ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދު ކޯޓަށް ހާޒިރު ނުވާނަމަ، އިންޓަޕޯލް ރެޑް ނޯޓިސް ނެރޭނަން: ޝަމީމް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު/ އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަތް ދައުވާއެއް ވަނީ އުފުލާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވަނިކޮށް، ބޭސްފަރުވާގެ ފުރުސަތުދިން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޝަރީއަތަށް ހާޒިރު ކުރަން އިންޓަޕޯލް ރެޑް ނޯޓިއެއް އާއްމުކުުރަން ޖެހުނަސް އެ މަސައްކަތް ކުރާނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ރޭޕް ކުރަން އުޅުމުގެ ކުށް ހިމެނޭހެން ހަތް ދައުވާއެއް ފުފުލާފައިވާ އަލީ ވަހީދު ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައި މަގާމުން ވަކި ކުރީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. ޝަރީއަތް ފަށާފައިވަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދީ އޭނާގެ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގެ ޝަރީއަތް ހައިކޯޓުގައި ފެށިނަމަވެސް، އެ މައްސަލަ އިއްޔެ ކޯޓުން ބޭރުކޮށްލީ އަލީ ވަހީދާއި ޗިޓު ރައްދު ނުކުރެވުމާއި އަދި އަލީ ވަހީދާއި ބެހޭ އެއްވެސް މައުލޫމާތެއް ދައުލަތަށް ހޯދިފައި ނުވާތީ އެވެ. އެހެންވެ، ދަށު ކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރި ދުވަހާއި، އޭނާ ފުރި ދުވަހާއި ފުށު އެރުންތަކެއް ހުރުމުން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނެރުއްވި އަމުރުގެ މައްސަލައިގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ވަނީ ބޭރުކޮށްލާފައެވެ. އަލީ ވަހީދު މިވަގުތު ހުރިތަނެއްގެ މައުލޫމާތު ދައުލަތަށް ހޯދިފައިނުވާތީ، ހައިކޯޓުން ބޭރުކުރި މައްސަލަ ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، އެޑްރެސް ނޭނގޭ ހާލަތެއްގައި އަމަލު ކުރަންޖެހޭ އިޖުރާއަތްތަށް ހައިކޯޓުން ފުރިހަމަކޮށްފައި ނުވާ ކަމަށެވެ. މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ކުރިޔަށް ގެންދިއުމަށް ނިންމީ އެހެންވެކަމަށް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ، ޖިނާއީ ދައުވާއެއް އުފުލާފައި ހުންނަ މީހަކު އޭނާ ދިރިއުޅޭ އެޑްރެހާއި ބެހޭ އެއްވެސް މައުލޫމާތެއް ދައުލަތަށް ނާނގާކަމަށެވެ. ޝަމީމް ވިދާޅުވީ، ދިރިއުޅޭ ތަނެއް ނޭނގޭ ހާލަތެއްގައި ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެވޭނެ ކަމަށެވެ. ކޯޓު އަމުރު ނެރުމުގެ ތަފްސީލުތައް ހައިކޯޓުގެ ގަވާއިދާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހިމެނިފައި ހުންނާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މައްސަލައަށް ސުޕްރީމް ކޯޓުން ހައްލެއް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. ގާނޫނު ބުނާގޮތުން ސުޕްރީމް ކޯޓުން މައްސަލަ ބަލައިގަންނަތާ ހަތް ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ނިންމަން ޖެހޭނެ އެވެ.

އަލީ ވަހީދު މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައިކަމުން، އެންމެ ފަހުން އެތެރެވީ ގައުމެއް ހޯދުނަސް އޭނާ ދިރިއުޅެމުންދާ އެޑްރެހެއް ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. އެކަމަށް އިޝާރާތްކޮށް ޝަމީމް ވިދާޅުވީ، އެކަމަށް އޮތް ހައްލަކީ އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރުންކަމަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގައި ހިމެނޭ ގާޒީގެ މައްސަލަ ޕީޖީން ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ވެސް ހުށަހަޅާފައެވެ.

އަލީ ވަހީދަކީ ފިލުމުގެ ފުރުސަތު އޮތް މީހެއްކަމުން، އެ ފުރުސަތު ޓްރެވެލް ޑޮކިއުމެންޓެއްގައި ނޫން ގޮތަކަށް ނުދިނުމަށް ދައުލަތުން ހުށަހެޅި ނަމަވެސް ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ނިންމެވީ މައިބަދައިގެ އޮޕަރޭޝަނަށް އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށެވެ. ބޭނުން ގައުމަށް ދިއުމަށް އަލީ ވަހީދަށް ދިނުމުން، އެނާއާއި އެކު ޖާމިނުވެފައި ވަނީ އަލީ ވަހީދުގެ ގާތް އެކުވެރިޔާ އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަ ނޫން ޖިންސީ މުއާމާލަތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. މި ދައުވާތައް އަލީ ވަހީދުގެ މައްޗަށް ސާބިތުވެއްޖެނަމަ، މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: