ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުންނަށް ފުލުހުން އަނިޔާ ކުރި މައްސަލައިގައި އިމްރާނާއި ސުވާލު ކުރަން މީކާއިލް ހުށަހަޅައިފި

މަސައްކަތުގެ މާހައުލުގައި ހިނގާ ޖިންސީ ގޯނާގެ މައްސަލަތަކާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ އިހުތިޖާޖުގައި އަންހެން ކުއްޖަކު ބިޑިއަޅުވާ މޫނަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖެހި/ ފޮޓޯ: ޖެރީ (އަޝަހާދު)
ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައާއި ދެކޮޅަށް ޒުވާނުންތަކެއް އިސްވެ ބޭއްވި އެއްވުމެއް ރޫޅާލުމުގައި ކޯޑް އޮފް އެތިކްސް އާއި ހިލާފަށް ފުލުހުން އަމަލުތައް ބަހައްޓައި ބާރުގެ ބޭނުން ކުރި މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ސުވާލު ކުރުމަށް ހުށަހަޅައިފި އެވެ.

މޭޑޭއާއި ދިމާކޮށް ރޭ ކުރިޔަށް ގެންދިޔަ އެ ހިނގާލުމަށް ހުރަސް އަޅައި، ފުލުހުން ވަނީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖަހާފައެވެ. އަދި އެއްވުމުން ބައެއް ޒުވާނުން ހައްޔަރު ކުރުމުގައި އަނިޔާކޮށް، މޫނަށް އަމާޒުވާ ގޮތަށް ގިނަ އަދަދެއްގެ ޕެޕާ ސްޕްރޭ ޖަހާފައިވެއެވެ. މި މައްސަލައިގައި ފުލުހުންނަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވަމުން ދަނިކޮށް، އިމްރާނާއި ސުވާލު ކުރުމަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި މީކާއިލް އެދިފައިވަނީ މަޖިލީހުގެ ގަވައިދުގެ 80 ވަނަ މާއްދާގެ ދަށުން އޭނާ ހުށަހަޅުއްވާ ފަސް ސުވާލެއްގެ ޖަވާބު ލިޔުމުން ހޯދައިދެއްވުމަށެވެ.

އިމްރާންގެ ފަރާތުން ލިޔުމުން ޖަވާބު ހޯއްދެވުމަށް ހުށަހެޅި ސުވާލުތަކުގެ ތެރޭގައި ހިމެނެނީ:

1. މުޒާހަރާއެއް ރޫޅާލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާއިރު، މިހާތަނަށް މައްސަލައިގައި އެއްވެސް ފިޔަވަޅެއް އަޅާފައިވޭ ތޯ؟ ފިޔަވަޅެއް އެޅިފައިވާނަމަ އެ ފިޔަވަޅަކީ ކޮބައިތޯ؟

2. މުޒާހަރާ ރޫޅާލަން ދިޔަ ފުލުހުން ތިބީ ފުލުހުންގެ ޤާނޫނުގެ ދަށުން، އެމީހުންގެ ސާވިސް ނަމްބަރު ފެންނަ ގޮތަށްތޯ؟

3. މުޒާހަރާ ރޫޅާލަން ހަރަކާތްތެރިވީ، އެކަމާއި ގުޅޭ އެކަށީގެންވާ ޓްރެއިނިންގ ލިބިފައި ތިބި ފުލުހުންތޯ؟

4. މުޒާހަރާތަކާއި އެކިއެކި އެއްވުންތައް ރޫޅާލުމުގައި ފުލުހުން ހަރަކާތްތެރިވާއިރު ބޮޑީ ކެމެރާ ބޭނުން ނުކުރާ ސަބަބަކީ ކޮބައިތޯ؟

5. ބޮޑެތި ކުށްތަކަށް ތުހުމަތު ކުރެވިގެން، އެތުހުމަތު ކުރެވޭ ފަރާތްތަކުގެ ވަނަވަރު ހާމަކުރާއިރު، ހުރިހާ ފަހަރަކު އެއް އުސޫލަކުން ޢަމަލު ނުކުރަނީ ކީއްވެތޯ؟

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް ރޭ ކުރި ސުލްހަވެރި އިހުތިޖާޖު ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތާއި މެދު މީޑިއާގެ ފާޑުކިއުންތައް ވެސް ވަނީ ފުލުހުންނަށް އަމާޒުވެފައެވެ. މުޒާހަރާގައި އިސްކޮށް އުޅުނު އަންހެން ކުދިންތަކެއް ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރި ގޮތުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުުރވަމުން ދާއިރު އަންހެން ކުއްޖާގެ ބޮލުގައި ހިފާ ހިއްލާލުމަށްފަހު އަންހެން އޮފިސަރެއް އޭނާގެ މޫނަށް ގިނަ އަދަދެއްގެ ޕެޕާ ސްޕްރޭ ޖަހައެވެ. އަދި އެ ވަގުތު އަންހެން ކުއްޖާއަށް އެހީތެރިވުމަށް މަސައްކަތް ކުރާ ދެ އަންހެން ކުއްޖެއްގެ މޫނަށް އަމާޒުކޮށް ވެސް ޕެޕާ ސްޕްރޭ ޖަހައެވެ.

މީގެ އިތުރުން އިހުތިޖާޖުގެ ބައެއް ބައިވެރިން ހައްޔަރުކޮށް، ފަހަތަށް ބިޑި އަޅުވާ ވެސް ޕެޕާ ސްޕްރޭ ޖަހާފައިވެ އެވެ. އެއްވުން ރޫޅާލުމުގެ ފުލުހުން ބޭނުން ކުރީ ހާލަތާއި ނުބައްދަލު ބާރެވެ. އަދި ފުލުހުންގެ ކޯޑް އޮފް އެތިކްސް އާއި ހިލާފަށް ގިނަ އަމަލުތަކެއް ހިންގިއެވެ. ރޭ ފުލުހުން ވަނީ، އެއްވުމުގެ ބައިވެރިންނާއި ބޭއަދަބީ ބަހުން ވާހަކަ ދައްކައި، އެ ކަވަރު ކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިންނާއި ހަޑި ހުތުރު ބަހުން މުއާމަލާތްކޮށްފައެވެ.

މައްސަލައިގައި ފާޑުކިއުން އަމާޒުވުމުން ފުލުހުން ބުނީ މުޒާހަރާގެ ތެރޭގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތް، ހާއްސަ އިސްކަމެއް ދީގެން ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑްއިންނާއި ޔޫޒް އޮފް ފޯސް ރިވިއު ކޮމިޓީން ބަލަން ފަށާފައިވާ ކަމަށެވެ. އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ޖިންސީ ގޯނާއާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ އިހުތިޖާޖުގައި ފުލުހުންގެ އަމަލުތައް ހުރި ގޮތް ބެލުމަށް އަންގާފައިވާނެ ކަމަށެވެ. އަދި އާއްމުންގެ ކަންބޮޑުވުންތަކަށް އިހުތިރާމު ކުރާކަން ފާހަގަކޮށް ހަމީދު ވިދާޅުވީ އޮފިސަރުންނާއި މެދު ހުރި ކަންބޮޑުވުންތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސްއިން ބަލަމުން ގެންދާ ކަމަށެވެ.

ޕެޕާ ސްޕްރޭ ޖަހައި ބާރުގެ ބޭނުން ކުރާ މަންޒަރު ފެންނަ ވީޑިއޯއާއި އެކު ރޭގެ މުޒާހަރާގައި އުޅުނު އޮފިސަރުންގެ މައްސަލަ ބަލަން އާއްމުން ދަނީ ގޮވާލަމުންނެވެ. އަދި ފުލުހުންގެ ރީފޯމްއަކީ މިއީތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: