނީ އަލީ ވަހީދުގެ ގާތް އެކުވެރިޔާ އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަ ނޫން ޖިންސީ މުއާމާލަތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. މި ދައުވާތައް އަލީ ވަހީދުގެ މައްޗަށް ސާބިތުވެއްޖެނަމަ، މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: