ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑު-19: ރޭގަނޑު 09 އިން ފެށިގެން، ބޭރަށް ނިކުމެ އުޅުން މަނާ!

މާލޭގައި ކޮވިޑުގެ ކޭސްތައް އިތުރުވެ، އަޅާނެ ފިޔަވަޅުތަކުގެ މަޝްވަރާތައް ދަނީ ކުރިޔަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ނިންމައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މި ވަގުތުތަކުގައި ބޭރަށް ނިކުމެ އުޅުމަކީ ވެސް މަނާކަމެއް ކަމަށެވެ. އެހެން ނަމަވެސް، ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ ނުވަތަ، ޟަރޫރީ ބޭނުންތަކަށް ކުރިން ވެސް އަމަލު ކުރަމުންދިޔަ އުސޫލުގެ ދަށުން އެކަމުގެ ހާއްސަ ހުއްދައެއް ދޫކުރާނެކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ. އަދި ޑެލިވަރީގެ ހިދުމަތްތަކަށް ވެސް ހުއްދަތަށް ދޫކުރާނެކަމަށް ބުންޏެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލި ޖެހުނު މީހުންގެ އަދަދު 735 އަށް އަރައެވެ. މީގެ ތެރެއިން 540 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ. އެހެންވެ، ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް އެންމެ ބޮޑަށް ވާހަކަ ދެކެވެނީ މިވަގުތު އަޅާފައި ހުރި ފިޔަވަޅުތައް ވަރުގަދަ ކުރުމާއި ގުޅޭގޮތުންނެވެ. ހޮސްޕިޓަލުތަކުގެ އެނދުތައް ފުލްވެ، ބައެއް އިތުރު ފެސިލިޓީތަކުގެ އޮޕަރޭޝަންތައް ފެށުމުގެ މަސައްކަތް ކުރިޔަށްގެންދާއިރު ކުރިޔަށް އޮތްތަނުގެ ތެރޭގައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭ މަޝްވަރާތައް ދަނީ ކުރިޔަށެވެ.

އެންމެ ބޮޑަށް ވާހަކަ ދެކެވެނީ، ވެރިރަށް މާލެ ސިޓީ ލޮކްޑައުން ކުރުމަށް ނަމަވެސް ފުރަބަންދަކަށް ދިއުމާއި މެދު އަދި ވަކި ގޮތެއް ކަނޑައެއްނާޅަ އެވެ. ކޮވިޑު ކޮންޓްރޯލް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާއި، އަދި ފަރުވާ ދިނުމުގެ ކަންކަން ހަރުދަނާ ކުރުމުގެ މަޝްވަރާތައް ޑޮކްޓަރުންނާއި ސަރުކާރާއި ދެމެދު ދަނީ ކުރެވެމުންނެވެ.

ކޮވިޑުގެ ހާލަތު ގޯސްވުމުގައި، އާ ވޭރިއެންޓަކާއި މެދު ސުވާލު އުފެދިފައިވާއިރު ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނީ އެކަމުގެ ތަހުލީލުތައް ކުރިޔަށްދާ ކަމަށެވެ. އަދި މި ހަފްތާގެ ތެރޭގައި ރިޕޯޓުގެ ނަތީޖާ ލިބޭނެކަމަށް ބުނެފައި ވެއެވެ.

އެންމެ ފަހުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުހައްމަދު އަލީ ވިދާޅުވީ މާލެ މިއޮތީ ވަރަށް ގޯސް ހާލަތެއްގައި ކަމަށެވެ. އަދި މިއީ ރާއްޖެ ކުރިމަތިލާ އެންމެ ނުރައްކާތެރި ރާޅުކަމަށާއި ހާލަތު ގޯސްވެގެންދާއިރު އާ ވޭރިއެންޓެއް އުފެދުމުގެ ފުރުސަތު އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން މި ވަގުތު ކޭސްތައް ކުއްލި ގޮތަކަށް އިތުރުވީ ވޭރިއެންޓެއްގެ ސަބަބުންކަމަށް ބެލެވުމުގެ ފުރުސަތު އެބައޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މާލެ ސަރަހައްދުގައި ކޮވިޑަށް ހާއްސަކޮށް ފަރުވާދިނުމަށް ގާއިމްކޮށްފައިވާ އެނދުތައް ގާތްގަނޑަކަށް ފުލްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 އާއި، ހުޅުމާލެ ފެސިލިޓީ އަދި ފަރުކޮޅުފުށި ހިމެނެއެވެ. އޭގެ ސަބަބުން ހުޅުމާލެއަށް 50 އެނދު އިތުރުކޮށް، ބުރާސްފަތި ދުވަހުން ފެށިގެން ވެލިދޫ މެޑިކަލް ފެސިލިޓީ ބޭނުން ކުރުމަށް ވަނީ ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: