ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޑިޓުން ބުނީ މަންދުއަށް ދޭންޖެހެނީ 1.5 މިލިއަންކަމަށް، ހުށަހެޅީ 243 މިލިއަން ހޯދަން!

މަންދު ކޮލެޖުގެ ދަސްވެނިވުމުގެ ހަފުލާއެއްގައި އިބްރާ ވާހަކަދައްކަވަނީ.- ފޮޓޯ:/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ކުރީގެ އެމްއީއެސް އިމާރާތުގައި މަންދު ކޮލެޖް ހިންގުމަށް ވެފައިވާ އެއްބަސްވުން، ބާތިލު ކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި ފައިސާ ދޭން ޖެހޭ ހާލަތެއްގައި އެންމެ ބޮޑުވެގެން ވެސް ދެވޭނީ، 1.5 މިލިއަން ރުފިޔާކަމަށް އޮޑިޓް އޮފީހުން އެކަމާ ގުޅިގެން ހަދާފައިވާ  އެސެސްމަންޓް ރިޕޯޓަކުން ދައްކައިފި އެވެ.

މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އޮޑިޓާރ ޖެނެރަލްގެ އޮފީހުން އެކުލަވާލާފައިވާ ރިޕޯޓެކެވެ.

އެ އޮޑިޓު ރިޕޯޓުގައި މައްސަލައިގެ، ގިނަ ތަފްސީލުތަކެއް ހިމަނާފައި ވެއެވެ. އެމްއީއެސް ހިންގި އިމާރާތުގައި ހިންގުމަށް ކަނޑައެޅި އިންޓަނޭޝަނަލް ސްކޫލު ހިންގުމަށް އެމްއީއެސްގެ އޭރުގެ މަސްއޫލުވެރިންނާއި މަންދު ލާނިން ސެންޓަރާއި އެކު 06 ޖެނުއަރީ 2009 ގައި  މެނޭޖްމަންޓު ކޮންޓްރްރެކްޓަރެއްގައި ސޮއިކޮށް އެ ސްކޫލު ހިންގުން މަންދު ލާނިންއާއި ހަވާލު ކުރިއެވެ. އެ އެއްބަސްވުމުގައި ވާ ގޮތުން އިމަރާތުގައި ސްކޫލް ހިންގަންވާނީ "އެމްއީއެސް އިންޓަނޭޝަނަލް ސްކޫލް" ގެ ނަމުގަ އެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ، މަންދު ލާނިސް ސެންޓަރުން ސްކޫލު ހިންގަމުން ދިޔައިރު، ތަނުގެ ހިންގުމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީއަށް ޝަކުވާތަކެއް ލިބުނު ކަމަށެވެ. އަދި މިނިސްޓްރީގެ އެޑިއުކޭޝަން އެންޑް ކޮލިޓީ އިމްޕްރޫވްމެންޓު ޑިވިޜަނުން އެ ސްކޫލުގެ ސުވަވިޒަންއެއް 2009 ގެ ޖުލައި މަހުގެ ތެރޭގައި ކުރިޔަށް ގެންދިޔަ ކަމަށެވެ. އެއަށްފަހު އެކުލަވާކި ރިޕޯޓުގައި މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހަމަތަކާއި އެއްވަރަށް އެ ސްކޫލުގެ ހިންގުމުގެ ކަންކަން ނެތުމުން އެއްބަސްވުން ބާތިލުކޮށް ކުދިންގެ ކިޔެވުމަށް އެއްވެސް ބުރުލެއް ނާރާގޮތަށް ސްކޫލް ހިންގުން އެހެން ބަޔަކާއި ހަވާލުކުރުމަށް ލަފާދީފައިވެއެވެ. އެހެން ނަމަވެސް މިނިސްޓްރީ އާއި މަންދު ލާނިން ސެންޓަރާއި ދެމެދު ކުރިޔަށް ގެންދިޔަ މަޝްވަރާތަކަށްފަހު އެމްއީއެސް އިމްރާތުގައި ހިންގުމަށް ކަނޑައެޅި އިންތަނޭޝަނަލް ސްކޫލް ރެޖިސްޓްރީ ކުރުމަށް ނިންމައި އެ މަސައްކަތްތައް ކުރިޔަށް ގެންދިޔަ އެވެ. އަދި އެ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި، ސްކޫލް ރެޖިސްޓްރީ ކުރީ، އެމްއީއެސްގެ އޭރުގެ މަސްއޫލުވެރިން ހިއްސާވާގޮތަށް އުފައްދާފައިވާ އެމްއީއެސް އިންޓަނޭޝަނަލް ޕްރައިވެޓުގެ މަސްއޫލުވެރިކަމުގެ ދަށުންނެވެ.

އެމްއީއެސްގެ މަސްއޫލުވެރިންނާއި، މަންދު ލާނިންގ ސެންޓަރާއި ދެމެދު ހިޔާލު ތަފާތުވުން އުފެދި ޖެހުނު މައްސަލަތަކެއްގެ ތެރެއިން ސްކޫލުގެ ހިންގުން މަންދު ލާނިން ސެންޓަރުން ވަކި ކުރުމަށް ހުށަހެޅި އެވެ. 2009 ގައި އުފެދުނު އެ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުގެ އިދާރާތައް މެދުވެރިވެގެން ވެސް މަސައްކަތް ކުރިއެވެ.

2014 ވަނަ އަހަރާއި 2015 ވަނަ އަހަރުގެ ރިރާސީ އާ އަހަރު ފެށުނުއިރު ވެސް އެމްއީއެސް އިމާރާތުގައި ހިންގަން ޖެހޭ އިންޓަނޭޝަނަލް ސްކޫލު ފެށިފައިނުވާތީ، އެއްބަސްވުމުގެ 27 ވަނަ މާއްދާއިން މިނިސްޓްރީއަށް ލިބިދޭ އިހުތިޔާރުގެ ދަށުން އެ އެއްބަސްވުން އުވާލަން ނިންމައި 15 ދުވަހުގެ ނޯޓިސްއެއް ދިނެވެ. މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ނަޤުލު ކުރުމަށް 06 ފެބްރުއަރީ 2010 ގައި ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނައިކަން 03 މާޗު 2015 ގައި އޮތީ ސިޓީއަކުން އަންގާފައެވެ.

އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް އެމްއީއެސްގެ އިމާރާތް ދޫކުރުމަށް ހަދާފައިވާ އެއްބަސްވުން އެޑިއުކޭޝަން މިނިސްޓްރީން އުވާލުމާއި ގުޅިގެން މާލެ ހައި ޕްރައިވެޓްއިން މައްސަލަ ކޯޓަށް ހުށަހެޅި އެވެ. އެ ކުންފުނިން ފުރަތަމަ ހުށަހެޅީ، ތަނުގެ ތެރޭގައި ހުރި މުދާތައް ހުސްކުރުމަށް އެންގި އެންގުމަށް އަމަލުކޮށްފައިނުވާތީ މިނިސްޓްރީގެ މުވައްޒަފުން އިމަރާތުގެ ތެރެއަށްވަނުމުން އެކަން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް އެދުނު ކަމަށެވެ. މައްސަލައިގައި ކޯޓުން އަމުރެއް ފޮނުވި ނަމަވެސް، އެ އަމުރާއި މެދު ގޮތެއް ކަނޑައެޅުމަށް މައްސަލަ ބެއްލެވުމަސްފަހު އެ ކޯޓުގެ އަމުރު ޖޫން 02، 2015 ގައި ބާތިލު ކުރިއެވެ.

މާލޭ ހައި ޕްރައިވެޓުން އެއްބަސްވުން ބާތިލު ކުރި މައްސަލައިގައި ސިވިލް ކޯޓަށް ދެ މައްސަލައެއް ހުށަހެޅި އެވެ. 2016 ވަނަ އަހަރުގެ ތެރޭގައި އެ ކުންފުނިން ހުށަހެޅީ އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމާއި ހިލާފުވެފައިވާކަމަށް ކަނޑައަޅައި، ގާނޫނީ ވަކީލަސް ހަރަދުވެފައިވާ ފައިސާ އެއްފަހަރާ ނަގައިދިނުމަށެވެ.

ސިވިލް ކޯޓުން 2017 ގައި ހުކުމްކުރީ، އެއްބަސްވުން އެޑިއުކޭޝަނުން އުވާލާފައިވަނީ އެއްބަސްވުމާއި ހިލާފަށްކަމަށް ޝަރީއަތަށް ސާބިތުނުވާ ކަމަށެވެ. އަދި މާލޭ ހައިއިން އެދިފައިވާ ގޮތަށް ގެއްލުމުގެ ބަދަލާއި ވަކީލުގެ ފީ ލިބިދިނުމަށް އެޑިއުކޭޝަނަށް އަންގާނެތަނެއް ނެތް ކަމަށެވެ.

ދަށު ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ހުކުމްކުރީ، އެމްއީއެސްގެ ޢިމާރާތުގެ އެއްބަސްވުން އުވާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ނިންމުމަކީ، އެ އެއްބަސްވުމުގެ 27.1 ވަނަ މާއްދާގެ (ބ) އާ ހިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ. އަދި އެ އެއްބަސްވުން އުވާލުމުގެ ސަބަބުން މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބިގެންދާ އެންމެހައި ގެއްލުމުގެ ބަދަލު ހޯދުމަށް އެޑިއުކޭޝަން ނުވަތަ ދިވެހި ދައުލަތުގެ ކަމާބެހޭ އިދާރާގެ މައްޗަށް ދަޢުވާކުރުމުގެ ހައްގު މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަމަށެވެ.

މަންދު ކޮލެޖުގެ މިލްކިއްޔާތުގެ ތެރޭގައި ހިމެނޭ، ފަރުނީޗަރު ގެއްލިފައިވުމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް އެ ކުންފުންޏަށް 451،189 ރުފިޔާ ދެއްކުމަށް ހުކުމް ކުރިއެވެ. އެ ހުކުމާއި އެއްގޮތަށް މިނިސްޓްރީން މާލޭ ހައި ޕަރައިވެޓަށް 2018 ޖޫން 14 ގައި ފައިސާ ދޫކުރިއެވެ. އޭގެ އިތުރުން އެމްއީއެސް އިމާރާތުގައި އަރަބިއްޔާ ސްކޫލް ހިންގުމަށް ވަގުތީ ގޮތުން ބޭނުން ކުރަމުންދިޔަ ބައިތައް ހުސްކުރުން ލަސްވުމުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ސާބިތުވެ ދައުލަތުން 2.4 މިލިއަން ރުފިޔާ އާއި، ޖޫރިމަނާގެ ގޮތުގައި 01 މިލިއަން ރުފިޔާ ދައްކަން ޖެހުނެވެ. އަދި ޖުމްލަ 3،480،000 (ތިން މިލިއަން ހަތަރު ލައްކަ އައްޑިހަ ހާސް) ރުފިޔާ މާލެ ހައި ޕްރައިވެޓަށް ހުކުމާއި އެއްގޮތަށް ދޫކުރީ 2019 އޮގަސްޓު ގައެވެ.

އޮޑިޓުން ދައްކާ ގޮތުން، ތައުލީ ފަންޑުން މަންދު ކޮލެޖު ހިންގުމަށް ދޫކުރި 03 މިލިއަން ރުފިޔާގެ ލޯނުން، މިހާތަނަށް 1.8 މިލިއަން ދައްކާފައި ނުވެއެވެ. މި ލޯނު ކޮލެޖަށް ދޫކުރީ އިންޓްރެސްޓު ރޭޓަކާއި ނުލައި، ފަސް އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ.

އެމްއީއެސް އިމާރާތުން ބައެއް ބައިތަށް، އަރަބިއްޔާ ސްކޫލު ވަގުތީގޮތުން ހިންގުމަށް ދޫކުރުމާއި ގުޅުންހުރި އެކިކަންކަމަށް މަންދު ކޮލެޖަށް ސަރުކާރުން ދޫކުރި ފައިސާގެ އަދަދު 4.6 މިލިއަނަށް އަރައެވެ.

ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ހޯދަން ހުށަހެޅީ 243 މިލިއަން ރުފިޔާ!

އެއްބަސްވުން އުވާލުމުން ގެއްލުމުގެ ބަދަލެއްގެ ގޮތުގައި، މާލޭ ހައި ޕްރިވެޓުން ހޯދަން ސަރުކާރަށާއި އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހެޅީ 243 މިލިއަން ރުފިޔާ އެވެ. އެއީ އަރަބިއްޔާ ސްކޫލް ހިންގުމަށް އެމްއީއެސް އިމާރާތުން ދޫކުރި ބައިތައް ހުސްކުރުން ލަސްވުމުން ހޯދަން ހުށަހެޅި 22 މިލިއަން ރުފިޔާ އާއި، އެމްއީއެސް އިމާރާތުގައި ހުރި ފަރުނީޗަރުގެ ބަދަލު ހޯދުމަށް ހުށަހެޅި، ދެ ލައްކަ ރުފިޔާ އާއި، އެމްއީއެސް އިމާރާތުގައި ހުރި ހަރުމުދަލާއި އިންވެންޓްރީގެ އަގު ހޯދުމަށް ހުށަހެޅި 57.8 މިލިއަން ރުފިޔާ އާއި، އެހެން އިމާރާތެއް ކުއްޔަށް ހިފަންޖެހުމުން ކުލީގެ ގޮތުގައި ހޯދަން ހުށަހެޅި ހަތް ލައްކަ ރުފިޔާ އާއި، އެމްއީއެސް އިމާރާތަށް ކުރި އިންވެސްޓްމެންޓުގެ ހަރަދުގެ ގޮތުގައި ހޯދުމަށް ހުށަހެޅި 17 މިލިއަން ރުފިޔާ އާއި، މަންދު ކޮލެޖުގެ ކިޔެވުމަށް އެންރޯލް ކުރި ދަރިވަރުންގެ އަދަދު ދަށްވުމުން ރެވެނިއު ލޮސް ހޯދަން ހުށަހެޅި 36 މިލިއަން ރުފިޔާ އާއި، 08 އަހަރުގެ އެއްބަސްވުމުގެ މުއްދަތަށް ލިބޭނެކަމަސް ލަފާކުރާ އާމްދަނީ ދަށްވުމުން ހޯދުމަށް ހުށަހެޅި ޕްރޮޖެކްޓެޑް އަނިންގްސް ލޮސްގެ 72 މިލިއަން ރުފިޔާ އާއި، 08 އަހަރުގެ އެއްބަސްވުން މުއްދަތުގެ ތެރޭގައި ބިޒްނަސް ގްރޯތް ދަށްވުމުން ހޯދުމަށް ހުށަހަޅާ އެސްޓިމޭޓެޑް ލޮސް އިން ބިޒްނަސް ގްރޯތްއަށް 28.8 މިލިއަން ރުފިޔާ އެވެ. މިއީ ޖުމްލަ 243،749،811 (ދުއިސައްތަ ސާޅިސް ތިން މިލިއަން ހަތްސަތޭކަ ސާޅީސް ނުވަތަ އަށްސަތޭކަ އެގާރަ) ރުފިޔާ އެވެ.

 

މިދިޔަ އަހަރު އޮޑިޓު އޮފީހުން އެކުލަވާލާފައިވާ ރިޕޯޓުގެ ސްކްރީންޝޮޓެއް

އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ، އަރަބިއްޔާ ސްކޫލް ހިންގުމަށް އެމްއީއެސް އިމާރާތުން ދޫކުރި ބައިތަށް ހުސްކުރުން ލަސްވުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އިތުރު އެއްވެސް ފައިސާއެއް ދޭން ނުޖެހޭނެ ކަމަށެވެ. އެ މައްސަލައިގައި މަންދުން ހުށަހެޅީ 22 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. ނަމަވެސް ކޯޓުން ހުކުމް ކުރީ 2.4 މިލިއަން ދޫކުރުމަށެވެ.

މީގެ އިތުރުން މާލޭ ހައި ޕްރައިވެޓުން އޮޑިޓެޑް ފައިނޭންޝިއަލް ސްޓޭޓްމެންޓުތަކުގައި އެ ކުންފުނީގެ ހަރު މުދަލާއި އިންވެންޓްރީގެ ގޮތުގައި ބަޔާންކޮށްފައިވާ އަގަށްވުރެ ބޮޑު އަގެއް ބަދަލެއްގެ ގޮތުގައި ހުށަހެޅިކަން ރިޕޯޓުން ހާމަވެއެވެ.

މިދިޔަ އަހަރު އޮޑިޓު އޮފީހުން އެކުލަވާލާފައިވާ ރިޕޯޓުގެ ސްކްރީންޝޮޓެއް

އެމްއީއެސް ކުރިން ހިންގި އިމާރާތް މަންދު ކޮލެޖަށް ދޫކުރި އެއްބަސްވުުން ބާތިލްކޮށް، ސަރުކާރުން އެތަން އަތުލި މައްސަލާގައި ގެއްލުމުގެ ބަދަލަށް 15 މިލިއަން ރުފިޔާ ދައްކަން ނިންމީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

ންދު ކޮލެޖު ހިނަގަން އެމްއީއެސް އިމާރާތް ދޫކޮށްފައިވަނިކޮށް، އެ އެއްބަސްވުން ބާތިލު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި 2015 ވަނަ އަހަރު އެވެ. އެ އިމާރާތް އަތުލާފައިވަނީ، އެއްބަސްވުމާއި އެއްގޮތަށް އެތަނުގައި ހިންގަނީ އިންޓަނޭޝަނަލް ސްކޫލެއް ނޫންކަމަށް ބުނެ އެވެ. އެ މައްސަލަ ކޯޓަސް ހުށަހެޅުމުން ދެ މަރުހަލާގައި ވެސް ނިންމާފައިވަނީ އެއްބަސްވުން ބާތިލުކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ.

ކޯޓުގެ ހުކުމުގައި ވަނީ، އެއްބަސްވުން ބާތިލު ކުރުމުގެ ސަބަބުން ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް އެދި ހުށަހެޅޭނެ ކަމަށެވެ. އެއަށްފަހު މާލޭ ހައި ޕްެރައިވެޓުން ކޯޓަށް މައްސަލަ ވެއްދީ ބަދަލެއްގެ ގޮތުގައި 18 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. އެއީ އިމާރާތް އަތުލުމުން، އާ ތަނެއް ހޯދުމަށް ކުރަން ޖެހުނު ހަރަދުތައްކަމަށް ދައުވާގައި ވެއެވެ. ކޯޓު މަރުހަލާގައި ދައުލަތުން އެއްބަސްވީ ބަދަލެއްގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށެވެ.

މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކުރީ އެއް މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކައި ހަލާސްކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: