ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ފެސިލިޓީގައި ބަލިމީހާ އެކަނި އޮތުން: ނަފުސާނީ ގޮތުން ލިބެނީ މާބޮޑު ވޭނެއް!

ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައި/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 ގެ ބަލިމަޑުކަން މުޅި ރާއްޖޭގައި ރާސްލާފައި ފެތުރެނީއެވެ. ހުއްޓުމެއް ނެތެވެ. ހުއްޓޭނެ މަގެއްވެސް ނުފެނެއެވެ. ކަންބޮޑުވުންތައް އިންތިހާއަށެވެ. ހާސްކަން ފިލާދާނެ އެއްވެސް އަލިކަމެއް ފެންނާންވެސް ނެތީއެވެ. މާލެ ފަތަހަކޮށް، އަތޮޅުތެރެ ފަތަހަކުރަމުން ހާހުން ދެ ހާހުން ޕޮޒިޓިވް ކޭސްތައް އިތުރުވަނީއެވެ. މިކަމުން ސަލާމަތް ވެވޭނެ ދުވަހެއް ބުނާންވެސް ނޭންގެއެވެ. އެންމެ ނުރައްކާތެރި ހާލަތަށް ތައްޔާރުވެފައި އޮތްކަމަށް ދެއްކި ވާހަކަ މިވީ “ސަޅި ބައިސާ” އަށެވެ. ކަރާފެޅި ބައެއް ބޭފުޅުން ބޭރުގެ ކަރަކަރައަށް ގޮސް ބޮދައިފިއެވެ.

ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އަޑުއަހަން، ކިޔަން މިޖެހެނީ މީހުން މަރުވާ ވާހަކައެވެ. ކޮވިޑްގެ ބަލީގައެވެ. އެންމެ މީހަކު ދެ މީހެއް ނޫނެވެ. ފާއިތުވި ސައުވީސް ގަޑިއުގައި އެކަނި 13 މަރެވެ. މި މޭ މަހުގައި 67 މީހުން މަރުވެއްޖެއެވެ. މި އަހަރު 90 މީހުން މަރުވެއްޖެއެވެ. ޖުމްލަ 144 މީހުން މަރުވެއްޖެއެވެ. މަރުތަކުގެ އަޑު އަހަން ހިތަށް ކުޅަދާނައެއް ނޫނެވެ.

ސިއްޙީ ޚިދުމަތްތެރިން ވަރުބަލިވެ މާޔޫސް ވެއްޖެއެވެ. ހަކަތަ މަޑުމަޑުން ހުސްވަނީއެވެ. އެއްބަޔަކު ޕޮޒިޓިވްވެ އަނެއް ބަޔަކު ކަރަންޓީނުގައެވެ. ސިއްޙީ ނިޒާމުވެސް އޮތީ އެދުމަތިކޮށްފައެވެ. ނޭވާލަމުންދަނީ ވެންޓިލޭޓަރުގެ އެހީގައެވެ. ހަތަރު އުދަރެސް މަޑުމަޑުން ފެނު ޖެހެނީއެވެ.

ކޮވިޑް ބަލީގައި އެންމެ ގިނަ ބަޔަކު މަރުވަމުން ދަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައެވެ. ގިނައީ އުމުރުން ދުވަސްވީ މާމައިންނާއި ކާފައިންނެވެ. ދިފާއީ ނިޒާމު ބަލިކަށި މީހުންނެވެ. އެމީހުންގެ ހަށިގަނޑުގައި ކޮރޯނާ ވައިރަހާއި ދެކޮޅަށް ހަނގުރާމު ކުރާނެ ވަރު ނެތި މި ދުނިޔެއާއި ވަކިވެގެން އެދަނީއެވެ.

ކޮވިޑް އިހަށް ބާއްވާށެވެ. ޕޮޒިޓިވްވާ އުމުރުން ދުވަސް ވީ މީހުން މި ޖެހެނީ އެކަހެރި ކޮށް ފެސިލިޓީއަށް ފޮނުވާލާށެވެ. ރޯޔަލް އާއިލާއަކަށް ނުވާތީވެ، އެމީހުންނަށް ދަރުމަވަންތަ ހޮސްޕިޓަލުން ޖާގަ އެއް ލިބެނީ މަދު މީހަކަށެވެ. އެތަން އޮތީ ފުރި ބާރުވެފައެވެ. ދެން މިޖެހެނީ އެކަހެރި ކަމާއެކު ގޮސް ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އޮންނާށެވެ. އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނުވިޔަސް ފަރުވާއެއް ލިބެން އޮތް ހަމައެކަނި މަގަކީވެސް އެއީ އެވެ.

ދަރިން، މާމަ ދަރިން، ކާފަ ދަރިން ބަލިމީހާއާއެކު އެތަނަށް ދާން ބޭނުންވިޔަސް ދެވޭނެ ގޮތެއް ނެތެވެ. ބަލިމީހާ އެތަނަށް ދާއިރު، އެމީހުންނަށް އެޓެންޑްވެ ފަރުވާ ދޭން ތިބި މީހުން މިވަނީ މަދުވެފައެވެ. އެހެން ކަމުން އެންމެ އެކަށީގެންވާ ގޮތެއްގައި ފަރުވާއެއް ދެވޭނެ ކަމުގެ ޔަގީންކަން ކުޑައެވެ. ދެން އޮތީ އެއަށްވުރެވެސް ބޮޑު ކަންބޮޑުވުމެކެވެ.

ކޮވިޑް ފެސިލިޓީގައި އެއް އެނދު އަނެއް އެނދާއި ދޭތެރޭގައި މކަ ބޮޑު ދުރުމިނެއް ނުހުރެއެވެ. އެކަކުގެ ލޯ ކުރިމަތީގައި އަނެކާގެ ހާލު ގޯސްވެ، އޭނާއަށް ފަރުވާ ދޭތަން ފެންނާނެއެވެ. އޭނާގެ ކުރިމަތީގައި މީިހާ މަރުވެގެން ދާތަން ފެންނާނެއެވެ. މިއީ ލޮލަށް ބަލަން ފަސޭހަ އަދި ހިތަށް ކުޅަދާނަ މަންޒަރެއް ނޫނެވެ. ދުވަހަކު ލޮލަށް ފެނުނު މަންޒަރެއްވެސް ނޫނެވެ.

މިފަދަ މަންޒަރުތަކުން ދެން މީހާއަށް ޖެހިފައިވާ ކޮވިޑް ބަލީގެ އިތުރަށް، ނަފުސާނީ އެތައް ކަމެއް އެތަނުގައި އެބަ ދިމާވެއެވެ. އެ ހުރިހާ ކަމަކަށް އެޓެންޑްވުމަކީވެސް ފަސޭހަކަމެއް ނޫނެވެ. ބަލިމީހާގެ ސިކުނޑީގައި އެނބުރޭ ކަންކަން ހިއްސާ ކުރާނެ މީހަކު ނެތި ފިކުރުކުރުން ބޮޑުވެއެވެ. ކައިރީގައި ފިރުމާލާނެ، އަޑު އަހާނެ އެހީތެރިއެއް ހުންނަ ނަމަ ކިހާ ރަނގަޅުވީސްހެއްޔެވެ. ފައި މޮޑެލަދީ ބޯ މެޑަލަދީ ހިތްހަމަ ޖައްސާލަ ދޭނެ ދަރިއަކު ހުރުމަކީވެސް އެވަގުތަށް ވަރަށް މުހިންމު ކަމެކެވެ.

ނަމަވެސް ދެން އިވޭނެ އަޑަކީ އެ މީހާގެ މަރުގެ ޚަބަރަށް ވުމަކީވެސް އެކަށިގެންވާ ކަމެކެވެ. ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވީއެވެ. ހުރިހާ ވާހަކައެއްވެސް ނިމުނީއެވެ. ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: