މާލެ އަތޮޅު ކ. ހުރާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ހުރިހާ އެންމެން ބަލިން ރަނގަޅު ވެއްޖެއެވެ.
ހުރާ އިން ފުރަތަމަ ޕޮޒިޓިވްވި މީހަކު ފެނިފައިވަނީ މިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހު މާލެއަށް ޑޮކްޓަރަށް ދެއްކުމަށްހުރާއިން ފޮނުވާލި ބަލިމީހަކު ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. އެމީހާ ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ހުރާ މޮނީޓަރިން ހާލަތަށް ގެނައުމަށްފަހު މިހާރު ވަނީ އެ ރަށް އާންމު ހާލަތަށް ގެނެސްފައެވެ.
ހުރާގެ ހެލްތް ސެންޓަރުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން އެ ރަށުން ޖުމްލަ 175 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އެ އެންމެން މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. ހުރާ އިން ކޮވިޑަށް ޓެސްޓް ކުރުމަށް ޖުމްލަ 1،122 ސާމްޕަލެއްވަނި ނަގާފައެވެ.
ކޮވިޑް-19 ގެ ނުރައްކާ މާލެ ސަރަހައްދެކޭ އެއްގޮތަށް އަތޮޅުތެރޭ ރަށްރަށަށް ވެސް މިވަނީ ބޮޑުވެފައެވެ. އެގޮތުން ފާއިތުވި ހަފްތާތަކުގެ ތެރޭގައި އަތޮޅުތެރޭން 100 އަށް ވުރެ ގިނަ މީހުން ކޮންމެ ދުވަހަކު ދިޔައީ ޕޮޒިޓިވް ވަމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19އަށް އަތޮޅުތެރޭން 141 މީހަކު ޕޮޒިޓިވް ވެފައިވާއިރު ރިސޯޓްތަކުން 19 މީހަކާ ސިނާއީ މަސައްކަތްކުަރާ ރަށްރަށުން 11 މީހަކުވަނީ ޕޮޒިޓިވް ވެފައެވެ. މިއާއިއެކު ރާއްޖެއިން ކޮވިޑް-19 އަށް މާލެ ސަރަހައްދުން ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓުވްވެ ރާއްޖެއިން މިބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 31،931 އަށް އަރާފައެވެ.