ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޔަވަޅުތައް ވަރުގަދަކޮށް، ރޭގަނޑު 12 އިން 4 އަށް ކާފިއު އިއުލާން ކޮށްފި

ކާފިއު ގަޑީގައި ފުލުހުން ހިންގާ އޮޕަރޭޝަންގެ ތެރެއިން-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑް-19 ހަލުވި ކަމާއެކު ފެތިރެމުން ދާތީ ރައްކާތެރިކަމުގެ ގޮތުން މާލެ ސަރަހައްދުގައި އަނެއްކާވެސް ކާފިއު އިއުލާން ކޮށްފިއެވެ.

އެގޮތުން މާލެ ސަރަހައްދުގައި  މެންދަމު 12 އިން ފަތިހު 4 އަކަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

މީގެއިތުރުން ގްރޭޓަރ މާލޭ ސަރަޙައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ސްކޫލްތަކާއި ސަރުކާރު އޮފީސްތައް ބަންދުކުރަން ނިންމާފައި ވާކަމަށް ހެލްތް ޕްރޮޓެކްޝަންސީ އޭޖެންސީން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކާ އަޅާ މި ފިޔަވަޅުތަކަށް އަމަލުކުރަން ފަށާނީ މާދަމާއިން ފެށިގެންކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ކޮވިޑް-19 ގެ އަދަދުތައް ރާއްޖޭގައި އިތުރުވާން ފަށާފައިވާއިރު، މާލެއާއި އަތޮޅުތެރޭގައި ވެސް މި ދުވަސްވަރު ކޮވިޑް-19 ހަލުވިކަމާއެކު އަންނަނީ ފެތުރެމުންނެވެ.

ހާއްސަކޮށް ފަހަކަށް އައިސް ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ ޢަދަދުތައް 300 އިން މަތީގައި ހުރުމަށްފަހު މިއަދު ރާއްޖޭގައި ވަނީ ރެކޯޑް އަދަދަކަށް ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވެފައެވެ.

އެގޮތުން މިއަދު 585 މީހަކު ރާއްޖެއިން ޕޮޒިޓިވްވި އެވެ. އަދި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު މިހާރު މިވަނީ 30،000 އަށްވުރެ މައްޗަށް އަރާފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކާ މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މާލޭ ސަރަޙައްދުގައި މިމަހުގެ 5 އިން 15 އަށް 10 ދުވަހުގެ މުއްދަތަކަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އެގޮތުން މާލޭ ސަރަޙައްދުގައި މެންދަމު 12 އިން ފަތިހު 4 އަކަށް ވެހިކަލް ދުއްވުން މަނާކުރުމުގެ އިތުރުން މާލޭ ސަރަހައްދުގައި ކިންޑަރގާޓްން އިން ފެށިގެން ގްރޭޑް ބާރައާއި ހަމައަށް ކިޔަވައިދޭ ސްކޫލުތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދިނުމަށް ވަނީ ނިންމާފައެވެ.

ނަމަވެސް މިހާރު ފަށާފައިވާ އޯލެވެލް އިމްތިހާނު ކުރިއަށްދާން ފުރުސަތު އޮންނާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަ ދައކަވަމުން ވަނީ ވިދާޅުވެފައެވެ. އަދި ވެކްސިން ޖެހުމުން ދަތުރު ކުރުމަށް ލިބިފައިވާ ލުއި މެދުކަނޑާލުމަށްވެސް ވަނީ ނިންމާފައެވެ. އަދި މިސްކިތުގައި ގައި ދުރުކަމާއެކު ސަފުތައް ހެދުމުގެ އިތުރުން އޮފީސްތަކުގެ މަސައްކަތް އޮންލައިންކޮށް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މި މުއްދަތުގެ ތެރޭގައި ޕާކުތަކާއި މައިޒާންތަކާއި، ކުޅިވަރު ކުޅޭ ތަންތަނާއި، ދުވާ ޓްރެކްތަކާއި، ސްވިމިންގ ޓްރެކްތައްވެސް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އަދި ޚާއްސަ ހުއްދައިގެ ދަށުން ކުރިއަށްގެންދާ ކުޅިވަރު މުބާރާތްތައް ފިޔަވާ، ކުޅިވަރު ކުޅުމާއި ކުޅިވަރު މުބާރާތްތައް ބޭއްވުންވެސް މަނާވާނެއެވެ. އަދި ޒަރޫރީ ބޭނުންތަކަށް ފިޔަވާ މީހުން ދިރިއުޅޭ ރަށްރަށާއި ސިނާއީ މަސައްކަތްތައްކުރާ ރަށްރަށަށް ދަތުރުކުރުންވެސް މަނާވާނެއެވެ. އަދި މާލެއިން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް 10 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަންޖެހޭނެއެވެ.

މީގެ އިތުރުން އިންޑިއާއިން ރާއްޖެ އަންނަ ދިވެހިންނާއި، ވޯކް ޕަރމިޓް ހޯލްޑަރުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކޮށް ޕީސީއާރް ނެގެޓިވް ޓެސްޓެއް ހަދަންޖެހޭނެގޮތަށްވެސް ކަނޑައަޅާފައިވެއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށްފައިވަނީ ބަލި ފެތުރުން ވީހާވެސް ކޮންޓްރޯލްކުރުމަށްކަމަށެވެ. އަދި 10 ދުވަހުގެ މުއްދަތަކަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާއެކު ނިކުންނަ ނަތީޖާއަށް ބަލާ، އިތުރު ފިޔަވަޅުތައް އަޅަންޖެހިއްޖެނަމަ އެކަންވެސް ސަރުކާރުން ކުރައްވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: