ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ކޮވިޑުގެ ހާއްޔެއްގެ ތެރޭ: ރާއްޖެއަށް ނުރައްކާތެރި ރަނގަބީލެއް!

އިންޑިއާގައި ކޮވިޑުގެ ހާލަތު ގޯސްވެ، އެ ގައުމު ވަނީ އޮކްސިޖަން ސިލިންޑަރަށް ޖެހިފައި/ ފޮޓޯ: ދަ ގާޑިިިއަން
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ދޮޅު އަހަރު ދުވަސް ކުރިން، އުފަންވެގެން އައި ކޮވިޑު-19 ދުނިޔޭގެ އެތައް ގައުމެއްގައި ބާރު ސްޕީޑެއްގައި ފެތުރުނެވެ. ބައެއް ގައުމުތަކައް އެކީ އެކައްޗަކަށް، އިނދަ ޖައްސާލިއިރު މިވީ ދުވަސްތަކުގެ ތެރޭގައި އެ ހާލަތަށް އެއްވެސް ބަދަލެއް ނައި ހަމައެކަނި ގައުމަކީ އިންޑިއާ އެވެ. އެ ގައުމުގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވެ، ދުވާލެއްގެ މައްޗަށް ބައްޔަށް ޕޮޒިޓިވްވާ މީހުން މީހުންގެ އަދަދު ތިންލައްކައިން މައްޗަށް އަރައެވެ. އޭޕްރިލް މަސް ފެށުނު ފަހުން، އެ ގައުމުން ކޮންމެ ދުވަހަކު ރިޕޯޓު ކުރާ ކޭސްތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވާއިރު އެއީ ކޮންމެ ދުވަހަކު ވެސް ދުނިޔޭގެ އާ ރިކޯޑެކެވެ.

1.3 ބިލިއަންގެ ބޮޑު އާބާދީއެއް އޮންނަ އެ ގައުމުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 16 މިލިއަނަށް އަރައެވެ. އެހެން ނަމަވެސް ގައުމުގެ ސިއްހީ މާހިރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، މިއީ ކޮވިޑު ޖެހުނު މީހުންގެ އަސްލު އަދަދަށް ނުވުމެވެ. އިންޑިއާގެ ދުރު ހިސާބުތަކުގައި، ކޮވިޑަށް ޓެސްޓު ކުރެވޭނެ އެއްވެސް ނިޒާމެއް ނެތެވެ. އެހެންކަމުން، ބަލި ޖެހުނު މީހުންގެ އަދަދު އެއަށްވުރެ އެތައް ގުނައެއް އިތުރުވާނެކަމަށް ބެލެވެއެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާ މިވަގުތު އޮތީ ގޮތް ހުސްވެފަ އެވެ. ހޮސްޕިޓަލުތައް ފުރި، މީހުން މަގުތައް މަތީ ފަރުވާއަށް އެދި ދަނީ އާދޭސް ކުރަމުންނެވެ. ބަލިމީހުންނަށް ފަރުވާ ދެވޭ ވަރަށް އޮކްސިޖަންއެއް ނެތެވެ. އެކަށީގެންވާ ސިއްހީ ވަސީލަތްތަކެއް ނެތި، އިންޑިއާގައި ކޮންމެ ހަ މިނިޓަކުން މީހަކު މަރުވެއެވެ. ހޮސްޕިޓަލުތަކުގައި ފަރުވާދެމުން ދިޔަ، އެތައް ޑޮކްޓަރުންނާއި ނަރުހުންނެއް ވަނީ މަރުވެފައެވެ.

ބަލީގައި މަރުވާ މީހުން އަންދަމުން ދަނީ، ފުޓުބޯޅަ ސްޓޭޑިއަމްއެއް ވަރުވާތަނެއްގައެވެ.

Oxygen runs low during India's Covid crisis – photo essay | India | The Guardian
އިންޑީއާގައި ކޮވިޑުގައި ދުވާލެއްގެ މައްޗަށް ތިން ހާހަށް ވުރެ ގިނަ މީހުން މަރުވޭ/ ފޮޓޯ: ދަ ގާޑިއަން

އިންޑިއާއަށް ދަތުރުކުރުމާއި، އިންޑިއާއިން ގައުމުތަކަށް މީހުން އެތެރެވުން މަނާކޮށް ފިޔަވަޅުތައް ވަނީ އަޅާފައެވެ. ޔޫއޭއީފަދަ ގައުމުތަކުން، އިންޑިއާގައި ޓްރާސިންޓު ކުރާ ބަޔަކަށް ވެސް އެ ގައުމަށް އެތެރެނުވެވެއެވެ. އަދި ކަރަންޓީނުވާ ގޮތަށް ވެސް އެތެރެނުވެވޭ ގޮތަށް ފިޔަވަޅުތައް އަޅައި، ދަތުރުތައް ކުރުން އޮތީ ހުއްޓާލާފައެވެ.

މިވަގުތު އިންޑިއާއިން ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތައް އެއީ، ރާއްޖޭގެ އާބާދީއާއި އެއް އަދަދެކެވެ. ޑަބްލިއުއެޗްއޯއިން ލަފާ ކުރާ ގޮތުން، އިންޑިއާގައި ފެތުރެނީ ކޮވިޑުގެ އާ ވޭރިއަންޓެކެވެ.

މިވާހަކަތަަކަށް މިހާ ތަފްސީލީ ގޮތެއްގައި ދައްކަން ޖެހުނީ، ދުނިޔޭގެ އެތައް ގައުމުތަކުން އިންޑިއާގެ ހާލަތަކަށް ބަލައި ރަޖާ އެޅިއިރު ރާއްޖެ ހަމަޖެހިލައިގެން އޮތުމުންނެވެ. ރާއްޖެއަށް މިކަން ސީރިއަސް ގޮތެއްގައި ނުނެގުމަކީ، މީގެ ދުވަސްތަކެއް ފަހުން އޭގެ ހިތި ރަހަ، މި ގައުމުގެ ރައްޔިތުން އަދާކުރަން ޖެހިދާނެވަރުގެ ކަމެކެވެ.

ސުވާލަކީ އެއީ ކީއްވެގެން ތޯ އެވެ. ސަބަބުތައް ބައިވަރެވެ. އޭގެ ތެރޭގައި އިންޑިއާއިން ޓޫރިސްޓު ވިސާގައި އެތައް ބަޔަކު ރާއްޖޭގެ ރަށްތަކުގެ ގެސްޓު ހައުސްތަކަށް އައުން ހިމެނެއެވެ. މިގޮތަށް އަންނަ މީހުންނަކީ، ރައްޓެހިންގެ ބޮޑެތި ގުރޫޕުތައް، ނުވަތަ އެތައް ބަޔަކު ހިމެނޭ އާއިލާގެ ގްރޫޕެކެވެ. އެންމެ ފަހުން އިމިގްރޭޝަނުން އާއްމު ކުރި އެންގުމުގައި ވެސް ވަނީ، އިންޑިއާއިން ޓޫރިސްޓު ވިސާގައި އަންނަ މީހުން ނޫން އެހެން ހުރިހާ އެންމެން ކަރަންޓީނުވާށެވެ.

India's COVID graph may peak at 33-35 lakh active cases by May 15: IIT scientists
ކޮވިޑު ޖެހިފައި ތިބި އެތައް ހާސް ބަޔަކު އިންޑިއާގައި މަގުމަތިވެފައި/ ފޮޓޯ: ނިއުސް އިންޑިއާ

މިއަދު ޑިރެކްޓާރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އާއްމު ކުރި އުސޫލެއްގައި ވަނީ އިންޑިއާގެ ފަތުރުވެރިން ގެސްޓްހައުސްތަކަށް ގެނައުން މަނާކޮށްފަ އެވެ. އުސޫލުގައި ބުނެފައިވަނީ ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން ހިމެނޭގޮތަށް، އިންޑިއާއިން ދިވެހިރާއްޖެއަށް ދަތުރުކުރާ މީހުންނާއި އިންޑިއާގައި ދިރިއުޅެފައިވާ މީހުންން ރާއްޖެއަށް އެތެރެވާއިރު 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި ދިވެހިންނާއި ވޯކް ޕާރމިޓް ހޯލްޑަރުން ރާއްޖެ އައުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހެދުމާއި، 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ވުމަށް ވަނީ އަންގާފައެވެ. ކަރަންޓީނުން ކޮންމެ މީހަކު ވެސް ދޫކޮށްލާނީ ކޮވިޑަށް ޓެސްޓުކުރުމަށްފަހު ބައްޔަށް ނެގެޓިވުމުންނެވެ.

ފާޑުކިއުންތަކާއި، މީޑިއާތަކުގެ ރިޕޯޓުތަކުގެ ސަބަބުން އާއްމު ކުރި އުސޫލުގައި ބުނެފައިވާ ގޮތުން އިންޑިއާ ފަތުރުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ޑިޕާޗާރ ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ އެވެ.

މިއަދު އެކަނި ވެސް އިންޑިއާގެ ދުބާއީއިން އެމިރޭޓްސްގެ ތިން ފްލައިޓަކާއި، މުމްބާއީއިން ގޯއެއާގެ ތިން ފްލައިޓަކާއި، ނިއުދިއްލީއިން އިންޑިގޯގެ އެއާލައިނަކާއި، ހައިދްރަބާދް ސިޓީ އާއި ނިއުދިއްލީއިން ގޯއެއާގެ އެއާލައިނެއް އަދި ފްލައި ދުބާއީގެ އެއާލައިނެއް ވަނީ އައިސްފައެވެ. ޓޫރިސްޓު ވިސާގައި އިނޑިއާއިން ހާހެއްހާ މީހުން ކޮންމެ ދުވަހަކު ރާއްޖެއަށް އެތެރެވެ އެވެ. މި މީހުން އެއްވެސް ކަރަންޓީނެއް ފުރިހަމަ ކުރަން ނުޖެހެ އެވެ. އަދި ރަށުގެ ތެރޭގައި ބޭނުން ގޮތަކަށް އާއިލާއާއި އެކު ނިކުމެ އުޅެ އެވެ. މިވަގުތު ރާއްޖޭގައި ތިބި މީހުންނަށް ބުކިން އާއި އެއްގޮތަށް ގެސްޓުހައުސްތަކުގައި ތިބެވޭނެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، މެދު އިރުމަތީގެ ގައުމުތަކަށް ހާއްސަކޮށް ޕެކޭޖުތަކެއް ވިއްކާތީ އިންޑިއާގެ ގިނަ މީހުން އަންނަނީ އޭގެ ދަށުން ނެވެ. ދުނިޔޭގެ ބައެއް ގައުމުތަކުން އިންޑިއާއަށް އަޅާފައި ހުރި ފިޔަވަޅުތަކުގެ ތެރޭގައި، ފާއިތުވެދިޔަ ދެ ހަފްތާގެ ތެރޭ އިންޑިއަށް އެތެރެވެފައިވާ ނަމަ އެ މީހަކަށް އެ ގައުމަށް އެތެރެވުމުގެ ހުއްދަ ދުލެއް ނުކުރެއެވެ. އެހެންވެ ސއިންޑިއާއިން އަންނަ ބައެއް މީހުންނަކީ ކަރަންޓީނެއް ފުރިހަމަ ކުރަން އަންނަ ބައެއްކަމަށް ވާހަކަތައް ދެކެވެއެވެ. މިއީ ވަރަށް ނުރައްކާތެރި ސިގްނަލްއެކެވެ.

އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ރާއްޖޭގެ ކަރަންޓީނު ޕެކޭޖެއް ތައާރަފްކޮށްފައި ނުވާނެ ކަމަށެވެ. އަދި ޓޫރިސްޓަކު ކަރަންޓީނު ކުރަނީ އެ މީހަކު ބައްޔަށް ޕޮޒިޓިވްވުމުން ނުވަތަ ބަލި ޖެހިފައި ހުރި މީހަކާއި ކޮންޓެކްޓުވުމުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ވެރިރަށް މާލެ ސިޓީން ކޮވިޑުގެ ކޭސްތައް ދަށްވީނަމަވެސް، އޭގެ ރާޅު ނަގާފައިވަނީ ކުދި ގެސްޓު ހައުސްތައް ހިންގަމުންދާ ރަށްތަކާއި އެ އަތޮޅުތަކުގަ އެވެ. މިވީ އަހަރެއްގެ ތެރޭގައި ދުވާލެއްގެ މައްޗަށް ކޮވިޑުގެ ކޭސްތައް ނުދާހާ މައްޗަށް ބަލި ޖެހުނު މީހުންގެ އަދަދު އިތުރުވީއިރު އޭގެ ތެރެއިން ބޮޑު އިންސަތައެއްގެ މީހުންނަކީ އަތޮޅުތަކުގެ ރައްޔިތުންނެވެ.

ރާއްޖޭގެ ރަށްތަކުގެ ހާލަތަށް ވިސްނާނުލާ ތިބެވެން ނެތެވެ. އެއަށްވުރެ، ރަށްތަކުގެ ހާލަތު ގޯހެވެ. ފަރުވާ ދޭނެ ވަސީލަތެއް ނެތި، އެތައް އަތޮޅެއް މޮނީޓަރިންގައި އޮތްއިރު ގިނަ ރަށްތަކުގައި އޮތީ ކޮމިއުނިޓީ ސްޕްރެޑެކެވެ. ރޯދަ މަހެއްގެ ތެރޭގައި، ރަނގަޅު ސިއްހީ ވަސީލަތްތަކެއް ނެތް ރަށަކަށް މިއީ ފަސޭހަ ކަމެއް ނޫނެވެ. ސަރުކާރުން ވިސްނަން ޖެހޭ ކަންތައް ކިތަންމެހާ ވެސް ބައިވަރެވެ. ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައަކަށް ވެކްސިންގެ ފުރަަތަމަ ޑޯޒް ދެވުމަކީ، އަނެއްކާވެސް އިތުރު ރާޅެއް މި ގައުމަށް ބިންދާނުލާނެއެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: