ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަސްޕެންޝަންއަށް ފަހު ނިޝާމާ އާއި ޝިޔާމާ މަގާމުން ވަކިކޮށްފި

ވެންޓިލޭޓަރު މައްސަލައިގައި މިދިޔަ އަހަރުގެ އޯގަސްޓް މަހު ސަސްޕެންޑުކުރި ހެލްތު މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު އަދި ޝިޔާމާ މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ހެލްތް މިނިސްޓްރީގެ ބެލުމުގެ ދަށުން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ހިޔާނާތާއި، އަމިއްލަ މަންފާއަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި މަގާމުގެ މަސްއޫލިއްޔަތުން ސަސްޕެންޑުކޮށްފައި ތިއްބެވި ދެ ބޭފުޅުން ވެސް މަގާމުން ވަކިކޮށްފިއެވެ.

މުސާރަ ހިނގާގޮތަށް ސަސްޕެންޝަންގައި ތިއްބަވާތާ ހަތް މަސް ފަހުން މަގާމުން ވަކިކޮށްފައި ވަނީ މިނިސްޓްރީގެ ބިޑު ކޮމިޓީގެ ޗެއާ އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު އާއި، ވެންޓިލޭޓަރުގެ އެއްބަސްވުމުގައި ސޮއި ކުރި ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު އެވެ.

ނިޝާމާ އެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.

ކޮވިޑުގެ ދުވަސްވަރު ހެލްތް މިނިސްޓްރީން ކުރި މަސައްކަތްތަކުގެ ތަފްސީލުތައް ހިމެނޭހެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލި ރިޕޯޓުން ބޮޑެތި މައްސަލަތަކެއް ފެންމަތިކޮށްފައި ވެއެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މިނިސްޓްރީގެ މަސައްކަތްތަކުގައި ބޮޑެތި އޮޅުވާލުންތަކާއި، ނާޖާއިޒް ފައިދާ ހޯދައިދިނުން އަދި މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިވާ ގިނަ އަމަލުތަކެއް ހިންގާފައިވާކަން ވަނީ ހާމަވެފައެވެ.

އޭގެ ތެރޭގައި ބޮޑެތި ހަރަދުތަކެއްކޮށް ކުންފުނިތަކާއި ރާއްޖެ ގެނައުމަށް ހަވާލު ކުރި މެޑިކަލް ސާމާނުތައް ހިމެނެއެވެ.

މި މައްސަލައިގައި ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަބްދުﷲ އަމީން ހެލްތް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވިއިރު އޮޑިޓު ރިޕޯޓުގައި ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވާ ބިޑު ކޮމިޓީގެ މެމްބަރުން މަގާމުން ވަކި ނުކުރާތީ އާއްމުންނާއި މީޑިއާތަކުގެ ފާޑުކިއުން އޮތީ އަމާޒުވެފަ އެވެ.

މިދިޔަ އޮގަސްޓު މަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ނިޝާމާ ވިދާޅުވީ، ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ބޭނުމުގައި އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި ވެންޓިލޭޓަރު ރާއްޖެ ގެނައުމުގައި ބިޑު ކޮމިޓީގެ މާބޮޑު ދައުރެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެއަށްފަހު އޭގެ ދުވަސްތަކެއް ފަހުން، ރައީސް އިބާރާހިމް މުހައްމަދު ސޯލިހުއަށް އެޑްރެސް ކުރައްވައި ނިޝާމާ ފޮނުވި ސިޓީއެއްގައި ވަނީ މައްސަލައިގައި ޝާމިލްވާ މީހުންގެ ނަންތައް ހާމަކުރަން ތައްޔާރަށް ހުންނެވިކަމަށް ބުނެފައެވެ. އަދި ވެންޓިލޭޓަރުން މަންފާ ލިބުނު މީހުންގެ ނަންތައް ހާމަ ކުރާނެ ކަމަށް ވިދާޅުވިއެވެ.

ނިޝާމާގެ ސިޓީގައި ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފާހަގަ ކުރައްވާފައިވެއެވެ.

މައްސަލައިގައި ރަސްމީ ސިފައެއްގައި ޝިޔާމާ އެއްވެސް ވާހަކައެއް ދައްކަވާފައި ނުވެއެވެ.

ހެލްތް މިނިސްޓްރީން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލު ކުރި މައްސަލައިގައި، މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅިފައިނުވާތީ އާއްމުންގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. އަދި ދައުވާކޮށް ދިނުމަށް އެދި އޭސީސީން ފޮނުވި ރިޕޯޓުން ދެ ވަނަ ފަހަރަށް ޕީޖީން ދަނީ މުރާޖައާ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: