ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ މިހާލަތުގައި ވެސް ފެންނަނީ ކުރެހުންތެރިން އިތުރު ހިތްވަރަކާއިއެކު މަސައްކަތްކުރާ މަންޒަރު: މިނިސްޓަރު ޔުމްނާ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 މިހާލަތުގައި ވެސް ފެންނަނީ ކުރެހުންތެރިން އިތުރު ހިތްވަރަކާއިއެކު މަސައްކަތްކުރާ މަންޒަރު ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

އޭޕްރީލް މަހުގެ 15 ވަނަ ދުވަހަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ކުރެހުމުގެ ދުވަހެވެ.

ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ޔުމްނާ ދެއްވި މެސެޖުގައި ވަނީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުންނަށާއި ކުރެހުންތެރިންނަށާއި، ކުރެހުމުގެ ފަންނު އުނގަންނައިދެއްވުގެ މަސައްކަތްކުރައްވާ އެންމެހައި ބޭފުޅުންނަށާއި، އާޓް ގެލެރީތައް ހިންގަވާ ބޭފުޅުންނަށާއި، މި ފަންނަށް ޝައުޤުވެރިވެވަޑައިގަންނަވާއެންމެހައި ބޭފުޅުންނަށް އަރިސްކޮށްފައެވެ.

ދުނިޔޭގެ ކުރެހުމުގެ ދުވަހުގެ ގޮތުގައި އޭޕްރިލް މަހުގެ 15 ވަނަ ދުވަސް ކަނޑައެޅުނީ 2019 ވަނަ އަހަރު ބޭއްވުނު ޔުނެސްކޯގެ އާންމު ޖަލްސާގައެވެ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ މުޖުތަމަޢުއާއި ކުރެހުމާއި ހުރި ގުޅުން ފާހަގަކޮށް، ކުރެހުން މެދުވެރިކޮށް ފާޅުކުރެވޭ ޚިޔާލުތަކުގެ ސިންދަފާތުކަން ބަލައިގަނެ، ދެމެހެއްޓެނިވި ތަރައްޤީގައި ކުރެހުންތެރިން އަދާކުރާ މުހިންމު ރޯލު ފާހަގަ ކުރުމެވެ. އަދި ހަމަ މިއާއިއެކު މި ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ބޮޑުވަމުން އަންނަ ކުދީންގެ ތަފާތުތައް ދެނެގަނެ، އެކުދިންގެ ޝުޢޫރުތައް ފާޅުކުރުމަށް ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި ކުރެހުން ބޭނުން ކުރުމަށް ސްކޫލް ދައުރުން ފެށިގެން އެ ކުދީންނަށް އެހީވުމުގެ މުހިއްމުކަން ފާހަގަކުރުމެވެ.

މިނިސްޓަރު ޔުމްނާ ވިދާޅުވީ މިއީ މި ދުވަސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ދެވަނަ އަހަރު ކަމުގައި ވާއިރު، މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް19ގެ ޢާލަމީ ވަބާއާއިއެކު ކުރެހުންތެރީންނަށް ވަނީ އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

“އެހެންނަމަވެސް، ބަލައިލި ކޮންމެ ދިމާލަކުންމެ ފެންނަނީ ކުރެހުންތެރިން އިތުރު ހިތްވަރަކާއިއެކު މަސައްކަތް ފަށައިގަންނަ ތަނެވެ. މި ޢާލަމީ ވަބާގެ ބިރުވެރިކަމުގެ ތެރޭގައި ކުރެހުންތެރީންގެ ހިތްގައިމު ކުރެހުންތައް ވެގެންދިޔައީ ހިތްތަކަށް ހަމަޖެހުން ގެނެސްދިން ފަރުވާއަކަށެވެ.” މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ގިނަ އަދަދެއްގެ މޮޅު ކުރެހުންތެރިންތަކެއް ތިބި ޤައުމެކެވެ. އަދި ކުރެހުމާއި، އެއާއި ގުޅުންހުރި ދާއިރާތައް ތަރައްޤީ ކުރުމަށް އަދުގެ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަން ފާހަގަކުރައްވައި މިނިސްޓަރު ޔުމްނާ ވިދާޅުވީ ނޭޝަނަލް އާޓް ގެލެރީ ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާ ކަމަަށެވެ. އަދި ދިވެހި ކުރެހުންތެރީންނަށް އެކިއެކި އެކްސްޗޭންޖް ޕްރޮގްރާމްތައް މެދުވެރިކޮށް ރާއްޖެއިން ބޭރުން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކުރުމަށް ދަނީ މަސައްކަތް ކުރެވެމުން ކަމަށާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ފަންނުވެރިކަން ކުރިއެރުވުމަށް މަރުކަޒުތަކެއް ޤާއިމް ކުރުމުގެ މަސައްކަތް ރޭވިފައިވާއިރު، އެ މަރުކަޒުތައް މެދުވެރިކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ހުނަރުވެރި ކުރެހުންތެރިން ބިނާކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކުރެހުންތެރިންނާއި އެހެނިހެން ފަންނާނުންނަށް ލިބުން މުހިންމު އެކިއެކި ޙައްޤުތަކާއި، ލިބުން ޙައްޤު އިޚުތިރާމާއި ޙައިސިއްޔަތު ހޯދައިދިނުމަށް ފަންނުވެރިންގެ ޙައްޤުތަކުގެ ޤާނޫނެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި ޤާނޫނީ ދާއިރާގެ ތެރެއިން ކުރެވޭ މިފަދަ މަސައްކަތްތަކުން ކުރެހުންތެރިންނަށާއި އެހެނިހެން ފަންނާނުންނަށް އިތުރު ފުރުޞަތުތައް ލިބި، އާމްދަނީ ހޯދުމުގައްޔާއި، ފިކުރީ މުދާ ރައްކާތެރިކުރުމުގައި ލުއިތަކެއް ލިބިގެންދާނެ ކަމަަށެވެ.

“އަޅުގަނޑުގެ އިޚުލާސްތެރި ދުޢާއަކީ ކޮވިޑް19ގެ މި ޙާލަތުން ފުރިހަމައަށް އަރައިގަނެވި، ކުރެހުންތެރިންނަށާއި އެހެނިހެން ފަންނާނުންނަށް ދާއިރާގެ މަސައްކަތްތައް ކުރުމަށް ފަހި މާޙައުލެއް ޤާއިމްވެގެން ދިއުމެވެ. އަދި ދިވެހިންނަކީ ފަންނުވެރިކަމުގެ ތެރެއިން އުފެއްދުންތެރި ޚިޔާލުތައް އީޖާދުކުރާ ބަޔަކަށް ވުމުގެ ނަސީބު މާތްﷲ މިންވަރު ކުރެއްވުމެވެ.” މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: