ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަންދު ކޮލެޖަށް ދިނީ ދޭން ޖެހޭ ބަދަލެއް: އޭޖީ

ޝެއާރކޮށްލާ ކަހަލަދޯ؟

މަންދު ކޮލެޖް ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ސިވިލް ކޯޓުގެ ހުކުމުން ނަގައިދީފައިވާ ބަދަލަކީ ރަނގަޅު ބަދަލެއް ކަމަަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފިއެވެ.

މަންދު ކޮލެޖް ހިންގުމަށް މާލޭ އިންގްލިޝް ސްކޫލް ހުރި ޢިމާރާތުގެ އެއްބަސްވުން ބާތިލުކޮށް ސަރުކާރަށް ނެގި މައްސަލާގައި ބަދަލެއްގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް ހުކުމްކުރީ މިދިޔަ މަހުއެވެ. މިއައެކު ދައުލަތުން ބޮޑު ބަދަލެއް މަންދު ކޮލެޖަށް ދިނުމަށް ނިންމުމާއި ގުޅިގެން އެތައް ބައެއްގެ ފާޑުކިއުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އަދި އެ ފާޑުކިއުންތަކަށް އެއްވެސް ޖަވާބެއް ދިނުމެއްނެތި ހަނުހުރުމަށްފަހު މިއަދު އޭޖީން ވަނީ ދައުލަތުން މަންދަށް ބަދަލު ދޭން ނިންމި ނިންމުން ދިފާއުކޮށް ބަޔާނެއް ނެރެފައެވެ.

އޭޖީން ނެރުނު ބަޔަނެއްގައި ވަނީ މަންދު ކޮލެޖު ހިންގާ މާލޭ ހައި ޕވޓ. ލޓޑ. އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރީގެ އެމް.އީ.އެސް ޢިމާރާތުގައި ޕްރައިވެޓް އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށްޓަކައި އެމް.އީ.އެސްގެ މަސްއޫލުވެރިންނާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ދެމެދު 28 ޑިސެމްބަރ 2008 ގައި އެއްބަސްވުމެއް ވެވުނުކަމަށެވެ. އަދި އެ އެއްބަސްވުން 6 ފެބްރުއަރީ 2010 ގައި މާލޭ ހައި ޕވޓ. ލޓޑ. އަށް ވަނީ ނަޤުލުކުރެވިފައިކަމަށާއި، ދިވެހި ސަރުކާރާއި މާލޭ ހައި ޕވޓ. ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން 25 ޖަނަވަރީ 2015 ދުވަހު ބާޠިލުކުރުމުން، އެމައްސަލަ މާލޭ ހައި ޕވޓ. ލޓޑ. އިން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ޙުކުމްކޮށްފައިވަނީ ދައުލަތާ އެއްކޮޅަށްކަމަށް ބުނެފައިވެއެވެ.

އެ މައްސަަލަ މާލޭ ހައި ޕވޓ. ލޓޑ. އިން ދިވެހިރާއްޖޭގެ ހައި ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ޙުކުމްކޮށްފައިވަނީ ދައުލަތާ ދެކޮޅަށްކަން ފާހަގަކޮށް އޭޖީގެ ބަޔާނުގައި، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެ އެއްބަސްވުން ބާޠިލްކޮށްފައިވަނީ އެއްބަސްވުމާ ޚިލާފަށްކަމަށާއި އެއްބަސްވުން އުވާލުމުގެ ސަބަބުން މާލޭ ހައި ޕވޓ. ލޓޑ. އަށް ލިބިގެންދާ އެންމެހައި ގެއްލުމުގެ ބަދަލު ދިވެހި ދައުލަތުގެ ފަރާތުން ހޯދުމުގެ ޙައްޤު އެ ކުންފުންޏަށް ލިބިގެންވާ ކަމަށް ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ހައި ކޯޓުގެ ނިންމުން ދައުލަތުގެ ފަރާތުން  ދިވެހިރާއްޖޭގެ  ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ޙުކުމްކޮށްފައިވަނީ، ދިވެހިރާއްޖޭގެ ހައި ކޯޓުން ކޮށްފައިވާ ޙުކުމް ރަނގަޅުކަމަށާއި، އެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށްކަންވެސް އޭޖީގެ ބަޔާނުގައި ފާހަގަކޮށްފައިވެއވެ. މިގޮތުން، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެއްބަސްވުން ބާޠިލުކޮށްފައިވަނީ، އެއްބަސްވުން ވެފައިވާ ތާރީޚުގެ 6 އަހަރު ދުވަސް ފަހުން ކަމަށްވެފައި، މާލޭ ހައި ޕވޓ. ލޓޑ. އިން އިންޓަނޭޝަނަލް ސްކޫލެއް ނުހިންގާކަމަށް ދެކިގެން ދައުލަތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުމުން، ދައުލަތަށް ލިބޭ ގެއްލުުން ކުޑަކުރުމަށް ދައުލަތުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާކަމަށާއި، ސްކޫލް ނުހިންގައިގެން ކަމަށް ބުނެ އެއްބަސްވުން ބާޠިލުކުރިއިރު، ސްކޫލް ހިންގުމަށް ދަތިވާ ގޮތަށް ޢިމާރާތުގެ ބައެއް ޢަރަބިއްޔާ ސްކޫލް ހިންގުމަށް ނަގާފައި އޮވެމެ، އެއްބަސްވުން ބާޠިލުކުުރުމުގައި ދައުލަތުގެ ހެޔޮ ނިޔަތެއް އޮތްކަމަށް ބުރަނުވެވޭކަމަށްވެސް އޭޖީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުކުމްކުރުމާ ގުޅިގެން، އެއްބަސްވުން ބާޠިލކުރުމުގެ ސަބަބުން މާލޭ ހައި ޕވޓ. ލޓޑ. އަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އަށާރަ މިލިއަން ބާރަހާސް ފަސްސަތޭކަ ރުފިޔާ އެ ކުންފުންޏަށް ލިބިދިނުމަށް އެދި ދައުލަތަށް ރައްދުވާ ގޮތަށް އެކުންފުނިން ސިވިލް ކޯޓުގައި ދަޢުވާ އުފުލިކަމަށާއި، އެމައްސަލަ ބަލައި، ނިންމާފައިވަނީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނުންކަންވެސް އޭޖީން ފާހަގަކުރިއެވެ.

“ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/2015/02 (8 ޖަނަވަރީ 2015) ސަރކިއުލަރއިން ޤާއިމްކޮށް، އެ ކޯޓުގެ ނަންބަރު  SC/2015/04  (14 ޖަނަވަރީ 2015) ސަރކިއުލަރގައިވާ ގޮތަށް މަސައްކަތް ހިނގަމުންދާ ޑިވިޜަނެކެވެ. އެ ޑިވިޜަނުގެ މައިގަނޑު މަޤްޞަދަކީ، ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި، އެ މައްސަލަތަކަށް ޞުލްޙަވެރި ޙައްލެއް އަވަހަށް ހޯދައި، މައްސަލަތައް ނިންމުމެވެ.” އޭޖީގެ ބަޔާނުގައިވެއެވެ.

ދިވެހިރާއްޖޭގެ ހައި ކޯޓު ޙުކުމަށް  ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ތާއީދުކޮށް، ޙުކުމްކޮށްފައި އޮތުމުން، އެ ޙުކުމަކީ ކަނޑައެޅި ނިޔާގެ ބާރު ހިނގާ ނިހާއީ ޙުކުމެއްކަން އެނގޭކަމަށާއި، ދެފަރާތުގެ މެދުގައި ވެވޭ ކޮންޓްރެކްޓާ އެ ކޮންޓްރެކްޓުގެ ބައިވެރިއަކު ޚިލާފު ޢަމަލެއްކޮށްފިނަމަ، އެ ޢަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް އެ ޢަމަލުކުރި ފަރާތުން ބަދަލު ދޭންޖެހޭކަން ކޮންޓްރެކްޓާބެހޭ  ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށްވެސް އޭޖީގެ ބަޔާނުގައިވެއެވެ. މި ގޮތުން ސީދާ ލިބޭ ގެއްލުމާއި ނުސީދާ ގޮތުން ލިބޭ ގެއްލުމަށް، ބަދަލު ނަގައިދޭކަން އެ މާއްދާއިން އެނގޭކަމަށްވެސް ބުނެފައިވެއެވެ.

“ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުކުމާ ގުޅިގެން މާލޭ ހައި ޕވޓ. ލޓޑ. އިން ސިވިލް ކޯޓުގެ ނަންބަރު 1097/Cv-C/2021 ޤަޟިއްޔާއިން ހުށަހަޅާފައިވާ މައްސަލައިގައި، ދައުލަތުގެ ފަރާތުން ނަގައިދިނުމަށް އެދިފައިވާ ފައިސާގެ ޢަދަދު ނުވަތަ ގެއްލުން ސާބިތު ކުރުމަށް އެ ކުންފުނިން ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، ދަޢުވާގައި ހުށަހަޅާފައިވާ ފައިސާގެ ތެރެއިން  15,012,500/- (ފަަނަރަ މިލިއަން ބާރަހާސް ފަސް ސަތޭކަ) ރުފިޔާއަކީ އެއްބަސްވުމާ ޚިލާފަށް އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން، ކޮލެޖް އަލުން ފެށުމަށް ބޭނުންވާ އާލާތްތައް ހޯދުމަށް ހޭދަކުރަންޖެހުނު 4,317,500/- (ހަތަރު މިލިއަން ތިން ލައްކަ ސަތާރަހާސް ފަސްސަތޭކ) ރުފިޔާާ އާއި އެހެން ޢިމާރާތަކަށް ބަދަލުވާންޖެހުމުން ކުލީގެ ގޮތުގައި ދައްކަންޖެހުނު  10,695,000/- (ދިހަ މިލިއަން ހަލައްކަ ނުވަދިހަ ފަސްހާސް ރުފިޔާގެ “direct damages” ((ސީދާ ގެއްލުމުގެ ބަދަލު) ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަންބަރު22-E/32/2021/22   (19 އޭޕްރިލް 2021) ސިޓީން މި އޮފީހަށް އަންގާފައިވެއެވެ.” އޭޖީގެ ބަޔާނުގައިވެއެވެ.

އޭޖީގެ ބަޔާނުގައި އޮޑިޓަރ ޖެެނެރަލްގެ އޮފީހުން 20 ސެޕްޓެމްބަރު 2020ގައި ނެރުނު ރިޕޯޓަކީ،  ދިވެހިރާއްޖޭގެ ހައި ކޯޓުން ކޮށްފައިވާ ޙުކުމާ ގުޅިގެން މާލޭ ހައި ޕވޓ. ލޓޑ. އަށް ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު އެކުންފުންޏަށް ލިބިގެންވާ ކަމަށް ކަނޑައެޅުމުން، އެ ކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ކުރިން، ގެއްލުމުގެ މިންވަރު އަންދާޒާކޮށް، ވަޒަންކުރުމުގެ ބޭނުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން 23 އޮގަސްޓް 2020ގައި ސިޓީން އެދުމުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށް ގެންދިޔަ އެސެސްމަންޓެއްކަމަށް އޭޖީން ނެރެފައިވާ ބަޔާނުގައި ހާމަކޮށްފައިވެއެވެ. މި ރިޕޯޓުގައިވާ ގޮތުން، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މާލޭ ހައި ޕވޓ. ލޓޑ. އާ ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލުކޮށް މާލޭ ހައި ޕވޓ. ލޓޑ. ގެ ކިބައިން އެމް.އީ.އެސް ޢިމާރާތް ވަކިކޮށްފައިވީނަމަވެސް، އޮޑިޓަރ ޖެނެރަލްގެ ނަޒަރުގައި މާލޭ ހައި ޕވޓ. ލޓޑ. އިން އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައިނުވާތީ، އެހެން ޢިމާރާތަކަށް ދައްކަންޖެހުނު ކުއްޔަކީ، ގެއްލުމުގެ ބަދަލު ދޭންޖެހޭ ކަމެއް ނޫންކަމަށާއި، ނަމަވެސް، މާލޭ ހައި ޕވޓ. ލޓޑ. އިން އިންޓަނޭޝަނަލް ސްކޫލެއް ހިންގުމުގެ ހުއްދައަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުގައި އެދުމުން އެ ހުއްދަ ދީފައެއް ނުވާކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އޮޑިޓަރ ޖެނެރަލްގެ ލަފަޔަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން، ލިބޭ ސީދާ ގެއްލުމުގެ ބަދަލު ކޯޓުތަކުން ނަގައި ދިނުމުގައި ކޮށްފައިވާ ޙުކުމްތަކުގައި އެކަށައަޅާފައިވާ އުޞޫލުތަކާއި، އެއްބަސްވުންތައް އެ މައްޗަށް ބިނާވާ  “ފްރީޑަމް އޮފް ކޮންޓްރެޓް” އަދި “އެއްބަސްވުންތަކަކީ ތަންފީޒުވާންޖެހޭނެ އެއްޗެއް” ފަދަ ޤާނޫނީ މަފްހޫމުތަކާ ތަޢާރުޟުވާ ގޮތަށް ދީފައިވާ ލަފަޔެކެވެ. މާލޭ ހައި ޕވޓ. ލޓޑ. އިން ތަނެއް ކުއްޔަށް ހިފަން ޖެހުމަކީ، އެކުންފުންޏާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން އުފަންވި ގެއްލުމެއްކަމާއި އެ ގެއްލުމަކީ، ވެދާނެ ގެއްލުމެއްކަން އެއްބަސްވުމުގެ ބައިވެރިންނަށް އެނގިފައިވާނެ ގެއްލުމެއްކަަން އާދައިގެ ސަބަބުވެރި ކޮންމެ މީހަކަށްވެސް ޤަބޫލުކުރެވޭ ގެއްލުމެއް ކަމަށްވާކަންވެސް ފާހަގަވެއެވެ.” އެޓާނީ ޖެނެރަލްގެ ބަޔާނުގައިވެއެވެ.

އޭޖީން ބުނީ މާލޭ ހައި ޕވޓ. ލޓޑ. އަށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމުން ނަގައިދީފައިވާ ގެއްލުމުގެ ބަދަލަކީ، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ވެފައިވާ ގެއްލުމެއްކަމާއި އަދި އެއީ، އެއްބަސްވުމާ ޚިލާފުވެފައިވާ ޚިލާފުވުމާ ސީދާ ގުޅުންހުރި ގެއްލުމެއްކަންވެސް ފާހަގަކުރާކަމަށެވެ. އަދި މާލޭ ހައި ޕވޓ. ލޓޑ. އަށް ލިބުނު ގެއްލުމާގުޅޭ ކިތާބީ ހެކި ނަފީކުރުމަށް ބަލާއިރު، އެހެކި ދައުލަތަށް ތަޢުނުކުރެވެން ނެތްކަންވެސް ފާހަގަކުރކަމަށް އޭޖީން ބުންޏެވެ.

މި މައްސަލަ ޝަރީޢަތުން ކުރިއަށްގެންދާ ޙާލަތެއްގައި، ލިޔެކިޔުންތަކުން ސާބިތުވާން އޮތް ޚަރަދު ދެއްކުމަށް ދައުލަތުގެ މައްޗަށް ޝަރީޢަތުން އަމުރުކުރުމުގެ ފުރުޞަތު ބޮޑުކަމަށްވެފައި، ޝަރީޢަތުން މައްސަލަ ނިންމުމަށް އިތުރު މުއްދަތު ހޭދަ ކުރަންޖެހުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ ޢަދަދު އިތުރުވެގެން ދިއުމުގެ އިޙްތިމާލް އޮތުމުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބަޔާންކޮށްފައިވާ ޢަދަދު ދައުލަތުން ދައްކައި ޚަލާޞް ކުރާ ގޮތުގެމަތިން މި މައްސަލަ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނުގައި ޞުލްޙަވެރިކަމާއެކު ޙައްލުކުރުމަށް ދެފަރާތުން އެއްބަސްވުމަކަށް އައީކަމަށް އޭޖީން ނެރުނު ނޫސް ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: