ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާނިސްގެ ގެއްލުނު ފްލެޓު: ހިޔަނި އެޅުނީ ކުރަމުން ދިޔަ އެތައް އުންމީދަކަށް!

އާނިސް؛ ފްލެޓް ލިބުނު ލިޔުމާއެކު
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫސުފް އާނިސް ހާމިދުއަކީ އުފަންވީއިރު ސިއްހީ ބޮޑެތި މައްސަލަތަކެއް ހުރި ކުއްޖެކެވެ. އާނިސްގެ ނަން ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ދަފްތަރުގައި ވަނީ ރެޖިސްޓްރީ ކުރެވިފައެވެ. މިހާތަނަށް އައިއިރު އާނިސްގެ އެތައް ބޮޑެތި ސާޖަރީވަނީ ކުރެވިފައި އެވެ. އޭގެ ތެރޭގައި ބޮލާއި ހަތަރެސްފައިގެ ސާޖަރީތައް ހިމެނެ އެވެ. މިހާރު އުމުރުން 7 އަހަރު ވީއިރު އާނިސްއަށް އަދިވެސް އެއްވެސް ކަމެއް އަމިއްލަޔަށް ނުކުރެވެ އެވެ. ފާހާނާއަށް ވެސް އަމިއްލައަކަށް ނުދެވޭ އަދި ދާން ބޭނުން ވިޔަސް ބުނާކަށްވެސް ނޭނގޭ ކުއްޖެކެވެ.

2018 ގައި ހާއްސަ އެހީއަށް ބޭނުންވާ ކެޓަގަރީއިން ފްލެޓަށް އާނިސް ކުރިމަތިލުމުން 90 ޕޮއިންޓާއި އެކު ފްލެޓު ލިބުނެވެ. އެހެން ނަމަވެސް އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރު ބަދަލުވެ އެ ލިސްޓު ބާތިލުކޮށް އަލުން އާއްމު ކުރި ލިސްޓުން އާނިސްއަށް ފެލެޓު ގެއްލުނެވެ. އަލުން އެކުލަވާލި ލިސްޓުން އާނިސްއަށް ލިބުނީ އެންމެ 60 ޕޮއިންޓެވެ. ޕޮއިންޓު ދަށްކޮށްފައި ވަނީ ދިރިއުޅުމުގެ ހާލަތަށެވެ.

އާނިސްގެ އާއިލާ މިއަދު ވެސް ދިރިއުޅެމުންދަނީ، 2018 ގައި 90 ޕޮއިންޓު ލިބުނު އިރު އުޅުނު އެ ކޮޓަރީގައި އެވެ. ހާލަތަށް އައި އެއްވެސް ބަދަލެއް ނެތެވެ. ހާލަތަށް އައި ހަމައެކަނި ބަދަލަކީ އާނިސް ގެ 1.5 މިލިއަން ރުފިޔާގެ އިތުރު ސާޖަރީއެއް ހަދަން ޖެހޭކަމެވެ.

މީގެ ގާތްގަނޑަކަށް އަށް މަސް ދުވަސް ކުރިން ސޯޝަލް މީޑިއާއިން ލޮލުގައި ޕޯސްޓެއް އަޅައިގަތެވެ. އެއީ އާނިސްގެ ބައްޕަ، ހާމިދު ރަޝީދުގެ އުދާސްތަކެވެ. މާ ގިނަ ވާހަކަތަކެއް ނުހިމަނާ، އޭގައި ދީފައި އޮތީ ދައުވަތެކެވެ.

“ޕޮއިންޓު ކެނޑީ ދިރިއުޅުމުގެ ހާލަތު މާރަނގަޅޭ ކިޔާފައިއެވެ. ވީމާ މިނިސްޓަރު އަސްލަމާއި ފްލެޓު ކޮމިޓީ މެންބަރު ތޯހާ އަށް އަޅުގަނޑު ދިރިއުޅުމުގެ ހާލަތު ބަލަން އަންނަން އަޅުގަނޑު ދައުވަތު އަރުވަމެވެ. އަޅުގަނޑުމެން 3 މީހުންނާއި ނުކުޅެދޭ ކުއްޖަކާއި އެކު މި ކޮޓަރީގައި އެއް ދުވަސް ހޭދަކޮށް ދިރިއުޅުމުގެހާލަތު ރަނގަޅުވަރު ބަލަން ދައުވަތު އަރުވަމެވެ. ދަރިފުޅުގެ ބައްޕަގެ ހައިސިއްޔަތުން ދަންނަވަމެވެ. ކުރީސަރުކާރުން “ސިޔާސީ” މީހުންނާއި ފްލެޓު ހައްގު ނުވާ މީހުންނަށް ފްލެޓު ދީފައިވާނަމަ އެތަންއެތަން ނަގާށެވެ. އެހެނަސް އަޅުގަނޑުމެން ފަދަ މީހުން ލިސްޓުން ކަޓުވައި، ފްލެޓުތައް ނަގައިގަނެފައި، ތިމަންނާމެން ލިސްޓު އިސްލާހު ކުރީއޭ ނުދަންނަވާށެވެ. ތިއީ އިސްލާހު ކުރުމެއް ނޫނެވެ. ތިއީ ފްލެޓުން ވައްކަން ކުރުމެވެ. އެވެސް އަދި އާނިސްމެން ފަދަ ނުކުޅެދޭ ކުދިންގެ ހައްގުންނެވެ. އަޅުގަނޑުމެން ފަދަ ނިކަމެތިންގެ ހައްގުންނެވެ.” ހާމިދު ލިޔެފައިވެ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދޫކުރި ފްލެޓު ލިބޭނެ ކަމުގެ ލިޔުން ހަވާލު ކުރުމާއި އެކު، ހުޅުމާލެއަށް ދިރިއުޅުން ބަދަލު ކުރުމުގެ ހުރިހާ މައްސަކަތެއް ފަށައި އަދާކުރަމުން އައި ވަޒީފާވެސް އާނިސްއަށްޓަކާ ދޫކޮށް އިތުރު ވަޒީފާއަކަށް ބަދަލުވީ، ފްލެޓަށް ވަންނަ ދުވަސް ކައިރިކޮށް ހުޅުމާލެ އޮފީހަށް ބަދަލުވުމަށެވެ. ވީ އުފަލެއްގެ ބޮޑުކަމުން، އާނިސްގެ ތައުލީމުގެ ކަންކަމާއި އަދި ހުޅުމާލޭގައި އޯޓިޒަމް ސެންޓަރަށް ގެންދިއުމަށް ފޯމު ވެސް ނެގިއެވެ. އެހެން ނަމަވެސް އެ ހުރިހާ އުންމީދެއް ހަމައެކަނި ހިޔަންޏަކަށް ވެ ނިމިދިޔައީ އެވެ.

މިއަދާއި ހަމައަކަށް ވެސް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް ދީފައި އޮތް އެ ދައުވަތު ގަބޫލުކޮށް އެ ގެޔަށް ޒިޔާރަތްކޮށްފައި ނެތެވެ. އެ ޕޯސްޓު ފެނި، އެ ގެޔަށް ވަދެފައި ހުންނާނީ ނޫސްވެރިންނެވެ.

ކޮންމެއަކަސް މި ދެންނެވި ޕޯސްޓުގައި ހާމިދު ދީފައިވާ ދައުވަތުގައި ވަނީ އެއް ދުވަސް އޭނާއާއި އެކު ހޭދަކޮށް ހާލަތު ގާތުން ބަލާލުމަށެވެ. އެއް ކޮޓަރިއެއްގައި އާނިސްއާއި އެކު އިތުރު ދެ ކުއްޖަކު ގޮވައިގެން އުޅެންޖެހިފައިވާ ދަތި ހާލަތު ލޮލުން ދެކިލުމަށެވެ.

މިވީ އަހަރެއް ހާ ދުވަހުގެ ތެރޭގައި އަހަންނަށް ވެސް ފްލެޓުތަކުގެ މައްސަލައިގެ ތެރޭގައި ވަރަށް ބޮޑަށް އުޅެވުނެވެ. އެތައް ބައެއްގެ ދިރިއުޅުމުގެ ހާލަތު ވަރަށް ގާތުން ފެނި، އެ އާއިލާތަކާއި ވާހަކަ ދެކެވުނެވެ. އެ އެންމެނަށް ވެސް ފްލެޓު ހައްގެވެ. އެތައް މަންމައެއްގެ އުދާސްތަކާއި، ދަރީންނަށްޓަކާ އުންމީދު އެ ލޯތަކުން ފޯދުނު ކަރުނައިން އިހުސާސް ވެސް ކުރެވުނެވެ.

އާނިސްގެ އާއިލާއާއި އަހަންނާއި ބައްދަލުވީ، އެހެން ވަރަށް ގިނަ ނޫސްވެރިންނާއި އެ އާއިލާއާއި ބައްދަލުވީ ފަހުންނެވެ. މާފަންނު ބިސް ބުރު ސަރަހައްދުގައި ހުންނަ އެ ގެޔަށް އަހަންނާއި، ތަނުގެ ކެމެރާމަނެއް ދިޔުމުން ދޮރުމަތިން އަހަރެމެންނަށް މަރުހަބާކީ އާނިސްގެ މަންމައެވެ. އެއީ ޑެގު އަޅައި ތިން ބުރިއަށް ނަގާފައި ހުރި ގެއެކެވެ. އާނިސްގެ އާއިލާ އުޅެނީ އެންމެ މަތީ ފްލޯގައެވެ.

ސޯފާގައި އިޝީނުމާއި އެކު ހާމިދު ކުރީ ސުވާލެކެވެ. “މީގެއިން ކުރާނެ އެއްވެސް ފައިދާއެއް އެބައޮތް ތަ؟”. އެއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އެހެންވެ އިރުކޮޅަކަށް މަޑު ކުރުމަށްފަހު، މީގެއިން ވެސް ބަދަލެއް އައުމަކީ ވެދާނެ ކަމެއް ނޫންތޯ، ބުނީމެވެ.

އެއާއި އެކު އަހަރެމެންގެ ވާހަކަތައް ފެށީމެވެ. ދިރިއުޅުމުގެ ހާލަތަކީ ކޮބައިތޯ ސުވާލު ކުރުމާއި އެކު، ހާމިދު އޭނާގެ އާއިލާ ދިރިއުޅޭ ގޭގެ ތެެރެއަށް ނަޒަރު ހިންގާލުމަށްފަހު ހިނިތުންވެލިއެވެ. އިރުކޮޅަކަށް މަޑު ކުރުމަށްފަހު، “މިއީ ހާލަތަކީ. ނާދޭ އެއްވެސް ބަދަލެއް. ނޭނގެ ކިޔާދެން ވީ ވާހަކައެއް ވެސް” ބުނެލިއެވެ. އެއީ ގާތްގަނޑަކަށް ބާރަ ވަރަކަށް ފޫޓުގެ ކުޑަ ތަންކޮޅެކެވެ.

އާނިސް ވިހެއި އިރު ވެސް އެ އާއިލާ ދިރިއުޅެމުން އައީ އެ ގޭގައެވެ. އަދި އާނިސްގެ މަންމަ އެ ގޭގައި އުޅޭތާ އެތައް އަހަރުތަކެއް ވެއްޖެ އެވެ.

އާނިސް އަކީ މަލްޓިޕަލް ކޮންޖެނިޓަލް އެނޯމަލީސް އަށް ޑައިގްނޯސްޑް ކުއްޖެކެވެ. މިވީ ހަތް އަހަރު ދުވަހުގެ ތެރޭގައި ބޭސްފަރުވާގެ ކަންކަމަށް 11 ސާޖަރީއެއް ހަދައިފިއެވެ. އާނިސްއަށް އަމިއްލައަށް އެއްވެސް ކަމެއް ނުކުރެވޭއިރު، ކަމަކަށް ބޭނުންވިޔަސް އެ ވާހަކައެއް ނުބުނެވެއެވެ. ފާހަނާއަށް ދާން ބޭނުންވުމާއި، ބަނޑުހައިވުމުން އެ ވާހަކަ ބުނެދޭކަށް ނޭނގެއެވެ.

އޭގެ ތެރޭގައި ބޮލުގެ ސަރޖަރީއާއި އަތުގެ އިނގިލިތައް ވަކިކުރުމުގެ ސަރޖަރީތައް ހިމެނެއެވެ. ރާއްޖެއިން ބޭރުން ކުރި މި ހުރިހާ އޮޕަރޭޝަނަށް ވެސް ގިނަ ބައެއްގެ އެހީތެރިކަން ވަނީ ލިބިފައެވެ.

ހާމިދު ކިތަންމެހާ ވެސް ވާހަކައެއް ދައްކަން ބޭނުމެވެ. އެހެނަވެސް، އޭނާގެ ސުވާލަކީ އެ ހުރިހާ ވާހަކައެއް ދައްކައިގެން ވާނެ ފައިދާއެއް އޮތްތޯ އެވެ. ދިރިއުޅުމުގެ ހާލަތަށް އަންނާނެ ބަދަލެވެ. ހާމިދު އަހަންނާއި ވާހަކަ ދައްކަމުން ގެންދިޔައިރު، އާނިސްގެ މަންމަ އައިސްއަލަމާރީގެ ކަނަށް ވާގޮތަށް ކުޑަކޮށް ލެނގިލައިގެން ހުއްޓެވެ.

އެއާއިލާ މާލޭގައި އުޅެން މަޖުބޫރުވީ އެތައް ސަބަބަކާއި ހުރެއެވެ. ރަށުން ކުރެވޭނެ ފަރުވާއެއް ނެތެވެ. ފަރުވާގެ ކަންކަމާއި، އެހެން ކުދިންގެ ހަރަދުތައް ބެލެހެއްޓުމަށްފަހު އަތުގައި އެއްވެސް އެއްޗެއް ނޯވެއެވެ. ބޭސްފަރުވާއަށް ދާން ޖެހުމުން ކޮންމެ ފަހަރަކު ޖެހެނީ، އެހީއަށް އެދި ނިކުންނާށެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުވާލި ފުރުސަތުގައި އާނިސް ކުރިމަތި ލީ އެޗް10 ކެޓަގަރީއަށެވެ. އެއީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީ އެވެ. އެ ސަރުކާރު ނިމެން ކައިރިވެފައި ވަނިކޮށް އާއްމު ކުރި ލިސްޓުން ފްލެޓު ލިބޭނެކަން ޔަގީންވިއެވެ. ތައްޔާރީތައް ފެށިއިރު، މިއީ ގެއްލިދާނެ އެއްޗެއްގެ ގޮތުގައި ހިތަކަށް ވެސް ނާރައެވެ. އެހާ މަތިން ޕޮއިންޓު ލިބިފައި ވެސް ހުރުމާއި އެކު އެވެ. އާނިސް އޮތީ ލިސްޓުގެ 47 ވަނައިގަ އެވެ.

ސަރުކާރުގެ ބޮޑު ތަތްގަނޑު ޖެހި ލިޔުމެއްގެ ބޭނުމެއް މިއަދު ނެތެވެ. ރައީސް ޔާމީންގެ ސަރުކާރުން ފްލެޓުތައް ދޫކުރީ ހައްގުވެރިންނަށް ނޫންކަމަށް ބުނެ، ފްލެޓު ކޮމިޓީއެއް އެކުލަވާލައި އަލުން ޕޮއިންޓު ދިނެވެ. އާނިސްގެ ހާލަތު ބެލުމަށް އެ ގެޔަށް ވެސް ކޮމިޓީގެ މެމްބަރުން ދިޔައެވެ. އެމީހުން ކުރީ ތިން ސުވާލެވެ. އެއީ، އާނިސްއަށް އަމިއްލައިން ކުރެވޭ ކަންތަކާއި ނުކުރެވޭ ކަންތަކާއި ގުޅޭ ގޮތުންނެވެ. އެ މީހުން އެ ސުވާލު ކުރިޔަސް ލޯ މައްޗަށް މަންޒަރު ހުރީ ފެންނާށެވެ. އެ މީހުން އައިސް ހާލަތު ބެލުމަށްފަހު 47 ގައި އޮތް ކުއްޖާ، 336 އަށް ވެއްޓުނެވެ.

ލިސްޓުގެ އެހާ ތިރިއަށް ނަން ދާންވީ ސަބަބާއި މެދު ހާމިދު އެތައް ސުވާލެއް އުފައްދައެވެ. ހައްގު ނޫން ބަޔަކަށް ފްލެޓު ލިބުނުތޯ ނުވަތަ ނޫންތޯ ބެލުމަކުން ހާމިދުގެ އެއްވެސް މައްސަލައެއް ނެތެވެ. އެހެން ނަމަވެސް، ފްލެޓު ލިބިފައި ހުރި ބައެއްގެ އަތުން އެ އަތުލާ، ހާލަތު ރަނގަޅުކަމަށް ބުނުމަކީ އިންސާފެއް ނޫނެވެ.

ފްލެޓު ލިބޭނެ ކަމުގެ އުންމީދާއި އެކު، ހިތާނީ ކެމްޕެއިނުގައި ވެސް ބައިވެރިނުވެ ހާމިދު ނިންމީ އާނިސްގެ ހިތާނު ކުރުން ފްލެޓުގައި ބާއްވާށެވެ. އޯޓިޒަމް ސެންޓަރުން ތެރަޕީގެ ހުރިހާ ކަމެއް ހަމަޖެއްސިއެވެ. އަދި އާނިސް ސެންޓަރަށް ގެންގޮސް، ގެޔަށް ގެންނާނެ ގޮތުގެ ޕްލޭނެއް ވެސް ހެދިއެވެ.
މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ހާމިދު މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލުކުރުމަށް އެތައް މަސައްކަތެއް ކުރިއެވެ. އަދި ރައީސް އޮފީހަށް ސިޓީ ހުށަހެޅިއެވެ. ނަމަވެސް ލިބުނީ އެދެވޭ ޖަވާބެއް ނޫނެވެ. 
އަލުން އެކުލަވަލި ލިސްޓާއި އެކު ފްލެޓު ނުލިބޭކަމަށް އެންގުމުން ހާމިދު ދެ ޝަކުވާއެއް ހުށަހެޅި އެވެ. ނަމަވެސް ޖަވާބެއް ނުލިބުމުން، ހައުސިން މިނިސްޓްރީއަށް ގޮސް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު އަސްލަމާއި ބައްދަލުކުރު މުގެ އެޕޮއިންޓްމަންޓަކަށް އެދުނެވެ. އެހެން ނަމަވެސް ކޮވިޑު ދުވަސްވަރުގެ ތެރޭގައި އެޕޮއިންޓްމަންޓު ހައްދަން ޖެހެނީ، އޮންލައިންކޮށް ކަމަށް ބުނެ ފޮނުވާލީކަމަށް ހާމިދު ބުންޏެވެ. އަދި އޮންލައިންކޮށް އެޕޮއިންޓްމަންޓަކަށް އެދުމުން ވެސް އެ އިންތިޒާމު ހަމަޖެހިފައިނުވާތީ، އެ ވާހަކަތައް އެކި މީހުން ކައިރީ ދެއްކުމުގެ ތެރެއިން މީހަކު ޓްވީޓެއް ކުރިކަމަށެވެ. ހާމިދު ބުނީ، އެ ޓްވީޓު ކުރުމާއި އެކު ޖެހިގެން އައި ދުވަހު މިނިސްޓްރީން ގުޅާ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ނަސީރާއި ބައްދަލު ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ބުނިކަމަށެވެ. 
SunOnline: #SunKulunu: Kudakuda Aanis, bali endhugai eheetheri kamah edhi edhi

“އަހުމަދު ނަސީރު ބުނީ ތިމަންނަމެން ވެސް ގަބޫލު ކުރަމޭ ގޯސްތަކެއް ހުރިކަން. ގޯސްތަކެއް ހުރެގެން އެއޮތީ އަނެއްކާވެސް ހުޅުވާލާފައޭ ޝަކުވާ ހުށަހަޅަން. ޝަކުވާ ހުށަހަޅައިގެން ޝަކުވާ ބަލާނޭ، ޝަކުވާތަކަށް. ބަލާފައޭ، ދާއިމީ ލިސްޓު ނެރޭނީ. ދެން ބުނީ ތި ކިޔައިދޭ ގޮތަކަށް ތިމަންނަމެންނަށް ފްލެޓު ކޮމިޓީއާއި ހަމައަށް ނުގެންގޮސް ދެވޭނެއޭ. ލިޔުމުން ޝަކުވާ ހުށަހަޅާދޭށޭ. ބުނީމާ ލިޔުމުން ޝަކުވާ ހުށަހެޅީ. ދެން އޭގެ ދެތިން ދުވަސް ފަހުން ގުޅާލިން. ގުޅީމަ އޭގެ ފަހުން ދިން ޖަވާބަކީ، އަހަރެން އެ ޝަކުވާ ހުށަހެޅި ޑޭޓު، އެ ޝަކުވާ މިހާރު ވާނީ ފްލެޓު ކޮމިޓީއަށް ހުށަހަޅާފައޭ. ދެ ޝަކުވާ ހުށަހެޅިން، ދެ ޝަކުވާއަށް ވެސް ޖަވާބެއް ނުލިބިގެން އުޅެނިކޮށް، ދާއިމީ ލިސްޓު ނެރުނީ. އާނިސް އިނީ ޝަރުތު ހަމަވެ ނުލިބޭ ލިސްޓުގެ 114 ވަނައިގަ. ދެން އަނެއްކާވެސް ސިޓީލިން. ރައީސަށް ވެސް ސިޓީލިން. ރައީސްއަށް ފޮނުވި ސިޓީގެ ޖަވާބު ލިބުނީ މަސް ދުވަސް ފަހުން. އޭގެ ޖަވާބަކަށް އިންނަނީ މިހާރު އެކަންތައްތައް ހައުސިން މިނިސްޓްރީން ބަލަމުންނޭ ދާނީ. ދެން އަނެއްކާވެސް ސިޓީލީ ހައުސިން މިނިސްޓްރީއަށް. އެ ހުށަހެޅީމަ، ގެންދިޔައީ ޑެޕިއުޓީ މިނިސްޓަރު ޝާމިން ކައިރިއަށް. ދެން ޝާމިން އެ ދުވަހު ދެއްކި ވާހަކައަކީ، މިހާރު ޕޮއިންޓު ދޭ އުސޫލުގެ ފޯމު އިންނާނެއެއް ނު…. އޭތި ދެއްކީ… ދައްކާފަ ބުނީ، މިވެނިތަނަކުން ބުނެބަލާށޭ އާނިސްއަށް މިވެނިތަނަކުން ޕޮއިންޓު ލިބެންޖެހެއޭ. މިވެނިތަނަކުން ހުރީ މަދުކޮށްފައޭ. ބުނީމަ މަ ދެއްކީ. ބުނިން އާނިސްގެ އަތް ހުންނާނީ މިހެންނޭ. އިނގިއްޔެއް މިހެންނެއް ނެހެދޭނޭ. ހަތަރެސްފައި އިނގިލި އިންނަނީ ތަތްލަވާފައޭ. އެކަމު ދެއަތުގެ އިނގިލި އިނީ ވަކިކޮށްފައޭ މިހާރު. ވަކި ކުރިޔަސް އެއްވެސް އިނގިއްޔެއް މަސައްކަތެއް ނުކުރާނޭ. ހަމަ މިހެން ހުންނާނީ އޭ.” ހާމިދު

ހާމިދު ބުނީ އާނިސްގެ މުޅި ހާލަތު ޝާމިންއަށް ކިޔައިދިން ކަމަށެވެ. އެގޮތުން އަތުގެ އިނގިލިތައް މަސައްކަތް ނުކުރާތީ ގަމީހެއް ލާ، ގަމީހުގެ ގޮށް ނޭޅުވޭނެ ކަމާއި ފާހަނާއަށް ދާން ބޭނުންވިޔަސް ގޮސް ނެޕީއެއް ނުބޭލެކަން ކިޔައިދން ކަމަށެވެ. އެކަންތަކުން ބެލި ބެލުމުން އާނިސްއަށް 12 ޕޮއިންޓު އިތުރުވީސްކަމަށް ހާމިދު ބުންޏެވެ.

ހާމިދުގެ ވާހަކަތަކަށް ފަހު ޝާމިން ކުރި ސުވާލުގައި އެހީ، އެ ހުރިހާ ވާހާކައެއް ހާލަތު ބަލަން ދިޔަ މީހުންނަށް ކިޔަދިންތޯ އެވެ.

“މަ ބުނީ، އާނިސްގެ ސޯޓު ބާލުވާފަ އެ މީހުންނަށް ނެޕީ ވެސް ދެއްކީމޭ. ދެން އެ މީހުން ގިނައިން އެހީ ބޭސްފަރުވާކަންތަކޭ. ދެން އަހަރެމެން، އޭނަގެ ބޭސްފަރުވާ ކުރަނީ ގިނައިން މާގުމައްޗަށް ނިކުމެގެންނޭ ގިނަ ފަހަރަށް. ފުރަަތަމަ އާނިސްގެ ބޭސްފަރުވާއަށް ލާރި ހޯދަން އުޅުނީ ވެސް މަގުމަތިން. ނައިޓު މާކެޓުނޭ އެއީ” ހާމިދު

ހާމިދު ބުނީ ދެން ހުރީ ކުރަންޖެހޭ އޮޕަރޭޝަންތަކެއްކަމަށެވެ. އަދި މިހާރުވެސް 1.5 މިލިއަން ރުފިޔާގެ އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށެވެ.

“އޮޕަރޭޝަންތައް ދެން އޮތީ ދޯ. އޮޕަރޭޝަންތައް އެއީ ދެން އަހަރެމެން ކޮންމެ އޮޕަރޭޝަނެއް ކުރަންވެސް، ހޮސްޕިޓަލުން ގެންނަން އަގު. ވާގޮތަކީ އަހަރެމެން އަތަކު އެހާވަރަކަށް ލާރިއެއް ނުހުރޭ. އެވަރަކަށް ނޫން އެއްވެސް ވަރަކަށް ލާރިއެއް ނުހުރޭ. ދެން މިޖެހެނީ މީހުންގެ އެހީތެރިކަމަށް އެދެން. އެއީ މިސާލަތަކަށް ތިކޮޅުން ބޭނުންވެދާނެ އެ ޔަގީން ކުރަން. އެހެންވެ އަހަރެމެން ގެންނަނީ ހޮސްޕިޓަލުގެ ތަތްގަނޑު ޖަހާފަ ހުންނަ ލިޔުން. ދެން އެ މީހުން ވެސް މިދެނީ އެ މީހުންނަށް ވެސް ލަފާ ކުރެވޭ އަދަދު. މިހާރު ކުރަން އިން އޮޕަރޭޝަން އެއީ ބުނާ އަގު. ދެން އެއީ، އެތާނގަ މަޑު ކުރަންޖެހޭ ހަތަރު މަސް ދުވަހު. ބޮލުގަ އިންނާނީ މިހެން ފްރޭމްއެއް ކަހަލައެއްޗެއް އަޅުވާފަ، އެ މީހުން ބުނީ ހޮސްޕިޓަލުގައި އެއް މަސް ދުވަހު މަޑުކޮށްފަ، ތިމަންނަމެން ޖެހޭނެއޭ ހަފްތާއަކުން ނޫނީ ތިން ދުވަހުން އެ ބަލަން. އެއީ ބޮލުގެ މި ކަށިގަނޑު ނެރެން މި ޖެހެނީ” ހާމިދު

ހާމިދު ވަނީ އޭނާ މަސައްކަތްކޮށްގެން ލިބޭ މަދު ފައިސާކޮޅުން ގޭގެ ކުލިއަށް ދެއްކުމަށްފަހު އަތުގައި އެއްޗެއް ނޯންނަކަން ފާހަގަކޮށްފަ އެވެ. އަދި އާނިސްގެ ސްޕީޗް ތެރަޕީގެ ކަންކަން ކުރިޔަށް ގެންދަން ޖެހޭ ކަމަށް ބުންޏެވެ. މީގެ ކުރިން ވެސް އެކި ފަހަރު މަތިން އިންޑިއާ އާއި، ބެންކޮކް ފަދަ ތަންތަނަށް އާނިސްގެ ފަރުވާއަށް ގޮސްފައިވާނެ ކަމަށް ހާމިދު ބުންޏެވެ.

މައުސޫމް އާނިސްއަށް ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް ދޭ ފްލެޓް ޙައްޤެއް ނުވި ، އޭނަގެ ދިރިއުޅުމާ ގުޅޭ ހިތްދަތި އެތައް ވާހަކަތަކެއް ...

ހާމިދު ބުނީ، މިއީ ފަސޭހަ ދިރިއުޅުމެއް ނޫން ކަމަށެވެ. އާނިސް ސްކޫލަށް ގެންދިއުމަކީ ވެސް އުނދަގޫކަމެއް ކަމަށާއި، ކޮންމެ ފަހަރަކު ވެސް ފިހާރައަށް ވަދެ ފިހާރައިން އާނިސް ބޭނުންވާ އެއްޗެއް ގަނެދޭންޖެހޭ ކަމަށް ބުންޏެވެ.

“ދެން އިނގޭނީ އޭގެ ކުއްޖެއް ކައިރީ އުޅެލީމަ. އެ ކުއްޖާ ބޭނުންވާ ކަންތަކާއި… މިސާލަކަށް ކުރަންޖެހޭ ހަރަދަކާއި، ކުއްޖާ ބޭނުންވާ ކަންކަމާއި. އަސްލަހު ހަމަ ވަރަށް ހާލުގަ މި އުޅެނީ. މަލޭގައި އުޅުނަކަސް….. ދެން ކުރީ ދުވަހު ވެސް ބުނިން ދެން މި ނޫން ގޮތެއް ނެތެއް ނޫން ހޭ…… ދިމާވޭ ދޯ އާނިސްއާއި މަގުމަތިން ވެސް ކަންކަން. އެގޮތަށް ހުންނާތީ ބައެއް މީހުން ވަރަށް ބަލާނެ. ބައެއް ކުދިން ވެސް ބަލާނެ، ބޮލާއި އެއްޗެހި ތަންކޮޅެއް ބޮޑުކޮށް ހުންނާތީވެ” ހާމިދު

އެ ހުރިހާ ވާހަކައެއް ދައްކަމުން ދިޔައިރު، ހިތުގެ އެތައް އުދާހެއް ހިފަހައްޓާލައިގެން ޝަހީމާ ވެސް ދޭތެރެއަކުން ކަރުނަތައް ފޮހެލައެވެ. އޭނާ، ނުރޮއެ ހިފަހައްޓާލެވޭތޯ ވަރަށް މަސައްކަތް ކުރިކަން އިހުސާސް ކުރެވެއެވެ. ޖެހިގެން އިން ކޮޓަރީގެ އެނދުގައި އާނިސް އޮތެވެ. އަދި އެ މީހުންގެ ހަތަރު މަހުގެ ތުއްތު ކުއްޖާއާއި އެކު 12 އަހަރުގެ އަންހެން ދަރިފުޅުވެސް އެނދުމަތީ އޮށޯވެލައިގެން އޮތެވެ.

އާނިސްގެ ގޭގައި ހޭދަވި ވަގުތުތަކުގެ ތެރޭގައި، އެންމެ ބޮޑަށް ސާފުވެގެން ދިޔައީ އެ އާއިލާގެ ކެތްތެރިކަމެވެ. އަދި އާއިލާއިން، އާނިސްއަށްޓަކާ ކުރާ އުންމީދެވެ. އެ އުންމީދާއި، އެ ލޮތްބަކީ ދުވަހަކު ވެސް ފަނޑުވެގެން ނުދާނެކަން ސާފެވެ.

ނޯޓު: އާނިސްއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން، 7700415 (އާނިސްގެ ބައްޕަ ހާމިދުގެ ނަމްބަރު) އަށް ގުޅާލައިގެން ކުރިޔަށް ގެންދެވޭނެ އެވެ. ނުވަތަ ފައިސާގެ އެހީތެރިކަން ދޭން ބޭނުންވާ ފަރާތެއްނަމަ 7703229160101 ނަމްބަރަށް އެހީ ފޮނުވޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: