ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސަގެ ދިފާއުގައި ދޮށީ ދަރި: “މީހަކު ބުނެލާ ކޮންމެ ބަހަކީ ތެދަށް ނުވެދާނެ”!

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސައާއި ދޮށީ ދަރި ޖިދާދު
ޝެއާރކޮށްލާ ކަހަލަދޯ؟

މީހަކު ބުނެލާ ކޮންމެ ބަހަކީ ތެދަށް ނުވެދާނެ ކަމަށް ބުނެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ ދިފާއުގައި އީސަގެ ދޮށީ ދަރި މުހައްމަދު ޖިދާދު އަޑު އުފުލައިފި އެވެ.

މެމްބަރު އީސަގެ މައްޗަށް އަންނަނީ މަސްތުގެ ހާލަތުގައި ހުރެ ކުރީގެ އަނބިމީހާ އަސްރާ ނަސީމަށާއި ދަރިފުޅަށް ޖިސްމާނީ އަނިޔާކޮށް މަރާލާނެ ކަމުގެ އިންޒާރު ދިންކަމުގެ ތުހުމަތު ކުރެވެމުންނެވެ. މިކަން ދިފާއުކޮށް މެމްބަރު އީސަގެ ދޮށީ ދަރި ބުނެފައިވަނީ ގެއްލުނު އިއްޒަތެއް އަނބުރާ ނުލިބޭނެކަމަށެވެ. އަދި އޭނާ ހިއްސާކުރާ މައުލުމާތުގެ ބޭނުމަކީވެސް ބަޔަކު ބަދުނާމު ކުރުން ނޫން ކަމަށާއި ހައްގު ހޯދަން މަސައްކަތް ކުރުމަށް އާދޭސްކުރާ ކަމަށް ބުނެފައިވެއެވެ.

ޖިދާދު ހާމަކޮށްފައިވާ ބައެއް މައުލޫމާތުތަކަށް ބަލައިލާއިރު، އޭނާ ބޭރުގައި ތައުލީމް ހާސިލްކުރުމަށް ހުރުމަށްފަހު ކޮވިޑްގެ ހާލަތާއިއެކު ރާއްޖެ އައިސް މިވަގުތު އުޅެމުންދަނީ ބައްޕަ އަހުމަދު އީސާއާއި، ދޮންމަންމަ އަސްރާ އަދި ކޮއްކޮއާއެކުކަމަށް ބުނެފައިވެ އެވެ. އަދި ބައްޕައާއި އަސްރާ ވަރިވެފައިވާކަން އެނގޭ ކަމަށާއި އެހެން ނަމަވެސް ކޮއްކޮއަކީ އަދި ވަރަށް ތުއްތު ކުއްޖެއްކަމުން ދެ ފަރާތުގެ އެއްބަސްވުމާއެކު އެއް ގެއެއްގައި އެންމެންވެސް އުޅެމުން އަންނަކަމަށެވެ. ބައްޕަ އައީ އާއިލާގެ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ބަލަހައްޓަމުން ކަމަށާއި އެއްވެސް މީހަކަށް އެއްވެސް ކަމަކަށް ދަތިވިޔަ ނުދީ ފޯރުކޮށްދެމުން އަންނަކަމަށް ބުނެފައިވެއެވެ.

ހާދިސާއާއި ގުޅޭގޮތުން ވާހަކަދައްކަމުން، މެމްބަރު އީސަގެ ދަރިފުޅު ބުނީ ކަން ހިނގާ ދިޔަ ދުވަހުވެސް ވަރަށް ގާތުން ހުރިހާ ކަމެއްވެސް ފެނިފައިވާ ކަމަށެވެ. ނަމަވެސް މައްސަލައަކީ ބަލަމުން އަންނަ މައްސަލައަކަށް ވުމުން ކަންހިނގައި ދިޔަ ގޮތް ތަފްސީލުކޮށް ދެއްކުން އެއީ އެންމެ ރަނގަޅުގޮތް ކަމުގައި ނުދެކޭކަމަށާއި އެހެންނަމަވެސް، ބައްޕަގެ ބޮލުގައި އަޅުވާފައި ވަނީ ވަރަށްވެސް ހުތުރު އަދި ދޮގު ތުހުމަތެއްކަން ޔަގީންކޮށްދޭ ކަމަށް ބުނެފައިވެއެވެ.

އީސަގެ ދަރިފުޅު ބުނީ އޭނާއަށް ދިމާއަށް ބާރަށް އެއްޗެކޭވެސް ބުނީ މަދު ފަހަރެއްގައި ކަމަށެވެ. އަދި ދުވަހަކުވެސް ނުރުހިފައި އައިސް ބާރަށް އަތުގައިވެސް ހިފާފައިނުވާ ކަމަށެވެ. އަދި ކޮއްކޮއަށް އަނިޔާއެއްދޭން ބައްޕަ އުޅެފާނެ ކަމަށް ދިރި ހުރިހާ ހިނދަކު ގަބޫލުވެސް ނުކުރެވޭނެކަމަށް ބުނެފައިވެއެވެ. އެފަދަ ސަބަބެއްވެސް މެދުވެރިވެފައި ނެތްކަމަށްވެސް ބުނެފައިވެއެވެ. 14 އަހަރު އޭނާގެ މަންމައާ ކައިވެނިކޮށްގެން ދިރިއުޅުނުއިރު ދުވަހަކުވެސް މަންމައަށް އަނިޔާއެއް ދޭ ތަން ފެނިފައި ނުވާ ކަމަށާއި އަދި ދުވަހަކު ބައްޕަ ފަރާތުން އަނިޔާއެއް ލިބިފައި ނުވާކަމަށް އޭނާގެ މަންމަ ޔަގީންކޮށްދޭކަމަށް ބުނެފައިވެއެވެ.
މި މައްސަލަ އަކީ ސީރިއަސް ތުހުމަތު ތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅަފައިވާ މައްސަލައަކަށްވުމުން 3 ފަހަރެއްގެ މަތިން ފުލުހުންވަނީ ތަހުގީގަށް ބައްޕަ ހައްޔަރުކުރުމުގެ އަމުރެއް ހޯދާދިނުމަށް އެދި ޕީޖީއަށް ހުށައަޅާފައިކަމަށް ޖިދާދް ވަނީ ބުނެފައެވެ. ނަމަވެސް ކޯޓު އަމުރެއް ހޯދަން ހުށަހަޅަން ޕީޖީން ދެކޮޅު ހަދާފައިވާކަމަށާއި 4 ވަނަ ފަހަރު ޕީޖީއަށް ފުލުހުން ހުށައެޅީ ކުރީގެ ހުށައެޅުން ބަދަލުކޮށް ހެކި ނައްތާލަން ބައްޕަ މަސައްކަތް ކުރާކަމުގެ ތުހުމަތުގަ
ހައްޔަރު ކޮށްދިނުމަށް އެދިކަމަށސް ބުނެފައިވެއެވެ. ނަމަވެސް ކުރިމިނަލް ކޯޓުން ހައްޔަރު ކުރަން އަމުރެއް ނެރެންޖެހޭ ސަބަބެއް ނެތް ކަމަށްވަނީ ނިންމާފައެވެ.
އެނގިފައިވާ ގޮތުގައި ހައްޔަރުކުރަން އަމުރު ނުދިނީ މައިގަނޑު 4 ސަބަބަކަށް ބެލުމަށްފަހުކަމަށް ޖިދާދު ވަނީ ހާމަކޮށްފައެވެ. އެ 4 ސަބަބުގެ ގޮތުގައި ޖިދާދު ފާހަގަކޮށްފައިވަނީ މީހާގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް އޮތްކަމަށް ފެންނަން ނެތުން، ލިބިފައިވާ އަނިޔާގެ މައްޗަށް ހުށަހަޅާފައިވާ ހެކި ތަކަށް ބިނާކޮށް، ހެކި ނައްތާލަން އުޅޭ ކަމަށް ނުފެނުން އަދި އަނިޔާގެ ވެށިން އެކަމަށް ހެކިދޭ ހެއްކެއް ލިބިފައި ނުވުން މިއެވެ. އަދި ބާރުގެ ބޭނުންކޮށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ކުރެވޭ ތުހުމަތުތަކަށް ރައްދުދީ ޖިދާދު ބުނެފައިވަނީ ބައްޕަ މަސްތުގެ ހާލުގައި އަނިޔާ ކުރިކަމަށް ބުނާ ބުނުމަކީ ދޮގެއް ކަމަށެވެ. އެރޭ ބައްޕަގެ އޮފީހުގައި ވިޔަފާރީގެ ކަމެއްގައި އޭނާއާއި އިތުރު 8 މީހަކާއެކު 2 ގަޑިއެއްހާއިރު ހޭދަކުރުމަށްފަހު ގެއަށް ދިއައީ 12ގެ ފަހުންކަމަށެވެ. ބައްޕަ ހުރީ މަސްތުގެ ހާލުގައި ނޫންކަން އެއެންމެން ހެކިވާނެކަމަށެވެ. އަދި މިއީ ބައްޕައަށް ތުހުމަތުކުރާ މީހުންގެ ބަޔާނެއްގައިވެސް އަދި ސޯޝަލް މީޑިއާގައި ވެސް ދައްކާފައިވާ ވާހަކައެއް ނޫނެވެ.
އަތް ބިންދާލިކަމަށް ބުނާ ބުނުމުގެ ވާހަކައަށް ރައްދުދީ ޖިދާދު ބުނެފައިވަނީ ޖެހިގެން އައި ދުވަހު ސޯޝަލް މީޑިއާގައި އަސްރާ ބަޔާން ދިނުމަށްފަހު ޕޮލިސް ސްޓޭޝަނުން ނިކުތްއިރު ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯ ތަކުން އެއްވެސް އަނިޔާއެއް ފެންން ނެތް ކަމަށެވެ. އަދި ކޮއްކޮ ބެލްކަނިން ވައްޓާލަން އުޅޭތަން ފެނިފައިވާ ކަމަށް ބުނާ ބުނުމުގައިވެސް ދެކޮޅު ނުޖެހޭ ކަންތައްތަކެއް ހުރި ކަމަށާއި މިސްޓޭޓްމަންޓް އެކި ފަހަރު މަތިން އެކި ގޮތްގޮތަށް ބަދަލު ކޮށްފައިވާކަމަށް ޖިދާދު ބުނެފައިވެއެވެ. އެގޮތުން ފުރަތަމަ ކޮއްކޮ އެއްލާލަން އުޅުނީއޭ ބުނެފައިވާ ކަމަށާއި ދެން ކޮއްކޮ ގޮވައިގެން ފުންމާލަން އުޅުނީކަމަށްވެސް ބުނެފައިވެއެވެ. އަދި ކޮއްކޮ ބެލްކަނިން ބޭރަށް ނެރެގެން ވައްޓާލާނެ ކަމުގެ ބިރު ދެއްކީކަމަށްވެސް ބުނެފައިވާއިރު މިވަރަށް މިވާހަކަ ބަދަލުވަމުން އައި އައުމަކީ ސުވާލު އުފެދޭ ކަމެއްކަމަށް ޖިދާދު ބުނެފައިވެއެވެ. އަދި ކުރިންވެސް އަނިޔާކުރާ ކަމަށް ބުނުމަށް ރައްދުދީ ޖިދާދު ވަނީ ބައްޕައަކީ އެހާ އަނިޔާވެރި މީހެއްނަމަ ކައިވެނި ރޫޅުމަށްފަހުވެސް ބައްޕައާ އެކު އެއްގޭގައި ދިރި އުޅެން އެއްބަސްވީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.
މިހާ ހިސާބަށް އައިއިރުވެސް، ބައްޕަގެ ފަރާތުން ބަހެއް ބުނެފައި ނުވަނީ، އެންމެ ހަގު ދަރިފުޅުގެ ހައްގުގައިކަމަށް ޖިދާދު ވަނީ ބުނެފައެވެ. އެކުއްޖާގެ ކަރާމާތަށް ގެއްލުމެއް ދޭން ބޭނުން ނުވާ ކަމަށާއި އެކުއްޖާގެ މަންމަ(އަސްރާ)ގެ އަބުރާއި އިއްޒަތަށް އަރައިގަންނަން ބައްޕަ ބޭނުން ނުވާތީކަމަށެވެ. އެކަމަށްޓަކައި ދަރިއެއްގެ ހައިސިއްޔަތުން ބައްޕައާމެދު ފަހުރުވެރިވާ ކަމަށާއި ކޮއްކޮއަށް ދެރައެއް ނުވަތަ އަނިޔާއެއް ލިބެން ނޭދޭ ކަމަށް ބުނެފައިވެއެވެ.
މީހަކު ބުނާ ކޮންމެ ބަހަކީ ތެދަށް ނުވެދާނެ ކަން ފާހަގަކޮށް ޖިދާދު ވަނީ ހާދިސާ ހަމަ ލޮލުން ނުފެންނަ މީހަކުނަމަ، ނުދަންނަ މީހަކު ލިޔެލާ ކޮންމެ ޕޯސްޓެއް ޖަޒުބާތުގައި ޖެހި ހިއްސާނުކުރުމަށް އެދިފައެވެ. އަދި މިކަމުގެ ސަބަބުން އެތައް ބަޔަކަށް ގެއްލުން ވަމުންދާ ކަމަށާއި އެކަން އަންދާޒާވެސް ނުކުރެވޭނެ ކަމަށެވެ.
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ، ކުރީގެ އަންހެނުން އަސްރާ ނަސީމަށް އަނިޔާ ކުރާ ކަމަށާއި 2 އަހަރު ނުފުރޭ ދަރިފުޅު ބެލްކަނިން ބޭރަށް އުޅުނުކަމަށް އަންނަނީ ތުހުމަތުކުރެވެމުންނެވެ. އެތުހުމަތުތަކަށް އީސަ އިންކާރުކޮށްފައިވީނަމަވެސް، އެކަމާއި ގުޅޭ މާގިނަ ވާހަކަތަކެއް އީސަ ހިއްސާކޮށްފައެއް ނުވެއެވެ. އަދި މައްސަލައިގައި އީސަ ހައްޔަރުކުރުމަށް ކޯޓު އަމުރަކަށް އެދުމުން، ހައްޔަރު ކުރަން ޖެހޭ ސަބަބެއް ނެތްކަމަށް ބުނެ ކޯޓުން ވަނީ ހައްޔަރުކުރުމަށް ކޯޓުު އަމުރެއް ދިނުމަށް ދެކޮޅު ހަދާފައެވެ.

މައްސަލައިގައި އީސަ ނިސްބަތްވާ ޕާޓީ، އެމްޑީޕީއިންވެސް ފިޔަވަޅު އަޅާފައިވާއިރު، އެޕާޓީއިންވެސް ވަނީ އިންސާފުވެރި އަވަސް ތަހުގީގެއް ހިންގަުމަށް ގޮވާލާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމެޓީގެ މުގައްރިރުކަމުން ވަކިކުރަން އުޅުމުން، އީސަ ވަނީ އަމިއްލައަށް އެމަގާމުން އެކަހެރިވެފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: