ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޖީބުގެ މަރު: ހަނާ ބުނީ، އޭނާއަށް މަރުގެ އަދަބު ހައްގެއް ނޫންކަމަށް!

ނަޖީބު ގަސްދުގައި މަރާލުމުގެ ކުށުގައި މެރުމަށް ހުކުމް އިއްވާފައިވާ ހަނާ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ގާނޫނީ ވަކީލު އަހްމަދު ނަޖީބު މަރާލުމުގެ ކުށުގައި މެރުމަށް ހުކުމް އިއްވާފައިވާ ށ. ގޮއިދޫ ރިހާބު ފާތިމަތު ހަނާގެ އިސްތިއުނާފު އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ނިންމާލައިފި އެވެ

މީގެ އަހަރުތަކެއް ކުރިން ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދިޔަ އަޑުއެހުންތަކަށްފަހު، މިއީ ހަނާ މިހާ ތަފްސީލީ ގޮތެއްގައި ކޯޓުގައި ވާހަކަ ދެއްކި ފުރަތަމަ ފަހަރު އެވެ. މައްސަލައިގައި ވާހަކަދައްކަން ދިން ފުރުސަތުގައި ހަނާ ބުނީ، އެ ދުވަހުގެ ކަންތައް ހިނގައިދިޔަ ގޮތުގެ ވާހަކަ ދެއްކުމަކީ އެއީ އޭނާއަށް ފަސޭހަކަމެއް ނޫން ކަމަށެވެ.

ހާނާ ބުނީ ގާނޫނީ އެހީތެރިކަމަށް އެދި ނަޖީބުއަށް ގުޅީ މުއްރަތުގެ މަންމަގެ ގޭގެ މައްސަލައެއް ޖެހި އެކަމުގެ ހައްލު ހޯދުމަށް ކަމަށެވެ. މުއްރަތު އެދިގެން ނަޖީބުއަށް ގުޅާ އެކަމުގެ ތަފްސީލު ދިނުމުން، ނަޖީބު އެ މީހުންނާއި ބައްދަލު ކުރުމަށް އެ ގެއަށް އައުމަށް އެއްބަސްވެ އިރުއޮއްސި 7 ޖަހަން އުޅެނިކޮށް އައިކަމަށް ހަނާ ކިޔައިދިނެވެ.

ހަނާ ބުނީ ނަޖީބު އައުމުން ތިން މީހުން ވެސް ވާހަކަ ދައްކަން މުއްރަތުގެ ކޮޓަރިއަށް ވަދެ މައްސަލައިގެ ވެގެން އުޅޭ ގޮތް އޭނާ ކިޔައިން ކަމަށެވެ. މިއީ ގެއާއި ބެހޭ މައްސަލައަކަށްވުމުން މުއްރަތުގެ މަންމަ ކޮބައިތޯ ނަޖީބު ސުވާލު ކުރުމުން، މަންމަ ހޯދަން މުއްރަތު ކޮޓަރިން ނިކުތްކަމަށް ހަނާ ބުންޏެވެ. ހަނާ ބުނީ މުއްރަތު ކޮޓަރިން ނިކުތުމާއި އެކު، ނަޖީބުގެ ފަރާތުން އުނދަގޫވާ ކަންތަކެއް ދިމާވި ކަމަށެވެ.

"އެއީ އަޅުގަނޑަށް ފުރަތަމަ ނަޖީބުގެ ބެލުން ވެސް ކަމަކުނިދިޔަ. އެއީ ހަމަ އަޅުގަނޑަށް ޔަގީން ކުރެވުނު ނަޖީބުގެ އިންޓެންޝަން (ނިޔަތް) ރަނގަޅެއް ނޫންކަން. ދެން އެކަމާއި ހުރެ އަސްލު އަޅުގަނޑު ހުރީ ވަރަށް ބޮޑަށް އަންއީޒީވެފަ. ދެން ވާހަކަ ދައްކަމުންދައްކަމުން ގޮސް، ވާހަކައިގެ ތެރޭގައި ނަޖީބު އަޅުގަނޑުގެ ފައިގައި ކޮއްޓާ ވެސް ހެދި. ދެން ނަޖީބު ބުނަނީ، އަޅުގަނޑަށް ހުންނަނީ ފަނޑިތަ ހަދާފައޯ. އަޅުގަނޑުމެން ދެ މީހުންނަށް ނޫޅެވޭނެ އޯ އެއްކޮށް. ކިޔާފަ ބުނީ އެ ވާހަކަ އަޅުގަނޑާއި ދައްކަން ބޭނުމީ ވަކިންނޯ. ވަކިން ނަޖީބު އާއި ބައްދަލު ކުރާށޯ. ދެން އެހާ ހިސާބުން އަޅުގަނޑު ބޭނުމެއް ނޫން ނަޖީބުއާއި އެކު އެކަނި މަޑުކުރާކަށް. އެއީ ނަޖީބުގެ ވާހަކަ ހުރި ގޮތުން އަޅުގަނޑަށް ވަރަށް އުނދަގޫވި." ހަނާ

ނަޖީބުގެ ނިޔަތް ރަނގަޅު ނޫންކަން އެނގުމާއި އެކު، މުއްރަތު ހޯދަން ކޮޓަރިން ނިކުތްކަމަށް ހަނާ ބުންޏެވެ. ވަރަށް އުނދަގުލުން އެ ވާހަކަ ކިޔައިދެމުން ހަނާ ބުނީ، އެވަގުތު ގޭގެ ބޭރުގައި މުއްރަތު ސިނގިރޭޓެއް ބޯން ހުރުމުން ގޮސް، ނަޖީބުގެ ވާހަކަ ބުނި ކަމަށެވެ. އަދި އޭނާގެ ގައިގައި ނަޖީބު އަތްލަން މަސައްކަތް ކުރިކަމާއި، އުނދަގޫވާ ގޮތްތަކަށް ވާހަކަ ދެއްކި ވާހަކަ ބުނި ކަމަށެވެ.

ހަނާ ބުނީ މުއްރަތުއަށް އެ ވާހަކަ ކިޔައިދިނުމުން ކޮޓަރިއަށް ދާން ބުނުމަށްފަހު، އޭނާ ހިނގައިގަތް ކަމަށެވެ. އަދި އިރުކޮޅަކުން ދާނެކަމަށް ބުނުމުން އޭނާ ނަޖީބު ހުރި ކޮޓަރިއަށް ދިޔަ ކަމަށެވެ. އަދި އެވަގުތު ކުއްލިއަކަށް މުއްރަތު އައިސް ވަޅިއަކުން ނަޖީބުގެ ކަރުގައި ޖެއްސިކަމަށް ހަނާ ކިޔައިދިނެވެ.

ނަޖީބުގެ ކަރުގައި ވަޅި ޖައްސާ، މުއްރަތު ވާހަކަ ދެއްކީ ވަރަށް ރުޅި ގަދަވެފައި ހުރެކަމަށް ހާނާ ކިޔައިދިނެވެ. އަދި އަބަދު އަންހެނުނާއި އެ މޭރުމުން ވާހަކަ ދެއްކުން އެއީ ނަޖީބުގެ އާދައެއްކަމަށް ބުނެ ވާހަކަ ދެއްކި ކަމަށެވެ.

"ދެން އަޅުގަނޑު ކައިރީ މުއްރަ ބުނީ ކޮޓަރީގެ ތެރޭގައި އޮންނާނެ އޯ ޓޭޕްރޯލެއް. އޭގައިން އޭނަގެ އަނގައިގަ އަޅާށޯ. ދެން އެވަގުތު އަޅުގަނޑު ވެސް ބިރުގަނެފައި ހުރިވަރުން އެގޮތަށް ކަންތައް ކުރެވުނީ." ހަނާ

ހަނާ ބުނީ އޭނާ ޓޭޕް އެޅީ ނަޖީބުގެ އަނގަމަތީ ކަމަށެވެ. އަދި ލޯމަތީ ވެސް ޓޭޕް އެޅިކަމަށް ބުންޏެވެ. އެހެން ނަމަވެސް، އޭނާގެ ނޭފަތް މަތީ ޓޭޕެއް ނާޅާކަމަށާއި، ނޭވާލާން އުނދަގޫވާ އެއްވެސް ކަމެއް ނުކުރާކަމަށް ހަނާ ބުންޏެވެ.

ނަޖީބުގެ އަނގަމަތީ ޓޭޕް އެޅުމަށްފަހު ހަނާ އާއި މުއްރަތު އޭނާގެ ކޭޝް ކަޑު އަތުލައި އޭގެ ޕިން ނަމްބަރު ނަގައި ދިޔައީ އައިޖީއެމްއެޗްގެ ތެރޭގައި ހުރި އޭޓީމްއަކަށެވެ. އަދި އެތަނުން ލާރި ނަގައި ކާއެއްޗިއްސާއި ބަނގުރާ ފުޅިއެއް ގަނެގެން ގެއަށް އައެއެވެ. ދެ މީހުން ވެސް ބަނގުރާ ބުއިފަހުން ހަނާ ބުނީ އޭނާއަށް ނިދުނު ކަމަށެވެ. އަދި އޭގެ ޖެހިގެން ދުވަހުގެ ހެނދުނު އޭނާއަށް ހޭލެވުނީ، މުއްރަތު ގޮވަން ފެށުމުން ކަމަށެވެ.

ހަނާ ބުނީ، އޭރު ނަޖީބު އޮތީ މަރުވެފައި ކަމަށާއި، މުއްރަތު ވެސް ބިރުން ބުނަމުން ދިޔައީ އޭނާގެ އަތުން ނަޖީބަށް ހަމަލާ ދެވި މަރުވެއްޖެ ކަމަށެވެ. އެހެންވެ އެކަމާއި ސުވާލުކޮށް، ކީއްވެގެން ކުރި ކަމެއްތޯ އެހުމުން ނަޖީބު އަޑުގަދަ ކުރާތީ ހަމަލާދިނީ ކަމަށް މުއްރަތު ބުނިކަމަށް ހަނާ ކިޔައިދިނެވެ.

"ދެން އަޅުގަނޑު ބުނީ ކިހިނެއްހޭ ހަދާނީ. އަޅުގަނޑު ވެސް އޭރު ވަރަށް ހާސްވެފަ ހުރީ. އޭރު މުއްރައަކީ އަޅުގަނޑު އެއްކޮށް ވަރަށް ދުވަސްވަންދެން އުޅުނު މީހެއްވީމަ އޭނަ ރޯން ފެށީމަ އަޅުގަނޑަށް ވަރަށް އަސަރުކުރި." ހަނާ

ހަނާ ބުނީ ނަޖީބުގެ ހަށިގަނޑު ފޮރުވަން ވާހަކަ ދެކެވުނީ އެހާހިސާބުން ކަމަށެވެ.

2012 ވަނަ އަހަރުގެ ހަނާ އާއި މ. މަސްރޫރާ، އަހުމަދު މުއްރަތު ބައިވެރިވެގެން ނަޖީބު ރަހީނުކޮށް ވަޅިން ބިރު ދައްކައި އޭނާގެ އަތުން ފައިސާ އަތުލުމަށްފަހު މަރާލި މައްސަލައިގައި ދެ މީހުންގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުން ވަނީ ދަަަމަހައްޓާފަ އެވެ.

މީގެ ކުރިން ކުށަށް އިއުތިރާފުވެފައިވާތީ، އެކަމާއި ގުޅޭ ގޮތުން ވެސް ހަނާ ވާހަކަ ދެއްކިއެވެ. ހަނާ ބުނީ އޭރު އެކަމަށް އެއްބަސްވީ އޭނާގެ ބައިވެރިވުމެއް އޮތް ކަމަށް ގަބޫލުކުރެވި، އަމިއްލަ ނަފްސު ކުށްވެރި ކުރެވުމުން ކަމަށެވެ. އެހެން ނަމަވެސް ނަމަވެސް މިހާރު ގަބޫލު ކުރާގޮތުން މަރަށް މަރު ހިފުމަށް އައިސްފަ ހުރި ހުކުމް އޭނާއަށް ހައްގެއް ނޫންކަމަށް ބުންޏެވެ.

ހަނާގެ ވާހަކައަށްފަހު ދައުލަތަށް ދިން ފުުރުސަތުގައި ވަކީލް ވިދާޅުވީ، އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ހަނާއަށް މަރުގެ އަދަބު ނުދެވޭންވީ ސަބަބެއް ނެތެވެ. އަދި ނަޖީބުގެ ވާރިސުން ވެސް ބޭނުން ވަނީ މަރަށް މަރު ހިފަން ކަމަށެވެ. ދައުލަތުން ވަނީ، މީހަކު މަރާލަން ރޭވުމަށްފަހު، އެކަން ކުރުމުގައި ބައިވެރިވާ ކޮންމެ މީހެއްގެ މައްޗަށް އިސްލާމީ ޝަރީއަތުގައިވާ މަރަށް މަރު ހިފުމުގެ އަދަބު ދެވޭނެ ކަމަށް ޖުމްހޫރު އިލްމުވެރިން ވިދާޅުވާކަން ފާހަގަކޮށްފަ އެވެ. އެއީ ތަމާލުއުގެ އުސޫލު ކަމަށް ދައުލަތުން ބުންޏެވެ.

ނަޖީބުގެ އަތާއި ފައި ގޮނޑިއެއްގައި ބަދެ، އޭނާއަށް އަމިއްލަ ދިފާއުގައި އެއްވެސް ކަމެއް ނުކުރެވޭ ގޮތް ހެދީ ހަނާކަމަށް ދައުލަތުން ބުނެފައި ވެއެވެ. މައްސަލައިގައި ދައުލަތުން އެދުނީ ހަނާގެ މައްޗަށް މަރަށް މަރު ހިފުމަށް ކުރި ހުކުމް ދަމަހައްޓައި ދިނުމަށެވެ.

ދައުލަތުގެ ވާހަކައިގެ ރައްދުގައި ހަނާގެ ވަކީލު އަހުމަދު ޝާފިއު ވިދާޅުވީ، ނަޖީބު މަރުވީ ޓޭޕް އެޅުމުގެ ސަބަބުން ނޫން ކަމަށެވެ. ޝާފިއު ވިދާޅުވީ ނަޖީބު މަރުވީ ވަޅި ހެރުމުގެ ސަބަބުން ކަމަށެވެ. އަދި އެއީ ހަނާގެ އަމަލެއް ނޫންކަމަށް ވިދާޅުވިއެވެ. އެހެންވެ، ހައި ކޯޓުގެ ހުކުމް ބާތިލްކޮށްދޭން އޭނާ އެދިވަޑައިގަތެވެ.

މިއަދުގެ އަޑުއެހުން ނިންމާލަމުން ބެންޗުން ވަނީ އިތުރުކަމެއް ސާފު ކުރުމަށް ނެތްނަމަ، ދެން އޮންނާނީ ހުކުމް އިއްވުންކަން އިއުލާނުކޮށްފައެވެ.

ވަރަށް ގަދަ
57%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 21%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: