ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޓީން ފާސްކުރީ މަލީހުގެ މައްޗަށް ދައުވާ ކުރަން، ރިޕޯޓު މިއަދުގެ ޖަލްސާއަށް!

ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މަލީހު ޖަމާލް/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަދި މަޖިލީހުގެ ސުލޫކާއި އިމްތިޔާޒް ކޮމިޓީއަށް އޮޅުވާލާފައިވާ ކަމަށް ކަނޑައަޅައި އޭނާއަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެެރަލް (ޕީޖީ) އޮފީހަށް ފޮނުވަން އެ ކޮމިޓީއިން ނިންމައިފިއެވެ.

މަލީހުގެ އިތުބާރުނެތްކަމުގެ ވޯޓެއް ނެގީ، ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ގަވައިދުތައް ނެހެދުމާއި އިންޓަނެޓް އަގުހެޔޮ ނުކުރާ ކަމަށް ބުނެ އެވެ. އަދި ޒިންމާ އަދާ ނުކުރާކަމަށް ބުނެ، ކޮމިއުނިކޭޝަންސް މިނިސްޓަރު ކަމުން މަލީހު ވަކި ކުރީ މިދިޔަ މާޗު މަހުގެ އެއްވަނަ ދުވަހު އެވެ.

މައްސަލައިގައި ދިފާއަށް ވާހަކަ ދެއްކުމަށް ދިން ފުރުސަތުގައި، މަޖިލީހުގެ ތަޅުމުގައި މަލީހު ވިދާޅުވީ މެމްބަރުން ސަރުކާރުގެ ވަޒީރުންނަށް ބިރު ދައްކަމުން ގެންދާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި ޖެންޑާރ މިނިސްޓަރުކަމުން ޝިދާތާ ޝަރީފް ވަކި ކުރި މައްސަލަ ނަންގަވާ މަލީހު ވިދާޅުވީ، މައްސަލަ މަޖިލީހަށް ވައްދާފައިވަނިކޮށް ޝިދާތާ އިސްތިއުފާ ދެއްވީ މަޖިލީހުގެ މެމްބަރުން ބިރު ދައްކައިގެން ކަމަށެވެ.

މަލީހުގެ އެ ވާހަކައަށް ހުރަސް އަޅައި އެމްޑީޕީގެ ޕީޖީ މެމްބަރުން ނިޒާމީ ނުކުތާތަކެއް ނެންގެވި އެވެ. ސަރުކާރުގެ ވަޒީރަކު، އެހެން ވަޒީރަކަށް މަޖިލީހުގެ މެމްބަރުންތަކެއް “ބިރުދެއްކި” ކަމަށް ބުނާނަމަ އެކަން ބަލަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ތުުހުމަތެއް ކުރައްވާ ބޭފުޅެއް، އެކަމުގެ ތަފްސީލެއް ދެއްވަން ޖެހޭނެ ކަމަށް ބުންޏެވެ. މެމްބަރުންގެ ޝަކުވާތަކާއި ގުޅިގެން އެ ދުވަހުގެ ޖަލްސާގައި ރައީސް ނަޝީދު ވެސް ވަނީ، މެމްބަރުން އެފަދަ އަމަލެއް ހިންގީ ކޮން ގޮތަކުންކަން ސާފުކޮށްދޭން ޖެހޭކަމަށް ވިދާޅުވެފައެވެ.

މަލީހަށް ލިބިވަޑައިގެންނެވި ދިހަ މިނެޓުގެ ފުރުސަތަށްފަހު ރައީސް ނަޝީދު ވިދާޅުވީ، ވަޒީރެއްގެ ގޮތުގައި ހުންނަވާ މަޖިލީހުގައި ހަގީގަތާ ހިލާާފަށްް ވާހަކަ ދައްކަވާފައި ވޭތޯ ބަލަން އިމްތިޔާޒު ކޮމިޓީއަށް އެ މައްސަލަ ފޮނުއްވާނެ ކަމަށެވެ. އަދި އެގޮތަށް ވާހަކަ ދައްްކަވާފައި ވާނަ ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަަލްގެ އޮފީހަށް ފޮނުއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މައްސަލައިގެ ދިރާސާ ނިންމާ، މަޖިލީހުގެ ސުލޫކު ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނީ މަލީހު ހާޒިރުކޮށް ކޮމިޓީގެ މެންބަރުން އަމާޒު ކުރި ސުވާލުތަކަށް ޖަވާބު ދީފައިނުވާތީ އޭނާ ކޮމިޓީއަށް އޮޅުވާލާފައިވާ ކަމަށް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހަ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ.

މަޖިލީހުގެ ކޮމިޓީއަށް ދޮގު މައުލޫމާތު ދީ އޮޅުވާލައިވާކަމަށް ސާބިތުވެއްޖެ ނަމަ، އެ މީހެއްގެ މައްޗަށް އަންނާނެ އަދަބެއްކަމަށް ގާނޫނުގައި ބުނެފައިވަނީ 3،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ތިން މަސް ދުވަހާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ (ށ) އަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު ގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ނުވަތަ ކޮމިޓީއަކަށް ހާޒިރުވުމަށް ކޮންމެ މީހަކަށްވެސް އެންގިދާނެ
ކަމަށް ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ (ހ) އާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު ގެ 18 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މަޖިލީހަށް ނުވަތަ ކޮމިޓީއަކަށް
ހާޒިރުކުރެވޭ މީހާއާއި ކުރެވޭ ސުވާލުތަކަށް އެމީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބު ދޭންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެން ނަމަވެސް، ކޮމިޓީން އަމާޒު ކުރި ސުވާލުތަކަށް ޖަވާބުދޭން މަލީހު އުޒުރުވެރިވެވަޑައިގެންނެވި ކަމަށް ކޮމިޓީ ރިޕޯޓުގައި ވެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ ކޮމިޓީން ކުރި ސުވާލުތަކުގެ ޖަވާބުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޭނާ ދެއްކި ވާހަކައަކީ، ޤާނޫނުއަސާސިގެ 101 ވަނަ މާއްދާގެ (ށ) އިން ލިބިދޭ ހައްގެއްގެ ބޭނުންކޮށް ވަޒީރުކަމުގެ ދިފާޢުގައި ދެއްކި ވާހަކައެއްކަމަށް މަލީހު ތަކުރާރުކޮށް ބުނެފައިވީ ނަމަވެސް އެއީ ކޮން އަސާސެއްގެ މައްޗަށް ދެއްކެވި ވާހަކައެއްކަން ބަޔާންކޮށްދީފައި ނުވާ ކަމަށެވެ.

މަލީހު މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށުނީ، ރާއްޖޭގެ މީޑިއާއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވުމުންކަމަށް ތުހުމަތު ކުރެވެއެވެ. އަދި އެކަމުގެ ސުވާލުތައް ނަންގަވާ މަލީހު ވެސް ވަނީ، އޭނާ މިިނިސްޓްރީގެ މެންޑޭޓުން މަސައްކަތް ނުކުރާކަން އެމްޑީޕީގެ މެމްބަރުންނަށް ފެނިވަޑައިގަތީ ބަރުލަމާނީ ނިޒާމާއި ރައީސް ނަޝީދާއި ގުޅުވައި ވާހަކަ ދެއްކެވުން ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

މިދިޔަ ކައުންސިލް އިންތިހާބަށް އިދިކޮޅުން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި މަލީހު ބައިވެރިވުމުން، ޖުމްހޫރީ ޕާޓީން ވަނީ މަލީހުގެ ސުލޫކީ މައްސަލައެއް ނަގާ އޭނާ ޕާޓީން ވަކިކޮށްފަ އެވެ. މަލީހު ވަނީ އެކަމަށް ވެސް ޖުމްހޫރީ ޕާޓީއަށް ފާޑުވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: